Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އީރާން ހަނގުރާމަ

ހޮރްމޫޒް ކަނޑުއޮޅިއަށް މަނަވަރުތައް ފޮނުވުމަށް ޓްރަމްޕް ގޮވާލެއްވުމުން ގައުމުތަކުން ދިނީ ފިނި ޖަވާބެއް!

އީރާނުން ބަންދުކޮށްފައިވާ ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކި ގައުމުތަކުގެ އެހީތެރިކަމަށް އެދިވަޑައިގަތުމާ ގުޅިގެން، ބައިނަލްއަގުވާމީ މުޖުތަމައުގެ މެދުގައި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް ވަނީ އުފެދިފައި. ޖަރުމަނާއި ފަރަންސޭސިވިލާތް ފަދަ ގައުމުތަކުން މި ހަނގުރާމައިގައި އަމަލީގޮތުން ބައިވެރިވުމަށް ދެކޮޅު ހަދަމުންދާއިރު، އިނގިރޭސިވިލާތާއި ޖަޕާން ފަދަ ގައުމުތަކުން ބުނަމުންދަނީ މަސްރަހު ދިރާސާކުރުމަށްފަހު ނޫނީ ވަކި ގޮތެއް ނުނިންމާނެ ކަމަށް. ދުނިޔޭގެ ތެލުގެ ބާޒާރަށް މިކަމުގެ ނޭދެވޭ އަސަރު ކުރަމުންދާތީ، ގިނަ ގައުމުތަކުން ބާރުއަޅަނީ އަސްކަރީ ކުރިމަތިލުމެއްގެ ބަދަލުގައި ޚާރިޖީ ގޮތުން މި މައްސަލައަށް ހައްލެއް ހޯދުމަށް.

ރާއްޖެ އެމްވީ | 17 މާރިޗު 2026 | އަންގާރަ 16:38
ދުނިޔޭގެ ހަކަތައިގެ ސަޕްލައިގައި މުހިންމު ދައުރެއް އަދާކުރާ، ފާރިސީ ކަނޑުއޮޅިއާއި އޮމާން ކަނޑުއޮޅި ގުޅުވައިދޭ ހޮރްމޫޒް ކަނޑުއޮޅި ސެޓެލައިޓުން ފެންނަ މަންޒަރެއް.

ދުނިޔޭގެ ހަކަތައިގެ ސަޕްލައިގައި މުހިންމު ދައުރެއް އަދާކުރާ، ފާރިސީ ކަނޑުއޮޅިއާއި އޮމާން ކަނޑުއޮޅި ގުޅުވައިދޭ ހޮރްމޫޒް ކަނޑުއޮޅި ސެޓެލައިޓުން ފެންނަ މަންޒަރެއް. | ގެޓީ އިމޭޖަސް

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި، އީރާނުން ބަންދުކޮށްފައިވާ ތެޔޮ އުފުލާ މުހިންމު މަގެއް ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅިއަށް އެކި ގައުމުތަކުން މަނަވަރުތައް ފޮނުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެދިވަޑައިގަތުމާ ގުޅިގެން، ބައެއް ގައުމުތަކުން އެކަމާ ދެކޮޅު ހަދާފައިވާއިރު، އަނެއްބައި ގައުމުތަކުން ތިބީ ކަންކަން ވަމުންދާ ގޮތް ބެލުމުގައެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، ހޮރްމޫޒް ކަނޑުއޮޅިއަކީ އަމާން އަދި މިނިވަންކަމާއެކު ދަތުރުފަތުރު ކުރެވޭ ތަނަކަށް ހެދުމަށްޓަކައި، އެމެރިކާއިން އީރާނުގެ އައްސޭރިފަށަށާއި އެ ގައުމުގެ އުޅަނދުފަހަރަށް ބޮން އެޅުން ކުރިއަށް ގެންދާނެ ކަމަށެވެ. މީގެ އިތުރުން، އެ ސަރަހައްދަށް މަނަވަރުތައް ފޮނުވުމަށް އެހެން ގައުމުތަކަށް ވެސް ޓްރަމްޕް ވަނީ ގޮވާލައްވާފައެވެ.

މާރިޗު މަހުގެ 14 ވަނަ ދުވަހު "ޓްރުތް ސޯޝަލް" ގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، އީރާނުން ކުރިމަތިކުރާ ހުރަސްތަކުގެ ސަބަބުން ގެއްލުންވާ ޗައިނާ، ފަރަންސޭސިވިލާތް، ޖަޕާން، ދެކުނު ކޮރެއާ އަދި އިނގިރޭސިވިލާތް ފަދަ ގައުމުތަކުން އެ ސަރަހައްދަށް މަނަވަރުތައް ފޮނުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި އީރާނުގެ ބާރު ކަނޑުވާލާފައިވާތީ، އެ ކަނޑުއޮޅިއަކީ ދެން ނުރައްކަލެއް އޮތް ތަނަކަށް ނުވާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.

އެމެރިކާގެ ރައީސް ފަހުން އިންޒާރު ދެއްވި ގޮތުގައި، ހޮރްމޫޒް ކަނޑުއޮޅީގެ ސަލާމަތްތެރިކަން ކަށަވަރު ނުކުރެވިއްޖެނަމަ، އެއީ ނޭޓޯގެ މުސްތަގުބަލަށް އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ.

ފެބްރުއަރީ 28 ވަނަ ދުވަހު އިޒްރޭލާއި އެމެރިކާއިން އީރާނަށް ހަމަލާދިން ފަހުން، އިންޑިއާ އާއި ޗައިނާ ފަދަ ގައުމުތަކަށް ތެޔޮ އުފުލާ މަދު އުޅަނދެއް ފިޔަވައި، އެހެން ހުރިހާ އުޅަނދަކަށް އީރާނުން ވަނީ އެ ކަނޑުއޮޅި ބަންދުކޮށްފައެވެ.

ދެ ހަފުތާއަށްވުރެ ގިނަ ދުވަސްވެފައިވާ މި ހަނގުރާމައިގެ ތެރޭގައި، އެ ކަނޑުއޮޅިން ދަތުރުކުރި މުދާ އުފުލާ ބައެއް އުޅަނދުތަކަށް "ގޮތް ނޭނގޭ ގޮތައް" ހަމަލާދީފައިވާއިރު، މި ހަމަލާތަކުގައި އެކަކު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ދުނިޔޭގެ ބާޒާރަށް ސަޕްލައިކުރާ ތެލުގެ 20 އިންސައްތަ ދަތުރުކުރަނީ މި ކަނޑުއޮޅި މެދުވެރިކޮށެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާއިރު، އޭޝިއާގެ ބައެއް ގައުމުތަކުން ދަނީ ތެޔޮ އިގްތިސާދު ކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ.

އެމެރިކާގެ ކަނޑުގެ ސިފައިން މަނަވަރުތަކަށް ހިމާޔަތް ދީގެން ކަނޑުއޮޅިން ދަތުރުކުރެވިދާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވެއެވެ. އެމެރިކާގެ އެނާޖީ ސެކްރެޓަރީގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓުން އެމެރިކާގެ މަނަވަރެއް މިގޮތަށް ދަތުރުކޮށްފި ކަމަށް ބުނެ ކުރި ޕޯސްޓަކީ އޮޅުމަކުން ކުރެވުނު ޕޯސްޓެއް ކަމަށާއި، އަދި އެފަދަ ދަތުރެއް ކޮށްފައި ނުވާކަން ވަނީ ހާމަވެފައެވެ.

ޓްރަމްޕްގެ މި އެދިވަޑައިގަތުމަށް އެހެން ގައުމުތަކުން ދީފައިވާ ރައްދުތައް ތިރީގައި މިވަނީއެވެ.

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިނގިރޭސި ބޮޑުވަޒީރު ސަރ ކިއަރ ސްޓާމަރ ވިދާޅުވީ، މިއީ އަމަލީ ގޮތުން ކުރެވިދާނެ ކަމެއްތޯ ދެނެގަތުމަށްޓަކައި އެމެރިކާ، ޔޫރަޕް އަދި ގަލްފުގެ ގައުމުތަކާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ. ނަމަވެސް، އަދި ވަކި ގޮތެއް ނިންމާ ހިސާބަށް ނުދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އާދީއްތަ ދުވަހު ބީބީސީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިނގިރޭސި އެނާޖީ ސެކްރެޓަރީ އެޑް މިލިބޭންޑް ވިދާޅުވީ، ކަނޑުއޮޅި ހުޅުވުމަށް އެހީތެރިވެދޭނެ ހުރިހާ ގޮތްތަކެއް ބައިނަލްއަގުވާމީ ބައިވެރިންނާ ގުޅިގެން ބަލަމުންދާ ކަމަށެވެ.

އަސްކަރީ އޮޕަރޭޝަނުގެ ތަފްސީލު ދެއްވަން އިންކާރު ކުރައްވަމުން މިލިބޭންޑް ތަކުރާރުކޮށް ވިދާޅުވީ، ކަނޑުއޮޅި ހުޅުވުމަށް އޮތް އެންމެ ރަނގަޅު މަގަކީ މި ހަނގުރާމަ ހުއްޓާލުން ކަމަށެވެ.

ޖަރުމަނުވިލާތުގެ ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވީ، އީރާނާއެކު ކުރާ ހަނގުރާމައަކީ ނޭޓޯއާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށެވެ. އަދި އެ ގައުމުގެ ޑިފެންސް މިނިސްޓަރު ބޮރިސް ޕިސްޓޯރިއަސް ސުވާލު އުފެއްދަވަމުން ވިދާޅުވީ، އެމެރިކާގެ ވަރުގަދަ ކަނޑުގެ ސިފައިންނަށް ނުކުރެވޭ ކަމެއް ޔޫރަޕްގެ މަދު މަނަވަރުތަކަކުން އެކަން ކުރާނެ ކަމަށް ޓްރަމްޕް އުންމީދު ކުރައްވަނީ ކީއްވެގެންތޯއެވެ؟

"މިއީ އަހަރެމެންގެ ހަނގުރާމައެއް ނޫން. މިއީ އަހަރެމެން ފެށި ކަމެއްވެސް ނޫން،" ޕިސްޓޯރިއަސް ވިދާޅުވިއެވެ.

ފަރަންސޭސި ރައީސް އެމަނުއެލް މެކްރޯން މިދިޔަ ހަފުތާގައި ވިދާޅުވީ، އުޅަނދުފަހަރަށް ހިމާޔަތް ދިނުމަށާއި ދަތުރުފަތުރުގެ މިނިވަންކަން ކަށަވަރު ކުރުމަށްޓަކައި އިއްތިހާދެއް އެކުލަވާލުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.

ނަމަވެސް މެކްރޯން ވިދާޅުވީ، އެކަން ކުރެވޭނީ ހަނގުރާމައިގެ އެންމެ ނުރައްކާތެރި މަރުހަލާ ނިމުމުން ކަމަށެވެ. އޭގެ ދުވަސްކޮޅެއް ފަހުން އެ ގައުމުގެ ޑިފެންސް މިނިސްޓަރު ވިދާޅުވީ، ހޯރްމޫޒް ކަނޑުއޮޅިއަށް މަނަވަރުތައް ފޮނުވުމުގެ އެއްވެސް ރޭވުމެއް މިވަގުތު ނެތް ކަމަށެވެ.

މާރިޗު 14 ވަނަ ދުވަހު ފަރަންސޭސި ޚާރިޖީ ވުޒާރާއިން ބުނީ، އެ ގައުމުގެ މަނަވަރުތައް އަދިވެސް އޮތީ މެޑިޓެރޭނިއަން ކަނޑުގެ އިރުމަތީ ސަރަހައްދުގައި ކަމަށާއި، އެ މަނަވަރުތަކުގެ މަގްސަދަކީ ހަމައެކަނި ދިފާއީ މަސައްކަތް ކަމަށެވެ.

މަނަވަރު ފޮނުވުމަށް އެދިފައިވޭތޯ އާއި އެކަމަށް ދޭނީ ކޮން ޖަވާބެއްތޯ ހޯމަ ދުވަހު ނޫސްވެރިން ސުވާލު ކުރުމުން، ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ލިން ޖިއާން ވިދާޅުވީ، އަސްކަރީ ހަމަލާތައް ވަގުތުން ހުއްޓާލުމަށާއި، މަސްރަހު އިތުރަށް ގޯސްވިޔަ ނުދިނުމަށް ޗައިނާއިން ތަކުރާރުކޮށް ގޮވާލާ ކަމަށެވެ.

ޖިއާން އިތުރަށް ވިދާޅުވީ، މަސްރަހު ފިނިކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކާއެކު ޗައިނާއިން މަޝްވަރާ ކުރަމުންދާ ކަމަށެވެ.

އާދީއްތަ ދުވަހު ދެކުނު ކޮރެއާގެ ޚާރިޖީ ވުޒާރާއިން ބީބީސީއަށް ބުނީ، ޓްރަމްޕްގެ ވާހަކަތަކަށް ވަރަށް ބޮޑަށް ސަމާލުކަން ދެމުންދާ ކަމަށާއި، ދެ ގައުމުގެ ދެމެދުގައި މަޝްވަރާކޮށް، ވަރަށް ބޮޑަށް ވިސްނުމަށްފަހު ގޮތެއް ނިންމާނެ ކަމަށެވެ.

"ދެކުނު ކޮރެއާ ސަރުކާރުން ދަނީ މެދުއިރުމަތީގެ މަސްރަހު ވަރަށް ގާތުން ބަލަމުން. އަދި ކޮރެއާގެ ރައްޔިތުންނާއި ތެޔޮ އުފުލާ މަގުތަކުގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމަށް ކުރެވިދާނެ ކަންކަން ދަނީ ދިރާސާ ކުރަމުން،" އެ ވުޒާރާއިން ބުންޏެވެ.

ދެކުނު ކޮރެއާގެ ޑިފެންސް މިނިސްޓަރު އާން ގިއު-ބެކް އަންގާރަ ދުވަހު ޕާލަމެންޓުގައި ވިދާޅުވީ، ހޮރްމޫޒް ކަނޑުއޮޅިއަށް މަނަވަރެއް ފޮނުވާނަމަ ޕާލަމެންޓުގެ ހުއްދަ ބޭނުންވާނެ ކަމަށެވެ.

ޖަޕާނުގެ ބޮޑުވަޒީރު ސަނައޭ ޓަކައީޗީ ހޯމަ ދުވަހު ވިދާޅުވީ، މަނަވަރު ފޮނުވުމަށް އެދި ރަސްމީކޮށް އެއްވެސް ހުށަހެޅުމެއް ލިބިފައިނުވާ ކަމަށެވެ.

"ޖަޕާނު ސަރުކާރުން މިހާރު ދަނީ އަޅަންޖެހޭ ފިޔަވަޅުތައް ދިރާސާ ކުރަމުން. އެކަން ކުރާނީ ޖަޕާނުގެ ގާނޫނީ އޮނިގަނޑުގެ ތެރެއިން. ޖަޕާނުގެ އުޅަނދުފަހަރާއި ފަޅުވެރިންގެ ފުރާނަ ސަލާމަތް ކުރުމަށް ކުރެވޭނެ ކަންކަމާ މެދު އަޅުގަނޑުމެން ދަނީ ވިސްނަމުން،" ޓަކައީޗީ ވިދާޅުވިއެވެ.

ޓަކައީޗީ މާރޗް 19 ވަނަ ދުވަހު ވޮޝިންގޓަންގައި ޓްރަމްޕާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޔޫރަޕްގެ އިއްތިހާދުގެ ޚާރިޖީ ސިޔާސަތާ ބެހޭ ވެރިޔާ ކާޖާ ކާލަސް ހޯމަ ދުވަހު ވިދާޅުވީ، އެ ސަރަހައްދުގައި މިހާރު ކުރިއަށްދާ ކަނޑުގެ މިޝަންގެ އުސޫލުތައް ބަދަލުކުރުމުގެ ޝައުގުވެރިކަމެއް މިވަގުތު ނެތް ކަމަށެވެ.

"ހޮރްމޫޒް ކަނޑުއޮޅީގެ ނުރައްކަލުގެ ތެރެއަށް އެއްވެސް ބަޔަކު އެ ގައުމެއްގެ ސިފައިން ފޮނުވާކަށް ބޭނުމެއް ނުވޭ،" ރޮއިޓާސް ނިއުސް އެޖެންސީއަށް ދެއްވި ބަސްދީގަތުމެއްގައި ކާލަސް ވިދާޅުވިއެވެ. އަދި ކަނޑުއޮޅި ހުޅުވުމަށްޓަކައި ޚާރިޖީ ގޮތުން ހައްލެއް ހޯދަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހޮރްމޫޒް ކަނޑުއޮޅިއީރާންނޭޓޯއީރާން-ޔޫއެސްއޭ-އިޒްރޭލް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ހޯރމުޒް ކަނޑުއޮޅީގެ ކާރިސާ: ދުނިޔޭގެ ބޭހުގެ ސަޕްލައި އަށާއި، އެމްއާރްއައި އަދި ޓެކްނޮލޮޖީއަށް ބޮޑު ނުރައްކާލެއް

ހޯރމުޒް ކަނޑުއޮޅީގެ ކާރިސާ: ދުނިޔޭގެ ބޭހުގެ ސަޕްލައި އަށާއި، އެމްއާރްއައި އަދި ޓެކްނޮލޮޖީއަށް ބޮޑު ނުރައްކާލެއް

17 މާރިޗު 2026
ޚަރްޖް އައިލެންޑަށް ހަމަލާ ދީފި ނަމަ، ރައްދުގައި ވަރުގަދަ ހަމަލާ ތަކެއްދީ އެ ޤައުމެއްގެ ތެލުގެ ވަސީލަތްތައް ހަލާކު ކޮށްލާނެ ކަމުގެ އިންޒާރު އީރާން އިން ދީފި

ޚަރްޖް އައިލެންޑަށް ހަމަލާ ދީފި ނަމަ، ރައްދުގައި ވަރުގަދަ ހަމަލާ ތަކެއްދީ އެ ޤައުމެއްގެ ތެލުގެ ވަސީލަތްތައް ހަލާކު ކޮށްލާނެ ކަމުގެ އިންޒާރު އީރާން އިން ދީފި

17 މާރިޗު 2026
ހޮރުމޯޒް ކަނޑުއޮޅިން ދަތުރު ކުރާ އުޅަނދު ތަކަށް އަސްކަރީ މަނަވަރު ތަކުގެ ހިމާޔަތް ދިން ނަމަވެސް، 100 އިންސައްތަ ރައްކާތެރިކަން ނެތް ކަމަށް ބުނެފި

ހޮރުމޯޒް ކަނޑުއޮޅިން ދަތުރު ކުރާ އުޅަނދު ތަކަށް އަސްކަރީ މަނަވަރު ތަކުގެ ހިމާޔަތް ދިން ނަމަވެސް، 100 އިންސައްތަ ރައްކާތެރިކަން ނެތް ކަމަށް ބުނެފި

17 މާރިޗު 2026
ލަރިޖާނީގެ ވަރުގަދަ ސުވާލެއް އިސްލާމީ އުންމަތަށް: "ކަލޭމެން ތިޔަ ތިބީ ކޮން ފަޅިއެއްގައި؟"

ލަރިޖާނީގެ ވަރުގަދަ ސުވާލެއް އިސްލާމީ އުންމަތަށް: "ކަލޭމެން ތިޔަ ތިބީ ކޮން ފަޅިއެއްގައި؟"

17 މާރިޗު 2026
ނަތަންޔާހޫ ދިރިހުރިކަން ސާބިތު ކޮށްދޭން ނެރުނު އާ ވީޑިއޯ އަކީ ފޭކެއްކަން ސާބިތުވެއްޖެ

ނަތަންޔާހޫ ދިރިހުރިކަން ސާބިތު ކޮށްދޭން ނެރުނު އާ ވީޑިއޯ އަކީ ފޭކެއްކަން ސާބިތުވެއްޖެ

17 މާރިޗު 2026

އަހަރުތަކުން މިއަދު

17 މާރިޗު
އޮރެންޖް މެރިންގ ޕައި
20251 އަހަރު ކުރިން
ލައިފް ސްޓައިލް

އޮރެންޖް މެރިންގ ޕައި

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް
20242 އަހަރު ކުރިން
ރާއްޖެ

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟
20224 އަހަރު ކުރިން
ރިޕޯޓު

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ
20215 އަހަރު ކުރިން
ކުޅިވަރު

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
20197 އަހަރު ކުރިން
ރިޕޯޓު

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟
20188 އަހަރު ކުރިން
ރާއްޖެ

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު