ދެއިންތިޚާބު އެއްކޮށްލުމުގެ ފަހަތުގައިވާ ބޮޑު ސިއްރު
ދެ އިންތިޚާބު އެއްކޮށްލުމުގެ ބޭނުމެއް ކަމުގައި ސަރުކާރުން ބުނަމުންދަނީ ޚަރަދު ކުޑަކުރުމެވެ. އެކަމަކު ސަރުކާރުގެ އަމަލުތައް ހުރިގޮތުން އެއީ ހަގީގަތެއް ނޫނެވެ. އިންތިހާއަށް ބޭކާރު ޚަރަދު ކުރަމުންދާއިރު ޚަރަދު ކުޑަކުރާ އެއްވެސް ކަމެއް ނުފެނެއެވެ.


ޕީއެންސީން ބޭއްވި ޚާއްސަ ތަރާވީހުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ | ޕީއެންސީ
ވެރިކަމުގައި ހުންނެވި ޑރ މުއިއްޒުގެ އަތުގައި ހުރިހާ ބާރެއް އެބައޮތެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަމިއްލައަށް އަމިއްލަ ކަރަށް ހެޔޮވަރުކޮށްލި ދަންމަޅިއާއެކު ދައުލަތުގެ ތިންބާރު އެވަނީ މުއިއްޒުގެ ފައިކޭޓުގައެވެ. ހިތަށްއެރި އިރަކު ހިތަށް އެރިކަމެއް މަޖިލީސް ތެރެއިން އެގެންދަވަނީ ކުރައްވަމުންނެވެ. ބަސްބުނާ ހިނދުން ގާނޫން ތަކަށް ބަދަލުގެންނަމުންނެވެ. ހަމަ އެހާމެ އަވަހަށް އެގެނައި ބަދަލަށް އަނެއްކާވެސް އިސްލާހު ހުށަހަޅަމުންނެވެ. ގާނޫން އަސާސީއަށް ބަދަލުތައް އެގެންނަވަނީ ރެއަކާ ދުވާލަކުންނެވެ. އެކަމަށް މަޖިލީހުގައި އެ ހޭދަކުރަނީ މަދު ވަގުތުކޮޅެކެވެ.
މަޖިލީހުގެ އަތްގުޅި ނުކާވަރުގެ މެޖޯރިޓީއާއެކު ޖުޑިޝަރީ އެއޮތީ މުއިއްޒު ބޭނުންވާހާ ސައިޒަކަށް ހެޔޮވަރުކޮށްލެވޭ ކޯޓެއްގެ ގޮތުގައެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ނަގާ އެއްލާލި ގޮތާއި ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ގެނައި ކުއްލި ބަދަލުގެ ވާހަކައިން އިތުރަކަށް އެދާއިރާއަށް ފޯރުވި ބާރުގެ ހަގީގަތް ހާމަކުރާކަށް އިތުރު ހެއްކެއް ބޭނުމެއް ނުވެއެވެ. އެބަދަލުތަކާއެކު ސުޕްރީމްކޯޓު ކަޅާކޮށްލި ކޮށްލުމަށްފަހު އެކޯޓު އޮތްގޮތް ތަސައްވުރު ކޮށްލަން ބޭނުންނަމަ ޕާކްކޮށްފައި އޮތް މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތާ ގުޅޭގޮތުން ހުކުމް އިއްވުމާ ހަމައިގާ އޮތް މައްސަލައިން އެކަނި ފުދެއެވެ. އަދި އިދިކޮޅު ފަރާތްތަކުން ކޯޓަށް ހުށަހަޅާ މައްސަލަތަކުގެ ހިލަމެއް ނުވުން އެކަމަށް އިތުރަށް ބާރު ދެއެވެ.
ވެރިކަން ކުރުމުގެ ބޮޑު ބާރާއެކު ކަން އެކުރައްވަނީ ބޭނުން ގޮތަކަށެވެ. ރައްޔިތުން ހަންމަތަ ކުރުވައި ގަދަބާރުން ތާއީދުކުރާކަން ދެއްކުވުމަށް ސިޔާސީ ވަޒީފާތައް ބަހަމުން އެދަނީ ކާފަގެ މަސްބެހުމަށެވެ. ސުމާރެއް ނެތި ވަޒީފާތަކަށް މީހުން ނަގަމުންދާއިރު ގައުމުގެ އިގްތިސާދު އޮތީ އަދުތޯ މާދަންތޯ ބިންދައިގެންދާ ހަމައިގައެވެ. ކިތަންމެ ނޫނެކޭ ސަރުކާރުން ބުނިނަމަ ވެސް އެއްވެސް މަޝްރޫއެއް ނުހިނގުމާއި ޑޮލަރުގެ އަގު 20 ރުފިޔާއިން ދަށަށް ތިރިނުވުމާއި ތަކެތީގެ އަގު އިންތިހާއަށް އުފުލުމުން އެކަމުގެ ހަގީގީ މަންޒަރު ވަރަށް ރީތިކޮށް އެބަ ފެނެއެވެ.
ސަރުކާރުން ހިންގާ ޖަރީމާތަކާއި ކުރާ ވައްކަމާއި ކޮރަޕްޝަންތަކުގެ ވާހަކަ އަދި ގާނޫނާ ޚިލާފަށް ކުރަމުންދާ ކަންކަމާމެދު އަޅާލާނެ މުއްއަސަސާއެއް ނެތެވެ. ޚާއްޞަކޮށް މުއިއްޒުގެ ގޮނޑިކޮށްކޮއެއްފަދައިން ހަރަކާތްތެރިވަމުން އަންނަ އޭސީސީ ނަމޫނާއަކަށް ފުދެއެވެ.
މިއިން ކަމެއްގެ ވާހަކަ ދައްކާލާން ތިބި ނޫސް މީޑިޔާތަކަށް އެވަނީ ސަރުކާރުން ފައިސާ ދީގެން ސަރުކާރުން ބުނިއްޔާ ބުނިއެއްޗެއް ނޫނީ ނުކިޔޭގޮތައް މަލަރުވެގެންނެވެ. ދައުލަތުގެ ޓީވީއެކޭ އިދިކޮޅު ޕާޓީއެއްގެ ހަރުގެއެކޭ އެއްހަމައިގައެވެ. ނުވިތާކަށް ކޮންޓްރޯލް ކޮމިޝަނުން އެއޮތީ ރެއާ ދުވާލު ނުގޮތަކަށް އެއްޗެއް ބުނެފާނެހެން ހީވާ މީޑިޔާތަކަށް ކަޅި އަޅައަޅައެވެ.
ކުރުކޮށް ފޮނިކޮށް ބުނަންޏާ މުއިއްޒު އެވަނީ މުޅި ގައުމުގެ ހުރިހާ ބާރެއް ރީތިކޮށް އަތްޕުޅަށް ނަންގަވާފައެވެ. އެންމެ ބާރެއް ފިޔަވައެވެ. ރައްޔިތުންގެ ބާރެވެ. ރައްޔިތުންގެ ތާއީދު ފިޔަވައެވެ. ދެމީހަކު އެއްވިއްޔާ މުއިއްޒުގެ ވާހަކައެވެ. ސަރުކާރުން ކަންކުރާ ގޮތުން ނުރުހިގެންނެވެ. ކަމެއް ނުކުރެވޭ ވާހަކައާއި ގައުމު ވެއްޓިފައިވާ ހާލަތުގެ ވާހަކައެވެ. ތަކެތީގެ އަގުތައް އިންތިހާއަށް ބޮޑުވެ ދިރިއުޅުމުގެ ޚަރަދުތައް އުފުލުނު ވާހަކައެވެ. ހަދާ ދޮގުތަކާއި މުއިއްޒުގެ އަޅުން އުޅެމުންދާ ގަދަބަދަވި ކަމުގެ ވާހަކައެވެ. ރައްޔިތުން، މީން ދުވަހަކު ނުވެއްޓޭހާ ނިކަމެތި ހާލަތަކަށް ވެއްޓިފައިވާ އަސަރުގަދަ ވާހަކައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ރިޔާސީ އިންތިޚާބު އެއްކޮށްލުމުގެ ވާހަކަ އެފެށީ މިފަދަ ދަނޑިވަޅެއްގައެވެ. އެކަމުގެ ވާނުވާ ރައްޔިތުންނަށް އަންގައިވެސް ނުދީ ވަރަށް ހީލަތްތެރި މަކަރުވެރި ގޮތަކަށެވެ. ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތައް ހޮވުމުގެ ވޯޓުގެ ތެރެއިން ރައްޔިތުން ވާނުވާގައި ބައިތިއްބައިގެންނެވެ.
ދެ އިންތިޚާބު އެއްކޮށްލުމުގެ ބޭނުމެއް ކަމަށް ސަރުކާރުން ބުނާ ހަމައެކަނި ވާހަކައަކީ ޚަރަދު ކުޑަކުރުމެވެ. މީހުންނަށް ވިސްނައިދެވޭތޯ ބަލަމުން އެދަނީ އިންތިޚާބުތަކަށް ކުރާ ޚަރަދު ކުޑަކުރުމެވެ. ހިތުން ވަރަށް ރީތި ހުއްޖަތެކެވެ. ރައްޔިތު މީހާއަށް ވިސްނައިދޭންވެސް ފަސޭހަ އެއްޗެކެވެ. އެކަން ވިސްނައިދޭން ޖަހާ ހިސާބުތައްވެސް ދިމައެއް ނުވެއެވެ. ކޮންމެ އަހަރަކު މިލިއަނުން ހަރަދުވާނެ ކަމަށް ޕީއެންސީ ޕީޖީ ލީޑަރު ވިދާޅުވިއެވެ. އެކަމަކު އެއީ ކޮންމެ 5 އަހަރަކުން އެއް އަހަރު ބާއްވާ އިންތިޚާބެކެވެ. ޚަރަދަށް ބަލާއިރު މިކަމުން ކުރާ ޚަރަދަށްވުރެ ޚަރަދު ކުޑަކުރަން ޖެހޭ އެތައް ކަމެއް އިގްތިސޯދީ ބޭފުޅުންނާއި ދުނިޔޭގެ މާލީ އިދާރާތަކުން ބުނެފައިވެއެވެ. އެ ކަންކަން އެހުރީ ހުރިގޮތަށެވެ. އެއިން ކަމަކަށް އަޅައެއް ނުލައެވެ. ކުރިން ބުނިހެން ސިޔާސީ ވަޒީފާތައް ދީގެން ސަރުކާރުގެ އަޅުންގެ ގޮތުގައި މީހުންތައް ނަގަމުންދާއިރު އެމީހުން ކުރާނެ މަސައްކަތެއް އިށީންނާނެ ތަނެއްވެސް އަމުދުން ނެތެވެ. މިލިއަނުން ހަވާ އަރުވައިގެން ބާއްވާ ބޮޑެތި ހަފްލާ ތަކާއި ސަރުކާރުގެ ބޭކާރު ޚަރަދުތައް އިންތިހާގައެވެ. ފައިދާއެއް ނެތް ދަތުރުތައް އެހާމެ ގިނައެވެ.
ދެން ދައްކާ އަނެއް ވާހަކައަކީ މަޖިލީހުގެ ދައުރު ކުރުވުމެވެ. މިހާރު އޮތް މަޖިލީހުގެ ދައުރު ބާކީ ދުވަސްތަކެއް އޮއްވައި ކުރުވެގެން ދިއުމެވެ. ހިތުން ވަރަށް ރަނގަޅެވެ. ރައްޔިތުން ޖަހާލާ ހެޔޮ ފާހަގައަކުން އެކަން ނިމޭ ގޮތަށެވެ. އެހާމެ ފަސޭހައިންނެވެ.
އެކަމަކު ބުނެ ނުދެނީ މިފަދަ ގޮތަކަށް ލެވޭ ވޯޓަކުން ރައްޔިތުން އާއެކޭ ބުނުމާއެކު މުއިއްޒަށް އަނެއްކާވެސް އެލިބިދޭ ބޮޑު ބާރެވެ. މަޖިލީހުގެ ދައުރު ކުރުވާ ގޮތައް ރިޔާސީ ދައުރު ދިގުކޮށްލެވިދާނެ ކަމެވެ. ނަމުން މުއިއްޒު ހައްދަވާ 20 އަހަރުގެ މާސްޓަރ ޕްލޭން ތަންފީޒް ކުރަން ރައީސުލް ޖުމްހޫރިއްޔާގެ ގޮތުގައި މުއިއްޒު ހުންނަވަން ވާނެ ނޫން ހެއްޔޭ ނިންމާލަންވެސް އެހާ ފަސޭހަ ވާނެއެވެ. އެނޫން މީހަކަށް މި ޕްލޭނާ އެއްގޮތައް ގައުމު ތަރައްގީއެއް ނުކުރެވޭނެއޭ ބުނެ މަޖިލީހުން ފާސްކޮށް ގާނޫން އަސާސީއަށް ބަދަލު ގެނެސްގެން ދައުރު ދަންމާލުމަކީ މިހާރު އޮތް އަޅު މަޖިލީހަށް ނުހަނު ފަސޭހަ ކަމެކެވެ. ކުރުން އެހާމެ ކައިރި ކަމެކެވެ. ނުކޮށް ދޫކޮށްލުމަށްވުރެ ކުރުން ގާތް ކަމެކެވެ.
ކޮންމެއަކަސް މުއިއްޒަށް އެހާބޮޑު ބާރުތަކެއް ލިބިދީފައި އޮވެމެ މަޖިލީހުގެ ދައުރު ކުރުކޮށްލުމަކީ މުއިއްޒުގެ މާޒީއަށް ބަލާއިރު ކުރައްވާނެ ކަމެއް ނޫނެވެ. ވެރިކަމުގެ ދައުރުގައި މިދިޔަ ދެއަހަރުގެ ފަސްމަންޒަރަށް ބަލާއިރު އެއީ މުސްތަހީލު ކަމެކެވެ. އަދި ފެންނަ މަންޒަރުތަކާއި ރައްޔިތުންގެ ޝުއޫރުތައް ހުރިގޮތުން އިންތިޚާބަކުން މުއިއްޒަށް މޮޅު ނުވެވޭނެ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އެހެންކަމަށްވާނަމަ އިންތިޚާބަކަށް ދާކަށް މުއިއްޒަކަށް ކެރިވަޑައެއް ނުގަންނަވާނެއެވެ. އެހެންކަމަށްވާނަމަ ދެއިންތިޚާބު އެއްކޮށްލުމުގެ ހަގީގީ ބޭނުމަކީ ރިޔާސީ އިންތިޚާބެއް ނުބާއްވާ މުއިއްޒުގެ ވެރިކަމުގެ ދައުރު ދިގުދަންމާލުމެވެ. އެތެރެ ކޮއިލުން ބޭރުވާ ބައެއް ސިއްރުތަކާއި ސަރުކާރުގެ ތެރޭގައިވެސް ތިބި ބައެއް މީހުންގެ ބަސްތަކުން ވެސް އެނގޭ ގޮތުންނަމަ ދެއިންތިޚާބު އެއްކޮށްލުމުގެ ހީލަތްތެރި ހަގީގީ ފޮރުވިފައިވާ ސިއްރަކީ އެއީކަމަށް ވުން ވަރަށް ކައިރިއެވެ. މުއިއްޒަކީ މުއިއްޒުއެވެ. ޕާޓީތަކުން ބަދަލުވަމުން އައިސް ވަޒީރުކަމުގައި ހުންނެވި ގޮތްތަކާއި ޕީޕީއެމްގެ ތެރެއިން ޕީއެންސީ ޓިކެޓް ހޯއްދެވި ގޮތުންނެވެ. ޔާމީންގެ ބޮޑު ފޮޓޯއާއި ހަރާމް ހުކުމެވެ. ހުސް ގޮނޑިއާ އިންށޑިޔާ އައުޓޭ ގޮވި ހީލަތްތެރި ކަމެވެ. އަދި ވެރިކަމަށް ވަޑައިގެންނެވުމާއެކު ބާރުތައް އަތަށް ކަހާލި ގޮތުން އިތުރަށް މުއިއްޒު ބެނެދޭކަށް ނުޖެހެއެވެ. ގޮތް ނިންމާނީ ތިކޮޅުންނެވެ.





