އީރާނަށް ހަމަލާދިނުމަށް ޕެންޓަގަންގެ "ކާމިކާޒީ" ޑްރޯން ޔުނިޓް ތައްޔާރު ވެއްޖެ
އެމެރިކާގެ އަސްކަރިއްޔާއިން އުފެއްދި ފުރަތަމަ "ކާމިކާޒީ" ޑްރޯން ޔުނިޓް ކަމަށްވާ "ޓާސްކް ފޯސް ސްކޯޕިއަން" އޮޕަރޭޝަންތަކަށް ތައްޔާރުވެފައިވާކަން ސެންޓްކޮމްއިން ވަނީ ހާމަކޮށްފައި. ގާތްގަނޑަކަށް 35,000 ޑޮލަރުގެ އަގުހެޔޮ މި ޑްރޯންތަކަކީ އީރާނުގެ މިސައިލް އުފައްދާ ކާރުޚާނާތަކާއި އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާދިނުމަށް ފަރުމާކޮށްފައިވާ ވަސީލަތްތަކެއް. މި ފިޔަވަޅަކީ އަގުބޮޑު ޑްރޯންތަކަށް ބަރޯސާވުން ކުޑަކޮށް، އީރާނަށް އަސްކަރީ ގޮތުން ޕްރެޝަރު ބޮޑުކުރުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތުގެ ބައެއް.

ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) ގެ މަސްއޫލިއްޔަތު އޮންނަ ސަރަހައްދެއްގެ ހާމަނުކުރާ ބޭހެއްގައި، "ލޯ-ކޮސްޓް އަންމޭންޑް ކޮމްބެޓް އެޓޭކް ސިސްޓަމް" (ލޫކަސް) ގެ ޑްރޯންތަކެއް 2025 ނޮވެމްބަރު 23 ވަނަ ދުވަހު ރަންވޭމަތީގައި އަތުރާލާފައިވަނިކޮށް ދައްކާލަނީ. | ސެންޓްކޮމް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނަށް ހަމަލާދިނުމަށް ނިންމަވައިފިނަމަ، އެ ހަމަލާތަކުގައި ބައިވެރިވުމަށް ޕެންޓަގަންގެ ފުރަތަމަ "ކާމިކާޒީ" ޑްރޯން ޔުނިޓް ތައްޔާރުވެފައިވާ ކަމަށް އެމެރިކާގެ އޮފިޝަލުންނާއި ދިރާސާކުރާ ފަރާތްތަކުން ބުނެފިއެވެ.
"ޓާސްކް ފޯސް ސްކޯޕިއަން" ގެ ނަމުން ނަންދެވިފައިވާ މި ޑްރޯން ޔުނިޓަކީ އެމެރިކާގެ އަސްކަރިއްޔާއިން ތަޖުރިބާ ކުރުމުގެ ގޮތުން އުފެއްދި ޔުނިޓެކެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) ގެ ތަރުޖަމާނު ކެޕްޓަން ޓިމް ހޯކިންސް އީމެއިލް މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ވިދާޅުވީ، މި ޔުނިޓް މިހާރު އޮޕަރޭޝަންތަކަށް ތައްޔާރުވެފައިވާ ކަމަށެވެ.
ކެޕްޓަން ޓިމް ހޯކިންސް އިތުރަށް ވިދާޅުވީ، މި ސްކޮޑްރަން މިދިޔަ އަހަރު އުފެއްދީ، ހަނގުރާމަ އަށް ބޭނުންވާ އާ އަދި ކުރިއަރަމުން އަންނަ ޑްރޯންގެ ގާބިލުކަން އަވަސް މިނެއްގައި ފޯރުކޮށްދިނުމަށްޓަކައި ކަމަށެވެ.
އަމިއްލައަށް ގޮވާލައިގެން ހަމަލާދޭ މި ޑްރޯން ޔުނިޓަކީ، 2003 ވަނަ އަހަރު އިރާގަށް އެރި ފަހުން އެމެރިކާއިން އެ ސަރަހައްދުގައި އަސްކަރީ ބާރު އެންމެ ބޮޑަށް ވަރުގަދަކުރި ކުރުމުގެ ބައެކެވެ. މިގޮތަށް އަސްކަރީ ބާރު ވަރުގަދަކުރުމަށް ރައީސް ޓްރަމްޕް އަމުރުކުރެއްވީ، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން މަޝްވަރާގެ މޭޒަށް އެ ގައުމު ގެނައުމަށް ޕްރެޝަރު ކުރުމުގެ ގޮތުންނެވެ.
އެމެރިކާއާއި އީރާނާ ދެމެދު ޖެނީވާގައި ބާއްވާ މަޝްވަރާތައް ބުރާސްފަތި ދުވަހުވެސް ކުރިއަށް ގޮސްފައިވާއިރު، އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވިދާޅުވީ ދެ ފަރާތުން ރަނގަޅު ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އަދި އާ ބުރުގެ މަޝްވަރާތައް "ވަރަށް އަވަހަށް"، "ހަފުތާއެއްހާ ދުވަހުގެ ތެރޭގައި" ފެށިދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ޔުނިޓްގެ ޑްރޯންތަކުގެ ތެރެއިން ޑްރޯނެއް ޑިސެމްބަރު މަހުގެ މެދުތެރޭގައި ގަލްފް ސަރަހައްދުގައި ވަނީ ކާމިޔާބުކަމާއެކު ޓެސްޓްކޮށްފައެވެ. މި ޓެސްޓް ކުރިއަށް ގެންދިޔައީ އެ ސަރަހައްދުގައި ހަރަކާތްތެރިވާ އެމެރިކާގެ ކަނޑުގެ ސިފައިންގެ އުޅަނދުތަކުގެ ތެރޭގައި ހިމެނޭ "ޔޫއެސްއެސް ސެންޓާ ބާބަރާ" ކިޔާ މަނަވަރުގެ ފްލައިޓް ޑެކުންނެވެ.
ފޯކާސްޓް އިންޓަނޭޝަނަލްގެ ޑިފެންސް އެނަލިސްޓް އެނާ މިސްކެލީ ވިދާޅުވީ، މި ޔުނިޓް ބޭނުންކުރަން ފެށުމަކީ އެމެރިކާގެ އަސްކަރިއްޔާއިން އެތައް މިލިއަން ޑޮލަރެއްގެ އަގުބޮޑު "އެމްކިއު-9 ރީޕާ" ފަދަ ޑްރޯންތަކަށް ބަރޯސާވުން ހުއްޓާލުމަށް އެޅި ފިޔަވަޅެއް ކަމަށެވެ. ސަބަބަކީ ގިނަ އަދަދެއްގެ ޑްރޯން ބޭނުންކޮށްގެން ކުރާ ހަނގުރާމަތަކުގައި އެފަދަ އަގުބޮޑު އުޅަނދުތައް ބޭނުންކުރުމަކީ ހަރަދުގެ ގޮތުން ބަލާއިރު ދެކޮޅުޖެހޭ ކަމަކަށް ނުވާތީއެވެ.
ސެންޓްކޮމްއިން އަންދާޒާކުރާ ގޮތުގައި "ލޯ-ކޯސްޓް އަންމޭންޑް ކޮމްބެޓް އެޓޭކް ސިސްޓަމް" (ލޫކަސް) ގެ ކޮންމެ ޑްރޯނަކަށް ހޭދަވަނީ ގާތްގަނޑަކަށް 35,000 ޑޮލަރެވެ. އެރިޒޯނާގެ ސްޕެކްޓްރަވޯކްސް އިން އުފައްދާ މި ލުއި ޑްރޯންތަކަކީ އެއްފަހަރު ދޭ ހަމަލާތަކަށާއި، ޖާސޫސީ މަސައްކަތްތަކަށާއި، ކަނޑުމަތީގެ ހަމަލާތަކަށް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އުޅަނދުތަކެކެވެ. ސެންޓްކޮމްގެ ވަކި ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ޑްރޯންތަކަކީ ދުރު ރާސްތާއަކަށް ދަތުރުކުރުމުގެ ގާބިލުކަން ހުރި، އަދި އަމިއްލައަށް އޮޕަރޭޓްވާ ގޮތަށް ފަރުމާކޮށްފައިވާ އެއްޗެހިތަކެކެވެ.
ހަމައެއާއެކު، މި ޔުނިޓްގައި ބޭނުންކުރާ ޑްރޯންތަކަކީ އީރާނުގެ "ޝާހިދު-136" ޑްރޯންގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެހި ކަމަށްވުމުން، ރަޝިޔާއާއި އީރާނުން ޔޫކްރެއިން ހަނގުރާމައިގައި ކާމިކާޒީ ޑްރޯން ބޭނުންކުރާތާ އެތައް އަހަރެއް ވީއިރު، އެމެރިކާ އަދިވެސް އުޅެނީ އެ ޓެކްނޮލޮޖީއާ އަރާ ހަމަކުރަންކަން ހާމަވެއެވެ.
40 ޕައުންޑުގެ ގޮވާތަކެތި އުފުލުމުގެ ގާބިލުކަން ހުރި މި "ލޫކަސް" ޑްރޯންތަކަކީ އީރާނުގެ ވަރުގަދަ އަސްކަރީ މަރުކަޒުތަކަށް ހަމަލާދިނުމަށް އެންމެ އެކަށީގެންވާ އެއްޗެއް ނޫން ކަމަށް ތަޖުރިބާކާރުން ބުނެއެވެ. ނަމަވެސް، ހެޑްސަން އިންސްޓިޓިއުޓްގެ އެނަލިސްޓް ބްރަޔަން ކްލާކް ވިދާޅުވި ގޮތުގައި، އީރާނުގެ މިސައިލް އުފައްދާ ކާރުޚާނާތަކާއި، މަގުތަކާއި، މިސައިލް ފޮނުވާ ސަރަހައްދުތައް ފަދަ ތަންތަނަށް ހަމަލާދިނުމަށް މިއީ ވަރަށް ބޭނުންތެރި ވަސީލަތެކެވެ.
އޭނާ އިތުރަށް ވިދާޅުވީ، މިފަދަ ތަންތަން ހަލާކުކޮށްލުމަށްޓަކައި އެކި ސަރަހައްދުތަކަށް ގިނަ ހަމަލާތަކެއް ދޭންޖެހޭއިރު، އަގުހެޔޮ ޑްރޯންތަކަކީ އެކަމަށް އެންމެ އެކަށޭނަ ވަސީލަތް ކަމަށެވެ. އަދި އީރާނުގެ ވައިގެ ދިފާއީ ނިޒާމު މިހާރު އެހާ ވަރުގަދަ ނޫންކަމުން، މި ޑްރޯންތައް ވައްޓާލުމަކީ އެ ގައުމަށް ފަސޭހަ ކަމަކަށް ނުވާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މަސްދަރު: ބްލޫމްބާގް







