ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން، މިހާރު އީރާނުގެ ވެރިކަން ކުރަނީ ކޮން ފަރާތަކުން؟
އީރާނުގެ އެންމެ މަތީ ވެރިޔާ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން، ގައުމު ހިންގުމަށްޓަކައި ރައީސް މަސްއޫދު ޕެޒެޝްކިއަން އާއި ޝަރުއީ ދާއިރާގެ އިސްވެރިޔާގެ އިތުރުން ދީނީ އިލްމުވެރިޔާ އަލީރިޒާ އަރާފީ ހިމެނޭ ވަގުތީ ކައުންސިލެއް ވަނީ އެކުލަވާލާފައި.

އަލީރިޒާ އަރާފީ | އެކްސް
އިޒްރޭލާއި އެމެރިކާ ގުޅިގެން ދިން ވަރުގަދަ ހަމަލާއެއްގައި އީރާނުގެ އެންމެ މަތީ ވެރިޔާ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން، އެ ގައުމުގެ ވެރިކަން ބަދަލުކުރުމުގެ ކަންކަން ކުރިއަށްގެންދާނެ ގޮތުގެ ޕްލޭން އީރާނުން މިހާރު ވަނީ އިއުލާންކޮށްފައެވެ.
މި ޕްލޭންގެ ދަށުން، އީރާން ހިންގުމަށް ވަގުތީ ކައުންސިލެއް އެކުލަވާލުމަށް ވަނީ ނިންމާފައެވެ. މި ކައުންސިލްގައި ހިމެނިވަޑައިގަންނަވަނީ އެ ގައުމުގެ ރައީސާއި، ޝަރުއީ ދާއިރާގެ އިސްވެރިޔާގެ އިތުރުން، ގާނޫނުތައް މުރާޖައާކޮށް އިންތިޚާބުތަކަށް ކުރިމަތިލާ ކެންޑިޑޭޓުން ކަނޑައަޅާ "ގާޑިއަން ކައުންސިލް" ގެ މެންބަރެކެވެ.
މީގެ އިތުރުން، އީރާނުގެ ސަލާމަތީ ކަންކަމާ ބެހޭ އެންމެ އިސްވެރިޔާ އަލީ ލާރިޖާނީ ވެސް މި ދަނޑިވަޅުގައި މުހިންމު ދައުރެއް އަދާކުރައްވަމުން ގެންދަވައެވެ.
ވެރިކަން ބަދަލުކުރުމުގެ މަރުހަލާގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުންނަކީ:
ރައީސް
އުމުރުފުޅުން 71 އަހަރުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އަކީ، އީރާނުގެ އެންމެ މަތީ ވެރިޔާ އިންތިޚާބު ކުރެވެންދެން ގައުމު ހިންގުމާ ހަވާލުވެފައިވާ ވަގުތީ ކައުންސިލްގެ ތިން މެންބަރުންގެ ތެރެއިން އެކެކެވެ.
އިސްލާހީ ފިކުރުގެ ބޭފުޅެއް ކަމަށްވާ، އަދި ކުރިން ހިތުގެ އޮޕަރޭޝަންތަކަށް ޚާއްސަ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ޕެޒެޝްކިއަން ރައީސްކަމާ ހަވާލުވެވަޑައިގަތީ 2024 ވަނަ އަހަރުގެ ޖޫން މަހުގައެވެ. އެއީ އޭނާގެ ކުރިން ރައީސްކަމުގައި ހުންނެވި އިބްރާހީމް ރައީސީ ހެލިކޮޕްޓަރު އެކްސިޑެންޓެއްގައި އަވަހާރަވުމާ ގުޅިގެންނެވެ.
ޕެޒެޝްކިއަން އުފަންވެވަޑައިގަތީ 1954 ވަނަ އަހަރު، އީރާނުގެ ހުޅަނގު އުތުރުގެ ޕްރޮވިންސެއް ކަމަށްވާ ވެސްޓް އަޒަރުބައިޖާންގެ މަހާބާދު ސިޓީއަށެވެ. އޭނާގެ ބައްޕައަކީ ތުރުކީ ދަރިކޮޅުގެ މީހެއް ކަމަށްވާއިރު، މަންމައަކީ ކުރުދީ ދަރިކޮޅުގެ މީހެކެވެ.
މަޑުމައިތިރި މިޒާޖެއްގެ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވޭ ޕެޒެޝްކިއަން ވަނީ އީރާނަށް ކުރިމަތިވި ދަތި އުނދަގޫ ދަނޑިވަޅުތަކުގައި ސަރުކާރު ހިންގަވާފައެވެ. އޭގެ ތެރޭގައި މިދިޔަ އަހަރު އިޒްރޭލާއެކު ކުރި 12 ދުވަހުގެ ހަނގުރާމައާއި، ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާ ގުޅިގެން މިދިޔަ ޖެނުއަރީ މަހު އެންމެ ވަރުގަދަވި އާންމުންގެ މުޒާހަރާތައް ހިމެނެއެވެ.
ނިމިދިޔަ އާދީއްތަ ދުވަހު ޕެޒެޝްކިއަން ވިދާޅުވީ، ޚާމަނާއީ އަވަހާރަކޮށްލުމަކީ "މުސްލިމުންނާ ދެކޮޅަށް އިއުލާންކުރި ހަނގުރާމައެއް" ކަމަށާއި، އީރާނުން މީގެ ބަދަލުހިފުމަކީ ލިބިގެންވާ ގާނޫނީ ހައްގެއްގެ އިތުރުން އަދާކުރަންޖެހޭ ވާޖިބެއް ކަމަށެވެ.
ޝަރުއީ ދާއިރާގެ އިސްވެރިޔާ
އުމުރުފުޅުން ގާތްގަނޑަކަށް 68 އަހަރުގެ ޣުލާމްހުސައިން މުހްސިނީ އެޖެއީ އަކީ ވެސް ވަގުތީ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ މެންބަރެކެވެ.
އޭނާ އުފަންވެވަޑައިގަތީ އީރާނުގެ މެދުތެރޭގެ އިސްފަހާން ޕްރޮވިންސްގެ އެޖޭ ކިޔާ އަވަށަކަށެވެ.
އީރާނުގެ ޝަރުއީ ދާއިރާއާއި ސަލާމަތީ އިދާރާތަކުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި އެޖެއީ، ޝަރުއީ ދާއިރާގެ އެންމެ އިސްވެރިޔާގެ މަގާމަށް 2021 ވަނަ އަހަރު އައްޔަންކުރެއްވީ ޚާމަނާއީއެވެ.
ޝަރުއީ ދާއިރާގެ ވެބްސައިޓުގައިވާ ގޮތުން، އެޖެއީ ވަނީ ގުމްގެ ދީނީ މަރުކަޒުތަކުން ތައުލީމު ހާސިލްކުރައްވާ، ބައިނަލްއަގުވާމީ ގާނޫނުގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައެވެ.
އޭނާ އިންޓެލިޖެންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި ދުވަސްވަރު، 2009 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ނަތީޖާއާ ގުޅިގެން އުފެދުނު ހަމަނުޖެހުންތައް ހުއްޓުވުމުގައި "އިންސާނީ ހައްގުތަކަށް ބޮޑެތި އުނިކަންތައްތަކެއް" ދީފައިވާ ކަމަށް ބުނެ، 2010 ވަނަ އަހަރު އެމެރިކާއިން ވަނީ އޭނާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.
ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން އެޖެއީ ވިދާޅުވީ، "އެމެރިކާގެ ނުބައި ސަރުކާރާއި، ނިކަމެތިވެފައިވާ ޒަޔަނިސްޓުން ދަންނަންޖެހޭނެ ހަގީގަތަކީ، އީރާނުގެ މަތިވެރި ރައްޔިތުން އެމީހުންގެ ބަތަލު ލީޑަރުގެ ލޭގެ ބަދަލު ދުވަހަކުވެސް މާފު ނުކުރާނެ" ކަމަށެވެ.
ދީނީ އިލްމުވެރިޔާ
ވަގުތީ ކައުންސިލްގައި ދެން ހިމެނިވަޑައިގަންނަވަނީ އުމުރުފުޅުން 65 އަހަރުގެ ދީނީ އިލްމުވެރިޔާ އަލީރިޒާ އަރާފީއެވެ. އޭނާއަކީ އީރާނުގެ ދީނީ މަދަރުސާތައް ހިންގާ މަރުކަޒުގެ އިސްވެރިޔާއެވެ.
މީގެ އިތުރުން، އޭނާއަކީ އީރާނުގެ އެންމެ މަތީ ވެރިޔާ އައްޔަންކުރުމާއި އޭނާގެ ކަންކަން ބަލަހައްޓާ "އެސެމްބްލީ އޮފް އެކްސްޕާޓްސް" ގެ ދެވަނަ ނައިބު ރައީސް ވެސް މެއެވެ.
އަދި އޭނާއަކީ ގާޑިއަން ކައުންސިލްގެ މެންބަރެއް ވެސް މެއެވެ.
އަރާފީ 1971 ވަނަ އަހަރު ގުމްއަށް ބަދަލުވެވަޑައިގަތީ އިސްލާމީ އިލްމު އުނގެނުމަށެވެ. އޭނާގެ ރަސްމީ ވެބްސައިޓުގައިވާ ގޮތުން، އޭރުގެ ރަސްގެފާނު މުހައްމަދު ރޭޒާ ޕަހްލަވީގެ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރެއްވުމުގެ ސަބަބުން، އުމުރުފުޅުން އެންމެ 16 އަހަރުގައި އޭނާ ޖަލަށް ލެވުނެވެ.
ވަގުތީ ކައުންސިލްގެ ތިން މެންބަރުންގެ ތެރެއިން އެންމެ ޒުވާން އަދި އާންމުންގެ ތެރޭގައި އެންމެ މަދު ބަޔަކަށް އެނގޭ ބޭފުޅަކީ އަރާފީއެވެ. އޭނާއަކީ އާންމުކޮށް ވަރަށް ވިސްނުންތެރިކަމާ އެކު ވާހަކަދައްކަވާ ބޭފުޅެކެވެ.
ނަމަވެސް، މިދިޔަ އާދީއްތަ ދުވަހު އޭނާ ވަނީ ވަރުގަދަ އިންޒާރެއް ދެއްވާފައެވެ. އޭނާ ވިދާޅުވީ، "އީރާނުގެ ރައްޔިތުން އިންގިލާބީ މަގުގައި ކުރިއަށްދާނެ ކަމަށާއި، ރައްޔިތުންނާއި، ލޮބުވެތި ޒުވާނުންނާއި ދަރިވަރުންގެ ލޭގެ ބަދަލު ހިފާނެ" ކަމަށެވެ.
ސަލާމަތީ ކަންކަމާ ބެހޭ އިސްވެރިޔާ
އުމުރުފުޅުން 68 އަހަރުގެ އަލީ ލާރިޖާނީ އަކީ މިހާރު އީރާނުގެ ސަލާމަތީ ކަންކަމާ ބެހޭ އެންމެ މަތީ މަޖިލިސް، "ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލް" ގެ އިސްވެރިޔާއެވެ.
އީރާނުގެ އަސްކަރިއްޔާއާއި، މީޑިއާ އަދި ގާނޫނު ހަދާ މަޖިލީހުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ލާރިޖާނީއަކީ ޚާމަނާއީގެ ފުރިހަމަ އިތުބާރު ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަމަށް ބެލެވެއެވެ.
އޭނާ އުފަންވެވަޑައިގަތީ 1957 ވަނަ އަހަރު އިރާގުގެ ނަޖަފަށެވެ. އޭނާގެ ބައްޕައަކީ އީރާނުގެ އިންގިލާބުގެ ބާނީ ރޫހުﷲ ޚުމައިނީއާ ގާތް ގުޅުމެއް އޮތް މަޝްހޫރު ދީނީ އިލްމުވެރިއެކެވެ.
ލާރިޖާނީގެ އާއިލާއަކީ އެތައް އަހަރެއް ވަންދެން އީރާނުގެ ސިޔާސީ ނިޒާމުގައި ނުފޫޒުގަދަ އާއިލާއެކެވެ.
ނިމިދިޔަ އާދީއްތަ ދުވަހު ލާރިޖާނީ ވަނީ ޚާމަނާއީއަށް ފަހު އީރާނުގެ ވެރިކަން ބަދަލުވެގެންދާނެ ގޮތުގެ ތަފްސީލް ހާމަކުރައްވާފައެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބަސްމަގާ އެއްގޮތަށް އިންޒާރު ދެއްވަމުން އޭނާ ވިދާޅުވީ، އިޒްރޭލާއި އެމެރިކާއާ ދެކޮޅަށް "މީގެ ކުރިން ދުވަހަކުވެސް ތަޖުރިބާކޮށްފައި ނުވާ ފަދަ ވަރުގަދަ ބާރެއްގެ ބޭނުންކުރާނެ" ކަމަށެވެ.
މަސްދަރު: އަލްއަރަބިއްޔާ






