އިންތިޚާބު އެއްކޮށްލުމުގެ ވޯޓާ ގުޅުންހުރި އިއްތިފާގުތައް
ދެއިންތިޚާބު އެއްކޮށްލުމުގެ ވޯޓު ނަގާނެ އިންތިޚާބު ބާއްވާނެ ދުވަހެއް ފުރަތަމަ އިއުލާން ކުރީ ޕީއެންސީ ހަރުގޭގައި. އޭރު އަދި އިލެކްޝަންސް ކޮމިޝަނުން އެކަމެއް ނުކުރޭ. އެކަމަކު ޕީއެންސީގެ ޕީޖީ ލީޑަރު ވިދާޅުވި ދުވަހާ އިލެކްޝަނުން އިންތިޚާބު ބާއްވަން ނިންމި ދުވަހަކީ ބޮޑު އިއްތިފާގެއް.


އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން | އިލެކްޝަންސް ކޮމިޝަން
ސަރުކާރުން ކުރާ ގިނަ ކަންކަމާއި އެކިއެކި އިއްތިފާގުތައް ގުޅިލާމެހެ އެވެ. ޚާއްޞަކޮށް މުިއްޒު ވިދާޅުވާ ވިދާޅުވުންތަކާއި އެކަމުގެ ފަހަތުން ދެން ހިނގާ ކަންކަމަކީ އިއްތިފާގުތަކެއް ކަމުގައި ބުނެވެ އެވެ.
ބޭންކް އޮފް މޯލްޑިވްސްއިން މާލީ މަޣާވާތެއް ހިންގަން އުޅުނުކަން އިއުލާން ކުރެއްވީ ސީދާ މުިއްޒެވެ. ޕީއެންސީ ހަރުގޭގަ އެވެ. އެކަމާ ގުޅުންހުރި ތަހުގީގެއްކަމަށް ބުނެ ތަހުގީގު އޭރު ނުވެސް ފަށަ އެވެ. އެކަމަކު އެކަމަށްފެށި ތަހުގީގް ވެގެން ދިޔައީ އިއްތިފާގަކަށެވެ. އަދި އަދަދަށް ދާންދެންވެސް އެތަހުގީގަށް އެނގުނު އެއްޗެއް ނެތެވެ. އެކަމަކު އިއްތިފާގުން ބޭންކުގެ ވެރިން އެވަގުތުގައި ރިޓަޔަރް ކުރައްވާ ވަޒީފާއިންވެސް ވަކިވި އެވެ. އެވެސް ވީ އިއްތިފާގަކަށެވެ. އެމްއެމްއޭ ބޯދުގެ ބޭފުޅުން ވަކިވުމާ ޑޮލަރަށް ގެނައި ބަދަލާވެސް ދިމާވީ އިއްތިފާގަކުންނެވެ. ޕެންޝަން ބޯޑު މެދުވެރިކޮށް ހިންގާ ފައިސާގެ ޗާޕް ކުރުމުގެ މުއާމަލާތާ އެބޯޑުގެ މެންބަރުން އިސްތިއުފާ ދިނުމާވެސް ޕީއެންސީން އަދި ސަރުކާރުން ގުޅުވާލަނީ އިއްތިފާގާ އެވެ.
މިކަހަލަ އެތައް އެތައް އިއްތިފާގުތަކެއް މިސަރުކާރުން ކުރާ ކަންކަމުގައާއި ހަރުގެ ޖަލްސާތަކުގައި މުިއްޒާއި ޕާޓީގެ ބޮޑުންނަށް ވިދާޅުވެވޭ ވާހަކަތަކާއި އިއްތިފާގުތަކާއި ގުޅިގެންދެ އެވެ. އެބީދައިން ބަލާއިރު މިވަގުތު އޮތް އެންމެބޮޑު އިއްތިފާގަކީ ނަގަން އުޅޭ އިންތިޚާބު އެއްކޮށްލުމުގެ އިއްތިފާގެވެ. އިންތިޚާބު އެއްކޮށްލުމުގެ ވާހަކަ ދެއްކީ ކުއްލިއަކަށެވެ. އެކަމަށްޓަކައި މަޖިލީހަށް ހުށަހަޅާ އެކަން ކުރީވެސް ކުއްލިއަކަށެވެ. އިއްތިފާގުން މަޖިލީހުގެ ދައުރުން ބޭރުގަ އެވެ. އެކަމަކު އަވަސް އަރުވާލާފައި ދައުރުން ބޭރުން ކުއްލިއަކަށް ބާއްވަން ޖެހުނު ޖަލްސާގައި އިއްތިފާގުން އެޖެންޑާގައި އޮތީ އެމައްސަލަ އެވެ. މައްސަލައިގެ މާބޮޑު ބަހުސެއް ކުރާކަށް މެންބަރުން ބޭނުމެއް ނުވި އެވެ. އެވެސް ބޮޑު އިއްތިފާގެކެވެ. ޕީއެންސީ މެންބަރުން ބޭނުން ނުވުމުގެ އިއްތިފާގެވެ. އެއާއެކު މާގިނަ ވަގުތެއް ހޭދަކުރަން ނުޖެހި ކޮމޭޓީ މަރުހަލާވެސް ނިންމާލެވުނީ މެންބަރުން ކަންކުރެއްވި އަވަސް ގޮތުގެ އިއްތިފާގުގެ ސަބަބުންނެވެ.
މަޖިލީހުން ފަސޭހަކަމާއެކު ބިލް ފާސްކޮށް ތަސްދީގް ކުރަން ފޮނުވުމާއެކު ރައްޔިތުންގެ ރެފަރަންޑަމް ވޯޓަށް އަހަން ރައީސުލް ޖުމްހޫރިއްޔާ ބޭނުންވީތީ ބާއްވަން ޖެހޭ އިންތިޚާބު އޮންނާނޭ ދުވަސް އިއުލާން ކުރެއްވީ އިލެކްޝަންސް ކޮމިޝަނަށްވުރެ ކުރިން ޕީއެންސީގެ ޕީޖީ ލީޑަރެވެ. އެކަމަކު އިލެކްޝަނުން އެއިންތިޚާބު ބާއްވަން ނިންމި ދުވަހަކީ ފަލާހުވެސް ވިދާޅުވި ދުވަހަށް ވުމަކީ ބޮޑު އިއްތިފާގެކެވެ. އޭގެ ކުރިން އަދި މާބޮޑު އިއްތިފާގެއްވެސް ދިޔަ އެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް ސިއްރު ސިއްރުން ރައީސުލް ޖުމްހޫރިއްޔާއާ ބައްދަލު ކުރެއްވުމެވެ. އިންތިޚާބު އެއްކޮށްލުމުގެ މަރުހަލާ ފެށުނީ އޭގެ ފަހުންނެވެ. އެކަމަކު އެބައްދަލު ވުމަކީވެސް ދިމާވި ބޮޑު އިއްތިފާގެކެވެ.
މިފަފަދަ ގޮތަކަށް މުޅި ރައްޔިތުން ގޮތްނިންމާން ނަގާ ވޯޓެއްގައި ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. ރަނގަޅު ނުބައި ސާފުވުމަށެވެ. އެންމެ ރަނގަޅު ގޮޅީގައި ފާހަގަ ޖެހުމަށެވެ. މިކަން ކުރުމުގައި އެންމެ އައުލާކަން ބޮޑު ބަޔަކީ އިލެކްޝަންސް ކޮމިޝަނެވެ. އެކޮމިޝަނުން އެކަން ކުރުމަށް ލާއިގް އެއް ޕްލެޓް ފޯމަކީ ރައްޔިތުންގެ ފައިސާއިން ހިންގާ ދައުލަތުގެ ޓީވީއެވެ. އެކަމަކު ވަރަށް ދެރަ އެވެ. ދިމާވީ ރަމަޟާން މަހާ އެވެ. އެވެސް އިއްތިފާގެކެވެ. ދީނީ ޕްރޮގްރާމްތަކަށާއި މުނިފޫހި ފިލުވުމުގެ ޝޯވތަކަށް މުޅި އޮންއެއަރ ހުސްވެފައެވެ. އެވެސް އަނެއް އިއްތިފާގެވެ. އިއްތިފާގުން އޮންއެއަރއިން ޖާގައެއް ލިބުމަކީ އުނދަގޫ ކަމެކެވެ.
ކުއްލިއަކަށް ފެނުނީ ގޮތް ނިންމާ ވޯޓާ ގުޅުންހުރި ޝޯވތަކެއް ޓީވީ މޯލްޑިވްސްއިން ގެންނާން ފެށިތަނެވެ. ކުރިއަށް އޮތް ދެއިންތިޚާބު އެއްކޮށްލުމުގެ ވޯޓާ މި ޝޯވއާ ދިމާވުމަކީވެސް އިއްތިފާގެކެވެ. އަދި އެ ޝޯވގައި ސަރުކާރު ބޭނުންވާ ގޮތައް އިންތިޚާބު އެއްކޮށްލުމަށް ބާރު އެޅުމަކީވެސް އިއްތިފާގުންވީ ކަމެކެވެ. މުޅިންވެސް އެކަމުގެ ފައިދާ ރައްޔިތުންނަށް އަންގައިދިނުމަކީ ޝޯވ ހުށަހަޅާ ޕްރެޒެންޓަރު ކުރާ ކަމަކަށްވުރެ ބޮޑަށް އެވެސް އިއްތިފާގެކެވެ. އިއްތިފާގުން އެޝޯވތަކުން މިހާތަނަށް ޖާގަ ލިބުނީވެސް މުޅިންވެސް އެދެއިންތިޚާބު އެއްކޮށްލުމަށް ތާއީދު ކުރާ މީހުންނަށެވެ. ގާނޫން އަސާސީ އެކުލަވާލި ޚާއްޞަ މަޖިލީހުގެ މެންބަރުންގެ ތެރެއިންވެސް އެޝޯވްއިން ޖާގަ ލިބެނީ ހަމައެކަނި އިންތިޚާބު އެއްކޮށްލުމުގެ ވިސްނުން ހުރި މީހުންނަށެވެ. އެއީ ކުރީގެ ސަރުކާރުގައި ވަޒީރުންގެ ގޮތުގައި ތިބެ ކޮޅު ބަދަލު ކޮށްލައިގެން އެމްބެސެޑަރުކަން ލިބުނު ބޭފުޅުންނަށް ވުމަކީވެސް އިއްތިފާގެކެވެ. މިފަހަރުވެސް ބޮޑު އިތުރު އިއްތިފާގެއްވެސް އެބައޮތެވެ. ރައީސުލް ޖުމްހޫރިއްޔާގެ ޕްރޮމޯޝަނަށް ހިންގި ޕޮޑްކާސްޓްގެ ހޯސްޓް މިކަން ކުރުމުގެ ކުޑަދުވަސްކޮޅެއް ކުރިން ޕީއެންސީގެ އެމްޑީ ކަމަށް އައްޔަން ކުރުމެވެ. ކުރިން ހުންނެވި ބޭފުޅާ އެހެން މަގާމަކަށް ބަދަލުކޮށް ޕީއެސްއެމްގެ އެމްޑީކަމަށް ޝަކީބު ހަމަޖެއްސުމެވެ. ފަހަރެއްގައިވެސް މިއީކީ އެނގިގެން ރޭވިގެން ކުރިކަމެކޭ ނުބުނާނަމެވެ. ސީދާ މުތުލަގަށް މިއީވެސް އިއްތިފާގެކެވެ.
ކޮންމެއަކަސް ކުރިއަށް އޮތް ދެއިންތިޚާބު އެއްކޮށްލުމާ ގުޅޭ މިފަދަ އެތައް އިއްތިފާގުތަކެއް ދަނީ ފެންނަމުންނެވެ. ވަޒީފާތަކަށް މީހުން ބޭނުންވުމާއި އިތުރު ޑެޕިއުޓީ ސީއީއޯތައް ކުންފުނިތަކަށް ލާން ޖެހުމެވެ. ވައުދުމައްޗަށް ވައުދުތައް ވާންޖެހުމާއި ބިންގާ މަތީ ބިންގާ އަޅަން ޖެހުންފަދަ އިއްތިފާގުތަކެވެ. ފެންނަ ފެނުމަށް މިފަދަ އެތައް އިއްތިފާގުތަކެއް އަދި ފެންނާނެއެވެ. ދުނިޔޭގައި ތިބި ބަޔަކު ބަލަންތިބެމާ ބަހީއެވެ. ގޮތް ނިންމާނީ ރައްޔިތުންނެވެ.





