އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދޭން ފެށި ހަމަލާތަކާ ބެހޭ ގޮތުން މިހާތަނަށް ސާފުވެފައިވާ މައުލޫމާތު
އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނުގެ އެކި ސަރަހައްދުތަކަށް ވަރުގަދަ އަސްކަރީ ހަމަލާތަކެއް ދޭން ފަށާފައިވާއިރު، މިއީ އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުވުމަށް ފެށި އޮޕަރޭޝަނެއް ކަމަށް ރައީސް ޓްރަމްޕް ވިދާޅުވޭ. މި ހަމަލާތަކާ ގުޅިގެން އީރާނާއި އިޒްރޭލުގެ ވައިގެ ސަރަހައްދު ބަންދުކޮށް، ދެ ގައުމުގައި ވެސް ވަނީ ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައި. އިޒްރޭލުން މުޅި ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާއިރު، އީރާނުގެ ވެރިރަށް ތެހެރާނުގެ އިތުރުން އެހެން ބޮޑެތި ސިޓީތަކުން ވެސް ގޮވުންތަކުގެ އަޑު އިވިފައިވާ ކަމަށް ރިޕޯޓުތައް ބުނޭ.

2026 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ތެހެރާނުގައި އެއްޗެއް ގޮވި ކަމަށް ރިޕޯޓްކޮށްފައިވާ ސަރަހައްދުން ދުން އަރަމުންދަނީ. | އޭއެފްޕީ
އެމެރިކާ އާއި އިސްރާއީލުން ގުޅިގެން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގައި "މިލިޓަރީ ބޮޑު އޮޕަރޭޝަނެއް" ކުރިއަށްދާކަން ހާމަކުރައްވައި، އީރާނު ސަރުކާރުގެ ސިފައިން ހަތިޔާރު ބެހެއްޓުމަށް ގޮވާލައްވާފައެވެ.
މީގެ ކުރިން އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ވިދާޅުވީ، އިޒްރޭލުން އީރާނަށް "ޕްރީ-އެމްޕްޓިވް" ނުވަތަ އިސްވެ ދޭ ހަމަލާތަކެއް ފަށާފައިވާ ކަމަށެވެ. މި ހަމަލާތަކާއެކު އީރާނުގެ އެކި ސަރަހައްދުތަކުން ގޮވުންތަކުގެ އަޑުވަނީ އިވިފައެވެ.
މި ހަމަލާތައް ދީފައި މިވަނީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން މަޝްވަރާތަކާއި އިންޒާރުތައް ބަދަލުކުރާތާ ހަފުތާތަކެއް ވެފައިވަނިކޮށެވެ.
މި ހާދިސާއާ ގުޅިގެން މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަކީ މިއީއެވެ.
ތެހެރާން ގަޑިން ހެނދުނު 09:30 ހާއިރު، އީރާނުގެ މީޑިއާތަކުން ވަނީ ވެރިރަށް ތެހެރާނުގައި ގޮވުންތަކެއް ގޮވާފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ. ބީބީސީ އިން ހާމަކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، އެ ސިޓީގެ ޖުމްހޫރީ މައިދާން އަދި ހަސަން އާބާދު މައިދާން ހިމެނޭ ސަރަހައްދުން ދަނީ ދުން އަރަމުންނެވެ.
މީގެ އިތުރުން، އީރާނުގެ އެހެން ބައެއް ސިޓީތައް ކަމަށްވާ އިސްފަހާން، ގޮމް، ކަރަޖް އަދި ކަރްމާންޝާހުން ވެސް ގޮވުންތަކުގެ އަޑު އިވިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް، މި ހަމަލާތަކުގައި މީހަކަށް އަނިޔާވިކަން ނުވަތަ މަރުވިކަން އަދި ސާފެއް ނުވެއެވެ.
ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަމަލާތަކާ ގުޅިގެން އީރާނުގެ ވައިގެ ސަރަހައްދު މިހާރު ވަނީ ބަންދުކޮށްފައެވެ.
ހަމައެއާއެކު، އިޒްރޭލުގެ ގަޑިން ހެނދުނު 08:15 ހާއިރު، އީރާނުން ދީފާނެ މިސައިލް ހަމަލާއަކަށް ސަމާލުވުމަށް ގޮވާލައި އިޒްރޭލުގެ އެކި ސަރަހައްދުތަކުގައި ވަނީ އިންޒާރުގެ ސައިރަން އަޅާފައެވެ.
އިޒްރޭލުގެ ރައްޔިތުން އެއްވެ ނޫޅުމަށާއި، ކޮންމެހެން ދާންޖެހިގެން މެނުވީ ސްކޫލްތަކަށާއި ވަޒީފާއަށް ނުދިއުމަށް ވަނީ އަންގާފައެވެ. މި އިރުޝާދުތަކަށް ހޯމަ ދުވަހުގެ ރޭގަނޑު 20:00 އާ ހަމައަށް އަމަލުކުރުމަށް ވަނީ އަންގާފައެވެ.
އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، އެ ގައުމުގެ ވައިގެ ސަރަހައްދު ވެސް މިހާރު ވަނީ އާންމު ދަތުރުފަތުރުތަކަށް ބަންދުކޮށްފައެވެ.
ޑޮނަލްޑް ޓްރަމްޕް ވަނީ 'ޓްރުތް ސޯޝަލް' ގައި ވީޑިއޯއެއް އާންމުކުރައްވައި، މި ހަމަލާތަކުގައި އެމެރިކާ ބައިވެރިވާކަން ކަށަވަރުކޮށްދެއްވާފައެވެ.
"މީގެ ކުޑަވަގުތުކޮޅެއް ކުރިން، އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އީރާނުގައި މިލިޓަރީ ބޮޑު އޮޕަރޭޝަނެއް ފަށާފައި،" ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕް އިތުރަށް ވިދާޅުވީ، އެމެރިކާގެ މަގްސަދަކީ އީރާނުގެ ސަރުކާރުގެ ފަރާތުން ކުރިމަތިވެދާނެ ނުރައްކާތަކުން އެމެރިކާގެ ރައްޔިތުން ސަލާމަތްކުރުން ކަމަށާއި، ވޮޝިންޓަނުގެ އަމާޒަކީ އީރާނަށް ނިއުކްލިއާ ހަތިޔާރު ހޯދުމުގެ ފުރުސަތު ނުދިނުން ކަމަށެވެ.
މީގެ އިތުރުން، އީރާނުގެ ރައްޔިތުން ގޭގައި މަޑުކުރުމަށާއި ބޭރަށް ނުނިކުތުމަށް ވެސް ޓްރަމްޕް ވަނީ އިލްތިމާސްކުރައްވާފައެވެ.
"އަހަރެމެންގެ މަސައްކަތް ނިމުމުން، ތިޔަބައިމީހުންގެ ސަރުކާރާ ހަވާލުވޭ. އެއީ ތިޔަބައިމީހުންގެ މިލްކަކަށް ވާނެ. މިއީ ކުރިއަށް އޮތް އެތައް ޖީލަކަށް ލިބޭނެ ހަމައެކަނި ފުރުސަތަށް ވެދާނެ،" ޓްރަމްޕް ވިދާޅުވިއެވެ.
މީގެ ކުރިން އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ވިދާޅުވީ، އެ ގައުމުން އީރާނަށް "ޕްރީ-އެމްޕްޓިވް" ހަމަލާތަކެއް ދޭން ފަށާފައިވާ ކަމަށެވެ. އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އިޒްރޭލް ކަޓްޒް ނެރުނު ބަޔާނެއްގައި ވަނީ، މުޅި އިޒްރޭލުގައި "ޚާއްސަ އަދި ދާއިމީ ކުއްލި ނުރައްކަލުގެ ހާލަތު" އިއުލާންކުރައްވާފައެވެ.
މަސްދަރު: ބީބީސީ






