އެމްޑީޕީ ހުޅުމާލެ މެދު ދާއިރާގެ ދޮރުން ދޮރަށް ކާމިޔާބުކަމާއި އެކު ނިންމާލައިފި
މާލޭގެ މޭޔަރު އާދަމް އާޒިމް އިސްވެ ހުންނަވައި ހުޅުމާލެ މެދު ދާއިރާގައި ކުރިއަށްގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގައި، ސަރުކާރު ހިންގާ ޕީއެންސީން ކައުންސިލްގެ މަސައްކަތްތައް ފޭލިވެފައިވާ ކަމަށް ވިދާޅުވި. ސަރުކާރުން ވައުދުތައް ނުފުއްދި، ކައުންސިލުން ކުރާ ކަންކަމުގެ ކްރެޑިޓް ނަގަން މަސައްކަތް ކުރާ ކަމަށާއި، އިދިކޮޅު ކެންޑިޑޭޓުންގެ އަގުވައްޓާލަން އުޅޭ ކަމަށް ވެސް އާޒިމް ވިދާޅުވި.


ހުޅުމާލެ މެދު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތްތައް | ރާއްޖެ އެމްވީ
އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ހުޅުމާލެ މެދު ދާއިރާގެ ދޮރުން ދޮރަށް ކާމިޔާބުކަމާއި އެކު ނިންމާލައިފި އެވެ.
އާދިއްތަ ދުވަހުގެ ރޭ ހުޅުމާލޭގައި ބާއްވާފައި ވަނީ މާލޭގެ މޭޔަރ އަދި އެމްޑީޕީ ޓިކެޓުގައި މޭޔަރ ކަމަށް ވާދަކުރައްވާ އާދަމް އާޒިމް އާއި ހުޅުމާލެ މެދު ދާއިރާގެ ކައުންސިލަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ސަފާއަތު އަހުމަދު ޒާހިރު އާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީގެ އެ ދާއިރާ އަށް ވާދަކުރައްވާ ފާތިމަތު ޔޫހާ އިބްރާހިމްގެ އިތުރުން އެ ކޮމިޓީގެ ރައީސާ ކަމަށް ވާދަކުރައްވާ އައިޝަތު ރީޝާގެ ދޮރުން ދޮރަށް ހަރަކާތެވެ.
އެ ހަރަކާތުގެ ތެރެއިން ވާހަކަދައްވަމުން މާލޭގެ މޭޔަރ އާޒިމް ވިދާޅުވީ ސަރުކާރުން ކުރިއަށް އޮތް އިންތިޚާބުގައި މާލޭގެ ގޮނޑިތައް ކާމިޔާބު ކުރުމަށް ވަކިން ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މާލޭގެ ކަންކަން ފުރިހަމަކޮށްދިނުމުގައި ޕީއެންސީ އަށް އެއްވެސް މަސައްކަތެއް ނުކުރެވޭކަން ޚުދު އެ ޕާޓީ އިން ވެސް ޤަބޫލުކުރާ ކަމަށް މޭޔަރ ވިދާޅުވި އެވެ. މަސައްކަތްތައް ނުކުރެވި ވައުދުތައް ނުފުއްދުމުން މިހާރު މަސައްކަތް ކުރަމުން ދަނީ ކެނޑިޑޭޓުންގެ އަގު ވައްޓާލުމަށާއި އޮޅުވާލުމަށް ކަމަށް މޭޔަރ ވިދާޅުވި އެވެ. އާދަމް އާޒިމް ވަނީ ސަރުކާރުން ކައުންސިލުން ކުރަމުންދާ ކަންކަމުގެ ކްރެޑިޓް ނެގުމަށް ވެސް މަސައްކަތް ކުރާކަން ފާހަގަކުރައްވާފަ އެވެ.
"ޕީއެންސީގެ ކައުންސިލަރުން ތިބީ. ނިންމި އެއްވެސް ކަމެއް ތަންފީޒު ނުކޮށެއް ނުހުންނާނެ. އެކަން އެހެރީ ފެންނަން. ފެއިލް ވިއްޔާ ފެއިލްވީ ޕީއެންސީގެ ކައުންސިލަރުން. ކަންކަން ނުކުރެވެނީ، ހާޒިރު ނުވެވެނީ އެ ބޭފުޅުންނަށް." އާޒިމް ވިދާޅުވި އެވެ.
އާޒިމް އިތުރަށް ވިދާޅުވީ ލާމަރުކަޒީ ނިޒާމް އެދޭ ފަދަ ރަނގަޅު ޚިދުމަތްތަކެއް ކޮށްދެވޭނެ ކެނޑިޑޭޓުން ތިބީ އެމްޑީޕީގައި ކަމަށެވެ. ކައުންސިލަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ސަފާއަތު އަހުމަދު ޒާހިރު ވިދާޅުވީ ޕީއެންސީގެ ކެނޑިޑޭޓުންގެ ތެރެއިން ކައުންސިލްގައި މިހާރު ތިބި ބޭފުޅުންނަކީ ކައުންސިލަށް ހާޒިރު ވެސް ވެވޭ ބައެއް ނޫން ކަަމަށެވެ. އިޚުލާސްތެރިކަމާއި އެކު މަސައްކަތް ކުރެވޭނީ ކައުންސިލް ތަކަށް ބައްދަލުވާ ބަޔަކަށް ކަމަށާއި ރައްޔިތުން ތިބީ ކައުންސިލަރުންނާއި މެދު މާޔޫސްވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ބައެއް ކެނޑިޑޭޓުންނަށް ފައިސާ ހުށަހަޅައިގެން އިންތިޚާބު ގަޑުބަޑުކުރުމަށް ވެސް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް ސަރުކާރުގެ އެފަދަ އަމަލުތަަކަށް ސަމާލުވެ ކުރިއަށް އޮތް ކައުންސިލް އިންތިޚާބާއި ޑަބްލިއުޑީސީ އަދި ފެންނަ ނުފެންނަ ވޯޓުގައި ވެސް ސަރުކާރަށް ބޮޑުތަނުން ނޫނެކޭ ބުނަން ޖެހޭ ކަމަށް އާދަމް ޢާޒިމް ވިދާޅުވި އެވެ.






