އީރާނުގެ ސަރުކާރު އޮތީ ބަދަހިކޮށް، ވެރިކަން ވެއްޓުމުގެ ނުރައްކަލެއް ނެތް: އެމެރިކާގެ އިންޓެލިޖެންސް
އެމެރިކާއާއި އިޒްރޭލުން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދެމުންދިޔަ ނަމަވެސް، އެ ގައުމުގެ ސަރުކާރު ވެއްޓުމުގެ ބިރެއް ނެތް ކަމަށާއި ރައްޔިތުންގެ މައްޗަށް އޮތް ކޮންޓްރޯލް އަދިވެސް ބަދަހިކޮށް އޮތްކަން އެމެރިކާގެ އިންޓެލިޖެންސް ރިޕޯޓުތަކުން ހާމަވެއްޖެ. އީރާނުގެ އިސް ލީޑަރުންނާއި އަސްކަރީ ކޮމާންޑަރުން އަވަހާރަކޮށްލާފައިވާއިރު، އާ ރޫހާނީ ލީޑަރަކު އައްޔަންކޮށް ވެރިކަން ދެމެހެއްޓުމުގެ މަސައްކަތް އެ ގައުމުން ދަނީ ކުރަމުން. މީގެ އިތުރުން، ސަރުކާރާ ދެކޮޅަށް ތެދުވުމަށް ކުރުދީ ޖަމާއަތްތަކުން ތައްޔާރަށް ތިބި ކަމަށް ބުނި ނަމަވެސް، އެ ފަރާތްތަކުގެ އަސްކަރީ ގާބިލުކަމާމެދު އެމެރިކާއިން ވަނީ ސުވާލު އުފައްދާފައި.

އީރާނުގެ ވެރިރަށް ތެހެރާނުގައި ހުރި އާޔަތުﷲ އަލީ ޚާމަނާއީގެ ތަސްވީރު ހިމެނޭ ޕޯސްޓަރެއް ކައިރިން މަގުމަތިން މީހަކު ހިނގާފައި ދަނީ. 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިޒްރޭލުން ގުޅިގެން އީރާނަށް ދިން ހަމަލާތަކެއްގައި، އެ ގައުމުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ ވަނީ އަވަހާރަވެފައި. | ގެޓީ އިމޭޖަސް
އެމެރިކާއާއި އިޒްރޭލުން އީރާނަށް މެދުކެނޑުމެއްނެތި ބޮންއަޅަމުންދާތާ ގާތްގަނޑަކަށް ދެ ހަފުތާ ވެފައިވާއިރު، އެ ގައުމުގެ ލީޑަޝިޕް އަދިވެސް އޮތީ ބަދަހިކޮށް ކަމަށާއި، ސަރުކާރު ވެއްޓުމުގެ ބިރެއް ކައިރި މުސްތަގުބަލެއްގައި ނެތް ކަމަށް އެމެރިކާގެ އިންޓެލިޖެންސް ރިޕޯޓުތަކުން ދައްކާފައިވާ ކަމަށް މިކަމުގެ މައުލޫމާތު ހުރި ތިން މަސްދަރަކުން ބުނެފިއެވެ.
އެމެރިކާގެ އިންޓެލިޖެންސް ހޯދުންތަކާ ބެހޭގޮތުން ވާހަކަދެއްކުމަށް ނަން ހާމަނުކުރުމަށް އެދުނު އެއް މަސްދަރަކުން ބުނި ގޮތުގައި، ގިނަ އަދަދެއްގެ އިންޓެލިޖެންސް ރިޕޯޓުތަކުން ދައްކަނީ "އީރާނުގެ ސަރުކާރު ވެއްޓުމުގެ ނުރައްކަލެއް ނެތް" ކަމަށާއި، "އީރާނުގެ ރައްޔިތުންގެ މައްޗަށް ސަރުކާރުގެ ކޮންޓްރޯލް އަދިވެސް އެބައޮތް" ކަމަށެވެ.
މި މައުލޫމާތު ހިމެނޭ އެންމެ ފަހުގެ ރިޕޯޓު ފުރިހަމަކޮށްފައިވަނީ މީގެ މަދު ދުވަސްކޮޅެއް ކުރިން ކަމަށް އެ މަސްދަރުން ބުންޏެވެ. ތެލުގެ އަގު އިންތިހާއަށް އުފުލުމާ ގުޅިގެން ސިޔާސީ ފިއްތުންތައް ކުރިމަތިވަމުންދާއިރު، 2003 ވަނަ އަހަރަށްފަހު އެމެރިކާއިން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން "މާލަސްތަކެއް ނުވެ" ނިންމާލާނެ ކަމުގެ އިޝާރާތެއް ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދެއްވާފައެވެ.
ނަމަވެސް، އީރާނުގެ ހަރުކަށި ލީޑަރުން ވެރިކަމުގައި ދެމިތިބި ނަމަ، މި ހަނގުރާމައަށް އެމެރިކާ ގަބޫލުކުރާ ފަދަ ނިމުމެއް ގެނައުމަކީ އުނދަގޫ ކަމަކަށް ވެދާނެއެވެ. އެމެރިކާއާއި އިޒްރޭލުން ހަމަލާދޭން ފެށި ފުރަތަމަ ދުވަސް ކަމަށްވާ ފެބްރުއަރީ 28 ގައި، އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލި ނަމަވެސް، އެ ގައުމުގެ ދީނީ ލީޑަޝިޕްގެ މެދުގައި އޮތް ބަދަހިކަން އިންޓެލިޖެންސް ރިޕޯޓުތަކުން ހާމަވެއެވެ.
އިޒްރޭލުގެ އިސް އޮފިޝަލަކު ރޮއިޓާސްއަށް މައުލޫމާތު ދެއްވި ގޮތުގައި، މި ހަނގުރާމައިގެ ސަބަބުން އީރާނުގެ ދީނީ ސަރުކާރު ވެއްޓޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމަށް އިޒްރޭލުގެ އޮފިޝަލުން ސިއްރު މަޝްވަރާތަކުގައި އިއުތިރާފުވެފައިވެއެވެ.
މަސްދަރުތަކުން ފާހަގަކުރި ގޮތުގައި އީރާނުގެ މަސްރަހު މިހާރު އޮތީ ވަރަށް ބޮޑަށް ބަދަލުވަމުންދާ ހާލަތެއްގައެވެ. އެހެންކަމުން އެ ގައުމުގެ އެތެރޭގެ ހާލަތަށް ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.
އޮފީސް އޮފް ދަ ޑައިރެކްޓަރ އޮފް ނޭޝަނަލް އިންޓެލިޖެންސް އަދި ސެންޓްރަލް އިންޓެލިޖެންސް އެޖެންސީ (ސީއައިއޭ) އިން މިކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނަން އިންކާރުކޮށްފައިވެއެވެ.
ވައިޓް ހައުސްއިން ވެސް މިކަމާ ގުޅޭގޮތުން މައުލޫމާތު ހޯދުމަށް އެދުމުން ވަގުތުން ޖަވާބެއް ދީފައެއް ނުވެއެވެ.
މަގުސަދުތައް ބަދަލުވުން
ހަނގުރާމަ ފެށީއްސުރެ އެމެރިކާއާއި އިޒްރޭލުން ދަނީ އީރާނުގެ ވައިގެ ދިފާއީ ނިޒާމުތަކާއި، ނިއުކްލިއާ މަރުކަޒުތަކާއި، ލީޑަޝިޕްގެ އިސް ބޭފުޅުން ހިމެނޭހެން ގިނަ އަމާޒުތަކަކަށް ހަމަލާދެމުންނެވެ.
ޓްރަމްޕްގެ ސަރުކާރުން މި ހަނގުރާމައާ ގުޅޭގޮތުން ދައްކަމުންދަނީ ތަފާތު ވާހަކަތަކެކެވެ. އެމެރިކާގެ އަސްކަރީ އޮޕަރޭޝަން ފެށިކަން އިއުލާނު ކުރައްވަމުން ޓްރަމްޕް ވަނީ އީރާނުގެ ރައްޔިތުން "ސަރުކާރުގެ ބާރުތައް އަތުލުމަށް" ގޮވާލައްވާފައެވެ. ނަމަވެސް އޭގެ ފަހުން އޭނާގެ އަރިސް ބޭފުޅުން ވަނީ މި ހަނގުރާމައިގެ ބޭނުމަކީ އީރާނުގެ ސަރުކާރު ވައްޓާލުން ނޫން ކަމަށް ބުނެފައެވެ.
ރޫހާނީ ލީޑަރު ޚާމަނާއީގެ އިތުރުން، އީރާނުގެ އިގްތިސާދުގެ ބޮޑު ބައެއް ކޮންޓްރޯލް ކުރާ އެލީޓް ޕެރާމިލިޓަރީ ފޯސް، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) ގެ އިސް ކޮމާންޑަރުންނާއި އެތައް އިސް އޮފިޝަލުންނެއް މި ހަމަލާތަކުގައި ވަނީ އަވަހާރަކޮށްލާފައެވެ.
އެހެންނަމަވެސް، އެމެރިކާގެ އިންޓެލިޖެންސް ރިޕޯޓުތަކުން ދައްކާ ގޮތުގައި އައިއާރްޖީސީގެ އިސް ކޮމާންޑަރުންނާއި، ޚާމަނާއީ އަވަހާރަވުމުން ވެރިކަމާ ހަވާލުވި ވަގުތީ ލީޑަރުން އަދިވެސް ދަނީ ގައުމު ކޮންޓްރޯލް ކުރަމުންނެވެ. ޝީއީ ދީނީ އިލްމުވެރިންގެ މައްޗަށް އެކުލެވޭ "އެސެމްބްލީ އޮފް އެކްސްޕާޓްސް" އިން ވަނީ މި ހަފުތާގެ ކުރީކޮޅު ޚާމަނާއީގެ ދަރިކަލުން މުޖުތަބާ، އީރާނުގެ އާ ރޫހާނީ ލީޑަރުގެ ގޮތުގައި އައްޔަންކޮށްފައެވެ.
މިކަންކަން މިހެން ހުރުމާއެކު އެމެރިކާއާއި އިޒްރޭލުން މިހާރު ކުރިއަށްގެންދާ އަސްކަރީ ކެމްޕޭނުގެ ސަބަބުން އީރާނުގެ ސަރުކާރު ވެއްޓޭނީ ކިހިނެއްކަމެއް އަދި ސާފެއް ނުވެއެވެ.
އެ މަސްދަރުން ބުނި ގޮތުގައި، ސަރުކާރު ވައްޓާލުމަށްޓަކައި އެއްގަމު މަގުން ހަމަލާދޭން ޖެހިދާނެއެވެ. އެއީ އީރާނުގެ ރައްޔިތުންނަށް ރައްކާތެރިކަމާއެކު މަގުތަކަށް ނުކުމެ މުޒާހަރާ ކުރުމުގެ ފުރުސަތު ދިނުމަށެވެ.
ޓްރަމްޕްގެ ސަރުކާރުން އީރާނަށް އެމެރިކާގެ ސިފައިން ފޮނުވުމުގެ ފުރުސަތު އަދި މުޅިން ބަންދެއް ނުކުރެއެވެ.
ކުރުދީންގެ ކިބައިގައި އީރާނާ ހަނގުރާމަ ކުރުމުގެ ގާބިލުކަން ނެތް ކަމަށް އިންޓެލިޖެންސުން ބުނޭ
އީރާނުގެ ސަލާމަތީ ބާރުތަކަށް އެ ގައުމުގެ ހުޅަނގު ސަރަހައްދުގައި ހަމަލާދޭނެ ގޮތަކާ ބެހޭގޮތުން، އިރާގުގައި ތިބޭ އީރާނުގެ ކުރުދީ ހަނގުރާމަވެރި ޖަމާއަތްތަކުން އެމެރިކާއާ މަޝްވަރާކޮށްފައިވާ ކަމަށް ރޮއިޓާސްއިން މިދިޔަ ހަފުތާގައި ރިޕޯޓުކޮށްފައިވެއެވެ.
މިފަދަ ހަމަލާއެއްގެ ސަބަބުން އީރާނުގެ ސަލާމަތީ ބާރުތަކަށް އެ ސަރަހައްދުގައި ފިއްތުންތައް ކުރިމަތިވެ، އީރާނުގެ ރައްޔިތުން ސަރުކާރާ ދެކޮޅަށް ތެދުވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
އީރާނުގެ ކުރުދީ ހަ ޕާޓީއެއްގެ ކޯލިޝަނުގައި ހިމެނޭ ކޮމާލާ ޕާޓީގެ ލީޑަރު އަބްދުﷲ މުހްތަދީ ބުދަ ދުވަހު ދެއްވި އިންޓަވިއުއެއްގައި ބުނީ، އެ ޕާޓީތަކަކީ އީރާނުގެ އެތެރޭގައި ވަރަށް ބޮޑަށް އިންތިޒާމުވެފައިވާ ބައެއް ކަމަށެވެ. އަދި އެމެރިކާގެ އެހީތެރިކަން ލިބިއްޖެނަމަ، ސަރުކާރާ ދެކޮޅަށް ހަތިޔާރު އުފުލުމަށް "އެތައް ހާސް ޒުވާނުން ތިބީ ތައްޔާރަށް" ކަމަށް އޭނާ ބުންޏެވެ.
މުހްތަދީ ބުނި ގޮތުގައި، އެމެރިކާއާއި އިޒްރޭލުގެ ހަމަލާތަކަށް ބިރުން އައިއާރްޖީސީގެ ޔުނިޓުތަކާއި އެހެނިހެން ސަލާމަތީ ބާރުތަކުން ބައެއް މަރުކަޒުތައް ދޫކޮށް ގޮސްފައިވާ ކަމުގެ ރިޕޯޓުތައް އީރާނުގެ ކުރުދީ ސަރަހައްދުތަކުން ލިބެމުންދެއެވެ.
"ކުރުދީ ސަރަހައްދުތަކުން ސަރުކާރުގެ ބާރު ދެރަވަމުންދާ ކަމުގެ ފާހަގަތައް ފެންނަމުންދޭ،" އޭނާ ބުންޏެވެ.
މިހެން ވާހަކަތައް ހުރި ނަމަވެސް، އެމެރިކާގެ ފަހުގެ އިންޓެލިޖެންސް ރިޕޯޓުތަކުން ވަނީ އީރާނުގެ ސަލާމަތީ ބާރުތަކާ ދެކޮޅަށް ހަނގުރާމަ ކުރުމުގެ ގާބިލުކަން ކުރުދީ ޖަމާއަތްތަކުގެ ކިބައިގައި ހުރިތޯ ސުވާލު އުފައްދާފައި ކަމަށް މިކަމުގެ މައުލޫމާތު ހުރި ދެ މަސްދަރަކުން ބުންޏެވެ.
އިންޓެލިޖެންސް ރިޕޯޓުތަކުން ދައްކާ ގޮތުގައި، އެ ޖަމާއަތްތަކުގައި އެކަށީގެންވާ ވަރަށް ހަތިޔާރާއި މީހުންނެއް ނެތެވެ.
އީރާނުގެ ކުރުދީ ޖަމާއަތްތައް ހަރަކާތްތެރިވާ އިރާގުގެ ކުރުދިސްތާން ސަރަހައްދުގެ ސަރުކާރުން މިކަމާ ގުޅޭގޮތުން ރޮއިޓާސް އިން ސުވާލު ކުރުމުން އެއްޗެއް ބުނެފައެއް ނުވެއެވެ.
މިކަމުގެ މައުލޫމާތު ހުރި އެހެން މީހަކު ބުނި ގޮތުގައި، އީރާނުގެ ކުރުދީ ޖަމާއަތްތަކުން ވަނީ އެމެރިކާގެ އިސް އޮފިޝަލުންނާއި ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ކިބައިން ހަތިޔާރާއި އަސްކަރީ އުޅަނދުތައް ފޯރުކޮށްދިނުމަށް އެދިފައެވެ.
ނަމަވެސް، އީރާނުގެ ކުރުދީ ޖަމާއަތްތައް އެ ގައުމުގެ އެތެރެއަށް ފޮނުވުމުގެ ވިސްނުން ދޫކޮށްލާފައިވާ ކަމަށް ރައީސް ޓްރަމްޕް ހޮނިހިރު ދުވަހު ވަނީ ވިދާޅުވެފައެވެ.
މަސްދަރު: ރޮއިޓާސް






