ދެ އިންތިހާބު އެއްކޮށްލައިގެން ސަލާމަތްކުރެވެނީ ބޮލަކަށް 5 ލާރި، މިއީ ސިޔާސީން ދެފަހަރު ރައްޔިތުން ކައިރިއަށް ނުދާންވެގެން ކުރާ ކަމެއް: އަހުމަދު މުހައްމަދު
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމުން ހަރަދު ކުޑަވާނެ ކަމަށް ސަރުކާރުން ބުނާ ބުނުމަކީ ހަގީގަތެއް ނޫން ކަމަށާއި، މި ބަދަލުގެ ސަބަބުން ރައްޔިތެއްގެ ބޮލަކަށް އަހަރަކު ސަލާމަތް ކުރެވެނީ އެންމެ 5 ލާރި ކަމަށް އިގްތިސާދީ ތަޖުރިބާކާރު އަހުމަދު މުހައްމަދު ވިދާޅުވެއްޖެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އިންތިހާބުތައް އެއްކޮށްލުމުން މަންފާ ކުރަނީ ރައްޔިތުންނަށްވުރެ ބޮޑަށް، ކެމްޕޭން ހަރަދުތައް ކުޑަކުރަން ބޭނުންވާ ސިޔާސީ ޕާޓީތަކަށް. އެހެންކަމުން މިއީ އިގްތިސާދީ ސަބަބުތަކަށްވުރެ ބޮޑަށް ސިޔާސީ މަންފާއަށްޓަކައި ގެންނަ ބަދަލެއް ކަމަށް އޭނާ ވިދާޅުވި.


މިނިސްޓަރު ކަމާއި ސަފީރުކަން ކުރައްވާފައި ހުންނެވި އިގުތިސާދީ ދާއިރާގެ ތަޖުރިބާކާރު އަހުމަދު މުހައްމަދު. | ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބާއްވައިގެން ސަލާމަތްކުރެވެނީ ދިވެހި ރައްޔިތެއްގެ ބޮލަކަށް އަހަރަކު 5 ލާރި ކަމަށާއި، މިއީ ސިޔާސީން ދެފަހަރު ރައްޔިތުންގެ ކައިރިއަށް ނުދާންވެގެން ކުރާ ކަމެއް ކަމަށް ކުރީގެ މިނިސްޓަރު އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު އަހުމަދު މުހައްމަދު ވިދާޅުވެއްޖެ އެވެ.
ދެ އިންތިހާބު އެއްކޮށްލަނީ ހަރަދު ބޮޑުވާތީ ކަމަށް ސަރުކާރުން ބުނަމުން އަންނަ އިރު، ހިސާބުތަކަށް ބަލާއިރު ވަކި ވާހަކައެއް ފެންނަ ކަމަށް އަހުމަދު މުހައްމަދު ވިދާޅުވި އެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެ ބުރު ބާއްވައި ނިމުނުއިރު ހަރަދުވީ 85 މިލިއަން ރުފިޔާ އެވެ. 2024 ވަނަ އަހަރު ބޭއްވުނު މަޖިލީހުގެ އިންތިހާބަށް ހަރަދުވީ ފަސްދޮޅަސް ވަރަކަށް މިލިއަން ރުފިޔާ އެވެ. ޖުމްލަ މި ދެ އިންތިހާބަށް ހަރަދުވެގެން ދިޔައީ 147 މިލިއަން ރުފިޔާ އެވެ.
މިއީ 2026 ވަނަ އަހަރުގެ ބަޖެޓުގެ އެންމެ އިންސައްތައެއްގެ ދެ ބައިކުޅަ އެއް ބަޔަށް ވުރެ ކުޑަ މިންވަރެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. އާބާދީގެ ނިސްބަތުން ބަލާނަމަ ބޮލަކަށް މި ޖެހެނީ 367 ރުފިޔާ އެވެ. މި ދެ އިންތިހާބު ކުރެވުނު ހަރަދު ފަސް އަހަރުގެ މުއްދަތަށް ބަހައިލައިފިނަމަ، ދިވެހި ރައްޔިތެއްގެ ބޮލަކަށް އަހަރަކަށް މި ޖެހެނީ 74 ރުފިޔާ އެވެ. ކޮންމެ ދުވަހަކަށް ބަހައިލައިފިނަމަ ދިވެހި ރައްޔިތެއްގެ ބޮލަކަށް މި ޖެހެނީ ދުވާލަކަށް 20 ލާރި އެވެ.
20 ލާރި ޚަރަދު ނުކުރެވިގެންތޯ މި އުޅެނީ ނޭވާނުލެވިގެން. އިންތިޚާބު ބޭއްވުމުގައި އެންމެ ބޮޑު ޚަރަދެއް ހިނގާ އެއް ކަމަކީ، އިދާރީ އިންތިޒާމުތައް ހަމަޖެއްސުމާއި، އިދާރީ ތަކެތި ހޯދުމަށް.72 ޕަސެންޓް. އިލެކްޝަންގެ ބަޖެޓުގެ 72 ޕަސަންޓް. ދެން އެންމެ ބޮޑު ޚަރަދެއް ހިނގަނީ އިންތިޚާބުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މުސާރައާއި އުޖޫރައަށް 17 ޕަސެންޓް. މުޅިއެކު އިންތިޚާބަކަށް ހިނގާ ޚަރަދުގެ 89 ޕަސެންޓް ޚަރަދުވަނީ މި ދެންނެވި ކަންކަމަށް. ދެ އިންތިޚާބު އެއްކުރިޔަކަސް މުވައްޒަފުންނެއް މަދެއް ނުވޭ. އިދާރީ އިންތިޒާމުތަކެއް މަދެއް ނުވޭ. އެހެންވީމާ، ޚަރަދުގެ ގޮތުން އެއް އިންތިޚާބުގައި ޚަރަދު އެއްކޮށް އުނިވެގެންދަނީކީ ނޫން. ދުނިޔޭގެ ބައެއް އެހެން ޤައުމުތަކުގައި އެބަހުރި. ކުދި ޖަޒީރާ ޤައުމުތަކުގެ ތެރެއިން ސީޝެލްސަސް އެބަހުރި އިންތިޚާބުތައް އެއްކޮށްފައި. އިންތިޚާބު އެއްކުރީމަ، ދެ އިންތިޚާބަކަށް ދާ ޚަރަދުގެ ތެރެއިން އުނިވަނީ މިހާތަނަށް ހިސާބުތަކުން ފެންނަން ހުރީ، ދިރާސާތަކުން ފެންނަން ހުރީ، އެ ދެ އިންތިޚާބުގެ ޖުމުލަ ޚަރަދުގެ ހަތަރު ބައިކުޅަ އެއްބައި. 147 މިލިއަންގެ ހަތަރު ބައިކުޅަ އެއްބަޔަކީ ގާތްގަނޑަކަށް 40 މިލިއަން ރުފިޔާ.އަހުމަދު މުހައްމަދު
ދެ އިންތިހާބު އެއްކުރިޔަސް މުވައްޒަފުންނެއް މަދެއް ނުވާނެ ކަމަށާއި އިދާރީ އިންތިޒާމުތަކެއް މަދެއް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވީމާ ހަރަދުގެ ގޮތުން އެއް އިންތިޚާބުގައި ހަރަދު އެއްކޮށް އުނިވެގެން ދަނީކީ ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. ދުނިޔޭގެ ބައެއް ކުދި ޖަޒީރާ ގައުމުތަކުގައި އިންތިހާބުތައް އެއްކޮށްފައި ހުރި ކަމަށާއި އެގޮތަށް ކުރިކަމުގައި ވިޔަސް ދެ އިންތިހާބަކަށް ދާ ހަރަދުގެ ތެރެއިން އުނިވަނީ ހަތަރު ބައިކުޅަ އެއް ބައި ކަމަށް ދިރާސާތަކުން ދައްކާ ކަމަށް އޭނާ ވިދާޅުވި އެވެ.
147 މިލިއަންގެ ހަތަރު ބައިކުޅަ އެއް ބަޔަކީ ގާތްގަނޑަކަށް 40 މިލިއަން ރުފިޔާ އެވެ. ފަސް އަހަރަށް ބަހައިފިނަމަ އެއީ އަހަރަކަށް އެންމެ 8 މިލިއަން ރުފިޔާ އެވެ. ދިވެހި ރައްޔިތެއްގެ ބޮލަކަށް ޖެހޭ ހަރަދަށް ބަލައިފި ކަމަށް ވަންޏާ މި ސަލާމަތްކުރެވެނީ 5 ލާރި ކަމަށް އޭނާ ވިދާޅުވި އެވެ.
ފަސް އަހަރަށް ބަހައިފިއްޔާ އެއީ، އަހަރަކަށް އެންމެ 8 މިލިއަން ރުފިޔާ. ދިވެހި ރައްޔިތެއްގެ ބޮލަކަށް ޖެހޭ ޚަރަދަށް ބަލައިފި ކަމަށް ވަންޏާ، މި ސަލާމަތްކުރެވެނީ 5 ލާރި. 5 ލާރިއާ ހެދިތޯ އަޅުގަނޑުމެން މިއުޅެނީ. 5 ލާރީގެ ސަބަބުން އަޅުގަނޑުމެންނަށް ދެން އޮޅުންބޮޅުންއަރައިގެން މި ދަނީ ކޮންކަންތައްތަކަކަށްތޯ؟ އެއީ އަޅުގަނޑުމެން ވިސްނަންޖެހޭ ކަމަކީ މިއީ. އެހެންކަމުން، އިޤްތިޞާދީ ގޮތުން ސަލާމަތްކުރެވޭ ބޮޑު ޚަރަދެއް އެބަ އޮތް ކަމަށް ވިދާޅުވާ، ވާހަކައީ ބުހުތާނު ދޮގެއް. ހިސާބުތަކުން ފެންނަން އޮތީ އެގޮތަށް.އަހުމަދު މުހައްމަދު
ދެ އިންތިހާބު އެއް ކޮށްލީމަ މަންފާކުރަނީ ދިވެހި ރައްޔިތުންނަކަށް ނޫން ކަމަށާއި މަންފާކުރަނީ ސިޔާސީންނަށް ކަމަށް އޭނާ ވިދާޅުވި އެވެ. ދެ އިންތިހާބު އެއް ކޮށްލީމަ ސިޔާސީން ރައްޔިތުންގެ ކައިރިއަށް ގޮސް ހަރަދުކުރަން ޖެހޭ ދެ ފަހަރު ހަރަދުކުރުން އުނިވެގެން ދިއުމުން ސިޔާސީންނަށް ފައިދާވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިހާރު ރާއްޖޭގައި ހަރަކާތްތެރި ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ދެ ޕާޓީ ފިޔަވައި އެހެން ހުރިހާ ޕާޓީއެއް އިނީ މިކަމަށް ތާއީދުކޮށްގެން ކަމަށާއި އެއީ އެ ޕާޓީތަކަށް ފައިދާ އޮތީ ކޮންމެ ފަސް އަހަރަކުން ދެ ފަހަރު ރައްޔިތުންގެ ގާތަށް ދިއުމުގެ ބަދަލުގައި އެއް ފަހަރު ދިއުމުން ހަރަދުތައް ކުޑަވާތީ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.






