އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީގެ ޝުކުރާއި ތައުރީފު ރަޝިޔާ އަށް
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަރާގްޗީ ވިދާޅުވީ، ފަހަކަށް އައިސް ހިނގައި ދިޔަ ކަންތައް ތަކުން ދެ ޤައުމުގެ ދެ މެދުގައި އޮތް އިސްތިރާތީޖީ ގުޅުމުގެ ފުން މިނާއި، ވަރުގަދަކަން ހާމަވެގެން ގޮސްފައިވާ ކަމަށް.


އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީ އާއި، ރަޝިޔާގެ ރައީސް ޕުޓިން. | ރޮއިޓާސް
އީރާން އާއި ރަޝިޔާއާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަ ވަމުންދާކަން ފާހަގަ ކުރައްވައި، ސުލްޙަ ޤާއިމު ކުރުމަށް ރަޝިޔާ އިން ކުރަމުންދާ މަސައްކަތް ތަކަށް އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ޝުކުރު އަދާ ކުރައްވައިފި އެވެ.
އަންގާރަ ދުވަހު ސޯޝަލް މީޑިއާގައި އަރާގްޗީ އެކަން ހާމަ ކޮށްފައިވާއިރު، ހޯމަ ދުވަހު އޭނާ ވަނީ ރަޝިޔާ އަށް ވަޑައިގެންފަ އެވެ. އެ ދަތުރުފުޅުގައި އަރާގްޗީ ވަނީ، ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިންއާ ބައްދަލަު ކުރައްވައިފަ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަރާގްޗީ ވިދާޅުވީ، ފަހަކަށް އައިސް ހިނގައި ދިޔަ ކަންތައް ތަކުން ދެ ޤައުމުގެ ދެ މެދުގައި އޮތް އިސްތިރާތީޖީ ގުޅުމުގެ ފުން މިނާއި، ވަރުގަދަކަން ހާމަވެގެން ގޮސްފައިވާ ކަމަށެވެ. އަދި އެ ޤައުމުގެ ގުޅުން އެއް ދުވަހުން އަނެއް ދުވަހަށް ކުރިއަރަމުންދާ މި ދަނޑިވަޅުގައި، ރަޝިޔާ އިން ދައްކުވައިދޭ އެއްބައިވަންތަ ކަމަށް ޝުކުރުވެރިވާ ކަމަށާއި، ޑިޕްލޮމެސީގެ މަގުން މައްސަލަތައް ހައްލު ކުރުމަށް ރަޝިޔާ އިން ދޭ އެއްބާރުލުމަށް މަރުޙަބާ ވިދާޅުވާ ކަމަށް އަރާގްޗީ ވިދާޅުވި އެވެ.
މެދު އިރުމަތީގެ މަސްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި، އެމެރިކާ އާއި އިޒްރޭލް އިން އީރާން އަށް ދިން ހަމަލާތައް ރަޝިޔާ އިން ވަނީ ވަރަށް ބޮޑަށް ކުށްވެރި ކޮށްފަ އެވެ. އަދި އެ ސަރަަހައްދަށް އަލުން ހަމަޖެހުން ގެނައުމަށްޓަކައި މެދުވެރިއްގެ ދައުރު އަދާ ކުރުމަށް ވެސް ރަޝިޔާ އިން ހުށަހަޅާފައިވެ އެވެ.
މީގެ އިތުރުން އީރާންގެ ނިއުކްލިއާ މައްސަލައިގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަ ކުރުމުގެ ގޮތުން، އީރާން އިން މުއްސަނދި ކޮށްފައިވާ ޔުރޭނިއަމް ރަޝިޔާގައި ރައްކާ ކުރުމުގެ ފުރުސަތު ދިނުމަށް ވެސް އެ ޤައުމުން ވަނީ އެކި ފަހަރު މަތިން ހުށަހަޅަައިފަ އެވެ. ނަމަވެސް، ރަޝިޔާގެ އެ ހުށަހެޅުން ތަކަށް އެމެރިކާ އިން ވަނީ ދެކޮޅު ހަދައިފަ އެވެ.
އީރާން އާއި ރަޝިޔާގެ ގުޅުން ފަހަކަށް އައިސް ވަރަށް ބޮޑަށް ބަދަހިވެފައިވާއިރު، ދެ ޤައުމުން ދަނީ އަސްކަރީ އަދި އިޤްތިޞާދީ ދާއިރާ އިން ގުޅުން ބަދަހި ކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. ޚާއްސަކޮށް ހުޅަނގުގެ ޤައުމު ތަކުން ކުރިމަތި ކުރާ ދަތި ކުރުމުގެ ފިޔަވަޅުތަކާ ދެކޮޅަށް ދެ ޤައުމުން ގުޅިގެން މަސައްކަތް ކުރާނެ ކަމަށް މީގެ ކުރިން ވެސް ބުނެފައިވެ އެވެ.
މަސްދަރު: ރޮއިޓާސް






