ފުލުހުންގެ ވަޒީފާއިން ވަކިކުރި ޝިޔާމަށް އަލުން ވަޒީފާ ދޭން ކުރި ހުކުމުގައި ހިމެނޭ 12 އަހަރުގެ މުސާރަ އާއި އިނާޔަތުގެ ބައި އިސްތިއުނާފްކުރަނީ
ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހްމަދު ޝިޔާމް ވަޒީފާއިން ވަކިކުރީ ގަވާއިދާ ހިލާފަށް ކަމަށް ހައިކޯޓުން ކަނޑައަޅައި، 12 އަހަރުގެ މުސާރަ އާއި އިނާޔަތް ދިނުމަށް ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ދައުލަތުން ނިންމައިފި. ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވީ ވަޒީފާ އިޔާދަކުރުމާ މެދު ގޮތެއް ނިންމާނީ ފުލުހުންގެ ލަފާގެ މަތިން ކަމަށް. ސުޕްރީމް ކޯޓުގެ އުސޫލުތައް ބުނާގޮތުން ވަޒީފާ އަނބުރާ ދޭ ހާލަތުގައި ބަދަލުގެ ގޮތުގައި ނަގައިދެވޭނީ ގިނަވެގެން ހަ މަސް ދުވަހުގެ މުސާރަ.


އެޓާނީ ޖެނެރަލް އަހުމަދު އުޝާމް: އުޝާމް ވަނީ މިހާރު މަޖިލީހަށް ލާފައި އޮތް މީޑިއާ ތަޅުއަޅުވާ ބިލަށް ހިއްވަރުދެއްވައި ވާހަކަދައްކަވާފަ | ރައީސް އޮފީސް
ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހްމަދު ޝިޔާމް ފުލުހުންގެ ވަޒީފާ އިން ވަކިކުރީ ރަނގަޅަށް ނޫންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމްކޮށްފައިވާއިރު، އެ ޙުކުމުގައިވާ ފައިސާގެ ބަދަލުގެ ބައި ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ދައުލަތުން ނިންމައިފިއެވެ.
ޝިޔާމް ވަޒީފާއިން ވަކި ކޮށްފައި ވަނީ ކޯޑު އޮފް ކޮންޓަކްޓާއި ކޯޑް އޮފް އެތިކްސްއާ ޚިލާފުވެފައިވާތީ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކަށް އަދަބު ދިނުމުގައި އަމަލު ކުރުމާ ބެހޭ ގަވާއިދުގެ ދަށުންނެވެ. އެގޮތުން އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ 2014 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.
އެހެންނަމަވެސް އެ ބޯޑުން އެކަށީގެންވާ މިންވަރުގެ ތަހުގީގެއް ކޮށްފައިވާކަން ދައުލަތަށް ބުނެދެވިފައި ނުވާކަމަށް ހައިކޯޓުން މިވަނީ ޙުކުމްކޮށްފައެވެ. ހައިކޯޓުގެ ޙުކުމުގައި ވާ ގޮތުން ޝިޔާމް ވަޒީފާއިން ވަކި ކޮށްފައި ވަނީ ކޯޑު އޮފް ކޮންޓަކްޓާއި ކޯޑް އޮފް އެތިކްސްއާ ޚިލާފުވެފައިވާތީ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކަށް އަދަބު ދިނުމުގައި އަމަލު ކުރުމާ ބެހޭ ގަވާއިދުގެ ދަށުންކަމަށް ބުނި ނަމަވެސް، އެކަމަށް އެކަށީގެންވާ ހެއްކެއް ދެއްކިފައެއް ނުވެއެވެ.
އެހެންކަމުން އޭނާއަށް އަލުން ވަޒީފާ ދިނުމަށާއި، ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އަނބުރާ ދިނުމާ ހަމައަށް ލިބެންޖެހޭ ބަދަލު ނަގައިދިނުމަށް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ. އެއީ ވޭތުވެދިޔަ 12 އަހަރުގެ މުސާރައާއި އިނާޔަތެވެ.
އެހެންނަމަވެސް ޙުކުމުގެ އެ ބައި އިސްތިއުނާފު ކުރުމަށް ބަންޑާރަނައިބުގެ އޮފީހުން ވަނީ ނިންމާފައެވެ. އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީން ސުވާލު ކުރުމުން ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވީ، 12 އަހަރުގެ މުސާރައާއި އިނާޔަތް ދޭން ޙުކުމުގައި އޮތް ބައި ދައުލަތުން އިސްތިއުނާފު ކުރާނެ ކަމަށެވެ. ސަބަބަކީ އެއީ ސުޕްރީމް ކޯޓުގެ ފަހުގެ ޙުކުމްތަކާ ހިލާފަށް ނިންމާފައިވާ ނިންމުމަކަށްވާތީއެވެ.
ސުޕްރީމް ކޯޓުގެ ފަހުގެ ނިންމުމެއްގައި ބަޔާންކޮށްފައިވަނީ މީހަކަށް އަނބުރާ ވަޒީފާ ދޭ ހާލަތުގައި އެ މީހަކަށް އެންމެ ގިނަވެގެން ނަގައިދެވޭނީ ހަ މަސް ދުވަހުގެ މުސާރަ އާއި އިނާޔަތް ކަމަށެވެ. އަދި ވަޒީފާ ނުދޭ ނަމަ އެއް އަހަރުގެ މުސާރަ އާއި އިނާޔަތް ދޭންޖެހޭނެ އެވެ.
އުޝާމް އިތުރަށް ވިދާޅުވީ، އޭނާއަށް ވަޒީފާ އަނބުރާ ދިނުމާމެދު ގޮތެއް ނިންމާނީ އެކަމާމެދު ދިވެހި ފުލުހުންގެ ޚިދުމަތުން އެދޭގޮތެއް ބެލުމަށްފަހު ކަމަށެވެ. އެގޮތުން ވަޒީފާ އިޔާދަކުރުމާ މެދު ގޮތެއް ނިންމުމަށް ފުލުހުންނަށް ހުށަހަޅާފައިވީނަމަވެސް އަދި އެކަމުގައި ވަކި ގޮތެއް ފުލުހުންގެ ފަރާތުން އޭޖީ އޮފީހަށް އަންގާފައެއް ނުވެއެވެ.








