ހަނގުރާމަ ހުއްޓުމަކަށް އަތުވެއްޖެ ނަމަ، ހޮރްމޫޒް ކަނޑު އޮޅިން ބޮން ހުސް ކުރަން ސިފައިން ފޮނުވުމަށް ޖަޕާން އިން ވިސްނާނެ
ހޮރްމޫޒް ކަނޑުއޮޅީގައި ހުރި ކަނޑުގެ ބޮންތައް ނައްތާލުމަށް ޖަޕާނުގެ ސިފައިން ފޮނުވުމާ މެދު ވިސްނަވާނެ ކަމަށް އެ ޤައުމުގެ ފޮރިން މިނިސްޓަރު ތޮޝިމިޓްސޫ މޮޓެގީ ވިދާޅުވެއްޖެއެވެ. ޖަޕާނަށް ބޭނުންވާ ތެލުގެ 90 އިންސައްތަ މި ކަނޑުއޮޅިން އުފުލާއިރު، މި ސަރަހައްދުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަކީ އެ ޤައުމުގެ އިޤްތިޞާދަށް ނުހަނު މުހިންމު ކަމެކެވެ. އެހެންކަމުން، ހަނގުރާމަ ހުއްޓުމަކަށް އައުމުން ދަތުރުފަތުރަށް ހުރަސްއެޅޭ ކަންކަން ހައްލުކުރުމަށް ބައިނަލްއަޤުވާމީ މިންގަނޑުތަކުގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ޖަޕާނުން އަންނަނީ ތައްޔާރުވަމުންނެވެ.


ޖަޕާންގެ ފޮރިން މިނިސްޓަރު ތޮޝިމިޓްސޫ މޮޓެގީ | ރޮއިޓާސް
އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމަ ހުއްޓުމަކަށް އަތުވެއްޖެ ނަމަ، ދުނިޔޭގެ ތެލުގެ އެންމެ މުހިންމު ހޮރްމޫޒް ކަނޑު އޮޅިން ބޮން ހުސް ކުރުމުގެ މަސައްކަތުގައި ޖަޕާންގެ ސިފައިން ފޮނުވުމަށް ވިސްނަވާނެ ކަމަށް އެ ޤައުމުގެ ފޮރިން މިނިސްޓަރު ތޮޝިމިޓްސޫ މޮޓެގީ ވިދާޅުވެއްޖެ އެވެ.
އާދީއްތަ ދުވަހު ފޫޖީ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މޮޓެގީ ވިދާޅުވީ، ހަނގުރާމަ މުޅިން ހުއްޓުމަކަށް އަތުވެއްޖެ ނަަމަ، ކަނޑުން ބޮން ހުސް ކުރުމުގެ މަސައްކަތް ކުރުމަކީ ވިސްނަވަން ޖެހޭ ކަމެއް ކަމަށެވެ. އަދި ހުއްޓުމެއް ޤާއިމުވެ، ކަނޑުގެ ބޮންތައް ހުރުމުގެ ސަބަބުން ދަތުރު ކުރުމަށް ހުރަސް އެޅިއްޖެ ނަމަ، އެއީ ވެސް ވިސްނަވަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ޖަޕާންގެ ޤާނޫނު އަސާސީގައި ސުލްޙަވެރި ކަމުގެ އުސޫލުތައް ހިމެނިފައިވާތީ، ޖަޕާންގެ ސިފައިންގެ މަސައްކަތް ތަކަކީ ހަނި ކޮށްލެވިފައިވާ ކަންކަމެވެ. ނަމަވެސް 2015 ވަނަ އަހަރުގެ ސަލާމަތީ ޤާނޫނުގައިވާ ގޮތުން، ޖަޕާންއާ ގާތް ސަލާމަތީ ބައިވެރި އަކަށް ހަމަލާއެއް ދީފި ވަގުތެއްގައި، ޖަޕާންގެ ސަލާމަތަށް ނުރައްކާވެ އެހެން ގޮތެއް ނެތް ނަމަ، ޖަޕާންގެ ސަލާމަތީ ބާރުތައް ބޭރަށް ފޮނުވުމުގެ ފުރުސަތު ވަނީ ދީފަ އެވެ.
ހޮރްމޫޒް ކަނޑު އޮޅިން ދަތުރު ކުރުމަށް ހުރަސްއެޅިފައިވާ ޖަޕާންގެ ބޯޓު ތަކަށް ދަތުރު ކުރުމުގެ ފުރުސަތު ހޯދައި ދިނުމަށް ވަގުތުން ވަގުރަށް ރާވަން ނިންމާފައިވާ ނުވާ ކަމަސް މޮޓެގީ ވިދާޅުވި އެވެ. ދުނިޔޭގެ ތެލުގެ ވިޔަފާރީގައެ ފަސްބައި ކުޅަ އެއްބައި ދަތުރު ކުރާ މި ކަނޑު އޮޅިން ހުރިހާ ބޯޓު ތަކަކަށް ދަތުރު ކުރެވޭނެ ޙާލަތު ޤާއިމު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ، ހުކުރު ދުވަހު ޖަޕާންގެ ކިޔޯޑޯ ނޫސް އެޖެންސީ އަށް ވިދާޅުވީ ހޮރްމޫޒް ކަނޑު އޮޅިން ޖަޕާންއާ ގުޅުންހުރި ބޯޓު ތަކަށް ދަތުރު ކުރުމުގެ ފުރުސަތު ދިނުމާ ބެހޭ ގޮތުން މޮޓެގީއާ މަޝްވަރާ ކުރެއްވި ކަމަށެވެ.
ޖަޕާން އަށް ބޭނުންވާ ތެލުގެ 90 އިންސައްތަ ލިބެނީ ހޮރްމޫޒް ކަނޑު އޮޅިންނެވެ. ހަނގުރާމައިގެ ސަބަބުން އީރާން އިން ވަނީ މި ކަނޑު އޮޅި ބަންދު ކޮށްފަ އެވެ. މިހާރު ހަތަރު ވަނަ ހަފުތާ އަށް ވާސިލުވެފައިވާ މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ އަގު އުފުލިގެން ދިޔުމުން ޖަޕާން އާއި އެހެން ޤައުމު ތަކަށް އެ ޤައުމު ތަކުގައި ރައްކާކޮށްފައިވާ ތެލުގެ ބައެއް ބޭނުން ކުރަން ފަށައިފަ އެވެ.
މަސްދަރު: ރޮއިޓާސް







