ދެ އިންތިހާބު އެއްކޮށްލަނީ ހަރަދު ކުޑަކުރަން ކަމަށް ބުނުމެކޭ، މޫދަށް އެރިއޮވެ ތިމަންނާ ނުހިކޭ ބުނުން އެއްފަދަ: އަލީ ހުސައިން
ދައުލަތުގެ ޚަރަދު ކުޑަކުރުމަށްޓަކައި މިނިސްޓްރީތައް އެއްކޮށްލުން ފަދަ މާ ފަސޭހަ ގޮތްތައް ހުރިއިރު، އިންތިޚާބުތައް އެއްކޮށްލަން އުޅެނީ ސިޔާސީ މަގުސަދެއްގައި ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެ. ގާނޫނުއަސާސީއަށް ގެންނަ މި ބަދަލުތަކަކީ ރައީސުލްޖުމްހޫރިއްޔާއަށް ދެވަނަ ދައުރެއް ކަށަވަރުކުރުމަށް ކުރާ ކަމެއްގެ ގޮތުގައި އޭނާ ތުހުމަތުކުރެއްވި. މީގެ އިތުރުން، މިފަދަ ބަދަލުތަކުގެ ސަބަބުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ފުރުސަތު ގެއްލިގެންދާނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.


ގާނޫނީ ވަކީލު އަލީ ހުސައިން. | ރާއްޖެ އެމްވީ
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމަށް ގާނޫނުއަސާސީއަށް ގެންނަން އުޅޭ އިސްލާހަކީ ހަރަދު ކުޑަކުރުމުގެ ނިޔަތުގައި ކުރާ ކަމެއް ނޫން ކަމަށާއި، އެއީ "މޫދަށް އެރި އޮވެގެން ތިމަންނާ ނުހިކިގެން މި އުޅެނީ" ބުނުން ފަދަ ކަމެއް ކަމަށް ކުރީގެ މަޖިލިސް މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
ރެފަރަންޑަމް ވޯޓާ ގުޅޭގޮތުން ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި ވާހަކަދައްކަވަމުން އަލީ ހުސައިން ވަނީ ސަރުކާރުން މި ބަދަލު ގެންނަން އުޅޭ މަގުސަދާ މެދު ސުވާލު އުފައްދަވާފަ އެވެ.
އަލީ ހުސައިން ވިދާޅުވީ، ދައުލަތުގެ ހަރަދު ކުޑަކުރަން ބޭނުންވާ ނަމަ އެކަން ކުރެވޭނެ މާ ފަސޭހަ އަދި މާ ނަތީޖާ ނެރެވޭނެ ގޮތްތައް އެބަހުރި ކަމަށެވެ. އެގޮތުން ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީއާއި އެޑިޔުކޭޝަން މިނިސްޓްރީ އެއްކޮށްލައިފި ނަމަ ފަސް އަހަރު ތެރޭގައި އެއް ބިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށާއި، އެގްރިކަލްޗަރ މިނިސްޓްރީއާއި ފިޝަރީޒް މިނިސްޓްރީ އެއްކޮށްލައިގެން ވެސް އެވަރުގެ އަދަދެއް ސަލާމަތް ކުރެވޭނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ދައުލަތުގެ އޮފީސްތައް ހިންގަން ކުރާ ހަރަދާއި ދައުލަތުގެ މީޑިއާއަށް ކުރާ ހަރަދުތައް ކުޑަކޮށްގެން ވެސް ބިލިއަނުން ފައިސާ ސަލާމަތް ކުރެވެން އޮތް އިރު، އިންތިޚާބުތައް އެއްކޮށްލަނީ ހަރަދު ކުޑަކުރަން ކަމަށް ބުނާ ބުނުން ގަބޫލުނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އަޅުގަނޑުމެންނަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީއާއި އެޑިޔުކޭޝަން މިނިސްޓްރީ އެކުލައިފި ކަމަށް ވާނަމަ، ފަސް އަހަރުދުވަހުގެ ތެރޭގައި 1 ބިލިއަން ރުފިޔާ ސަލާމަތްވާނެ. ހަމަ ކުރިން އޮންނަ ގޮތަށް އެގްރިކަލްޗަރ މިނިސްޓްރީއާއި ފިޝަރީޒް މިނިސްޓްރީއަށް ކޮށްލާފައި، އެތަނުން މުވައްޒަފުން ކުޑަކޮށް މަދުކޮށްލައިފި ކަމަށް ވާނަމަ، ފަސް އަހަރު ތެރޭގައި 1 ބިލިއަން ރުފިޔާ ސަލާމަތްވާނެ. ދައުލަތް ހިންގުމަށްޓަކައި ހިފާފައި ހުރި އޮފީސްތައް އިނގޭތޯ، ހިންގުމަށްޓަކައި އަހަރެއްގެ ތެރޭގައި ޚަރަދުކުރި 200 މިލިއަން ރުފިޔާ ފަސް އަހަރު ތެރޭގައި ޙަޤީޤަތުގައި ސަލާމަތްވާނެ 1 ބިލިއަން ރުފިޔާ ސަލާމަތްވާނީ އިނގޭތޯ. ހަމަ އެއާއެކު ދައުލަތުގެ މީޑިއާ ހިންގުމަށްޓަކައި 5 އަހަރު ދުވަހުގެ ތެރޭގައި 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ އެބަ ހަރަދު ކުޑަކުރޭ. ޚަރަދު ކުޑަކުރާ ކަމަށް ވަންޏާ ކުރާނެ ބައިވަރު ކަންތައްތަކެއް އެބަހުރި އިނގޭތޯ. އެހެންވީމާ، އެއްގޮތަކަށްވެސް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ.ގާނޫނީ ވަކީލު އަލީ ހުސައިން
ގާނޫނުއަސާސީ އިސްލާހު ކުރުމުގެ މަރުހަލާއާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަލީ ހުސައިން ވިދާޅުވީ، ގާނޫނުއަސާސީގައި ވަކި ކަމެއް ވަކި މުއްދަތެއްގެ ތެރޭގައި ކުރަން އޮތް ނަމަ އެކަމެއް އެ މުއްދަތުގައި ނިންމަން ޖެހޭނެ ކަމަށެވެ. ނަމަވެސް މިހާރު ހުށަހަޅާފައިވާ އިސްލާހުތައް ތަސްދީގު ކުރަން އޮތް 15 ދުވަހުގެ މުއްދަތު ފަހަނައަޅައި ގޮސްފައިވާ ކަމަށާއި، އެހެންކަމުން އެ ބިލު މިހާރު ދެމިއޮންނާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި އިސްލާހުތަކުގެ ފަހަތުގައި އޮތް ސިޔާސީ މަގުސަދާ ބެހޭގޮތުން އަލީ ހުސައިން ވިދާޅުވީ، މިއީ މިހާރު ހުންނެވި ރައީސުލްޖުމްހޫރިއްޔާއަށް ދެވަނަ ދައުރަކަށް އިންތިޚާބުވުމުގެ ފުރުސަތު ބޮޑުކުރުމަށް ކުރާ ކަމެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި މި އިސްލާހު ތަސްދީގުކޮށް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރެއް ނޯންނަ ގޮތަށް ހެދުމާއި، 65 އަހަރުން މަތީގެ ބޭފުޅުންނަށް ކުރިމަތިނުލެވޭ ގޮތަށް ހެދުމަކީ މި ރޭވުމުގެ ބައެއް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި މި އިޞްލާޙު ގެނައުމުގެ ހަމައެކަނި ބޭނުމަކީ މިހާރު ހުންނެވި ރައީސުލްޖުމްހޫރިއްޔާ ފެނިވަޑައިގެންނެވުނީ އެ ބޭފުޅާއަށް ދެވަނަ ފަހަރަށް އިލެކްޓްވޭނެ ހަމައެކަނި ޕޮސިބިލިޓީއަކީ މިއީ ކަމަށް ދެން އެއާއެކީގައި އެއާ ފަހުން އަންނަ އިޞްލާޙުތަކެއް، އެއީ ފަސްދޮޅަސްފަހެއް އަހަރު މަތީގެ ބޭފުޅުންނަށް ކުރިމަތިލެވޭ ގޮތް ހެދުމާއި، އަދި އެއް ބުރަކުން ރިޔާސީ އިންތިޚާބު ބޭއްވޭ ގޮތަށް ހެދުމާއި، މި އިސްލާހުތަކުގެ ތެރެއިން ހޮވޭނެ ގޮތަކީ އެއީ ކަމުގައިވާތީ މި އިސްލާހު ގެންނަ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. އެއްގޮތަކަށްވެސް ޚަރަދު ކުޑަކުރަން ކުރާ ކަމެއް ނޫން އެއީ. ޚަރަދު ކުޑަކުރާ ނަމަ ޙަޤީޤަތުގައި ކުރެވޭނެ ބައިވަރު ކަންތައްތައް ހުންނާނެ.ގާނޫނީ ވަކީލު އަލީ ހުސައިން
ރައީސުލްޖުމްހޫރިއްޔާއަކީ ދައުލަތުގެ ހުރިހާ ކުންފުނިތަކެއްގެ "ސުޕަރ ސީއީއޯ" ކަން ފާހަގަކުރައްވައި އަލީ ހުސައިން ވިދާޅުވީ، ދައުލަތުގެ ހުރިހާ ބާރަކާއި ނުފޫޒެއް އަދި މީޑިއާގެ ކޮންޓްރޯލް އޮވެގެން، މަޖިލީހުގެ 80 ނުވަތަ 90 މެންބަރުންނާއެކު ސަފުގުޅާލައިގެން އިންތިޚާބަކަށް ދާއިރު ފެންނާނީ މުޅިން ތަފާތު މަންޒަރެއް ކަމަށެވެ. މިފަދަ ބަދަލުތަކުގެ ސަބަބުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ފުރުސަތު ގެއްލިގެންދާނެ ކަމުގެ ކަންބޮޑުވުން ވެސް އޭނާ ފާޅުކުރެއްވި އެވެ.






