ތެހެރާންގައި ބޭއްވި ލަރީޖާނީ އާއި އިތުރު ޝަހީދުންގެ ޖަނާޒާގައި އެތައް ހާސް މީހުން ބައިވެރިވެއްޖެ
އިޒްރޭލާއި އެމެރިކާއިން އީރާނަށް ދެމުންދާ ވަރުގަދަ އަސްކަރީ ހަމަލާތަކުގައި ޝަހީދުވި އިސް އޮފިޝަލުންނާއި ސިފައިންގެ ޖަނާޒާ ތެހެރާންގައި ބާއްވައިފި. އިޒްރޭލާއި އެމެރިކާ އިން އީރާނަށް ދެމުންދާ ހަމަލާތަކުގައި އީރާނުގެ އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، މީގެ ރައްދުގައި އީރާނުން ވަނީ އިޒްރޭލާއި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފައި. މި ހަމަނުޖެހުންތައް އިތުރަށް ފުޅާވެފައިވަނީ އީރާނުގެ ރޫހާނީ ލީޑަރު އަވަހާރަކޮށްލުމަށް ދިން ހަމަލާތަކާ ގުޅިގެން.

އީރާނުގެ ސަލާމަތީ ކަންކަމާ ބެހޭ އެންމެ އިސް އޮފިޝަލް ޑރ. އަލީ ލަރީޖާނީ އާއި އޭނާގެ ދަރިކަލުން ޑރ. މުރުތަޟާ ލަރީޖާނީ އަވަހާރަކޮށްލުމާ ގުޅިގެން، އެ ދެ ބޭފުޅުންގެ ހަށިކޮޅުތައް ލާފައިވާ ސަންދޯއްތައް ބުދަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޖަނާޒާގެ ކުރިން، ތެހެރާންގައި ހުންނަ ޝަހީދުންގެ މަގުބަރާއެއްގައި ބަހައްޓާފައި. | ޕްރެސްޓީވީ
އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ އަލީ ލަރީޖާނީ އާއި، ބަސީޖް ފޯސްގެ ކޮމާންޑަރު މޭޖަރ ޖެނެރަލް ޣުލާމް ރިޒާ ސުލައިމާނީގެ އިތުރުން، އީރާނު ކަނޑުގެ ސިފައިންގެ ގިނަ އަދަދެއްގެ މެންބަރުންގެ ޖަނާޒާ ބުދަ ދުވަހު ތެހެރާންގައި ބާއްވައިފިއެވެ.
މާރޗް މަހުގެ 18 ވީ ބުދަ ދުވަހު ތެހެރާންގައި ބޭއްވި މި ޖަނާޒާގައި، ޝަހީދުވި ފަރާތްތަކަށް އިހުތިރާމް އަދާކުރުމަށްޓަކައި ވަރަށް ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވެފައިވެއެވެ.
މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސް އޮފިޝަލުންނާއި، އީރާނުގެ އެކި ފަންތީގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.
އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ އަލީ ލަރީޖާނީ ޝަހީދުވީ، މާރިޗު މަހުގެ 17 ވަނަ ދުވަހު އިޒްރޭލުން ތެހެރާނަށް ދިން ވައިގެ ހަމަލާއެއްގައެވެ. މި ހަމަލާގައި އޭނާގެ ދަރިފުޅުވެސް ވަނީ ޝަހީދުވެފައެވެ. މީގެ އިތުރުން، ބަސީޖް ފޯސްގެ ކޮމާންޑަރު މޭޖަރ ޖެނެރަލް ޣުލާމް ރިޒާ ސުލައިމާނީ ޝަހީދުވީވެސް އިޒްރޭލުގެ ހަނގުރާމަމަތީ ބޯޓުތަކުން ތެހެރާނަށް ދިން ވައިގެ ހަމަލާއެއްގައެވެ.
މި ޖަނާޒާގައި، މާރިޗު މަހުގެ 4 ވަނަ ދުވަހު ސްރީލަންކާގެ އައްސޭރިފަށުން ބޭރުގައި އޮއްވާ، އެމެރިކާގެ ކަނޑުގެ ސިފައިން ދިން ޓޯޕީޑޯ ހަމަލާއެއްގައި ސުންނާފަތިވި އީރާނުގެ "ދެނާ" މަނަވަރުގައި ތިބި ކަނޑުގެ ސިފައިންގެ ގިނަ އަދަދެއްގެ މެންބަރުންގެ ޖަނާޒާ ވެސް ވަނީ ބާއްވާފަ އެވެ.
ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އީރާނުގެ އިސްލާމީ އިންގިލާބުގެ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ އާއި، ސިފައިންގެ އިސް ކޮމާންޑަރުން އަވަހާރަކޮށްލުމަށް ފަހު، އެމެރިކާ އާއި އިޒްރޭލުން ވަނީ އީރާނާ ދެކޮޅަށް ފުޅާދާއިރާއެއްގައި އަސްކަރީ ކެމްޕޭނެއް ފަށާފައެވެ.
މި ހަމަލާތަކުގައި އީރާނުގެ އެކި ސަރަހައްދުތަކުގައި ހުރި އަސްކަރީ މަރުކަޒުތަކަށާއި އާންމުން ދިރިއުޅޭ ތަންތަނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައިވާއިރު، މީގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކު މަރުވެ، އީރާނުގެ އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
މި ހަމަލާތަކުގެ ރައްދުގައި އީރާނުގެ ހަތިޔާރު އެޅި ސިފައިން ވަނީ، އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ހުރި މުހިންމު ތަންތަނަށާއި ސަރަހައްދީ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް، ގިނަ އަދަދެއްގެ މިސައިލާއި ޑްރޯން ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއް ދީފައެވެ.






