އެމެރިކާގެ އެކުވެރި ޤައުމު ތަކުން، އައިއާރުޖީސީ އާއި ހިޒްބުﷲ އަކީ ޓެރަރިސްޓުން ކަމަށް ކަނޑައަޅަން ރޫބިއޯ ގޮވާލައްވައިިފި
އެ ލިޔުމުގައި އިތުރުވަމުން އަންނަ ނުރައްކަލުގެ އެއްވެސް ތަފްސީލެއް ދީފައި ނުވޭ. އޭގެ ބަދަލުގައި އީރާން އިން މެދު އިރުމަތީގެ ޤައުމު ތަކަށް ހަމަލާ ދީފައިވާ ކަމަށާއި، އެކަން މިސާލެއްގެ ގޮތުގައި ދެކިގެން މަސައްކަތް ކުރުމަށް އެދިފައިވޭ.


އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ | ގެޓީ އިމޭޖަސް
އީރާންގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އާއި، ލުބުނާންގައި ޙަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތަކީ ޓެރަރިސްޓު ބައެއްގެ ގޮތުގައި ކަނޑައެޅުމަށް، އެމެރިކާ އިން އެ ޤައުމުގެ އެކުވެރިންނަށް ގޮވާލައިފި އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ސިއްރު ލިޔުމެއްގައި ބުނެފައި ވަނީ، ހަމަލާ ދިނުމުގެ ނުރައްކާ އިތުރުވެފައިވާތީ މިފަދަ ފިޔަަވަޅެއް އެޅުމަށް ގޮވާލާ ކަމަށެވެ. އެ ލިޔުން ވަނީ ރޮއިޓާސް އަށް ވެސް ލިބިފަ އެވެ.
ހޯމަ ދުވަހު ފޮނުވާފައިވާ އެ އިރުޝާދުގައި ސޮއި ކުރައްވާފައި ވަނީ އެމެރިކާގެ ސެެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އެވެ. އެ ލިޔުން ވަނީ އެމެރިކާގެ ހުރިހާ ޑިޕްލޮމެޓިކް މިޝަން ތަކަށް ފޮނުވައިފަ އެވެ. އެ އިރުޝާދުގައި ބުނެފައި ވަނީ، އެމެރިކާގެ ޑިޕްލޮމެޓުން އެ މެސެޖު އެހެން ޤައުމު ތަކުގެ އެންމެ އިސް ފަންތީގެ އިސްވެރިންނާ ހިއްސާ ކުރުމަށެވެ. އެގޮތުން މާޗު މަހުގެ 20 ވަނަ ދުވަހުގެ ކުރިން އެކަން ހިއްސާ ކުރުމަށް އެދޭ ކަމަށާއި، އެ މަސައްކަތް އިޒްރޭލްގެ އިސްވެރިންނާ ގުޅިގެން ކުރިއަށް ގެންދިޔުމަށް އަންގާ ކަަމަށެވެ.
އިޒްރޭލްއާ ގުޅިގެން އެމެރިކާ އިން އީރާން އަށް ހަމަލާ ދޭން ފަށާފައިވާއިރު، މި ހަނގުރާާމައާ ގުޅިގެން ކުރިން މަޝްވަރާ ނުކުރާ ގިނަ ޤައުމު ތަކުގެ ތާއީދު ހޯދުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. ނަމަވެސް، އެކަމުގައި އެމެރިކާ އާއި ޓްރަމްޕްގެ ސަރުކާރަށް ގިނަ ދަތި ތަކެއް ދިމާވަމުން އަންނަ ކަމަށް ވަނީ ފާހަގަ ކޮށްފަ އެވެ. އެގޮތުން ހޮރުމޯޒް ކަނޑުއޮޅި ހުޅުވާލުމުގެ މަސައްކަތުގައި އެމެރިކާ އިން ޤައުމު ތަކުގެ އެހީތެރި ކަަމަށް އެދުނު ނަމަވެސް، އެއްވެސް ޤައުމަކުން އެކަމަށް އިޖާބަ ދީފައި ނުވެ އެވެ.
އެ ލިޔުމުގައި ބުނެފައި ވަނީ، އީރާން އާއި އެ ޤައުމުގެ ބައިވެރިން ވެގެން ހަމަލާ ދިނުމުގެ ނުރައްކާ އިތުރުވެފައިވާތީ، ހުރިހާ ސަރުކާރު ތަކުން ވެސް ވަރަށް އަވަހަށް އީރާންއާ ގުޅިފައިވާ ޓެރަރިސްޓު ޖަމާއަތް ތަކުން ހަމަލާ ދިނުމުގެ ޤާބިލުކަން ކުޑަ ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. ނަމަވެސް އެ ލިޔުމުގައި އިތުރުވަމުން އަންނަ ނުރައްކަލުގެ އެއްވެސް ތަފްސީލެއް ދީފައި ނުވެ އެވެ. އޭގެ ބަދަލުގައި އީރާން އިން މެދު އިރުމަތީގެ ޤައުމު ތަކަށް ހަމަލާ ދީފައިވާ ކަމަށާއި، އެކަން މިސާލެއްގެ ގޮތުގައި ދެކިގެން މަސައްކަތް ކުރުމަށް އެދިފައިވެ އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނަކު ވިދާޅުވެފައި ވަނީ، ރައީސް ޓްރަމްޕްގެ ސަރުކާރުން މަސައްކަތް ކުރަނީ ސުލްޙަ ޤާއިމު ކުރުމަށް ކަމަށެވެ.
މަސްދަރު: ރޮއިޓާސް







