ރައީސް މުއިއްޒުގެ ސަރުކާރުން ބަޖެޓާ ހިލާފަށް 12 ބިލިއަން ހޭދަކޮށްފި: ޝަމްހީދު
ބަޖެޓުގައި ކަނޑައަޅާފައިވާ މިންވަރަށްވުރެ އިތުރަށް ސަރުކާރުން 12 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ތުހުމަތުކުރައްވައި، މިއީ ޤާނޫނުއަސާސީއާ ޚިލާފު އަމަލެއް ކަމަށް މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ. ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތަކަށް ކަނޑައަޅާފައިވާ ފައިސާ ސަރުކާރުގެ ކުންފުނިތަކަށް ޖަމާކޮށްގެން ބަޖެޓުން ބޭރުން ޚަރަދުކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވި. މި ތުހުމަތުތަކާ ގުޅިގެން ސަރުކާރުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވޭ.


ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ.އަހުމަދު ޝަމްހީދު މަޖިލީހުގައި ވާހަކަދައްކަވަނީ | މަޖިލިސް
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓާ ހިލާފަށް 12 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ތުހުމަތުކުރައްވައިފި އެވެ.
އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝަމްހީދު ވިދާޅުވީ ބަޖެޓުގައި ނުޖަހާ 65 މިލިއަން ރުފިޔާ އާރު.ޑީ.ސީ އަށް ދީފައިވާ ކަމަށާއި މުސާރަ ދިނުމަށް 336 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ. އަދި ހިލޭ ޓެކްސީ ގަތުމަށް 15 ރުފިޔާ ހިލޭ ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މި ސަރުކާރަކީ މަނީލޯންޑާ ކުރާ ސަރުކާރެއް ކަމަށް ޝަމްހީދު ވިދާޅުވެފައިވެ އެވެ.
ޝަމްހީދު ވިދާޅުވީ މިއީ ކުދިކުދި ފައިސާތަކުގެ ވާހަކައެއް ނޫން ކަމަށާއި ޖުމުލަ ހަދާއިރު ގާތްގަނޑަކަށް 12 ބިލިއަން ރުފިޔާ ބަޖެޓުގައި ޖަހާފައިވާ އަދަދުތަކާ ހިލާފަށް ހޭދަކޮށްފައިވާ ކަމަށެވެ. މިއީ ޤާނޫނުއަސާސީގެ 96 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
އަޅުގަނޑު މިހެން ޖުމުލަ ހަދައިލާއިރު ގާތްގަނޑަކަށް ބަޖެޓު ބަޖެޓުގައި ޖަހާފައި ހުރި އަދަދުތަކާ ޚިލާފަށް 12 ބިލިއަނެއްހާ ރުފިޔާ މި ބޭފުޅުން އެބަހުރި އެކި ކަންތައްތަކެއް ހޭދަކޮށްފަ. މިއީ މަނީ ލޯންޑަރިން ކުރާ ސަރުކާރެއް. މި ބޭފުޅުން މި ހަދާގޮތަކީ ބަޖެޓުގައި އަދަދަށް ޖަހާފައި، ޚާއްޞަކޮށް ރަށްރަށުގައި ހައުސިންގނަށާއި، ފެނާއި ނަރުދަމާއަށް ޖަހާ ފައިސާ ދައުލަތުގެ ކުންފުނިތަކަށް ޖަމާކޮށްފައި، ދެން މި ތަނުން މި ބޭފުޅުން ފުށި ދިއްގަރަށާއި އަދި މި ބޭފުޅުން ބޭނުންވާ ޓޯއިސްތައް ގަންނަން؛ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު
މެންބަރު ވިދާޅުވީ ސަރުކާރުން މި ހަދާ ގޮތަކީ ބަޖެޓުގައި އަދަދެއް ޖަހާފައި ހާއްސަކޮށް ރަށްރަށުގައި ހައުސިންގ އަށާއި ފެނާއި ނަރުދަމާ އަށް ޖަހާ ފައިސާ ދައުލަތުގެ ކުންފުނިތަކަށް ޖަމާކޮށްފައި އެތަންތަނުން ފުށި ދިއްގަރަށާއި އެބޭފުޅުން ބޭނުންވާ އެހެންކަންކަމަށް ހަރަދުކުރަނީ ކަމަށެވެ.
އޭނާ ވިދާޅުވީ މިނިސްޓަރު ވިދާޅުވެފައިވަނީ އާރު.ޑީ.ސީ އަށް އެތައް ވެހިކަލްތައް ގަނެފައިވަނީ ޕްރޮކިއުމަންޓުތައް ބަޖެޓުން ބޭރުން ކުންފުނިތަކުގެ އެކައުންޓަށް ޖަމާކޮށްގެން ކަމަށެވެ. މިއީ ޕްރޮޖެކްޓްތަކުން ބޮޑެތި ކަޓުތައް ނެގުމަށް ކުރާމަކަމެއް ކަމަށް ޝަމްހީދު ތުހުމަތު ކުރެއްވި އެވެ. މިއީ ހަޤީޤަތުގައި ދައުލަތް ހިނގާ ގޮތް ކަމަށާއި މިކަމަށް ރައްޔިތުން ނޫނެކޭ ބުނި ކަމަށް ޝަމްހީދު ވިދާޅުވި އެވެ.
ޝަމްހީދު ވިދާޅުވީ މިއީ އޭނާ ޖަހާ ހިސާބެއް ނޫން ކަމަށާއި މިނިސްޓްރީގެ ވެބްސައިޓު ބަލައިފިއްޔާ މި އަދަދުތައް ފެންނާނެ ކަމަށެވެ. 2026 ވަނަ އަހަރަށް ހުށަހެޅި ބަޖެޓާއި 2025 ވަނަ އަހަރަށް ފާސްކުރި ބަޖެޓުން ހޭދަކުރި ގޮތް އޮތީ ފެންނަން ކަމަށް އޭނާ ވިދާޅުވި އެވެ.
މި ތުހުމަތުތަކާ ގުޅިގެން ސަރުކާރުގެ ފަރާތުން އަދި ރަސްމީ ވާހަކައެއް ދައްކާފަ އެއް ނުވެ އެވެ. ބަޖެޓާ ހިލާފަށް ސަރުކާރުން ހޭދަކުރާ ކަމުގެ ތުހުމަތުތަކަކީ މިހާރު ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު މެންބަރުން އަބަދުވެސް ކުރައްވަމުން ގެންދަވާ ތުހުމަތު ތަކެކެވެ.






