ރައީސް ނަޝީދު މުއިއްޒުއަށް: މުޢިއްޒާއި ސަރުކާރުން މަޝްވަރާގެ މޭޒަށް ވަޑައިގަންނަވަންދެން އިހުތިޖާޖުގައި ދެމި ތިބޭނަން
ރާއްޖޭގެ އިޤްތިޞާދީ އަދި ސިޔާސީ މަޝްރަޙު އޮތް ނާޒުކު ފައްތަރުން އަރައިގަތުމަށްޓަކައި، ވެރިކަމުގެ ނިޒާމަށާއި ޤާނޫނުއަސާސީއަށް ބޮޑެތި އިޞްލާޙީ ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި. ކޮރަޕްޝަން ހުއްޓުވުމަށާއި ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކުރުމަށް ސަރުކާރުން މަޝްވަރާގެ މޭޒަށް ވަޑައިގަންނަވަންދެން އިހުތިޖާޖުތައް ކުރިއަށްގެންދާނެ ކަމުގެ އިންޒާރު އެމަނިކުފާނު ދެއްވި. މީގެއިތުރުން، ތަކެތީގެ އަގުބޮޑުވުމާއި ޑޮލަރުގެ ތަދިކަމުން ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ޙައްލު ހޯދުމަކީ އެންމެންގެ ޒިންމާއެއްކަން އެމަނިކުފާނު ފާހަގަކުރެއްވި.


ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ މަގުމަތީ ހަރަކާތް ފެށުމުގެ ގޮތުން ވާހަކަދައްކަވަނީ. | އެމްޑީޕީ
ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ސަރުކާރުން މަޝްވަރާގެ މޭޒަށް ވަޑައިގަންނަވަންދެން އިހުތިޖާޖު ކުރުމުގައި ދެމި ތިބޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ އިން ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ސަރުކާރަށާއި ރައީސް މުޢިއްޒަށް ގޮވާލަނީ މޭޒުދޮށަށް ވަޑައިގަތުމަށާއި، މަޝްވަރާ ފެއްޓެވުމަށެވެ. ރައީސް ނަޝީދު ވިދާޅުވީ މި ރާއްޖެ ދޫކޮށްލެވޭކަށް ނެތް ކަމަށާއި، ރާއްޖޭގެ ރައްޔިތުންނަށް ލިބެންވާ ޙައްޤުތައް ވެސް އަދި އެ ރައްޔިތުންނަށް ލިބެންވާ ތަނަވަސްކަން ވެސް ހިތްހަމަޖެހުން ވެސް ހޯދައިދިނުމަކީ ވާޖިބެއް ކަމަށެވެ. ރައީސް ނަޝީދު ވަނީ ރައީސް މުއިއްޒު މަޝްވަރާގެ މޭޒަށް ވަޑައިނުގަންނަވާ ނަމަ އިހުތިޖާޖުކުރުމުގައި މަގުމަތީގައި ދެމިތިބޭނެ ކަމަށެވެ.
ރައީސް މުޢިއްޒު މަޝްވަރާގެ މޭޒަށް ވަޑައިގަންނަވާ، ނޫނީ އަޅުގަނޑުމެން ތާއަބަދު މި މަސައްކަތްކުރުމުގައި މަގުމަތީގައި ދެމި ތިބޭނަން. ރާއްޖޭގެ ރަށްރަށަށް ވެސް އަޅުގަނޑުމެން ދާނަން. ރައީސް މުޢިއްޒާއި ސަރުކާރުން އަޅުގަނޑުމެންގެ މަޝްވަރާގެ މޭޒަށް ވަޑައިގަންނަވަންދެން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި ކަމުގައި ދެމި ތިބޭނަން.ކުރީގެ ރައީސް މުހައްމަދު ނަޝީދު
ރައީސް ނަޝީދު ވިދާޅުވީ 18 އަހަރު ފަހުން މި ރާއްޖޭގައި ހިނގަމުންދާހާ އިސްރާފަށް، އަދި ރާއްޖޭގައި ހިނގަމުންދާހާ ނޭދެވޭ ކިތަންމެ ކަންތައްތަކެއް، ޚާއްޞަގޮތެއްގައި ވެރިކަމުގެ ތެރޭގައި ހިނގަމުންދާ ކޮރަޕްޝަން، އަދި ވެރިކަމުގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުންކުރުން، މި ކަންކަން ފަހިކޮށްދެނީ މިއަދު ޤާނޫނުއަސާސީ އޮތްގޮތުން ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ އޮނިގަނޑަށް ބޮޑު ބަދަލެއް، އަންނަންޖެހޭ ކަމަށް ގަބޫލުނުކުރާ އެކަކުވެސް ނުހުންނާނެ ކަމަށެވެ.
އަޅުގަނޑުމެންގެ އެބަ އެދެން ޤާނޫނުއަސާސީއަށް ގެނައި މިވެނި ބަދަލާއި، އެވެނި ބަދަލާ އަލުން އަނބުރާ ޢިޔާދަކޮށްދޭށޭ. އަޅުގަނޑުމެން އޭގެއިތުރަށް މި އެދަނީ އެ ބާވަތުގެ ބަދަލު ޤާނޫނުއަސާސީއަށް ނުގެނެވޭ ގޮތަށް މި ޤާނޫނުއަސާސީ އަޅުގަނޑުމެންގެ އެކުލަވައިލަން، މި ބޮޑު ބަދަލު އަޅުގަނޑުމެންގެ ތެރެއަށް މިއަދު ބޭނުންވެއްޖެ. އަޅުގަނޑުމެންނަށް މިއަދު މި ވާ މިންވަރާއި، މިއަދުގެ އާއްމު ހާލަތު ހުރި ގޮތާއި، އަދި އެ އާއްމު ހާލަތު ކައްސާލައިގެން ދާނެކަމުގެ ބިރު އަޅުގަނޑުމެން އެންމެނަށް އެބަ ހީވޭ. ދިވެހިރާއްޖެ ދުނިޔޭގެ އެހެން ހުރިހާ ޤައުމެކޭ އެއްފަދައިން މި ވަނީ ހަނގުރާމައެއްގެ ވިލާގަނޑުގެ ދަށުގައި. ތަކެތީގެ އަގު އުފުލަމުންދާ މިންވަރު، ޑޮލަރުގެ އަގު ބޮޑުވަމުންދާ މިންވަރު، ވަޒީފާގެ ފުރުޞަތުތައް ހަނިވަމުންދާ މިންވަރު، ރިސޯޓު ފަހަރުގައި ވެސް ޚަރަދު ކުޑަމުންކުޑަމުންދާ މިންވަރު، އަޅުގަނޑުމެން އެންމެނަށް ފެންނާނެ. އަޅުގަނޑުމެން އެންމެނަށް އެނގޭ.ކުރީގެ ރައީސް މުހައްމަދު ނަޝީދު
ރައީސް ނަޝީދު ވިދާޅުވީ ދިވެހިރާއްޖެ މި އޮތީ ނާޒުކު ފައްތަރެއްގައި ކަމަށެވެ. އަދި މި ހާލަތުން އަޅުގަނޑުމެން އަރައިގަތުން އެއީ ހަމައެކަނި ސަރުކާރުގެ ވާޖިބެއް ނޫން ކަމަށާއި، އެއީ އެންމެންގެ ވާޖިބެއް ކަމަށެވެ. މީގެ އިތުރުން ރައީސް މުޢިއްޒަށް ރައްޔިތުންގެ އިތުބާރު އެއްކޮށް ގެއްލިއްޖެ ކަމަށާއި، ރައީސް މުޢިއްޒު ރައްޔިތުން ގާތުގައި އެންމެފަހުން އެއްސެވީ ގިނަގިނައިން ވޯޓު ނަގަންވީހޭ ނުވަތަ ނޫންހޭ ކަމަށެވެ. އަދި ރައްޔިތުންގެ ޖަވާބު ވަރަށް ސާފު ކަމަށާއި، ރައްޔިތުން އެދެނީ ވޯޓު ގިނައިން ނަގާ، އެ މީހުން ގާތަށް ސިޔާސީ ލީޑަރުން ގިނަގިނައިން ދިއުމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ޤާނޫނުއަސާސީއަށް މި ސިފަތައް އަންނަންޖެހޭ ކަމަށާއި، ދިވެހިރާއްޖޭގެ އޮނިގަނޑަށް ބަދަލު އަންނަންޖެހޭ ކަމަށެވެ.








