ގަތަރަށާއި ސައުދީ އަށް އީރާނުން މިސައިލް ހަމަލާ ދީފި
ގަތަރުގެ ރަސް ލައްފާން އިންޑަސްޓްރިއަލް ސިޓީއަށް އީރާނުން ދިން މިސައިލް ހަމަލާތަކަކާ ގުޅިގެން އެ ސަރަހައްދުގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި، އިންޑަސްޓްރިއަލް ސިޓީއަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ. މި ހަމަލާތަކާ އެކު ސައުދީ އަރަބިއްޔާގެ ވައިގެ ސަރަހައްދަށް ވަން ޑްރޯނެއް ވައްޓާލާފައިވާ އިރު، ބަހްރޭންގައި ވެސް ވަނީ ނުރައްކަލުގެ ސައިރަން އަޅައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައި. އީރާނުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ދޭ ހަމަލާތަކުގެ ސަބަބުން މުޅި ދުނިޔެއަށް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމުގެ އިންޒާރު އެ ގައުމުގެ ރައީސް ވަނީ ދެއްވާފައި.

ގަތަރުގެ ރަސް ލައްފާން އިންޑަސްޓްރިއަލް ސިޓީގައި ހުންނަ ޤަޠަރު އެނާޖީގެ ލިކުއިފައިޑް ނެޗުރަލް ގޭސް (އެލް.އެން.ޖީ) އުފައްދާ މަރުކަޒު. | ރޮއިޓާސް
ގަތަރުގެ ރަސް ލައްފާން ސަރަހައްދަށާއި ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟް ގައި ހުންނަ ތެޔޮ ސާފު ކުރާ ކާރުޚާނާ އަށް އީރާނުން މިސައިލް ހަމަލާ ދީފި އެވެ.
ދުނިޔޭގެ އެންމެ ބޮޑު އެލް.އެން.ޖީ (ލިކުއިފައިޑް ނެޗުރަލް ގޭސް) އުފައްދާ މަރުކަޒު ހުންނަ ރަސް ލައްފާން ސަރަހައްދަށް އީރާނުން އަމާޒުކޮށްދިން ހަމަލާތަކަކާ ގުޅިގެން އެ ސަރަހައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށް ގަތަރުގެ އިންޓީރިއާ މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ބުރާސްފަތި ވިލޭރޭގެ ވަގުތެއްގައި ރަސް ލައްފާން އިންޑަސްޓްރިއަލް ސިޓީއަށް މިސައިލް ހަމަލާތަކެއް އަމާޒުވެފައިވާކަން ގަތަރު އެނާޖީން މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ. އީރާނުން ދިން މި ހަމަލާތަކާ ގުޅިގެން ގަތަރުގެ ރަސް ލައްފާން ސަރަހައްދުގައި ވަނީ އަލިފާން ރޯވެފައެވެ.
ގަތަރު އެނާޖީން ބުނި ގޮތުގައި، ހަމަލާތަކުގެ ސަބަބުން ރޯވި އަލިފާންގަނޑުތައް ކޮންޓްރޯލް ކުރުމަށް ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ޓީމުތައް ވަގުތުން އެ ސަރަހައްދަށް ފޮނުވާފައިވާ އިރު، މި ހަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. ނަމަވެސް، އެތަނުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ މައުލޫމާތު މިހާރު ސާފުކުރެވިފައިވާ ކަމަށާއި، މިހާތަނަށް އެއްވެސް މީހަކު މަރުވި ނުވަތަ އަނިޔާވި ކަމުގެ ރިޕޯޓެއް ލިބިފައިނުވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އީރާނުގެ ޕްރެސް ޓީވީ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ސައުދީ އަރަބިއްޔާގެ ވެރިރަށުގައި ހުންނަ ތެޔޮ ސާފުކުރާ ކާރުޚާނާ އަށް އީރާނުން ހަމަލާ ދިން އިރު އެތަނަކީ އެމެރިކާގެ އެއަރފޯސް ގެ ބޯޓުފަހަރަށް އަޅާ ތެޔޮ އުފައްދާތަނެވެ.
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް ހަތަރު މިސައިލެއް ވައިގެ މަގުން ހުއްޓުވައި، ގޮއްވާލާފައިވާ ކަމަށް އެ ގައުމުގެ މިނިސްޓްރީ އޮފް ޑިފެންސްއިން ބުދަ ދުވަހުގެ ރޭ ވަނީ ހާމަ ކޮށްފަ އެވެ.
މިސައިލްތައް ވައިގެ ތެރޭގައި ގޮއްވާލުމުގެ ސަބަބުން އޭގެ ބައިތައް ރިޔާޟްގެ އެކި ސަރަހައްދުތަކަށް ވެއްޓިފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން މައުލޫމާތުދެއެވެ.
ސައުދީ ސިވިލް ޑިފެންސްއިން ފަހުން ބުނި ގޮތުގައި، ރިޔާޒުގެ މީހުން ދިރިއުޅޭ ސަރަހައްދަކަށް މިސައިލްގެ ބައިތައް ވެއްޓުމުގެ ސަބަބުން އެ ސަރަހައްދުގައި އުޅޭ ހަތަރު މީހަކު ޒަޚަމްވެ، މުދަލަށް ކުދިކުދި ގެއްލުންތައް ވަނީ ލިބިފައެވެ.
މި ހާދިސާ ހިނގުމުގެ ކުރިން ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ، ރިޔާޟަށް ކުރިމަތިވި ބެލިސްޓިކް މިސައިލްގެ ނުރައްކަލަކުން ސަލާމަތްވުމަށް އެ ގައުމުގެ ވައިގެ ދިފާއީ ބާރުތަކުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މި ހަމަލާތައް ދީފައިވަނީ ގަލްފުގެ ގައުމުތަކަށް އީރާނުން ދެމުންދާ ހަމަލާތަކާ ގުޅިގެން، ސަރަހައްދީ މަސްރަހަށް އަންނަމުންދާ ބަދަލުތަކާ މެދު މަޝްވަރާކޮށް ފިޔަވަޅުތައް އެޅުމަށް އަރަބި އަދި އިސްލާމީ ގައުމުތަކުގެ ޚާރިޖީ ވަޒީރުން ސައުދީ އަރަބިއްޔާގައި ބާއްވަމުންދިޔަ ބައްދަލުވުމަކާ ދިމާކޮށެވެ.
މީގެ އިތުރުން، ސައުދީގެ އިރުމަތީ ޕްރޮވިންސްގައި ހުރި ގޭސް ފެސިލިޓީއަކަށް އަމާޒުކޮށް ދޭން އުޅުނު ޑްރޯން ހަމަލާއެއްވެސް އެ ގައުމުގެ އަސްކަރިއްޔާއިން ހުއްޓުވައި، ޑްރޯން ގޮއްވާލާފައިވާ ކަމަށާއި، އެ ހާދިސާގައި އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
އަދި އަލް-ޚަރްޖް ގަވަރުނަރޭޓަށް އަމާޒުކޮށް ފޮނުވާލި އެހެން ޑްރޯންއެއްވެސް ހުއްޓުވައި ގޮއްވާލާފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން އިތުރަށް ހާމަކުރިއެވެ.
ބުދަ ދުވަހުގެ ކުރީކޮޅު ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ، ސައުދީގެ އިރުމަތީ ޕްރޮވިންސަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް ދެ މިސައިލެއްވެސް ވައިގެ މަގުން ހުއްޓުވައި ގޮއްވާލާފައިވާ ކަމަށެވެ.
ސައުދީ އަރަބިއްޔާގެ ނޭޝަނަލް އާލީ ވޯނިންގ ޕްލެޓްފޯމް ފޯ އެމަޖެންސީ ކޭސަސް މެދުވެރިކޮށް، ރިޔާޟް އަދި އަލް-ޚަރްޖް ސަރަހައްދުގެ ރައްޔިތުން ނުރައްކަލަށް ސަމާލުވުމަށް އަންގައި އިންޒާރު ނެރެފައިވާ ކަމަށް މީގެ ކުރިން ވަނީ ރިޕޯޓްކޮށްފައެވެ.
އަނެއްކޮޅުން ބަހްރައިންގައި ނުރައްކަލުގެ ސައިރަން އަޅައި، ރައްޔިތުން ރައްކާތެރި ތަންތަނަށް ވަނުމަށް އިލްތިމާސްކޮށްފިއެވެ.
އީރާނުގެ ސައުތު ޕާސް ގޭސް ފީލްޑަށް ބުދަ ދުވަހުގެ ވަގުތެއްގައި ހަމަލާތަކެއް އަމާޒުވުމާ ގުޅިގެން، އެ ގައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީރާނުގެ ހަކަތަ އުފައްދާ ވަސީލަތްތަކަށް ދިން ހަމަލާތައް "ހަރުކަށި އިބާރާތުން ކުށްވެރިކުރާ" ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ، "އެމެރިކާގެ ޒަޔަނިސްޓް ދުޝްމަނުންނާއި އެމީހުންނަށް ވާގިވެރިވާ ފަރާތްތަކުން ހިންގާ މިފަދަ އުދުވާނީ އަމަލުތަކުން ހާސިލްވާނެ އެއްވެސް ކަމެއް ނެތް" ކަމަށެވެ. އަދި އޭގެ ބަދަލުގައި މިކަމުގެ ސަބަބުން މަސްރަހު އިތުރަށް ގޯސްވެ، މުޅި ދުނިޔެއަށް އޭގެ އަސަރު ފޯރާނެ ފަދަ، ކޮންޓްރޯލް ނުކުރެވޭ ނަތީޖާތަކެއް ނުކުމެދާނެ ކަމުގެ އިންޒާރުވެސް އޭނާ ދެއްވިއެވެ.






