ރެފަރެންޑަމް އާ ގުޅޭ ޕްރޮގްރާމް ވަކި ފަރާތަކަށް ނުޖެހި ގެނަސްދޭނެ ކަމުގެ ޔަގީންކަން ޕީއެސްއެމްގެ ވެރިން ދެއްވި، އެގޮތަށް އަމަލުނުކުރާނަމަ އަދިވެސް އިހުތިޖާޖު ކުރާނަން: ނިޔާޒް
ރެފަރެންޑަމާ ގުޅޭގޮތުން ޕީއެސްއެމް އިން ގެނެސްދޭ ކޮންޓެންޓް ވަކި ފަރާތަކަށް ޖެހިފައިވާ ކަމަށް ބުނެ އެމްޑީޕީން ކުރި އިހުތިޖާޖާ ގުޅިގެން، ދައުލަތުގެ މީޑިއާގެ އިސްވެރިން ވަނީ ހަމަހަމަ ފުރުސަތު ދޭނެ ކަމުގެ ޔަގީންކަން ދެއްވާފަ. އެ ޕާޓީން ބުނި ގޮތުގައި މީގެ ކުރިން ޕްރޮގްރާމްތައް ގެނެސްދީފައި ވަނީ ހަމައެކަނި ސަރުކާރުގެ ކެމްޕެއިނެއްގެ ގޮތަށް. ނަމަވެސް، ދެން ގެނެސްދޭ ޕްރޮގްރާމްތަކުގައި ދެ ފަރާތުގެ ޚިޔާލު ހިމަނާނެ ކަމަށް ޕީއެސްއެމްއިން ބުނެފައިވާތީ، އެކަން އެގޮތަށް ނުހިނގާނަމަ އަލުން އިހުތިޖާޖު ކުރާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފަ.


ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު | ރާއްޖެއެމްވީ
ރެފަރެންޑަމަށް އަހުލުވެރި ކުރުވުމަށް ކަމަށް ބުނެ ޕީއެސްއެމް އިން ކުރިއަށް ގެންދާ ޕްރޮގްރާމު، ވަކި ފަރާތަކަށް ނުޖެހި ގެނެސްދޭނެ ކަމުގެ ޔަގީންކަން ޕީއެސްއެމް ގެ އިސްވެރިން ދެއްވާފައިވާ ކަމަށާއި އެގޮތަށް އަމަލު ނުކުރާނަމަ އަދިވެސް އިހުތިޖާޖު ކުރާނެ ކަމަށް ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ ޚަބަރާއި ކޮންޓެންޓް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ޖެހިފައިވާ ކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުން އެމްޑީޕީ އިން ވަނީ ހޯމަ ދުވަހު ޕީއެސްއެމްގެ ކައިރީގައި އިހުތިޖާޖު ކޮށްފަ އެވެ.
އެ އިހުތިޖާޖުގައި އެ ޕާޓީ އިން ވަނީ ދައުލަތުގެ މީޑިއާ އިން ހަމަހަމަ ފުރުސަތު ނުލިބޭ ކަމަށް ބުނެފަ އެވެ. އެގޮތުން އެމްޑީޕީން އިހުތިޖާޖުކުރީ ތަކުރާރުކޮށް އެދިގެން ވެސް އެކަމާ ގުޅިގެން ބައްދަލުކުރާނެ މީހަކު ނުވެގެން ކަމަށް، ކަންބޮޑުވުން ފާޅު ކުރަމުންގެންދިޔަ އިރު ބުނެފައިވެއެވެ.
ޕީއެސްއެމްގެ އިސްވެރިން ބައްދަލުކުރާނެ ގަޑިއެއް ދިނުމުން ހޯމަ ދުވަހުގެ މެންދުރު އެކެއް ޖެހިއިރު ފެށި އެ އިހުތިޖާޖު އެ ޕާޓީ އިން ނިންމާލީ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.
ޕީއެސްއެމްގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށްފަހު ނިޔާޒް ވިދާޅުވީ އެ ޕާޓީ ގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވީ މިފަދަ އިންތިޚާބަކަށް މަދު ދުވަސްކޮޅަކަށް ވެފައިވީއިރު ވެސް ދައުލަތުގެ މީޑީއާ އިން އެކަމުގެ ތެދު މައުލޫމާތު ފޯރުކޮށްދެމުން ނުދިއުން ކަމަށެވެ.
އެގޮތުން ރެފަރެންޑަމް އާ ގުޅިގެން ރައްޔިތުން ހޭލުންތެރި ކުރުމަށް އިލެކްޝަންސް ކޮމިޝަން ގެ މަސްއޫލިއްޔަތެއް އޮތް ކަމަށް ގަބޫލު ކުރާތަން ނުފެންނައިރު، ޕީއެސްއެމް އިން ކޮންމެވެސް ވަރަކަށް އެބޭފުޅުންގެ މަސްއޫލިއްޔަތު އޮތް ކަމަށް ދެކިގެން ޕްރޮގްރާމް އެއް ހަދައިގެން 3 ޕްރޮގްރާމް ކުރިއަށް ގެންދިޔަ އިރު މުޅިން ވެސް ފެނުނީ ވަކި ބަޔަކަށް ކެމްޕެއިން ކުރާ ތަން ކަމަށް ނިޔާޒް ވިދާޅުވި އެވެ.
ކަރުދާސްކޮޅުގަ އޮވޭ އާނ އެކޭ، ނޫނެކޭ. އާނ އެކޭ ނޫނެކޭ އޮތް ތަނުގެ ތެރެއިން ހަމައެކަނި އާނ އެކޭ މިބަސް ބުނާ މީހުން ގެނަސްގެން ސަރުކާރަށް ކެމްޕެއިން ކޮށްދިނުމުގެ ނިޔަތުގަ މި ބޭފުޅުން ކުރައްވާ ކަމެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފެނުނީ. އެހެންވެ ކަންބޮޑުވީ.ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު
ނިޔާޒް ވިދާޅުވީ ޕީއެސްއެމް އިން އެ ޕާޓީ ގެ ކަންބޮޑުވުންތައް ކަނުލައި އަޑުއެހި ކަމަށެވެ. އަދި އެކަންކަން އަޑުއަހައި، މަޝްވަރާ ކުރުމަށްފަހު ޕްރޮގްރާމް ގެނަސްދޭ ގޮތް ބަދަލު ކުރުމަށް މަސައްކަތް ކޮށް ދެ އެކަމާ އެއްކޮޅު ބޭފުޅުންނާ ދެކޮޅު ބޭފުޅުންގެ ޚިޔާލާއިި ވާހަކަ ގެނަސްދިނުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ވެސް އެބޭފުޅުން ދީފައިވާ ކަމަށެވެ.
އޭގެ އިތުރުން އިލެކްޝަންސް ކޮމިޝަނާ ގުޅިގެން ރެފަރެންޑަމް އަށް އާންމުން ހޭލުންތެރި ކުރުވުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް ޕީއެސްއެމް ގެ އިސްވެރިން ވިދާޅުވި ކަން ނިޔާޒް ފާހަގަ ކުރެއްވި އެވެ. މިހާރު ގެނަސްދޭ ޕްރޮގްރާމް ވެސް މިހާރަށް ވުރެ ރަނގަޅަށް، ދެ ފަރާތުގެ ޚިޔާލު ވެސް ގެނެސްދެވޭނެ ގޮތަކަށް ޕްރޮގްރާމް ކުރިއަށް ގެންދާނެ ކަމަށް އެބޭފުޅުން ވިދާޅުވި ކަމަށް ވެސް ނިޔާޒް ވިދާޅުވި އެވެ.
ނިޔާޒް ވިދާޅުވީ އެހެންކަމުން ދައުލަތުގެ މީޑިއާ އިިން އަމަލުކުރަމުން ދާ ގޮތް ބަލަމުންދާނެ ކަމަށާއި، އަދި ދީފައިވާ ޔަގީންކަމާ އެއްގޮތަކަށް އަމަލު ނުކުރާނަމަ އަދިވެސް އިހުތިޖާޖު ކުރާނެ ކަމަށެވެ.
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލާ، ފެންނަ ނުފެންނަ ވޯޓާއި ގުޅިގެން ޕީއެސްއެމް އިން އަންނަނީ ސަރުކާރުން ބޭނުންވާ ގޮތަށް ފެންނަ ކަމަށާއި ފެންނަ ކަމަށް ފާހަގަ ލުމަށް އާންމުންނަށް މައުލޫމާތުދީ ޕްރޮގްރާމު ގެންނަމުންނެވެ. ނަމަވެސް ނުފެންނަންވީ ސަބަބެއް ވެސް އަދި އެކަމާއި ގުޅޭ އެއްވެސް މައުލޫމާތެއް ބްރޯޑްކާސްޓް ނުކުރެ އެވެ.







