އީރާންގެ ބަސީޖް ފޯސްގެ ކޮމާންޑަރު ސުލައިމާނީ އަވަހާރަ ކޮށްލާފައިވާ ކަމަށް އިޒްރޭލް އިން ބުނެފި
އެކަމާ ގުޅިގެން އިޒްރޭލްގެ އަސްކަރިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ސުލައިމާނީ އަވަހާރަ ކޮށްލުމަކީ އީރާންގެ އަސްކަރީ ކޮމާންޑް އެންޑް ކޮންޓްރޯލް އޮނިގަނޑަށް ލިބުނު ވަރަށް ބޮޑު ނިކަމެތި ކަމެއް ކަމަށް.


އީރާންގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)ގެ ބަސީޖް ފޯސްގެ ކޮމާންޑަރު ގޮލާމްރޭޒް ސުލައިމާނީ | ރޮއިޓާސް
އީރާންގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)ގެ ބަސީޖް ފޯސްގެ ކޮމާންޑަރު ގޮލާމްރޭޒް ސުލައިމާނީ އަވަހާރަ ކޮށްލާފައިވާ ކަމަށް، އިޒްރޭލްގެ އަސްކަރިއްޔާ އިން ބުނެފި އެވެ.
އިޒްރޭލްގެ އަސްކަރިއްޔާ އިން އަންގާރަ ދުވަހު ބުނި ގޮތުގައި، ސުލައިމާނީ އަވަހާރަ ކޮށްލާފައި ވަނީ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އެގޮތުން އިޒްރޭލް އިން ބުނީ އެ ޤައުމުން ދިން ވަރުގަދަ ހަމަލާ ތަކެއްގައި ސުލައިމާނީ އަވަހާރަ ކޮށްލާފައިވާ ކަމަށެވެ. ނަމަވެސް، އެ ހަމަލާ ދިން ސަރަހައްދެއް، ނުވަތަ ހަމަލާގެ އިތުރު ތަފްސީލެއް މިހާތަނަށް ހާމަ ކޮށްފައި ނުވެ އެވެ.
އެކަމާ ގުޅިގެން އިޒްރޭލްގެ އަސްކަރިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ސުލައިމާނީ އަވަހާރަ ކޮށްލުމަކީ އީރާންގެ އަސްކަރީ ކޮމާންޑް އެންޑް ކޮންޓްރޯލް އޮނިގަނޑަށް ލިބުނު ވަރަށް ބޮޑު ނިކަމެތި ކަމެއް ކަމަށެވެ. ނުވަތަ އެއީ، ސިގްނިފިކަންޓް ބްލޯއެއް ކަމަށް ވެސް އިޒްރޭލް އިން ވަނީ ބުނެފަ އެވެ. އަދި އީރާންގެ އަސްކަރީ ކޮމާންޑަރުންނާ ދެކޮޅަށް ކުރިއަށް އޮތް ތަނުގައި ވެސް، ބާރުގެ ބޭނުން ކޮށްގެން ވަރުގަދަ ފިޔަވަޅު ތަކެއް އަޅަމުންދާނެ ކަމުގެ އިންޒާރު ވެސް އީރާން އިން ދީފައިވެ އެވެ.
ބަސީޖް ފޯސް އަކީ އީރާންގެ އައިއާރުޖީސީގެ ދަށުން ހިންގާ، އެ ޤައުމުގެ ދާޚިލީ ސަލާމަތާއި އަސްކަރީ ކަންކަމުގައި މުހިންމު ދައުރެއް އަދާ ކުރާ ވޮލަންޓިއާ ފައުޖެކެވެ. މި ފައުޖުގެ އެންމެ އިސްވެރިޔާގެ ގޮތުގައި ހުންނެވި ސުލައިމާނީ އަކީ، އީރާންގެ އަސްކަރީ ސަފު ތަކުގައި ވަރަށް ނުފޫޒު ގަދަ ބޭފުޅެކެވެ.
ސުލައިމާނީ އަވަހާރަ ކޮށްލާފައިވާ ކަމަށް އިޒްރޭލް އިން ބުނެފައި ވީ ނަމަވެސް، އެ ހާދިސާއާ ގުޅިިގެން އީރާންގެ ސަރުކާރުން ނުވަތަ އެ ޤައުމުގެ އަސްކަރިއްޔާ އިން މިހާތަނަށް ވަކި އެއްޗެއް ބުނެފައި ނުވެ އެވެ.
މަސްދަރު: އަލް ޖަޒީރާ







