އީރާނުގެ އައު ލީޑަރު ޚާމަނާއީއަށް ބައިއަތު ހިފުމަށް އެތައް ހާސް މީހުން މަގުތަކަށް ނުކުމެއްޖެ
އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވުމާ ގުޅިގެން، އެ ގައުމުގެ އައު ލީޑަރުގެ މަގާމަށް އާޔަތުﷲ ސައްޔިދު މުޖުތަބާ ޚާމަނާއީ ވަނީ އިންތިޚާބުކޮށްފައި. މި ބަދަލާއެކު އީރާނުގެ އެކި ސިޓީތަކުގައި ރައްޔިތުން މަގުތަކަށް ނުކުމެ، އައު ލީޑަރަށް ވަފާތެރިކަން ހާމަކުރަމުންދާއިރު، އިޒްރޭލާއި އެމެރިކާއިން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެކަމުގެ އިންޒާރު ވެސް ވަނީ ދީފައި. އިޒްރޭލުން ދިން ވައިގެ ހަމަލާތަކެއްގައި ކުރީގެ ލީޑަރު އަވަހާރަވުމާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި އަސްކަރީ ކުރިމަތިލުންތައް ވަނީ އިންތިހާއަށް އިތުރުވެފައި.

އިސްލާމީ އިންގިލާބުގެ އައު ލީޑަރު އާޔަތުﷲ ސައްޔިދު މުޖުތަބާ ޚާމަނާއީއަށް ބައިއަތު ހިފުމަށްޓަކައި، 2026 މާރިޗު 9 ވަނަ ދުވަހު ތެހެރާންގެ އިންގިލާބް މައިދާނަށް ގިނަ އަދަދެއްގެ ބަޔަކު އެއްވެފައި. | ޕްރެސްޓީވީ
އިސްލާމީ އިންގިލާބުގެ އައު ލީޑަރުގެ މަގާމަށް އައްޔަންކުރެއްވި އާޔަތުﷲ ސައްޔިދު މުޖުތަބާ ޚާމަނާއީއަށް ބައިއަތު ހިފުމަށާއި، އެމަނިކުފާނަށް ވަފާތެރިކަން ހާމަކުރުމަށް އީރާނުގެ އެކި ކަންކޮޅުތަކުގެ މަގުތަކަށް އެ ގައުމުގެ ރައްޔިތުން ނުކުމެއްޖެ އެވެ.
ހޯމަ ދުވަހު ކުރިއަށްދާ މި އެއްވުންތައް އީރާނުގެ ވެރިރަށް ތެހެރާނުގެ އިތުރުން ޝީރާޒް، ކަރްމާން، އަހްވާޒް، ތަބްރީޒް، ހަމަދާން އަދި އަރުދަބީލް ފަދަ ބޮޑެތި ސިޓީތަކުގައި ދަނީ ބާއްވަމުންނެވެ.
ތެހެރާނުގެ އިންގިލާބް މައިދާނުގައި ކުރިއަށްދާ އެއްވުމުގެ ބައިވެރިން އީރާނުގެ ގައުމީ ދިދަ ހޫރުވަމުން ދިޔައިރު، "އެމެރިކާ ހަލާކުވެދިއުމަށާއި" "އިޒްރޭލު ހަލާކުވެދިއުމަށް" ގޮވާލައި އަޑުއުފުލާފައިވެއެވެ. ޕްރެސް ޓީވީއާ ވާހަކަދެއްކި ބައެއް މީހުން ބުނި ގޮތުގައި، އެމީހުން އެއްވީ އިސްލާމީ އިންގިލާބުގެ އައު ލީޑަރަށް އޮތް ވަފާތެރިކަން އާކޮށް، އެމަނިކުފާނަށް ފުރިހަމައަށް ތާއީދުކުރާނެކަމުގެ އަހުދު ކަށަވަރު ކުރުމަށެވެ.
"ދުނިޔޭގެ ބޮޑާ ބާރުތަކާ ދެކޮޅަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތުގައި އިސްކޮށް ހުންނެވި އަޅުގަނޑުމެންގެ ލޯބިވާ ލީޑަރު ވަނީ އަވަހާރަކޮށްލާފައި. އެއީ ލިބުނު ފުން ހިތާމައެއް ނަމަވެސް، އެމަނިކުފާނުގެ މަގާމަށް އައްޔަންކުރެއްވި ގާބިލު އައު ލީޑަރާއެކު އަޅުގަނޑުމެންނަށް މިއަދު ވަނީ ހިތްހަމަޖެހުން ލިބިފައި. އެމަނިކުފާނު މި މިޝަން ކުރިއަށް ގެންދަވާނެ،" ތެހެރާނުގެ އެއްވުމުގައި ބައިވެރިވި މީހަކު ޕްރެސް ޓީވީއަށް ކިޔައިދިނެވެ.
މީގެ އިތުރުން، އިޒްރޭލުގެ ޔަހޫދީ ސަރުކާރާއި ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް އީރާނުގެ ސިފައިން ދެމުންދާ ވަރުގަދަ ހަމަލާތަކަށް ވެސް އެއްވުމުގެ ބައިވެރިން ވަނީ ތާއީދުކޮށްފައެވެ.
އެއްވުމުގެ ބައިވެރިން ބުނި ގޮތުގައި، އަވަހާރަކޮށްލާފައިވާ އިސްލާމީ އިންގިލާބުގެ ލީޑަރާއި، މަތީ ފަންތީގެ ކޮމާންޑަރުންނާއި، އާންމު ރައްޔިތުންގެ ލޭގެ ބަދަލު އީރާނުން ހިފާނެއެވެ. އޭގެ ތެރޭގައި އީރާނުގެ ދެކުނުގެ ސުކޫލެއްގައި ޝަހީދުކޮށްލި 165 ދަރިވަރުންގެ މަރުގެ ބަދަލު ހިފާނެކަމަށް ވެސް އެމީހުން ބުންޏެވެ.
މުޅި ގައުމުގައި މި އެއްވުންތައް ބާއްވަން ފަށާފައިވަނީ، އީރާނުގެ އެންމެ މަތީ 88 ދީނީ އިލްމުވެރިންގެ މައްޗަށް އެކުލެވޭ 'އެސެމްބްލީ އޮފް އެކްސްޕާޓްސް' އިން، އުމުރުފުޅުން 56 އަހަރުގެ އާޔަތުﷲ ސައްޔިދު މުޖުތަބާ ޚާމަނާއީއަކީ އިސްލާމީ އިންގިލާބުގެ ތިންވަނަ ލީޑަރު ކަމަށް ރަސްމީކޮށް އިންތިޚާބުކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ.
އާޔަތުﷲ މުޖުތަބާ ޚާމަނާއީ މި މަގާމާ ހަވާލުވެވަޑައިގަތީ، އެމަނިކުފާނުގެ ބައްޕާފުޅު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ އަވަހާރަވުމާ ގުޅިގެންނެވެ. އަލީ ޚާމަނާއީ އަވަހާރަވީ ފެބްރުއަރީ 28 ވަނަ ދުވަހު، ތެހެރާނުގައި ހުންނަ އެމަނިކުފާނުގެ އޮފީހަށް އިޒްރޭލުން ދިން ވައިގެ ހަމަލާތަކެއްގައެވެ. މިއީ އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފަށާފައިވާ ޓެރަރިސްޓް އުދުވާނުގެ ފުރަތަމަ ދުވަހެވެ.
އާޔަތުﷲ ޚާމަނާއީ އަވަހާރަވުމާ ގުޅިގެން، އާދީއްތަ ދުވަހުގެ ރޭ އައު ލީޑަރަކު އިންތިޚާބު ކުރެވެންދެން ގައުމު ހިންގުމުގެ ކަންކަން ބަލަހައްޓާފައިވަނީ ތިން މެންބަރުންގެ މައްޗަށް އެކުލެވޭ ވަގުތީ ލީޑަޝިޕް ކައުންސިލަކުންނެވެ.
އެމެރިކާ އާއި އިޒްރޭލުން ދަނީ އީރާނާ ދެކޮޅަށް ޣައިރު ގާނޫނީ އަސްކަރީ ހަމަލާތަކެއް ދެމުންނެވެ. މި ހަމަލާތަކުގައި އީރާނުގެ އާންމު އުމްރާނީ ވަސީލަތްތަކަށް ގަސްދުގައި އަމާޒުކޮށްފައިވާއިރު، މިހާތަނަށް މަދުވެގެން 1,332 މީހުން ވަނީ މަރުވެފައެވެ.
މީގެ ރައްދުގައި އީރާނުން ވަނީ އިޒްރޭލުން ހިފާފައިވާ ބިންތަކަށާއި، ސަރަހައްދުގެ ގައުމުތަކުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް އަމާޒުކޮށް މިސައިލާއި ޑްރޯން ބޭނުންކޮށްގެން އެތައް ފަހަރަކު ހަމަލާދީފައެވެ.







