ގިނަ ބަޔަކަށް ބައިވެރި ނުވެވޭ ގޮތަށް ފެންނަ ނުފެންނަ ވޯޓުގެ ކަންކަން ތަރުތީބުކުރެވުމަކީ އިންތިހާބުގެ އިންސާފުވެރިކަމާމެދު ސުވާލު އުފެދޭނެ ކަމެއް: ވަހީދު
އިންތިޚާބާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް އެމްޑީޕީން އިލެކްޝަންސް ކޮމިޝަނާ ހިއްސާކޮށްފައިވާއިރު، މޮނިޓަރުންނަށް ދިން ވަގުތު އިތުރުކޮށްދިނުމުން އެ ޕާޓީން ވަނީ އެކަން ފާހަގަކޮށްފައި. ނަމަވެސް ރާއްޖެއިން ބޭރުގައި އުޅޭ ދިވެހިންނަށް ވޯޓުލުމުގެ ފުރުސަތު ހަނިވުމާއި، ވޯޓު ގުނުމުގެ ތަރުތީބާ މެދު ހުރި ޝަކުވާތަކަށް ކޮމިޝަނުން އެދެވޭ ހައްލެއް ދީފައިނުވާތީ އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ. މީގެ އިތުރުން ދައުލަތުގެ މީޑިއާގެ މިނިވަންކަމާ މެދު ސުވާލު އުފައްދައި، އިންތިޚާބުގެ މިނިވަންކަން ކަށަވަރުކުރުމަށް އެ ޕާޓީން ވަނީ ގޮވާލާފަ.


އެމްޑީޕީގެ އިލެކްޝަންސް ކޮމިޓީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ވަހީދު (ވ) ވާހަކަ ދައްކަވަނީ. | ރާއްޖެ އެމްވީ
ރާއްޖޭގެ ގިނަ ރައްޔިތުން ގޮތް ނިންމުމުގައި ބައިވެރިވާން ޖެހޭ ގައުމީ އިންތިހާބެއް އޮތް އިރުގައި، އެ އިންތިހާބުގައި ގިނަ ބަޔަކަށް ބައިވެރި ނުވެވޭނެ ގޮތަށް، ލަންކާ އިންޑިއާ އަދި މެލޭޝިޔާގައި ދިރިއުޅުއްވާ ރައްޔިތުންނަށް އިންތިހާބުގައި ވޯޓު ނުދެވޭނެ ގޮތަށް، ކަންކަން ތަރުތީބުވެގެން ދިއުމަކީ، އިންތިހާބު އިންސާފުވެރިކަމާ އެކު ކުރިއަށް ދާނެކަން ނުފެންނަކަމުގެ ހެއްކެއް ކަމަށް އެމްޑީޕީގެ ކައުންސިލް އިންތިހާބުގެ ތަރުޖަމާން އަބްދުﷲ ވަހީދު ވިދާޅުވެއްޖެ އެވެ.
ވަހީދު ވިދާޅުވީ، އިންތިޚާބުގެ ކަންކަން ތަރުތީބުވަމުންދާ ގޮތުން ގިނަ ބަޔަކަށް ވޯޓުލުމުގެ ފުރުސަތު ގެއްލިދާނެ ކަމުގެ ބިރު އެބައޮތް ކަމަށާއި، މިނިވަން މުއައްސަސާތަކުގެ މައްޗަށް ސަރުކާރުގެ ނުފޫޒު އޮތްކަން ފާހަގަކުރެވޭ ކަމަށެވެ.
ވަހީދު ވިދާޅުވި ގޮތުގައި އެމްޑީޕީން އެންމެ ބޮޑަށް އެދުނު އެއް ކަމަކީ މޮނިޓަރުންނާއި އޮބްޒާވަރުން އައްޔަން ކުރުމަށް ދީފައިވާ ވަގުތު އިތުރުކޮށްދިނުމަށެވެ. އެ ކަންބޮޑުވުމަށް އިލެކްޝަންސް ކޮމިޝަނުން އިޖާބަދީ، އެ ވަގުތު މިހާރު އިތުރުކޮށްދީފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. ނަމަވެސް، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ވޯޓުލެވޭނެ އިންތިޒާމު ހަމަޖެއްސުމަށާއި، އަލުން ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލުމަށް އެދިފައިވީ ނަމަވެސް، އެ ކަންކަން މިހާރު ނިމިފައިވާތީ އިތުރު ފުރުސަތެއް ނެތް ކަމަށް ކޮމިޝަނުން ޖަވާބު ދީފައިވާ ކަމަށް ވަހީދު ވިދާޅުވި އެވެ.
އަޅުގަނޑަށް ފާހަގަވެފައި އޮތީ ސަރުކާރުގެ ނުފޫޒުގެ ތެރެއިން ރާއްޖޭގެ މިއަދުގެ މިނިވަން މުއައްސަސާތައް އަމަލުކުރަމުންދާ ގޮތް. ހާއްސަކޮށް މި އިންތިހާބާއި ގުޅިގެން އިލެކްޝަން ކޮމިޝަން މައްޗަށް އޮތް ނުފޫޒުގެ ވާހަކަ އަޅުގަނޑުމެން ދައްކަނީ. އެހެންވީމަ އެ ކަންބޮޑުވުން އަޅުގަނޑުމެން ހާމަކުރަން ޖެހުނީ ރާއްޖޭގެ ގިނަ ބަޔަކަށް ވޯޓު ނުލެވޭނެ ގޮތަކަށް މި އިންތިހާބު ތަރުތީބުވަމުންދާތީ. އިލެކްޝަން ކޮމިޝަނުން އަޅުގަނޑުމެން ފޮނުވި ޖަވާބުގައި ވެސް ވަނީ އެބޭފުޅުންނަށް ކަންކަން މިހާރު ނިމިފައިވާތީ އިތުރަށް ވޯޓުލާ ފޮށިތައް ބެހެއްޓުމުގެ ޖާގަ ނެތްކަމުގައި. އަޅުގަނޑުމެންގެ އިންތިހާއަށް ކަންބޮޑުވުން އެބައޮތް. ހާއްސަކޮށް ލޯކަލް ކައުންސިލް އިންތިހާބާ އެކީގައި ގައުމީ އިންތިހާބެއް އޮންނައިރުގައި ރާއްޖޭގެ ގިނަ ރައްޔިތުން ގޮތް ނިންމުމުގައި ބައިވެރިވާން ޖެހޭ އިންތިހާބަކަށް ވާއިރުގައި، އެ އިންތިހާބުގައި ބައިވެރި ނުވެވޭނެ ގޮތަށް، ހާއްސަކޮށް ލަންކާ އިންޑިއާ އަދި މެލޭޝިޔާގައި ދިރިއުޅުއްވާ ރައްޔިތުންނަށް މި އިންތިހާބުގައި ވޯޓު ނުދެވޭނެ ގޮތަށް، މި އިންތިހާބު ތަރުތީބުވެގެން ދިއުމަކީ، މި އިންތިހާބުގެ އިންސާފުވެރިކަމާ އެކުގައި މި އިންތިހާބު ކުރިއަށް ދާނެކަން ނުފެންނަކަމުގެ ހެއްކެއް.އިންތިހާބުގެ ތަރުޖަމާން އަބްދުﷲ ވަހީދު
ވަހީދު ވަނީ ސަރުކާރުގެ ނުފޫޒަށް ތަބާވެގެން އިންތިހާބު މިނިވަން އިންސާފުވެރި ނުވާނެ ގޮތަކަށް ކަންކަން ބައްޓަން ނުކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮވާލާފަ އެވެ. ވަހީދު ވިދާޅުވީ ކައުންސިލް އިންތިހާބާ އެކުގައި ފެންނަ ނުފެންނަ ވޯޓެއް ނަގަން އިލެކްޝަންސް ކޮމިޝަނުން އެއްބަސްވެފައިވަނީ ކޮން ގޮތަކުން ތައްޔާރުވެގެން ކަމެއް ނޭނގޭ ކަމަށެވެ.
ވޯޓު ގުނުމުގައި ހުރި ކަންބޮޑުވުންތައް އަޅުގަނޑުމެން އިލެކްޝަންސް ކޮމިޝަނާއި ހިއްސާ ކުރިން. އެއީ ކައުންސިލް އިންތިހާބުގެ ވޯޓަށްފަހުގައި ރެފަރަންޑަމް ވޯޓު ގުނާތީ އަޅުގަނޑުމެން އެދުނިން ރެފަރަންޑަމް ވޯޓު އެންމެ ފުރަތަމަ ގުނާފައި ކައުންސިލް އިންތިހާބުގެ ވޯޓު ފަހުން ގުނަން. ސަބަބަކަށް ވެގެންދިޔައީ، ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓު ގުނުމަށްފަހުގައި ގިނަ ބަޔަކު ހޯލް ދޫކޮށް ލިޔުމުގެ ފުރުޞަތު އޮތީމަ. ދެން އޮތް މަރުޙަލާ ލަސްވެގެންދާއިރުގައި އެތަނުގައި ބަޔަކު ނެތި އެ ވޯޓު އޮޅުވާލައި، ވޯޓުގެ ސައްޙަކަން ގެއްލިދާނެ އެތައް ކަމެއް ހިނގުމުގެ ފުރުޞަތު އޮތީމަ. އެހެންނަމަވެސް، އިލެކްޝަނުން އަޅުގަނޑުމެންނަށް ޖަވާބު ފޮނުވާފައި އޮތީ، ލޯކަލް ކައުންސިލް އިންތިޚާބާ ކެނޑޭޓުންނާ ގުޅުންހުރީމާ އެ އިންތިޚާބަށް އޮތް ޝައުޤުވެރިކަން ބޮޑުވެގެންދާނެތީތީވެ ފުރަތަމަ އައިސް ގުނާނެ ވޯޓެއްގެ ގޮތުގައި އެ ވޯޓު ވެގެންދާ ވާހަކަ. އަޅުގަނޑުމެން މި އެދެނީ މިނިވަން އިންސާފުވެރި އިންތިޚާބެއް މި ރާއްޖޭގައި ބޭއްވުމަށްޓަކައި. މިނިވަން އިންސާފުވެރި އިންތިޚާބެއް ނޫން ގޮތަކަށް އިންތިޚާބުތައް ބޭއްވެގެންދިޔުމަކީ ޑޮމޮކްރަސީއަށް ހުރީ ވަރަށް ދެރަ ކަމެއް. ޤާނޫނުއަސާސީގެ ރޫހާ ޚިލާފަށް މިއަދުގެ ސަރުކާރުން ކަންކަން ކުރަމުންދާތީވެ، އެ ކަންކަމުގެ މައްޗަށް ތަބާވެގެން މިއަދުގެ އިލެކްޝަންސް ކޮމިޝަން ހިނގަމުންދާދިޔުމަކީ ދެރަ ކަމެއް. އެކަން އެގޮތަށް ނުވާނެ ގޮތަށް މަސައްކަތް ދިނުމަށް އަޅުގަނޑުމެން އެދުނީ.އިންތިހާބުގެ ތަރުޖަމާން އަބްދުﷲ ވަހީދު
މީގެ އިތުރުން، ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ މިނިވަންކަމާ މެދު ވެސް އެމްޑީޕީން ވަނީ ސުވާލު އުފައްދާފަ އެވެ. ވަހީދު ވިދާޅުވީ ޕީއެސްއެމް އިން ވަކި ފަރާތަކަށް ޖެހިގެން ސަރުކާރު ޕްރޮމޯޓް ކުރަމުންދާ ކަމުގެ ޝަކުވާ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި ޕީއެސްއެމްއާ ބައްދަލުކުރުމުން، ބައެއް ޕްރޮގްރާމްތަކުގައި ވަކި ފަރާތަކަށް ޖެހިފައިވާކަން އެ ފަރާތުން ގަބޫލުކޮށްފައިވާ ކަމަށާއި، އިދިކޮޅު ފަރާތްތަކުގެ ބަސް ވެސް ގެނެސްދިނުމާ މެދު ދެވަނަ ވިސްނުމަކަށް ދާނެ ކަމަށް ޕީއެސްއެމް އިން ބުނެފައިވާ ކަމަށް ވަހީދު ވިދާޅުވި އެވެ.
އެމްޑީޕީން ވަނީ ގާނޫނުއަސާސީގެ ރޫހާ ޚިލާފަށް ސަރުކާރުން ކުރާ ކަންކަމަށް ތަބާނުވުމަށާއި، އިންތިޚާބުގެ މިނިވަންކަން ކަށަވަރުކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮވާލާފަ އެވެ. އިންތިޚާބުތަކަކީ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ފުރުސަތު ލިބޭ، ނުފޫޒުން އެއްކިބާވެފައިވާ ކަންކަމަށް ހެދުމަށް އެ ޕާޓީން ދަނީ ބާރުއަޅަމުންނެވެ.






