މިނިވަން މުއައްސަސާތަކުން މެންޑޭޓުގެ ތެރެއިން މަސައްކަތް ނުކުރާނަމަ އެ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ހާޒިރުކުރާނެ ކަމުގެ އިންޒާރު އެމްޑީޕީ އިން ދީފި
ކުރިއަށް އޮތް އިންތިޚާބަށް ނުފޫޒު ފޯރުވުމަށްޓަކައި ސަރުކާރުން މުވައްޒަފުންނަށް ބިރުދައްކައި، ރާއްޖޭން ބޭރުގައި ތިބި ދިވެހިންނަށް ވޯޓުލުމުގެ ފުރުޞަތު ހަނިކުރަމުންދާ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަބްދުލްޣަފޫރު މުސާ ތުހުމަތު ކުރައްވައިފި. ދައުލަތުގެ މުއައްސަސާތަކުން މިފަދަ މައްސަލަތައް ބަލައި، ގާނޫނީ ޒިންމާ އަދާނުކުރާނަމަ އެ ފަރާތްތައް ޖަވާބުދާރީ ކުރުވާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފަ. އަދި ސަރުކާރުގެ އޮތުމާއި ނެތުން ނިންމާނީ ރައްޔިތުންގެ ވޯޓުން ކަމަށާއި، މި އިންތިޚާބު އެމްޑީޕީން ކާމިޔާބު ކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށްވެސް އޭނާ ވިދާޅުވި.


އެމްޑީޕީގެ ޗެއަރޕާސަން އަބްދުލްޣަފޫރު މުސާ (ގަޕޯ) | ރާއްޖެ އެމްވީ
ދައުލަތުގެ މުއައްސަސާތަކުންއިންތިހާބާއި ގުޅޭ މައްސަލަތައް ބަލާނެ ކަމުގެ ޔަޤީންކަމެއް ނެތް ކަމަށާއި، ނަމަވެސް އިލެކްޝަންސް ކޮމިޝަނާއި، އޭސީސީ އަދި މީޑިއާ ކައުންސިލް ފަދަ މުއައްސަސާތަކުން ގާނޫނީ މެންޑޭޓުގެ ތެރެއިން މަސައްކަތް ނުކުރާނަމަ އެ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ހާޒިރުކުރާނެ ކަމުގެ އިންޒާރު އެމްޑީޕީގެ ޗެައަރޕާސަން އަބްދުލްޣަފޫރު މޫސަ ދެއްވައިފި އެވެ.
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޣަފޫރު ވިދާޅުވީ، ރާއްޖޭގެ ތާރީޚުގައިވެސް ކައުންސިލް އިންތިޚާބަކަށް ނުފޫޒު ނުފޯރުވާ މިންވަރަށް މި ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށެވެ. އެގޮތުން މިއަހަރުގެ ޖަނަވަރީ، ފެބުރުވަރީ އަދި މާރިޗު މަހުގެ ތެރޭގައި ގިނަ އަދަދެއްގެ ބަޔަކަށް ވަޒީފާ ދީފައިވަނީ އިންތިޚާބު "ވަގަށް ޖަހައިގަތުމުގެ" ވިސްނުމެއްގައި ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ. މީގެ އިތުރުން، ކުރިން ވަޒީފާތަކުގައި ތިބި މުވައްޒަފުންނަށް ބިރުދައްކައި، އެމީހުން މަސައްކަތްކުރާ ރަށް ނޫން އެހެން ތަންތަނަށް ބަދަލުކޮށް ވޯޓު ނުލެވޭނެ ގޮތްތައް ހަދަމުންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ޣަފޫރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ވޯޓުލުމުގެ ފުރުޞަތު ގަސްތުގައި ހަނިކޮށް، އެމްބަސީތަކުގެ މުވައްޒަފުންނާއި އެމީހުންގެ އާއިލާތައް ސަރުކާރުގެ ޚަރަދުގައި މާލެ ގެންނަމުންދާ ކަމުގެ ހެކި އެބަހުއްޓެވެ. މިފަދަ ކަންކަން ހިނގަމުންދާއިރު، ދައުލަތުގެ މުއައްސަސާތަކުން މި މައްސަލަތައް ބަލާނެ ކަމުގެ ޔަޤީންކަމެއް ނެތް ކަމަށާއި، ނަމަވެސް އިލެކްޝަންސް ކޮމިޝަނާއި، އޭސީސީ އަދި މީޑިއާ ކައުންސިލް ފަދަ މުއައްސަސާތަކުން ގާނޫނީ މެންޑޭޓުގެ ތެރެއިން މަސައްކަތް ނުކުރާނަމަ އެ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ހާޒިރުކުރާނެ ކަމުގެ އިންޒާރު އޭނާ ދެއްވި އެވެ.
ދައުލަތުން، މުއައްސަސާތަކުން ޔަޤީންކުރަންޖެހޭނެ ޤާނޫނުއަސާސީގެ ހަމަތަކުގެ ތެރެއަކަށް އެ ބޭފުޅުންގެ މުއައްސަސާ ހިނގަމުންދަނީ. އެނޫން ގޮތެއްގައި ދާނަމަ، އަޅުގަނޑުމެން އެ ބޭފުޅުން ގާނޫނު ކުރިމައްޗަށް ހާޒިރުކުރާނަން، ވަރަށް ސާފުކޮށް މި ބުނަނީ ހާޒިރުކުރާނަމޭ. އެއީ، އިލެކްޝަންސް ކޮމިޝަން ކަމުގައި ވިޔަސް، އަދި ޕީ.އެސް.އެމް ކަމުގައި ވިޔަސް، އަދި އެންޓި ކޮރަޕްޝަން ކޮމިޝަން ކަމުގައި ވިޔަސް، އަދި މީޑިއާ ކައުންސިލު އެ ބޭފުޅުންނަށް އޮންނާނެ ގާނޫނީ މެންޑޭޓުތަކެއް ދީފައިވާ މެންޑޭޓުތަކުގެ ހިފަހައްޓައިގެން އެ ބޭފުޅުން މަސައްކަތްކުރަންޖެހޭނީ. ވިސްނާލަން އެބަޖެހޭ ސަރުކާރުތައް އައިސް ބަދަލުވަމުން މިތާ ގޮތް. ބަލައިނެތޭ އެއްވެސް ފަހަރަކު މި ފަސް އަހަރުގެ ޓާމަކަށް ވުރެ ގިނައިން އެއްވެސް ސަރުކާރެއް މިތާނގައި ފައި ހަރުކުރެވިފައެއް.އެމްޑީޕީގެ ޗެއަރޕާސަން އަބްދުލްޣަފޫރު މުސާ (ގަޕޯ)
ސަރުކާރު ބަދަލުވުމުގެ އުސޫލާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަބްދުލްޣަފޫރު ވިދާޅުވީ، ރާއްޖޭގައި އެއްވެސް ސަރުކާރަކަށް ފަސް އަހަރަށްވުރެ ގިނަ ދުވަހު ފައި ހަރުކޮށްލެވިފައި ނުވާ ކަމަށެވެ. އެއީ ވޯޓު ކަރުދާސްކޮޅުގެ ކުލައިން ވާކަމެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ ވިސްނުމުން ވާކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން މި ސަރުކާރުވެސް ފަސް އަހަރަށްވުރެ އިތުރަށް އޮންނާނެ ކަމަށް ގަބޫލުކޮށްގެން ނުވާނެ ކަމަށާއި، ސަރުކާރުގެ އޮތުމާއި ނެތުން ނިންމާނީ ރައްޔިތުންގެ ވޯޓުން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، ފެނަކަ ފަދަ ކުންފުނިތަކުގެ ސީނިއަރ މުވައްޒަފުން ނުކުމެ، ވަކި ގޮތަކަށް ވޯޓު ނުދީފިނަމަ ވަޒީފާއިން ވަކިކުރާނެ ކަމަށް ބުނެ ބިރުދައްކަމުންދާ ކަމަށް އަބްދުލްޣަފޫރު ވިދާޅުވި އެވެ. އޭނާ ވަނީ އެފަދަ އިންޒާރުދޭ މީހުންގެ ނަންތައް ނޯޓުކުރުމަށް އިލްތިމާސްކުރައްވައި، އެއީ ގާނޫނީ ކުށެއް ކަމަށާއި އެކަމަށް ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފަ އެވެ. އެމްޑީޕީގެ ވެރިކަމުގައި އެއްވެސް މީހަކަށް ވަޒީފާގެ ބިރުދައްކާފައި ނުވާނެ ކަމަށާއި، ސަރުކާރުން ދައްކާ ބިރަށް ރައްޔިތުން ސަލާމް ޖަހަން ނުޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަޅުގަނޑު ހަމަ ހުރިހާ ބޭފުޅުންނަށް ހަމަ ދަންނަވަން، ހަމަ ހެއްކާ އެއްކޮށް މިހެން ވިދާޅުވާ ބޭފުޅުންގެ ނަމާއި ހުރިހާ އެއްޗެއް ނޯޓުކޮށްވާ. ގާނޫނީ ކުށެއް އެއީ، ވޯޓު ނުދީފިއްޔާ ކަނޑާލަން ބުނުން އެއީ. އަޅުގަނޑުމެން ފިޔަވަޅުއަޅާނަން. އަޅުގަނޑުމެން ފަސް އަހަރު ދުވަހު ވެރިކަން ކޮށްފައި މި ތިބީ. އަހާއިރު އަޅުގަނޑުމެން ދާއިރާތަކުގައި އެއްވެސް މީހަކަށް ބިރުދެއްކިންތޯ. އެއްވެސް މީހަކު ޖަގަހައެއް ނިކުންނަ އެންގިންތޯ. ނުކުރަން އެއްވެސް ކަމެއް. އެހެންވީމާ، މިއަދު ވެސް އަލަކަށް އިތުރަކަށް ގާނޫނެއް ހަދައިގެން ނުޖެހޭނެ، ވޯޓު ނުދިނަސް ކަނޑައެއްވެސް ނުލެވޭނެ ނުޖެހޭ ނިކުންނާކަށް ވެސް.އެމްޑީޕީގެ ޗެއަރޕާސަން އަބްދުލްޣަފޫރު މުސާ (ގަޕޯ)
ނޫސްވެރިންގެ ބައްދަލުވުން ނިންމަވާލައްވަމުން އަބްދުލްޣަފޫރު ވިދާޅުވީ، މި އިންތިޚާބަކީ އިންސާފުވެރި އިންތިޚާބަކަށް ހެދުމަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކަކަށް ގޮވާލާ ކަމަށެވެ. އަދި މިހާރުގެ ހާލަތަށް ބަލާއިރު، ރައްޔިތުން މި ސަރުކާރާއެކު އިތުރަށް ނުތިބޭނެ ކަމަށާއި، އިންތިޚާބުގެ ނަތީޖާ އެމްޑީޕީއަށް ކާމިޔާބުވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.






