ހިނގަހިނގާ އޮންނަ ސަރުކާރެއްް ޖަވާބުދާރީ ކުރުވުމުގެ ހައްގު ދިފާއުކުރުމަށްޓަކާ، ދެ އިންތިހާބު އެއްކޮށްލާ ވޯޓުގައި ނޫނެކޭ ބުނަން ޖެހޭ: މީކާއިލް
ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ރައްޔިތުންނަށް ލިބިދޭ ބާރު ކުޑަވެ، ހުދުމުހުތާރު ވެރިކަމަކަށް މަގުފަހިވާނެ ކަމެއް ކަމަށް މެމްބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެ. އެހެންކަމުން، ރައްޔިތުންގެ ބާރުވެރިކަން ދެމެހެއްޓުމަށްޓަކައި އަންނަ އޭޕްރީލް މަހު ނަގާ ފެންނަ ނުފެންނަ ވޯޓުގައި މި ބަދަލާ ދެކޮޅަށް "ނޫނެކޭ" ބުނުމަށް އޭނާ ގޮވާލެއްވި.


ރާއްޖެ ޓީވީ އިން ގެނެސްދޭ ނޫނެކޭ ކެމްޕެއިން ޕްރޮގްރާމްގައި މީކާއިލް ވާހަކަދައްކަވަނީ. | ރާއްޖެ އެމްވީ
ދިވެހި ރައްޔިތުންނަށް ލިބިގެންވާ ހިނގަހިނގާ އޮންނަ ސަރުކާރެއް ޖަވާބުދާރީ ކުރުވުމުގެ ހައްގު ދިފާއުކުރުމަށްޓަކައި، އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ނަގާ ފެންނަ ނުފެންނަ ވޯޓުގައި، ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅަށް ރައްޔިތުން "ނޫނެކޭ" ބުނަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
މީކާއިލް މިހެން ވިދާޅުވީ ބުދަ ދުވަހުގެ ރޭ ރާއްޖެ ޓީވީން ގެނެސްދިން "ނޫނެކޭ" ކެމްޕެއިން ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
މި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މީކާއިލް ވިދާޅުވީ، ދިވެހި ދައުލަތުގެ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށްވާއިރު، އެ ބާރު ދެއްކެން އޮންނަ ހަމައެކަނި ވަސީލަތަކީ ވޯޓު ކަރުދާސް ކަމަށެވެ. ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމަށް މި ސަރުކާރުން ނަގަން އުޅޭ ވޯޓަކީ ރައްޔިތުންނަށް ވޯޓުކަރުދާސް ލިބޭ މިންވަރު މަދުކޮށް، ހިނގަހިނގާ އޮންނަ ސަރުކާރެއް ޖަވާބުދާރީ ކުރުވުމަށް ރައްޔިތުންނަށް ލިބިދޭ ހައްގު ނިގުޅައިގަތުމުގެ ގޮތުން ކުރާ ކަމެއް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
އެހެންކަމުން، ރައްޔިތުންގެ ބާރުވެރިކަން ދެމެހެއްޓުމަށާއި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ފުރުސަތު ހަނިވިޔަ ނުދިނުމަށްޓަކައި، އޭޕްރީލް 4 ގައި ނަގާ ވޯޓުގައި "ނޫނެކޭ" ބުނުމަކީ ކޮންމެހެން ކުރަންޖެޙޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ދިވެހި ދައުލަތުގެ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން، އަދި އެބާރު ދެއްކެން އޮންނަނީ ވޯޓު ކަރުދާހުން. ވޯޓު ކަރުދާށް ލިބުން މަދުކުރަން، ހިނގަހިނގާ އޮންނަ ސަރުކާރެއް ޖަވާބުދާރީ ކުރުވުމުގެ ހައްގު އަޅުގަނޑުމެންގެ އަތުން އަތުލަން މި އިންތިހާބު މި ގެންނަނީ. އެހެންވީމަ އަޅުގަނޑުމެންގެ އަތުގަ އޮތް ބާރެއް ދޫކޮށްލާކަށް އަޅުގަނޑުމެން ހެޔޮނުވާނެ. އަޅުގަނޑުމެން މި އިންތިހާބުގާ ހިނގަހިނގާ އޮންނަ ސަރުކާރެއް ޖަވާބުދާރީކުރުވުމުގެ ހައްގު ދިފާއުކުރުމަށްޓަކާ ނޫނެކޭ ޖަހަން އެބަޖެހޭ.ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް
އިންތިހާބުތައް މަދުވުމުން ގައުމުގެ ހަމަޖެހުމަށް ރަނގަޅު އަސަރުތަކެއް ކުރާނެ ކަމަށް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ދައްކާ ވާހަކަތަކަށް މީކާއިލް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ މި ބީދައިން، އިންތިހާބެއް ނުބާއްވާ 30 އަހަރަށް ވެރިކަމުގެ ދައުރު ދިގުކޮށްލައިފިނަމަ ގައުމުގެ ހަމަޖެހުން މާ ބޮޑަށް ގާއިމުވެގެންދާނެ ކަމަށްވެސް އެ ބޭފުޅުން ބުނެފާނެ ކަމަށެވެ. މިފަދަ ވިސްނުންތަކަކީ ހުދުމުހުތާރު ވެރިކަމެއްގެ ބޯދާ ސަގާފަތުގެ ތެރެއިން އަންނަ ނުރައްކާތެރި ވިސްނުންތަކެއްގެ ގޮތުގައި މީކާއިލް ސިފަކުރެއްވި އެވެ.
އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، ސަރުކާރުން މި ބަދަލު ގެންނަން އުޅެނީ ރައްޔިތުންގެ ފަރާތުން ސަރުކާރަށް އޮންނަ ފާރަވެރިކަން ކުޑަކޮށް، ސިޔާސީ ނުފޫޒު ގަދަކޮށް، ރާއްޖޭގައި ޒަމާންތަކަކަށް ދެމިގެންދާނެ ހުދުމުހުތާރު ވެރިކަމެއް ގާއިމުކުރުމުގެ ބޭނުމުގަ އެވެ. މި މައްސަލައިގައި ސިޔާސީ މަސްރަހު ހޫނުވެފައިވާއިރު، އިދިކޮޅު އެމްޑީޕީން ދަނީ މި ވޯޓާ ދެކޮޅަށް ވަރުގަދަ ކެމްޕެއިނެއް ކުރަމުންނެވެ.






