ހަނގުރާމަ ރާއްޖެ އާ ގާތައް، އެމެރިކާގެ ބޮން އަޅާ ބޯޓުފަހަރު ސްޓޭޝަން ކޮށްފައިވާ ޑިއޭގޯ ގާސިއާ އީރާނަށް ހަމަލާ ދިނުމަށް ބޭނުން ކުރުމުގެ ހުއްދަ ދިނުމަކީ ހަނގުރާމައިގައި ބައިވެރިވުން ކަމަށް އެ ގައުމުން ބުނެފި
އީރާނާ ދެކޮޅަށް އެމެރިކާއާއި އިޒްރޭލުން ހިންގާ އުދުވާނުގައި އިނގިރޭސި އަސްކަރީ މަރުކަޒުތައް ބޭނުންކުރުމުގެ ހުއްދަ ދިނުމަކީ، އެ ގައުމުގެ ރައްޔިތުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅުން ކަމަށް ބުނެ އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ އިންޒާރު ދެއްވައިފި. އަސްކަރީ މަރުކަޒުތައް ބޭނުންކުރުމަށް ހުއްދަ ދިނުމަކީ ހަނގުރާމައިގައި ބައިވެރިވުން ކަމަށް އީރާނުން ސިފަކުރޭ.

ޕްލެނެޓް ލެބްސް ޕީބީސީން 2025 އޭޕްރީލް 2 ވަނަ ދުވަހު ނަގާފައިވާ މި ސެޓެލައިޓް ފޮޓޯއިން ފެންނަނީ، އިންޑިއާ ކަނޑުގައި އޮންނަ ފޯޅަވަހި (ޑިއޭގޯ ގާސިއާ) ގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުގެ ރަންވޭމަތީގައި އެމެރިކާގެ ބީ-2 މަރުކާގެ ހަ ބޮންއަޅާ ބޯޓު އޮތް މަންޒަރު. | އޭއެފްޕީ
އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ފެށި ޣައިރު ގާނޫނީ ހަނގުރާމަ ދިވެހިރާއްޖެ އާ ގާތައް އައިސް، އެމެރިކާގެ ބޮން އަޅާ ބޯޓު ފަހަރު ސްޓޭޝަން ކޮށްފައިވާ ޑިއެގޯ ގާސިއާ ހަމަލާ ދިނުމަށް ބޭނުން ކުރުމަކީ ހަނގުރާމައިގައި ބައިވެރިވުން ކަމަށް ބުނެ އީރާނުން އިންޒާރު ދީފި އެވެ.
އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒުތައް ބޭނުންކޮށްގެން، އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ހިންގާ އުދުވާނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހުއްދަ ދެއްވައިގެން، ބޮޑުވަޒީރު ކިއަރ ސްޓާމަރ އިނގިރޭސި ރައްޔިތުންގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ހުށަހަޅުއްވަމުން ގެންދަވާ ކަމަށް ވިދާޅުވެ އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވަނީ އިންޒާރު ދެއްވާފަ އެވެ.
އަރާގްޗީ ފާހަގަކުރެއްވި ގޮތުގައި، އިނގިރޭސިވިލާތުގެ ގިނަ އަދަދެއްގެ ރައްޔިތުން ތިބީ އެމެރިކާ އާއި އިޒްރޭލުން އަމިއްލައަށް އިސްވެ ފަށާފައިވާ މި ހަނގުރާމައިގައި ބައިވެރިވުމާ ދެކޮޅަށެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަރާގްޗީ ވިދާޅުވީ، އިނގިރޭސި ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން އީރާނާ ދެކޮޅަށް އިޒްރޭލާއި އެމެރިކާ ގުޅިގެން ކުރާ ހަނގުރާމައިގައި އެއްވެސް މިންވަރަކަށް ބައިވެރިވާން ބޭނުންނުވާ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ، ބޮޑުވަޒީރު ސްޓާމަރ އަމިއްލަ ގައުމުގެ ރައްޔިތުންގެ އިހުސާސްތަކަށް ބެލުމެއްނެތި، އީރާނާ ދެކޮޅަށް ހިންގާ އުދުވާނުގައި އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒުތައް ބޭނުންކުރުމުގެ ހުއްދަ ދެއްވައިގެން، އިނގިރޭސި ރައްޔިތުންގެ ފުރާނަ ނުރައްކަލަށް ހުށަހަޅުއްވަމުން ގެންދަވާ ކަމަށެވެ.
އީރާނުގެ އެންމެ އިސް ޑިޕްލޮމެޓް ވަނީ، އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން އަމިއްލަ ނަފްސުގެ ދިފާއުގައި ފިޔަވަޅު އެޅުމަކީ އީރާނަށް ލިބިގެންވާ ގާނޫނީ ހައްގެއްކަން އަނެއްކާވެސް ކަށަވަރުކޮށްދެއްވާފައެވެ.
މީގެ އިތުރުން، ހުކުރު ދުވަހު އިނގިރޭސިވިލާތުގެ ހޯމް ސެކްރެޓަރީ އިވެޓް ކޫޕަރއާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި، އެމެރިކާއިން އިނގިރޭސި އަސްކަރީ މަރުކަޒުތައް ބޭނުންކުރުމަށް ދިން ހުއްދަ އަރާގްޗީ ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.
އަރާގްޗީ ވިދާޅުވީ، މި އަމަލުތަކަކީ އުދުވާނުގައި ބައިވެރިވުން ކަމުގައި ބެލެވޭނެ ކަމަށާއި، މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމުގެ ތާރީޚުގައި ލިޔެވިގެންދާނެ ކަމެއް ކަމަށެވެ.
އީރާނާ ދެކޮޅަށް ކުރާ މި ޣައިރު ގާނޫނީ ހަނގުރާމައިގައި ހަމަލާދޭ ފަރާތްތަކަށް އެއްވެސް ސިފައެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ މަސްރަހު އިތުރަށް ގޯސްވެ، "ހާލަތު އިތުރަށް ނުތަނަވަސްވެގެންދާނެ" ކަމެއް ކަމަށް އަރާގްޗީ އިންޒާރު ދެއްވިއެވެ.
ހަމައެއާއެކު، ސައުތު ޕާސް ގޭސް ފީލްޑަށް ދިން ނުރައްކާތެރި ހަމަލާ ކުށްވެރިކުރުމަށް އިނގިރޭސިވިލާތާއި ބައެއް އެހެން ގައުމުތަކުން ދެކޮޅު ހަދާފައިވާތީ އަރާގްޗީ ވަނީ އެކަން ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި އެ ގައުމުތަކުން އީރާނުން އަމިއްލަ ދިފާއުގައި އެމެރިކާއާ ގުޅުންހުރި ތަންތަނަށް ދޭ ހަމަލާތައް ކުށްވެރިކުރުމަކީ މުނާފިގު އަމަލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
އދ. ގެ ޗާޓަރުގެ 51 ވަނަ މާއްދާގެ ދަށުން، އަމިއްލަ ނަފްސުގެ ދިފާއުގައި ފިޔަވަޅު އެޅުމުގެ ފުރިހަމަ ހައްގު އީރާނަށް ލިބިގެންވާކަން އޭނާ ފާހަގަކުރެއްވިއެވެ.
އަރާގްޗީ ބާރުއަޅުއްވައި ވިދާޅުވީ، އީރާނަކީ އަބަދުވެސް އަވަށްޓެރި ގައުމުތަކުގެ މިނިވަންކަމާއި އިސްތިގުލާލަށް އިހުތިރާމްކުރާ ގައުމެއް ކަމަށެވެ.
އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައަށް 8 މަސް ދުވަސް ވެފައިވަނިކޮށް، ފެބްރުއަރީ 28 ވަނަ ދުވަހު ވަނީ އަނެއްކާވެސް ވައިގެ މަގުން އީރާނަށް އުދުވާނީ ހަމަލާތަކެއް ދޭން ފަށާފައެވެ.
މި ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން، އީރާނުން ވަނީ އަމިއްލަ ދިފާއުގެ ހައްގު ބޭނުންކޮށް، އިޒްރޭލުން ހިފާފައިވާ ބިންތަކަށާއި، ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި އެމެރިކާގެ މަސްލަހަތު އޮތް ތަންތަނަށް ގިނަ އަދަދެއްގެ މިސައިލާއި ޑްރޯން ހަމަލާތަކެއް ވަގުތުން ފޮނުވާލާފައެވެ.
އަނެއްކޮޅުން އީރާނުން ފޮނުވާލި ދެ ބެލިސްޓިކް މިސައިލަކުން، ރާއްޖޭގެ ދެކުނުން އޮންނަ އިނގިރޭސިވިލާތާއި އެމެރިކާގެ ގުޅިފައިވާ އަސްކަރީ މަރުކަޒު ކަމަށްވާ ޑިއޭގޯ ގާސިއާއަށް ހަމަލާދޭން ކުރި މަސައްކަތް "ނާކާމިޔާބުވެފައިވާ" ކަމަށް އިނގިރޭސި ސަރުކާރުގެ ރަސްމީ މަސްދަރަކުން ހޮނިހިރު ދުވަހު އޭއެފްޕީ ނިއުސް އެޖެންސީއަށް ވަނީ ކަށަވަރުކޮށްދީފައެވެ. މިއީ އީރާނުން އެ މަރުކަޒަށް އަމާޒުކޮށް ދެ ބެލިސްޓިކް މިސައިލް ފޮނުވާލި ކަމަށް ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓްކުރުމާ ގުޅިގެން ދީފައިވާ މައުލޫމާތެކެވެ.
އީރާނުގެ ސަރަހައްދާ ގާތްގަނޑަކަށް 2,500 މޭލު (4,000 ކިލޯމީޓަރު) ދުރުގައި އޮންނަ ޑިއޭގޯ ގާސިއާއަކީ، އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި "ދިފާއީ އޮޕަރޭޝަންތައް" ހިންގުމަށް އެމެރިކާއަށް ބޭނުންކުރުމުގެ ހުއްދަ އިނގިރޭސިވިލާތުން ދީފައިވާ ދެ މަރުކަޒުގެ ތެރެއިން އެއް މަރުކަޒެވެ.
ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ހަމަލާދިނުމަށް އީރާނުން ބޭނުންކުރާ "މިސައިލް ސައިޓްތަކާއި ވަސީލަތްތަކަށް" އަމާޒުކޮށް ހަމަލާދިނުމަށްޓަކައި، ޑިއޭގޯ ގާސިއާގެ އިތުރުން އިނގިރޭސިވިލާތުގެ ހުޅަނގު ދެކުނުގައި އޮންނަ ފެއަރފޯޑް މަރުކަޒު ބޭނުންކުރުމުގެ ހުއްދަ ވޮޝިންޓަނަށް ދޭނެ ކަމަށް އިނގިރޭސި ސަރުކާރުން ހުކުރު ދުވަހު ވަނީ ބުނެފައެވެ.
އިނގިރޭސި ސަރުކާރުގެ ރަސްމީ މަސްދަރަކުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، އީރާނުން ޑިއޭގޯ ގާސިއާއަށް އަމާޒުކޮށް ދިން "ނާކާމިޔާބު ހަމަލާ" ހިނގާފައިވަނީ ހުކުރު ދުވަހު އިނގިރޭސި ސަރުކާރުން އެކަން ހާމަ ކުރުމުގެ ކުރިންނެވެ.
އީރާނުގެ ސަރުކާރާ ގުޅުން އޮންނަ މެހެރް ނިއުސް އެޖެންސީން ހޮނިހިރު ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުން ވަނީ ޑިއޭގޯ ގާސިއާގައި ހުންނަ އެމެރިކާ އާއި އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒަށް އަމާޒުކޮށް ދެ ބެލިސްޓިކް މިސައިލް ފޮނުވާލާފައެވެ.
މެހެރް އެޖެންސީން މި ހަމަލާ ސިފަކޮށްފައިވަނީ މިއީ "މުހިންމު ފިޔަވަޅެއް" ކަމަށާއި، މީގެން ދޭހަވަނީ އީރާނުގެ މިސައިލްތަކުގެ ރޭންޖު ނުވަތަ ދުރުމިން ހުރީ ދުޝްމަނުން ކުރިން ހީކުރި ވަރަށްވުރެ މާ ދުރުގައި ކަމެވެ.
އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ވޯލް ސްޓްރީޓް ޖާނަލްއިން ހުކުރު ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުން ފޮނުވާލި ދެ ބެލިސްޓިކް މިސައިލުން ކުރެ އެއްވެސް މިސައިލެއް އަމާޒަށް ވާސިލުވެފައި ނުވި ނަމަވެސް، މިއީ ކުރިން ހީކުރި ވަރަށްވުރެ ދުރު ރޭންޖުގެ މިސައިލްތައް ތެހެރާންގެ އަތުގައި ހުރިކަން އަންގައިދޭ ކަމެކެވެ.
މިކަމާ ގުޅޭގޮތުން ޕެންޓަގަނުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުން ފޮނުވާލި މިސައިލްތަކުގެ ތެރެއިން އެއް މިސައިލް ދަތުރުމަތީގައި ފެއިލްވިއިރު، އަނެއް މިސައިލަށް އަމާޒުކޮށް އެމެރިކާގެ މަނަވަރަކުން ވަނީ އިންޓަރސެޕްޓަރ މިސައިލެއް ފޮނުވާލާފައެވެ. ނަމަވެސް އެ މިސައިލް އީރާނުގެ މިސައިލަށް އެރިކަން ނުވަތަ ނޫންކަން ސާފެއް ނުވެއެވެ.
އީރާނުން މުޅި ސަރަހައްދަށް އަމާޒުކޮށް ދެމުންދާ ނުރައްކާތެރި ހަމަލާތަކާއި، ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްގެން އުޅޭ އުޅުމަކީ އިނގިރޭސިވިލާތުގެ މަސްލަހަތަށާއި ބައިވެރިންނަށް އޮތް ނުރައްކަލެއް ކަމަށް އިނގިރޭސި ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނަކު ހޮނިހިރު ދުވަހު ވިދާޅުވިއެވެ.
އަދި ވަކި މިންވަރަކަށް ހިންގާ ދިފާއީ އޮޕަރޭޝަންތަކަށް އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒުތައް ބޭނުންކުރުމުގެ ހުއްދަ އިނގިރޭސި ސަރުކާރުން އެމެރިކާއަށް ދީފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އީރާނާ ދެކޮޅަށް ކުރާ ޣައިރު ގާނޫނީ ހަނގުރާމައިގައި އިނގިރޭސި ބޮޑުވަޒީރު ކިއަރ ސްޓާމަރ ގެންގުޅުއްވާ ސިޔާސަތަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ފާޑުވިދާޅުވެފައެވެ. އެއީ މި ހަނގުރާމައިގައި ބައިވެރިވުމަށް ސްޓާމަރ ފުރަތަމަ އިންކާރު ކުރެއްވުމަށްފަހު، ފަހުން އެމެރިކާއަށް ދެ މަރުކަޒެއްގެ ބޭނުން ހިފުމުގެ ހުއްދަ ވަނީ ދީފަ އެވެ.
ސެޓެލައިޓް ފޮޓޯ އިން ފެންނަ ގޮތުގައި އޭޝިއާ ސަރަހައްދުގައި ހިންގާ އޮޕަރޭޝަންތަކުގެ މުހިންމު މަރުކަޒެއް ކަމަށްވާ ޑިއޭގޯ ގާސިއާގައި އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ބޮން އަޅާ ބޯޓުފަހަރާއި އެހެނިހެން ސާމާނުތައް ގާއިމުކޮށްފައެވެ. މީގެ ކުރިން އަފްޣާނިސްތާނާއި އިރާގަށް ބޮން އެޅުމަށްވެސް އެމެރިކާއިން މި މަރުކަޒު ބޭނުންކޮށްފައިވެއެވެ.
އީރާނުގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، ބުރާސްފަތި ދުވަހު އިނގިރޭސި ފޮރިން ސެކްރެޓަރީ އިވެޓް ކޫޕަރއާ ފޯނުން ގުޅުއްވައި އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވަނީ، އިނގިރޭސި މަރުކަޒުތައް އެމެރިކާއިން ބޭނުންކުރުމަކީ އީރާނާ ދެކޮޅަށް ހިންގާ އުދުވާނެއްގައި ބައިވެރިވުން ކަމަށް ބަލާނެ ކަމަށް ވިދާޅުވެފައެވެ.







