Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގޮނޑި ގެއްލޭ އިސްލާޙު

ގޮނޑި ގެއްލޭ އިސްލާޙު ބާތިލު ކުރެވެން ނެތްކަމަށް ސުޕްރީމް ކޯޓުން ނިންމައިފި!

ޤާނޫނުއަސާސީއަށް ގެނެސްފައިވާ 6 ވަނަ އިސްލާހުގައިވާ ގޮތުން، ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުވި މެންބަރަކު އެހެން ޕާޓީއަކަށް ބަދަލުވުން، ނުވަތަ އަމިއްލަގޮތުން އިންތިޚާބުވި މެންބަރަކު ޕާޓީއަކަށް ސޮއިކުރުން، ނުވަތަ މެންބަރަކު އަމިއްލައަށް ޕާޓީން ވަކިވުން ނުވަތަ ޕާޓީން ވަކިކުރުމުން އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 29 އެޕްރީލު 2026 | ބުދަ 09:13
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ޙާލަތްތައް ބަޔާންކޮށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލަ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ޙާލަތްތައް ބަޔާންކޮށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލަ. | ރާއްޖެ އެމްވީ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ޙާލަތްތައް ބަޔާންކޮށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރެވެން ނެތްކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމައިފި އެވެ.  

މި މައްސަލައަކީ ޤާނޫނުއަސާސީއަށް ގެނެސްފައިވާ 6 ވަނަ އިސްލާޙު ބާތިލުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެކެވެ. މި މައްސަލަ ހުށަހެޅުއްވީ ޤާނޫނީ ވަކީލު އަލީ ހުސައިން އެވެ.

Advertisement - newsAdvertisement

ބުދަ ދުވަހުގެ މި އަޑުއެހުމުގައި ޙުކުމް އިއްވަވާފައިވަނީ އުއްތަމަފަނޑިޔާރެވެ. 

އުއްތަމަފަނޑިޔާރު ވިދާޅުވި ގޮތުގައި މި މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތް ނިންމަންޖެހެނީ މައިގަނޑު 4 ނުކުތާއަކާ ގުޅޭގޮތުންނެވެ.

1- ބޭސިކް ސްޓްރަކްޗަރ ޑޮކްޓަރިން (ޤާނޫނުއަސާސީގެ އަސާސީ އޮނިގަނޑު) ގެ ޤާއިދާ ރާއްޖޭގެ ޤާނޫނުއަސާސީގެ މައްޗަށް ހިނގާނެތޯ ނުވަތަ ނޫންތޯ.

އުއްތަމަފަނޑިޔާރު ވިދާޅުވީ، އަސާސީ އޮނިގަނޑު ބިނާވާނީ އެ ޤައުމެއްގެ އަސާސީ އުސޫލުތަކާއި ސިފަތަކުގެ މައްޗަށް ކަމަށާއި، ރާއްޖޭގެ ޤާނޫނުއަސާސީގެ 2 ވަނަ މާއްދާއާއި، 4 ވަނަ މާއްދާއާއި، 5،6،7 އަދި ޤާނޫނުއަސާސީގެ 8 ވަނަ މާއްދާ ފަދަ އެކި މާއްދާތަކުގައި އެފަދަ ސިފަތައް ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެންނަމަވެސް، ޤާނޫނުއަސާސީއަށް އިސްލާޙު ގެނައުމުގެ އިޖުރާއަތަށް ބަލާއިރު، ހުރިހާ މާއްދާތަކަކީ އެއް ދަރަޖައިގެ ރައްކާތެރިކަމެއް ލިބިފައިވާ މާއްދާތަކެއް ނޫންކަންވެސް އުއްތަމަފަނޑިޔާރު ފާހަގަ ކުރެއްވިއެވެ. އެގޮތުން ބައެއް މާއްދާތައް ހަތަރުބައިކުޅަ 3 ބައިގެ އަޣުލަބިއްޔަތުން ފާސް ކުރެވޭއިރު، ބައެއް މާއްދާތައް ފާސް ކުރުމަށް ރެފަރެންޑަމެއް ނަގަންޖެހޭކަން ފަނޑިޔާރު ފާހަގަ ކުރެއްވި އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ޤާނޫނުއަސާސީ ބަދަލުކޮށް އިސްލާޙު ކުރުމުގެ ބާރު މަޖިލީހަށް ލިބިފައިވާ ކަމަށާއި، ޤާނޫނުއަސާސީން ލިބިފައިވާ ހުދޫދުގެ ތެރެއިން އެކަން ކުރެވިދާނެ ކަމަށެވެ. އަދި އެ ހުދޫދުގެ ވާހަކަ ސުޕްރީމް ކޯޓުގެ މީގެ ކުރީގެ ގަޒިއްޔާތަކުގައި ބަޔާންކޮށްފައިވާކަމަށް އުއްތަމަފަނޑިޔާރު ވިދާޅުވިއެވެ.

އެހެންކަމުން އުއްތަމަފަނޑިޔާރު ވިދާޅުވީ، ސުޕްރީމް ކޯޓުން ޤާނޫނުއަސާސީގެ ވަކި އަސާސީ އޮނިގަނޑެއް ޤާއިމުކޮށް ކަނޑަނޭޅި ނަމަވެސް، ޤާނޫނުއަސާސީއަށް އިސްލާޙު ގެނައުމަށް މިހާރުވެސް އޭގެ ޒާތުގައި އިންތަކެއް ކަނޑައެޅިފައިވާ ކަމަށެވެ.

2- އެންޓި ޑިފެކްޝަން އުސޫލުތަކަކީ އޭގެ ޒާތުގައި ރިޔާސީ ނިޒާމެއްގައި ތަތުބީޤު ނުކުރެވޭނެ އުސޫލުތަކެއްތޯ.

މި ނުކުތާގައި އުއްތަމަފަނޑިޔާރު ވިދާޅުވީ، ރާއްޖޭގައި އޮންނަނީ ރިޔާސީ ނިޒާމެއް ކަމަށާއި، ކޮންމެވެސް ވަރަކަށް ބަރުލަމާނީ ނިޒާމުގެ ސިފަތައްވެސް ރާއްޖޭގެ ޤާނޫނުއަސާސީގައި ފެންނަން އެބައޮތް ކަމަށެވެ.

އުއްތަމަފަނޑިޔާރު ވިދާޅުވި ގޮތުގައި މިފަދަ ނިޒާމުތައް އޮންނަ އެކި ޤައުމުތަކުގައިވެސް އެންޓި ޑިފެކްޝަންގެ އުސޫލުތައް ބަޔާންކޮށްފައިވެ އެވެ. އަދި މިއީ ހަމައެކަނި ބަރުލަމާނީ ނިޒާމުތަކަށް އޮތް އުސޫލުތަކެއްކަމަށް ބުރަވެވެން ނެތްކަން ފަނޑިޔާރު ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން، މިއީ ބަރުލަމާނީ ނިޒާމެކޭ އެއްގޮތަށް ރިޔާސީ ނިޒާމުގައިވެސް ބޭނުން ޖެހިދާނެ އުސޫލެއް ކަމަށާއި، ނަމަވެސް އެކި ޤައުމުތަކުގައި މި އުސޫލުތައް ތަތްބީޤު ކުރާ ގޮތް ތަފާތުކަމަށް އުއްތަމަފަނޑިޔާރު ވިދާޅުވި އެވެ.

އެހެންކަމުން އެންޓި ޑިފެކްޝަން އުސޫލުތަކަކީ އޭގެ ޒާތުގައި ރިޔާސީ ނިޒާމެއްގައި ތަތުބީޤު ނުކުރެވޭނެ އުސޫލުތަކެއް ނޫންކަމަށް އުއްތަމަފަނޑިޔާރު ވިދާޅުވި އެވެ.

3- މިހާރު ތިބި މެމްބަރުންނަށް މި އިސްލާޙު ތަތުބީޤު ކުރުމަކީ މާޒީއަށް ޤާނޫނު ނުހިންގޭނެކަމަށް ބުނާ މަބްދައުއާ ޚިލާފު ކަމެއްތޯ.

އަލީ ހުސައިންގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމުގައި އެދިފައިވަނީ ޤާނޫނުއަސާސީއަށް މިހާރު ގެނެސްފައިވާ އިސްލާޙަކީ 20 ވަނަ މަޖިލީހަށް ތަތުބީޤު ނުކުރެވޭނެ އިސްލާޙެއް ކަމަށް ކަނޑައަޅައިދިނުމަށެވެ.

 އެ ނުކުތާގައި އުއްތަމަފަނޑިޔާރު ވިދާޅުވީ، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނަށް ބަލާއިރު އާންމުކޮށް މަޖިލީހުން ހަދާ ޤާނޫނުތަކާއި ޤަވާއިދުތައް ހަދަނީ އެ ޤާނޫނުތައް ހަދާ ހިސާބުން ކުރިއަށް އޮތް ތަނަށް ތަތުބީޤު ކުރާ ގޮތަށް ކަމަށެވެ. އަދި ޖިނާއީ ޤާނޫނުތައް މާޒީއަށް ހިނގައިގެން ނުވާނެކަމަށް ބުނާ ފަދަ ހަރުކަށި އުސޫލެއް މަދަނީ ޤާނޫނުތަކާ ގުޅޭގޮތުން ނެތްކަން އުއްތަމަފަނޑިޔާރު ވިދާޅުވި އެވެ.

އެހެންކަމުން ޤާނޫނުއަސާސީއަށް ގެނެސްފައިވާ 6 ވަނަ އިސްލާޙު މިހާރު ހިނގަމުންދާ މަޖިލީހަށްވެސް ހިނގާނެކަމަށް އުއްތަމަފަނޑިޔާރު އެ ނުކުތާގައި ވިދާޅުވި އެވެ.

4- ޤާނޫނުއަސާސީއަށް ގެނެސްފައިވާ 6 ވަނަ އިސްލާޙަކީ ޤާނޫނުއަސާސީގެ 4،5،8،26.75،90 ވަނަ މާއްދާއާ ޚިލާފު އިސްލާޙެއްތޯ.

އުއްތަމަފަނޑިޔާރު ވިދާޅުވީ، މި ނުކުތާއަށް ގޮތެއް ނިންމުމުގައި ޤާނޫނުއަސާސީގެ އެ މާއްދާތަކުގައި ހިމެނޭ އަސާސީ އުސޫލުތަކަށް އެންޓި ޑިފެކްޝަންގެ ސަބަބުން އުނިކަމެއް އާދޭތޯ ބަލަންޖެހޭކަމަށެވެ. އެގޮތުން ވަކިވަކި މާއްދާތަކުގައި ހިމެނޭ ވާހަކަތައް އުއްތަމަފަނޑިޔާރު ވިދާޅުވެދެއްވި އެވެ.

އުއްތަމަފަނޑިޔާރު ވިދާޅުވީ، ޤާނޫނުއަސާސީއަށް ގެނެސްފައިވާ 6 ވަނަ އިސްލާޙަކީ އެ މާއްދާތަކާއި ޤާނޫނުއަސާސީގެ ސިޔާދަތީ ބާރަށް އުނިކަމެއް އަންނާނެ އިސްލާޙެއްކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.

އެހެންކަމުން ޖުމުލަކޮށް އުއްތަމަފަނޑިޔާރުގެ ރައުޔުގައި ނިންމަވާފައިވަނީ މި އިސްލާޙަކީ ބާތިލު އިސްލާޙެއްކަމަށް ކަނޑައެޅެން ނެތް ކަމަށާއި، މިއީ 20 ވަނަ މަޖިލީހަށްވެސް ހިނގާނެ އިސްލާޙެއްކަމަށެވެ.

އެއަށްފަހު ދެން ރައުޔު އިއްވަވާފައިވަނީ ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދެވެ.

ފަނޑިޔާރު ޝުޖޫންގެ ރައުޔު:

މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ޙާލަތްތަކުގެ ތެރެއިން އެއް ޙާލަތެއްގެ ގޮތުގައި މެންބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީން 'ގާނޫނުގައި' ބަޔާންކުރާ ގޮތުގެ މަތިން އެ މެންބަރަކު ވަކިވުން ހިމެނޭއިރު، އެ ޙާލަތުގައި ބުނާ ޤާނޫނަކީ އަދި ވުޖޫދުގައި އޮތް ޤާނޫނެއް ނޫންކަމަށް ދައުލަތުން ބުނެއެވެ. ނަމަވެސް ދައުލަތުން އެ ބުނާ ބުނުމަށް ބުރަވެވެން ނެތް ކަމަށް ޝުޖޫން ވިދާޅުވިއެވެ. އަދި އެތަނުގައި އެ ބުނަނީ ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ ވާހަކަކަމަށް ޝުޖޫން ވިދާޅުވި އެވެ.

ޝުޖޫން ވިދާޅުވީ، ކޯޓަށް ހުށަހެޅޭ މައްސަލައި ހިމެނެނީ މަޖިލީހުން އިޖުރާއަތާ އެއްގޮތަށް ފާސްކޮށްފައިވާ އިސްލާޙެއްނަމަވެސް، އެ އިސްލާޙަކީ ޤާނޫނުއަސާސީގައި ހުރި ސިފަތަކާ ޚިލާފަށް ފާސްކޮށްފައިވާ އިސްލާޙެއް ނަމަ އެކަމާ މެދު ސުޕްރީމް ކޯޓުން އެއްޗެއް ބުނެވޭނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ. އެއީ އެއްބާރު އަނެއްބާރުގެ މައްޗަށް ފާރަވެރި ވުމުގެ އުސޫލުގެ ދަށުންވެސް ކުރެވޭނެ ކަމެއްކަން ޝުޖޫން ފާހަގަ ކުރެއްވި އެވެ.

ޝުޖޫން ވިދާޅުވީ، މި އިސްލާޙަކީ ޙައްޤުތަކާ ގުޅޭ ބާބު އަދި އައިސީސީޕީއާރް ފަދަ ރާއްޖެއިން ސޮއިކޮށްފައިވާ މުއާހަދާތަކުގައި ބަޔާންކޮށްފައިވާ ޙައްޤުތަކަށް ހަނި ގޮތެއްގައި ނަމަވެސް އަސަރު ކުރާ އިސްލާހެއް ކަމަށެވެ. އެގޮތުން ޤާނޫނުއަސާސީގެ 27 ވަނަ މާއްދާ ފަދަ މާއްދާތަކަކީ ކުއްލި ނުރައްކަލުގެ ޙާލަތުގައިވެސް ހަނި ނުކުރެވޭނެ ޙައްޤެއްކަން ޝުޖޫން ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން، މި އިސްލާޙުގެ ސަބަބުން ޤައުމާއި ރައްޔިތުންގެ ލާބައާއި މަންފާއަށްވުރެ ބޮޑަށް، ގޮނޑި ގެއްލިދާނެކަމުގެ ވިސްނުމުގައި ސިޔާސީ މަސްލަޙަތު އިސްކުރަން މަގުފަހިވެގެންދާކަމަށްވެސް ޝުޖޫން ވިދާޅުވި އެވެ.

ޝުޖޫން ދެކިލައްވާ ގޮތުގައި ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ބ) އަކީ ބާތިލު މާއްދާއެއްކަމަށް ކަނޑައަޅަން ޖެހެ އެވެ.

ބާކީ ތިއްބެވި ފަނޑިޔާރުންގެ ރައުޔު:

މި މައްސަލައިގައި ދެން ތިއްބެވި ފަނޑިޔާރުން ތާއީދު ކުރެއްވީ އުއްތަމަފަނޑިޔާރުގެ ރައުޔަށެވެ.

އެހެންކަމުން މި އިސްލާޙު ބާތިލު ކުރެވެން ނެތްކަމަށް ވަނީ ނިންމަވާފަ އެވެ.  

މައްސަލައިގެ ފަސްފަހަތް:

ޤާނޫނުއަސާސީއަށް ގެނެސްފައިވާ 6 ވަނަ އިސްލާހުގައިވާ ގޮތުން، ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުވި މެންބަރަކު އެހެން ޕާޓީއަކަށް ބަދަލުވުން، ނުވަތަ އަމިއްލަގޮތުން އިންތިޚާބުވި މެންބަރަކު ޕާޓީއަކަށް ސޮއިކުރުން، ނުވަތަ މެންބަރަކު އަމިއްލައަށް ޕާޓީން ވަކިވުން ނުވަތަ ޕާޓީން ވަކިކުރުމުން އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ އެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މި މައްސަލައިގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް 6 ވަނަ އިސްލާހު ގެނެސްފައިވަނީ ގާނޫނުއަސާސީގެ 4، 8، 26، 75 އަދި 90 ވަނަ މާއްދާއާހިލާފަށް އަދި ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާވެސް ހިލާފަށް ކަމަށެވެ. އެހެންކަމުން މިއީ ދުސްތޫރީ ބާރުވެރިކަން ލިބިގެން ނުވާ ބާތިލު އިސްލާޙެއްކަމަށް ކަނޑައަޅުއްވައިދެއްވުމަށް ވަނީ އެދިފައެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާފައިވަނީ އެ ކޯޓުގެ 7 ފަނޑިޔާރުންގެ ބެންޗުންނެވެ. އެގޮތުން މިހާރު ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދާއި، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދާއި، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިނާއި، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމާއި، ފަނޑިޔާރު ޙުސައިން ޝަހީދާއި، ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ އިތުރުން ފަނޑިޔާރު މުޙައްމަދު ސަލީމެވެ. 

ސުޕްރީމް ކޯޓުރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ސިޔާސީ ޕާޓީ ބަދަލުކުރުމުން ގޮނޑިގެއްލޭގޮތަށް ގާނޫނުއަސާސީ އަށް ގެނައި ބަދަލު ޕާޓީ މެންބަރުންޤާނޫނުއަސާސީ

ކޮމެންޓް

އިތުރަށް ކިޔާލަން

މިސަރުކާރުން ރައްޔިތުންގެ ހައްގުތައް އޮޅާލަމުންދާއިރު، ފުލުހުންގެ ޚިދުމަތުން ބަލަން ތިބެން ނުވާނެ: މައުސޫމް

މިސަރުކާރުން ރައްޔިތުންގެ ހައްގުތައް އޮޅާލަމުންދާއިރު، ފުލުހުންގެ ޚިދުމަތުން ބަލަން ތިބެން ނުވާނެ: މައުސޫމް

29 އެޕްރީލު 2026
ދިރާސާ ކުރާ ލިޔުންތައް ބެލުމުގެ އިންތިޒާމު ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގައި ޝަރުތުތަކާއެކު ހަމަޖައްސައިފި

ދިރާސާ ކުރާ ލިޔުންތައް ބެލުމުގެ އިންތިޒާމު ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގައި ޝަރުތުތަކާއެކު ހަމަޖައްސައިފި

27 އެޕްރީލު 2026
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލާ މުއްދަތު އިތުރުކޮށްފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލާ މުއްދަތު އިތުރުކޮށްފި

27 އެޕްރީލު 2026
ފަނޑިޔާރުންތަކެއްގެ މައްޗަށް ޖިނާއީ ތުހުމަތެއްކޮށް ތަހުގީގެއް ހިންގާކަމަށް ބުނިތާ އަހަރަކަށްވުރެ ގިނަ ދުވަސް، އޭސީސީ ބަހަބަރު!

ފަނޑިޔާރުންތަކެއްގެ މައްޗަށް ޖިނާއީ ތުހުމަތެއްކޮށް ތަހުގީގެއް ހިންގާކަމަށް ބުނިތާ އަހަރަކަށްވުރެ ގިނަ ދުވަސް، އޭސީސީ ބަހަބަރު!

27 އެޕްރީލު 2026
ގޮނޑި ގެއްލޭ އިސްލާޙު ބާތިލު ކުރުމަށް އެދި ހުށަހެޅި މައްސަލައިގެ ޙުކުމް ކުރުން ބުދަ ދުވަހު!

ގޮނޑި ގެއްލޭ އިސްލާޙު ބާތިލު ކުރުމަށް އެދި ހުށަހެޅި މައްސަލައިގެ ޙުކުމް ކުރުން ބުދަ ދުވަހު!

26 އެޕްރީލު 2026

އަހަރުތަކުން މިއަދު

28 އެޕްރީލު
އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟

ކާވެންޏަށް ލޯބިކުރާށެވެ.
20233 އަހަރު ކުރިން
އިސްލާމް

ކާވެންޏަށް ލޯބިކުރާށެވެ.

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟

ސްޓްރޯކް ޖެހެނީ ކިހިނެއް؟
20188 އަހަރު ކުރިން
ސިއްހަތު

ސްޓްރޯކް ޖެހެނީ ކިހިނެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު