ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ހިމެނޭ 6 ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިފި
މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ވަގަށް ނަގާފައިވާ އަދި ފޭރިގެންފައިވާ 6 ލައްކައަށްވުރެ ގިނަ ރުފިޔާގެ މުދަލާއި ފައިސާ ފުލުހުން ހޯދައިފިއެވެ. މާލޭގެ ޕޮލިސް ސްޓޭޝަންތަކުން އޭޕްރީލް 15 އިން 21 އަށް ހިންގި އޮޕަރޭޝަންތަކުގައި 335,338 ރުފިޔާގެ ތަކެތި ހޯދާފައިވާއިރު، ހުޅުމާލޭގެ ދެ ފޭސްއިން އޭޕްރީލް މަހުގެ ފުރަތަމަ 14 ދުވަހު ވަނީ 283,710 ރުފިޔާގެ ތަކެތި ހޯދާފައެވެ. މި ތަކެއްޗަކީ މާލެ ސިޓީގެ އެކި ސަރަހައްދުތަކުން ހުށަހެޅުނު ވައްކަމާއި ފޭރުމުގެ މައްސަލަތަކާ ގުޅިގެން ފުލުހުން ކުރި މަސައްކަތުން އަތުލައިގަނެވުނު ތަކެއްޗެވެ.


ފުލުހުން މަގުތަކުގައި ހަރަކާތްތެރިވަނީ. - ފައިލް
މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ވަގަށް ނަގާފައިވާ އަދި ފޭރިގެންފައިވާ ގިނަ އަދަދެއްގެ ފައިސާ އާއި މުދާ ފުލުހުން ހޯދައިފި އެވެ.
މާލެ ސިޓީ ޕޮލިހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 2026 އޭޕްރީލް 15 އިން 21 ގެ ނިޔަލަށް ޖުމްލަ 335,338 ދިވެހި ރުފިޔާގެ އަގުހުރި ތަކެއްޗާއި ފައިސާ ވަނީ ކާމިޔާބުކަމާއެކު އަނބުރާ ހޯދާފަ އެވެ.
މި މުއްދަތުގެ ތެރޭގައި އެންމެ ގިނަ އަދަދެއްގެ ފައިސާއާއި ތަކެތި ހޯދާފައިވަނީ ގަލޮޅު ޕޮލިސް ސްޓޭޝަނުންނެވެ. އެގޮތުން ގަލޮޅު ފުލުހުން ވަނީ 173,800 ރުފިޔާގެ އަގުހުރި ތަކެތި ހޯދާފަ އެވެ. މީގެ އިތުރުން ހެންވޭރު ޕޮލިސް ސްޓޭޝަނުން 95,894 ރުފިޔާ ހޯދާފައިވާއިރު، މާފަންނު ޕޮލިސް ސްޓޭޝަނުން ވަނީ 65,644 ރުފިޔާގެ އަގުހުރި ތަކެއްޗާއި ފައިސާ ހޯދާފަ އެވެ.
މީގެ އިތުރުން ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 ގައި ފުލުހުން ހިންގި އޮޕަރޭޝަންތަކެއްގައި، ވައްކަމާއި ފޭރުމުގެ މައްސަލަތަކާ ގުޅުންހުރި ގިނަ އަދަދެއްގެ ފައިސާ އާއި ތަކެތި ހޯދާފައިވެ އެވެ. ފުލުހުން ބުނީ މިއަހަރުގެ އޭޕްރީލް މަހުގެ 1 އިން 14 އަށް ހިންގި މި ހަރަކާތްތަކުގައި ޖުމްލަ 283،710 ރުފިޔާގެ އަގުހުރި ތަކެއްޗާއި ފައިސާ ވަނީ އަނބުރާ ހޯދާފަ އެވެ.
މި އޮޕަރޭޝަންތަކުގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފައިސާ އާއި ތަކެތި ހޯދާފައި ވަނީ ހުޅުމާލޭ ފޭސް 1 ގެ ފުލުހުންނެވެ. އެގޮތުން ފޭސް 1 ޕޮލިސް ސްޓޭޝަނުން ވަނީ 181،910 ރުފިޔާގެ އަގުހުރި ތަކެތި ހޯދާފަ އެވެ. މީގެ އިތުރުން ހުޅުމާލޭ ފޭސް 2 ގެ ފުލުހުން ހިންގި މަސައްކަތްތަކުން 101،800 ރުފިޔާގެ އަގުހުރި ތަކެތި ވަނީ ކާމިޔާބީއާއެކު އަނބުރާ ހޯދާފަ އެވެ.
ފުލުހުން ބުނީ މި ހޯދި ތަކެތީގެ ތެރޭގައި ހިމެނެނީ އެކި މައްސަލަތަކުގައި ވަގަށް ނަގާފައިވާ ނަގުދު ފައިސާގެ އިތުރުން، ފޭރިގެންފައިވާ ތަކެތީގެ އަންދާޒާ ކުރެވޭ އަގުތަކެވެ. މި ތަކެއްޗަކީ މާލޭގެ އެކި ސަރަހައްދުތަކުން ހުށަހެޅިފައިވާ ވައްކަމާއި ފޭރުމުގެ މައްސަލަތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި އަތުލައިގަނެވުނު ތަކެއްޗެވެ.







