ޓްރަމްޕްގެ 'ބޯހަމަނުޖެހޭ އިންޒާރުތަކަށް' އީރާނުން ރައްދުދޭނީ ހަނގުރާމައިގެ މައިދާނުގައި: ޕެޒެޝްކިއާން
ޓްރަމްޕްގެ ވާހަކަތަކަކީ މާޔޫސްވެފައިވާ މިންވަރު ހާމަކޮށްދޭ ކަމެއްގެ ގޮތުގައި ޕެޒެޝްކިއާން ސިފަކުރެއްވިއިރު، އީރާނުގެ އަސްކަރިއްޔާއިން ވަނީ އެ ގައުމުގެ ވަސީލަތްތަކަށް ހަމަލާދީފިނަމަ ސަރަހައްދުގެ ހަކަތައިގެ ވަސީލަތްތަކާއި ބޭރުގެ ޓެކްނޮލޮޖީ ސެންޓަރުތަކަށް ރައްދު ހަމަލާދޭނެ ކަމުގެ އިންޒާރު ދީފައި. މި ނުތަނަވަސްކަމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް އުފުލިފައިވާއިރު، ކަނޑުއޮޅީގެ ސަލާމަތަށް ކޯލިޝަނެއް ހެދުމަށް ޓްރަމްޕް ކުރެއްވި އިލްތިމާސަށް ނޭޓޯގެ ގިނަ ގައުމުތަކުން ވަނީ އިންކާރުކޮށްފައި.

އީރާނުގެ ރޫހާނީ ލީޑަރު އަވަހާރަކޮށްލުމާ ގުޅިގެން ބޭއްވި ހިތާމައިގެ ރަސްމިއްޔާތެއްގެ ތެރެއިން، 2026 މާރިޗު 1 ވަނަ ދުވަހު އީރާނުގެ ތެހެރާންގެ އިންގިލާބީ މައިދާނުގައި ހުރި ބޮޑު ބެނާއެއްގެ ކުރިމަތިން އެ ގައުމުގެ ދިދަ ވިހުރާލަނީ. މި ބެނާއިން ފެންނަނީ ފާރިސީ ކަނޑުއޮޅީގައި އޮތް އެމެރިކާގެ މަނަވަރަކަށް އީރާނުން މިސައިލް ހަމަލާއެއް ދޭ މަންޒަރު. އީރާނުގެ ރޫހާނީ ލީޑަރު އަވަހާރަކޮށްލާފައިވަނީ އޭގެ އެއްދުވަސް ކުރިން، ފެބްރުއަރީ 28 ވަނަ ދުވަހު އޭނާ ދިރިއުޅުއްވާ ގެކޮޅަށް އިޒްރޭލާއި އެމެރިކާ ގުޅިގެން "އެޕިކް ފިއުރީ" ގެ ނަމުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި. | ގެޓީ އިމޭޖަސް
އީރާނާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެމުންދާ "ބޯހަމަނުޖެހޭ އިންޒާރުތަކަށް" އެ ގައުމުން ހަނގުރާމައިގެ މައިދާނުގައި ވަރުގަދަ ރައްދެއް ދޭނެ ކަމަށް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅުވެއްޖެއެވެ.
ޕެޒެޝްކިއާން މިހެން ވިދާޅުވީ، 48 ގަޑިއިރު ތެރޭގައި އެއްވެސް ނުރައްކަލެއް ނެތް ގޮތަށް ހޮރްމޫޒް ކަނޑުއޮޅި އެއްކޮށް ހުޅުވާނުލައިފިނަމަ، އީރާނުގެ އިންޖީނުގެތަކަށް ހަމަލާދޭނެ ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި އިންޒާރާ ގުޅިގެން، އާދީއްތަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ދަ ނިއުޔޯކް ޓައިމްސް އިން ޝާއިއުކުރި ފާޑުކިޔުންތަކުން ފުރިގެންވާ ރިޕޯޓަކާ ގުޅިގެން ކޯފާވެ ހުންނަވައި ޓްރަމްޕް ވަނީ، އެމެރިކާއިން އީރާން "ދުނިޔޭގެ ޗާޓުން ފޮހެލާފައިވާ" ކަމަށާއި، ހަނގުރާމައިގައި ކަނޑައެޅި ހުރިހާ ލަނޑުދަނޑިތަކެއް ތާވަލަށްވުރެ "ތިން ހަފުތާ ކުރިން" ހާސިލުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.
މިކަމާ ގުޅިގެން ޕެޒެޝްކިއާން ލިޔުއްވާފައިވަނީ، އީރާން ޗާޓުން ފޮހެލެވޭނެ ކަމަށް ކުރާ ކުށްހީއަކީ، ތާރީޚު ބަދަލުކުރާ ފަދަ ވަރުގަދަ އަޒުމެއް އޮތް ގައުމެއްގެ ކުރިމަތީގައި މާޔޫސްވެފައިވާ މިންވަރު ހާމަކޮށްދޭ ކަމެއް ކަމަށެވެ.
އީރާނުގެ ރައީސް އިތުރަށް ވިދާޅުވީ، ދެވޭ އިންޒާރުތަކާއި ބިރުދެއްކުންތަކުގެ ސަބަބުން އެ ގައުމުގެ ގައުމީ އެއްބައިވަންތަކަން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެ.
"ހޮރްމޫޒް ކަނޑުއޮޅި އޮތީ އަޅުގަނޑުމެންގެ ބިމަށް އަރައިގަންނަ މީހުން ފިޔަވައި އެހެން ހުރިހާ ފަރާތްތަކަށް ހުޅުވާލެވިފައި. ބޯހަމަނުޖެހޭ އިންޒާރުތަކަށް ހަނގުރާމައިގެ މައިދާނުގައި އަޅުގަނޑުމެން ސާބިތުކަމާއެކު ކުރިމަތިލާނަން،" އޭނާ ވިދާޅުވިއެވެ.
ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެން އެމެރިކާއާއި އިޒްރޭލުން އީރާނުގެ އެއްވެސް އުދުވާނަކާ ނުލައި ދޭން ފެށި ހަމަލާތަކާ ގުޅިގެން، އީރާނުން ވަނީ އުދުވާން ހިންގާ ގައުމުތަކާއި އެ ގައުމުތަކާ އެއްބާރުލުންދޭ ފަރާތްތަކުގެ ތެޔޮ އުފުލާ ބޯޓުފަހަރަށް ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައެވެ.
ޕާޝިއަން ގަލްފާއި އޮމާން ކަނޑާ ދެމެދު އޮންނަ މި ކަނޑުއޮޅިން ދަތުރުކުރާ ބޯޓުފަހަރަށް ހުރަސް އެޅުމުގެ ސަބަބުން، ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.
ބާޒާރު ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތުގެ ދަށުން ޓްރަމްޕް ވިދާޅުވީ، އެމެރިކާގެ ކަނޑުގެ ސިފައިން ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ ބޯޓުފަހަރަށް ހިމާޔަތް ދޭނެ ކަމަށެވެ. އަދި އެ ސަރަހައްދުން ދަތުރުކުރާ ބޯޓުފަހަރަށް ނުރައްކާތަކުން ރައްކާތެރިވުމުގެ އިންޝުއަރެންސް ދިނުމަށްވެސް އޭނާ ވަނީ ހުށަހަޅުއްވާފައެވެ.
މީގެ އިތުރުން، އެމެރިކާގެ ރައީސް ވަނީ އެ ކަނޑުއޮޅީގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ކޯލިޝަނެއް ހެދުމަށް މަސައްކަތް ކުރައްވައި، ނޭޓޯގެ ގައުމުތަކުން ކަނޑުގެ އަދި ވައިގެ ސިފައިން ފޮނުވުމަށް އެދިވަޑައިގެންފައެވެ. ނަމަވެސް، ވޮޝިންގޓަނުގެ ގިނަ ބައިވެރިން ވަނީ ސިފައިން ފޮނުވުމަށް އިންކާރުކޮށްފައެވެ.
އީރާނުގެ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް ވެސް ވަނީ ޓްރަމްޕްގެ ވާހަކަތަކަށް ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ އެމެރިކާއިން އީރާނުގެ އިންޖީނުގެތަކަށް ހަމަލާދީފިނަމަ، މުޅި ސަރަހައްދުގައި ހުރި ހަކަތައާއި ތެލުގެ މުހިންމު ވަސީލަތްތައް "އިއާދަނުކުރެވޭ ފަދަ" ގޮތަކަށް އީރާނުން ސުންނާފަތިކޮށްލާނެ ކަމަށެވެ.
ޚާތަމް އަލް-އަންބިޔާ ސެންޓްރަލް ހެޑްކުއާޓާސް އިން ވެސް ވަނީ، އީރާނުގެ ތެލާއި ހަކަތައިގެ ވަސީލަތްތަކަށް އެއްވެސް ހަމަލާއެއް ދީފިނަމަ، ވަގުތުން "އަދަބު ދިނުމުގެ" ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ދީފައެވެ. އަދި އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) ގެ އިންޓެލިޖެންސް ސާވިސް އިން ބުނެފައިވަނީ، މި ސަރަހައްދުން ބޭރުގައި ހުރި މުހިންމު ޓެކްނޮލޮޖީ ސެންޓަރުތަކަށް 48 ގަޑިއިރު ތެރޭގައި ހަމަލާދޭނެ ކަމަށެވެ.







