އަލިފާނުގެ ހާދިސާއާ ގުޅިގެން ވޯޓާސް ލިސްޓުގައި ސޮއިކުރުމުގެ މުއްދަތު ހޮނިހިރު ދުވަހާ ހަމައަށް އިތުރުކޮށްފި
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުގެ ފައިނަލް ރަޖިސްޓަރީގައި ސޮއިކުރުމުގެ ފުރުޞަތު، މި މަހުގެ 21 ވާ ހޮނިހިރު ދުވަހާ ހަމައަށް ސޯޝަލް ސެންޓަރުގައި ކުރިއަށް ގެންދިއުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައި. މިގޮތަށް ހަމަޖެއްސީ އިންތިޚާބީ މަރުކަޒު ކައިރީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން. އެހެންކަމުން ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައި ލިސްޓުތައް ކަށަވަރުކޮށް ސޮއިކުރުމުގެ ކަންކަން ނިންމުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފަ.


ވޯޓާސް ލިސްޓުގައި ސޮއި ކުރުމުގެ ވަގުތު އިތުރު ކޮށްފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން މެންދުރު 01:00 ގެ ނިޔަލަށް. | އިލެކްޝަންސް ކޮމިޝަން
އިންތިޚާބާބޭހޭ މަރުކަޒާ ޖެހިގެން ހުރި ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މެދުކަނޑާލި ވޯޓަރސް ލިސްޓުގައި ސޮއިކުރުމުގެ މަސައްކަތް، ކުރިއަށް އޮތް ހޮނިހިރު ދުވަހު ވެސް ކުރިއަށް ގެންދިއުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުރާސްފަތި ދުވަހު ކުރި އިއުލާނުގައި ވާގޮތުން، 4 އެޕްރީލް 2026 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު (2026/2) ގައިވާ ސުވާލަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި ބޭނުންކުރާ ފައިނަލް ރަޖިސްޓަރީގައި ސޮއިކުރުމުގެ މުއްދަތު މިހާރު ވަނީ އިތުރުކޮށްފަ އެވެ. އެގޮތުން 21 މާރިޗު ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން މެންދުރު 01:00 އާ ހަމައަށް ކެންޑިޑޭޓުންނަށް ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކަށް ސޮއިކުރުމުގެ ފުރުޞަތު އޮންނާނެ އެވެ.
މި މުއްދަތުގެ ތެރޭގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ދާއިމީ ލިސްޓުގައި ސޮއިކުރުމުގެ ކަންކަން ކުރިއަށްދާނީ ސޯޝަލް ސެންޓަރުގަ އެވެ.
އިންތިޚާބާބޭހޭ މަރުކަޒާ އިންވެގެން ހުރި ގުދަނެއްގައި ހިނގި މި އަލިފާނުގެ ހާދިސާގެ ސަބަބުން، އިންތިޚާބުގެ އިދާރީ ބައެއް މަސައްކަތްތަކަށް ވަނީ ބަދަލުތަކެއް ގެންނަން ޖެހިފައެވެ. ނަމަވެސް ކަނޑައެޅިފައިވާ ތާރީޚަށް އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން އިލެކްޝަންސް ކޮމިޝަނުން ވަނީ ދީފަ އެވެ.






