އީރާާން އަށް ދިން ސުން ގަޑި، އިތުރު 24 ގަޑިއިރަށް ޓްރަމްޕް ދަންމާލައިފި
އެގޮތުން އާދީއްތަ ދުވަހު ޓްރުތު ސޯޝަލް މީޑިއާގަައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ލިޔުއްވާފައި ވަނީ، "އަންގާރަ ދުވަހުގެ ރޭ އަށެއް ޖަހާއިރު" މިހެން. އައު ސުން ގަޑި ހަމަވާންވާއިރަށް، އޭނާ އަށް އިތުބާރު ކުރެވޭނެ ގޮތަކަށް އީރާން އިން ކަންކަން ހަމަނުޖައްސައިފި ނަމަ، އީރާންގެ ހަކަތައިގެ މަރުކަޒުތަކާއި، ފާލަންތައް ހަލާކު ކޮށްލާނެ ކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވާފައި.


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ގެޓީ އިމޭޖަސް
އީރާން އިން ހޮރްމޫޒް ކަނޑު އޮޅި ހުޅުވަން ޖެހޭ ކަމަށް ވިދާޅުވެ އެ ޤައުމަށް ދީފައިވާ ސުން ގަޑި، އިތުރު 24 ގަޑިއިރަށް ދަންމާލަން ނިންމާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
އެގޮތުން އާދީއްތަ ދުވަހު ޓްރުތު ސޯޝަލް މީޑިއާގަައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ލިޔުއްވާފައި ވަނީ، "އަންގާރަ ދުވަހުގެ ރޭ އަށެއް ޖަހާއިރު" މިހެންނެވެ. އައު ސުން ގަޑި ހަމަވާންވާއިރަށް، އޭނާ އަށް އިތުބާރު ކުރެވޭނެ ގޮތަކަށް އީރާން އިން ކަންކަން ހަމަނުޖައްސައިފި ނަމަ، އީރާންގެ ހަކަތައިގެ މަރުކަޒުތަކާއި، ފާލަންތައް ހަލާކު ކޮށްލާނެ ކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވައިފަ އެވެ.
އެމެރިކާ އާއި އިޒްރޭލް އިން މިދިޔަ ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހު އީރާން އަށް ހަމަލާ ދޭން ފެށުމާ ގުޅިގެން، ރައްދުގައި އީރާން އިން ވެސް ގެންދަނީ ވަރުގަދަ ހަމަލާ ތަކެއް ދެމުންނެވެ. އެއާ އެކު، އީރާން އިން ވަނީ ހޮރްމޫޒް ކަނޑު އޮޅިން ދަތުރު ކުރުމަށް ވެސް ހުރަސް ތަކެއް ކުރިމަތި ކޮށްފަ އެވެ. އެކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް އުފުލި، ދުނިޔޭގެ އިޤްތިޞާދަށް ވަނީ އެކަމުގެ އަސަރު ކުރަން ފަށައިފަ އެވެ.
އެމެރިކާގެ ވޯލް ސްޓްރީޓް ޖާނަލް އަށް ދެއްވި އިންޓަވިޔުއެއްގައި ޓްރަމްޕް ވިދާޅުވީ، އެމެރިކާ އޮތީ ވަރަށް ވަރުގަދަ ޙާލަތެއްގައި ކަމަށާއި، އަންގާރަ ދުވަހުގެ ރޭގެ ކުރިން އީރާން އިން އެމެރިކާގެ އެންގުމާ އެއްގޮތަށް އަމަލު ނުކޮށްފި ނަމަ އެ ޤައުމަށް ވަރުގަދަ ހަމަލާ ތަކެއް ދޭނެ ކަމަށެވެ. އޭގެ ފަހުން އެ ޤައުމުގައި ހަކަތައިގެ އެއްވެސް މަރުކަޒެއް އަދި، ފާލަން ތަކެއް ނުހުންނާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. އެކަމުގެ ސަބަބުން އީރާން އަލުން އާރާސްތު ކުރުމަށް 20 އަހަރު ދުވަސް ނަގާނެ ކަމަށާއި، އެކަން ވެސް ކުރެވޭނީ އެ ޤައުމު ދެމި އޮވެއްޖެ ނަމަ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
ފޮކްސް ނިއުސް އަށް ދެއްވި އިންޓަވިޔުއެއްގައި ޓްރަމްޕް ވިދާޅުވީ، އީރާން އާއެކު ރަނގަޅު ޑީލެއް، ނުވަތަ އެއްބަސްވުމެއް ހެދުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. މިހާރު ވެސް އެކަމުގެ މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އެހެން ނަމަވެސް، އަވަސް މުއްދަތެއްގެ ތެރޭގައި އެއްބަސްވުމެއް ނުހެދިއްޖެ ނަމަ، އީރާން އަށް އިތުރު ހަމަލާ ތަކެއް ދޭނެ ކަމުގެ އިންޒާރު ވެސް ޓްރަމްޕް ދެއްވާފައިވެ އެވެ.
ހޯމަ ދުވަހު ދެއްވި އެ އިންޓަވިޔުގައި ޓްރަމްޕް ވިދާޅުވެފައި ވަނީ، އީރާން އިން މަޝްވަރާ ކުރަމުން އަންނަ ފަރާތް ތަކަށް މަރުން ރައްކާތެރިކަން ދީފައިވާނެ ކަމަށާއި، އީރާން އިން ނިއުކްލިއާ ހަތިޔާރު ތަރައްޤީ ނުކުރަން އެ ފަރާތް ތަކުން އެއްބަސްވެފައިވާ ކަމަށެވެ. އެންމެ މުހިންމު ކަމަކީ، އީރާން އަށް ނިއުކްލިއާ ހަތިޔާރު ނުގެންގުޅެވުން ކަމަށާއި، އެކަމުގައި މަޝްވަރާ ކުރަން ވެސް ނުޖެހޭ ކަމަށް ޓްރަމްޕް ވިދާޅުވެފައިވެ އެވެ.
މަސްދަރު: އޭއެފްޕީ






