Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިރާގު

ކެންޑިޑޭސީއާ މެދު އެމެރިކާއިން އިންޒާރު ދީފައި ވަނިކޮށް، މާލިކީ އިރާގުގެ ބޮޑުވަޒީރު ކަމަށް ވަޑައިގަތުމަށް ކުރައްވާ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށް ވިދާޅުވެއްޖެ

ޢިރާޤުގެ ބޮޑުވަޒީރުކަމަށް ވަޑައިގެންފިނަމަ ހަތިޔާރު އެޅި ޖަމާއަތްތައް ދައުލަތުގެ ކޮންޓްރޯލްގެ ދަށަށް ގެންނަވާނެ ކަމަށް ނޫރީ އަލް މާލިކީ ވިދާޅުވި. މީގެ އިތުރުން، އީރާނަށް ތާއީދުކުރާ ޖަމާއަތްތަކާއެކު މަޝްވަރާކޮށްގެން އެއްބަސްވުމަކަށް އާދެވިދާނެ ކަމަށާއި، އެމެރިކާއާއެކު އޮންނަ ގުޅުން ދެމެހެއްޓުމަކީ ޤައުމުގެ ކުރިއެރުމަށް މުހިންމު ކަމެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވި.

ރާއްޖެ އެމްވީ | 23 ފެބުރުއަރީ 2026 | ހޯމަ 19:28
ޢިރާޤުގެ ކުރީގެ ބޮޑުވަޒީރު އަދި އެ ޤައުމުގެ ބޮޑުވަޒީރުކަމުގެ މަޤާމަށް އަލުން ވާދަކުރައްވާ ކެންޑިޑޭޓް، ނޫރީ އަލް މާލިކީ.

ޢިރާޤުގެ ކުރީގެ ބޮޑުވަޒީރު އަދި އެ ޤައުމުގެ ބޮޑުވަޒީރުކަމުގެ މަޤާމަށް އަލުން ވާދަކުރައްވާ ކެންޑިޑޭޓް، ނޫރީ އަލް މާލިކީ. | އޭއެފްޕީ

ޢިރާޤުގެ ބޮޑުވަޒީރުކަމަށް ވާދަކުރައްވާ ނޫރީ އަލް މާލިކީ އަލުން އެ މަޤާމަށް ވަޑައިގެންފިނަމަ، އެމެރިކާއިން ދެމުންދާ ހުރިހާ އެހީތަކެއް ކަނޑާލާނެ ކަމަށް ބުނެ އިންޒާރު ދީފައި ވަނިކޮށް، އޭނާގެ ކެންޑިޑޭސީ އަނބުރާ ނުގެންދަވާނެ ކަމަށް ހޯމަ ދުވަހު އޭއެފްޕީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެއްޖެއެވެ.

ނަމަވެސް، ހަތިޔާރު ގެންގުޅުމުގެ ފުރިހަމަ ބާރު އޮންނަންވާނީ ދައުލަތުގެ އަތްމަތީގައި ކަމަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވެ، އަލް މާލިކީ ވަނީ ވޮޝިންގޓަނުގެ އިތުބާރު ހޯދޭތޯ މަސައްކަތް ކުރައްވާފައެވެ. އަދި އެމެރިކާގެ މަސްލަހަތުތަކަށް މީގެ ކުރިން ނުރައްކާކޮށްފައިވާ، އީރާނަށް ތާއީދުކުރާ ހަތިޔާރު އެޅި ޖަމާއަތްތަކާއެކު އެއްބަސްވުމަކަށް އާދެވިދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމެރިކާއިން އަވަށްޓެރި އީރާނަށް ހަމަލާދީފާނެ ކަމުގެ ބިރު ބޮޑުވެ، ހަނގުރާމައެއްގެ ބިރުވެރިކަން އުފެދިފައިވާ ދަނޑިވަޅެއްގައި، އަލް މާލިކީ ވިދާޅުވީ އޭނާ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންފިނަމަ ޢިރާޤުގައި ހުރި ބޭރުގެ ޑިޕްލޮމެޓިކް މިޝަންތަކާއި މަސްލަހަތުތަކަށް ދޭ އެއްވެސް އިންޒާރަކަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ.

އޭނާގެ ކެންޑިޑޭސީއާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަލް މާލިކީ ވިދާޅުވީ، "ޤައުމަށާއި، ޤައުމުގެ ސިޔާދަތަށާއި، ރައްޔިތުންގެ ނިންމުމަށް އިޙްތިރާމް ކުރުމުގެ ގޮތުން، ކެންޑިޑޭސީ އަނބުރާ ގެންދިއުމުގެ އެއްވެސް ނިޔަތެއް ނެތް" ކަމަށެވެ. އަދި އިރާގުގެ ރައްޔިތުން ވޯޓު ދޭންވީ ކޮން ފަރާތަކަށްތޯ ބުނުމުގެ ހައްޤު އެއްވެސް ބޭރުގެ ފަރާތަކަށް ލިބިގެން ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނިމިދިޔަ މަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، އީރާނާ ގާތް ގުޅުމެއް ބާއްވާ ސިޔާސީ ޝަޚުސިއްޔަތެއް ކަމަށްވާ އަލް މާލިކީ ޢިރާޤުގެ ދެން އަންނަ ބޮޑުވަޒީރަކަށް އައްޔަންކޮށްފިނަމަ، އެމެރިކާއިން އެ ޤައުމަށް ދެމުންދާ އެހީތެރިކަން ހުއްޓާލާނެ ކަމުގެ އިންޒާރު ދެއްވައި، މި މައްސަލައިގެ ތެރެއަށް ވަދެވަޑައިގެންފައެވެ.

މިކަމާ ގުޅިގެން އަލް މާލިކީ ވަނީ ޢިރާޤުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެމެރިކާއިން "ހާމަކޮށް އަތްބާނަމުންދާ" ކަމަށް ބުނެ އެކަން ކުށްވެރިކުރައްވާފައެވެ. ނަމަވެސް، ބަޣުދާދުން އެމެރިކާއާއެކު އޮންނަ ގުޅުން ރަނގަޅު ފެންވަރެއްގައި ދަމަހައްޓަން ޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ހޯމަ ދުވަހު އޭއެފްޕީއަށް ދެއްވި އިންޓަވިއުގައި އޭނާ ވިދާޅުވީ، "ޢިރާޤުގެ ކުރިއެރުމަށްޓަކައި އެމެރިކާއާއެކު އޮންނަ ގުޅުމަކީ ކޮންމެހެން ބޭނުންތެރި ގުޅުމެއް ކަމަށް ގަބޫލުކުރާ" ކަމަށެވެ.

2006 އިން 2014 އަށް ޢިރާޤުގެ ބޮޑުވަޒީރުކަން ދެ ދައުރު ފުރިހަމަކުރެއްވި ހަމައެކަނި ފަރާތް ކަމަށްވާ އަލް މާލިކީ ވަނީ، އޭނާގެ ކުރީގެ ވެރިކަމުގައި އެމެރިކާއާއެކު އޮތް ގުޅުން ގޯސް ކަމަށް ދެކެވޭ ވާހަކަތައްވެސް ދޮގުކުރައްވާފައެވެ.

2003 ވަނަ އަހަރު އެމެރިކާ އިސްވެ އޮވެ ޢިރާޤަށް އެރި ހަނގުރާމައަށްފަހު، ފުރަތަމަ ކޮޅު އަލް މާލިކީއަށް އެމެރިކާގެ ތާއީދު ލިބުނެވެ. ނަމަވެސް، އީރާނާއެކު އޭނާ ބާއްވަމުންދިޔަ ގާތް ގުޅުމާއި، މަޒްހަބީ ތަފާތުކުރުންތައް ގެންގުޅުއްވާ ކަމަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން ފަހުން ވޮޝިންގޓަނާއި އޭނާއާ ދެމެދު އޮތް ގުޅުން ވަނީ ހީނަރުވެފައެވެ.

ޢިރާޤަކީ އެމެރިކާއާއި އީރާނާ ދެމެދު އޮންނަ ވާދަވެރިކަމުގެ ތެރޭގައި، އެއް ޤައުމު އަނެއް ޤައުމާ ދެކޮޅަށް ބޭނުންކުރާ މައިދާނަކަށް ވެފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ ގައުމެކެވެ. އެހެންކަމުން، ޢިރާޤުގައި އުފެދޭ ކޮންމެ ސަރުކާރަކުންވެސް މި ދެ ދުޝްމަނުންގެ މެދުގައި ހަމަހަމަ ގުޅުމެއް ބޭއްވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ޢިރާޤުގެ އާ ބޮޑުވަޒީރަށް ޖެހިވަޑައިގަންނަވާނީ، އީރާނުގެ ތާއީދު އޮންނަ ހަތިޔާރު އެޅި ޖަމާއަތްތައް ކޮންޓްރޯލް ކުރުމަށް އެމެރިކާއިން ކުރަމުންދާ ޒަމާންވީ ޑިމާންޑްތަކަށް އިޖާބަދެއްވާށެވެ. މީގެ ތެރެއިން ގިނަ ޖަމާއަތްތަކަކީ އެމެރިކާއިން ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ޖަމާއަތްތަކެކެވެ.

އަލް މާލިކީ ވިދާޅުވީ، "ޙަޤީޤަތުގައި އެމެރިކާއިން ބޭނުންވާ ކަންކަމަކީ އާ ކަންތައްތަކެއް ނޫން" ކަމަށާއި، "އެއީ ހަމަ އިރާގުންވެސް ބޭނުންވާ ކަންކަން" ކަމަށެވެ. އަދި ހަތިޔާރު ހުންނަންވާނީ ދައުލަތުގެ ބާރުގެ ދަށުގައި ކަމަށާއި، ބޭނުންވަނީ މަރުކަޒީ އަސްކަރީ ބާރެއް ކަމަށް އޭނާ ވިދާޅުވިއެވެ. "އަޅުގަނޑުމެން ތަކުރާރުކޮށް ބުނަމުން މިދަނީ، ބޭނުންވަނީ ދައުލަތުގެ ބާރުގެ ދަށުން، އެއް ކޮމާންޑެއްގެ ދަށުން ހިނގާ އެއް ލަޝްކަރު" ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އީރާނަށް ތާއީދުކުރާ ހަތިޔާރު އެޅި ޖަމާއަތްތަކާއެކު އެއްބަސްވުމަކަށް އައުމަކީ "ވަރަށް އެކަށީގެންވާ ކަމެއް" ކަމަށްވެސް އޭނާ އިތުރުކުރެއްވިއެވެ.

އޭނާ ވިދާޅުވީ، "އެ ޖަމާއަތްތަކާއެކު ވާހަކަދައްކައިގެން ކަންކަން ހައްލުކުރުމުގެ ރަނގަޅު ފުރުސަތުތަކެއް އެބައޮތް" ކަމަށެވެ. ނަމަވެސް އެކަން ކުރަންވާނީ "ބާރުގެ ބޭނުންކޮށްގެން ނުވަތަ ހަނގުރާމައާއި ކުރިމަތިލުންތަކުގެ ތެރެއިން ނޫން" ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އީރާނާއެކު ޢިރާޤުން ބާއްވާ ގުޅުމުގެ ދިފާޢުގައި ވާހަކަދައްކަވަމުން އަލް މާލިކީ ވިދާޅުވީ، އެ ގުޅުން ބިނާވެފައިވަނީ "ޢިރާޤުގެ ސިޔާދަތަށް އިޙްތިރާމް ކުރުމުގެ އުސޫލުގެ މައްޗަށް" ކަމަށާއި، އެ ގުޅުން ކަނޑައަޅަނީ "ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅިފައިވާ މަސްލަހަތުތަކުގެ މައްޗަށް" ކަމަށެވެ.

އެމެރިކާއިން އީރާނަށް ހަމަލާދީފިނަމަ، ޢިރާޤު ހަނގުރާމައިގެ ތެރެއަށް ވަދެފާނެ ކަމުގެ ބިރު އޮތް ނަމަވެސް، އޭނާ ބޮޑުވަޒީރުކަމަށް ވަޑައިގެންފިނަމަ ޢިރާޤުގައި ހުރި ޑިޕްލޮމެޓިކް މިޝަންތަކަށް ހަމަލާދިނުން ހުއްޓުވާނެ ކަމަށް އޭނާ ވައުދުވެވަޑައިގަތެވެ.

"ޢިރާޤުގައި ހުރި އެމްބަސީތަކަށް ނުވަތަ ރަސްމީކޮށް ބަލައިގަނެފައިވާ މަސްލަހަތުތަކަށް އުނިކަމެއް އަތުވެދާނެ ކޮންމެ ކަމެއް އަޅުގަނޑުމެން ހުއްޓުވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ހުރިހާ ޤައުމުތަކަށް އަރުވަން،" އަލް މާލިކީ ވިދާޅުވިއެވެ.

އަދި ޑިޕްލޮމެޓިކް ގުޅުން ދަމަހައްޓާ އެއްވެސް ޤައުމަކަށް އަމާޒުކޮށް ހަމަލާދިނުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދެއްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނޫރީ އަލް މާލިކީއިރާގުއެމެރިކާއެމެރިކާ-އީރާން

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާއިން ކޮންމެ މިންވަރެއްގެ ހަމަލާއެއް ދިން ނަމަވެސް އޭގެ ރައްދުގައި ވަރުގަދަ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު އީރާނުން ދީފި

އެމެރިކާއިން ކޮންމެ މިންވަރެއްގެ ހަމަލާއެއް ދިން ނަމަވެސް އޭގެ ރައްދުގައި ވަރުގަދަ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު އީރާނުން ދީފި

23 ފެބުރުއަރީ 2026
އޭލިއަން އަކީ ހަގީގަތެއް، އެކަމަކު އެފަދަ އެއްޗެއް ފެނިފައި ނުވޭ: އޮބާމާ

އޭލިއަން އަކީ ހަގީގަތެއް، އެކަމަކު އެފަދަ އެއްޗެއް ފެނިފައި ނުވޭ: އޮބާމާ

23 ފެބުރުއަރީ 2026
މެކްސިކޯގެ ބާރުގަދަ މަސްތުވާތަކެތީގެ ކާޓެލް ލީޑަރަކު މަރުވުމާ ގުޅިގެން އުފެދުނު ހަމަ ނުޖެހުންތަކާ އެކު، ފްލައިޓުތައް ކެންސަލް ކޮށްފި

މެކްސިކޯގެ ބާރުގަދަ މަސްތުވާތަކެތީގެ ކާޓެލް ލީޑަރަކު މަރުވުމާ ގުޅިގެން އުފެދުނު ހަމަ ނުޖެހުންތަކާ އެކު، ފްލައިޓުތައް ކެންސަލް ކޮށްފި

23 ފެބުރުއަރީ 2026
އެމެރިކާގެ ބާރުވެރިކަމާ ދެކޮޅަށް އީރާން އިން އަމާންނުދޭތީ ޓްރަމްޕް ހުންނެވީ އަޖައިބުވެފައި، އެކަމާ ސުވާލު ވެސް އުފައްދަވައިފި

އެމެރިކާގެ ބާރުވެރިކަމާ ދެކޮޅަށް އީރާން އިން އަމާންނުދޭތީ ޓްރަމްޕް ހުންނެވީ އަޖައިބުވެފައި، އެކަމާ ސުވާލު ވެސް އުފައްދަވައިފި

22 ފެބުރުއަރީ 2026
އެމެރިކާގައި ވެސް ރާއްޖޭގައި ވެސް އޮތީ ސުޕްރީމް ކޯޓެއް، ރާއްޖޭގައި ނެތިގެން މިއުޅެނީ އިޚުލާސްތެރި ކަމާއި، ތެދުވެރިކަން

އެމެރިކާގައި ވެސް ރާއްޖޭގައި ވެސް އޮތީ ސުޕްރީމް ކޯޓެއް، ރާއްޖޭގައި ނެތިގެން މިއުޅެނީ އިޚުލާސްތެރި ކަމާއި، ތެދުވެރިކަން

22 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު