ވިލާތުގެ ގައުމުތަކާއި މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގައި ވައިގެ އުޅަނދުތަކުގެ އަދަދު ވަރަށް ބޮޑަށް އިތުރުކޮށްފި
އެމެރިކާއިން ވަނީ މެދުއިރުމައްޗާއި ވިލާތުގައިވާ އެ ގައުމުގެ އަސްކަރީ މަރުކަޒުތަކަށް 150 އަށްވުރެ ގިނަ މަތިންދާބޯޓާއި ވަރުގަދަ މަނަވަރުތައް ފޮނުވައި ބާރުގަދަކުރަން ފަށާފައި. މިއީ އިރާގު ހަނގުރާމައަށްފަހު އެ ސަރަހައްދުގައި އެމެރިކާގެ އަސްކަރީ ބާރު މިހާ ވަރުގަދަކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، މިއީ އީރާނަށް އަމާޒުކޮށްދޭ ވައިގެ ހަމަލާތަކުގެ ކެމްޕޭނަކަށް ވެދާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރޭ. މި ތައްޔާރީތަކާއެކު ރައީސް ޓްރަމްޕް ނިންމަވާ ކޮންމެ ނިންމެވުމެއް ތަންފީޒުކުރުމުގެ ފުރިހަމަ ގާބިލުކަން އެމެރިކާގެ އަސްކަރިއްޔާއަށް މިހާރު ލިބިފައިވާ ކަމަށް ތަޖުރިބާކާރުން ބުނޭ.

2026 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު ގްރީސްގެ ކްރީޓް އައިލެންޑްގެ ސޫދާ ބޭއަށް ޔޫއެސްއެސް ޖެރަލްޑް އާރް. ފޯޑް މަތިންދާބޯޓު އުފުލާ މަނަވަރު ބަނދަރުކުރިއިރު، އެ މަނަވަރުގެ މަތީގައި ގިނަ އަދަދެއްގެ އަސްކަރީ މަތިންދާބޯޓުތައް ހުރި މަންޒަރު ފެނޭ. | ރޮއިޓާސް
އީރާނާ އެމެރިކާ އާ ދެމެދު އޮތް މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި، ވިލާތުގެ ގައުމުތަކާއި މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގައި ވައިގެ އުޅަނދުތަކުގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާކަން ސެޓެލައިޓް ފޮޓޯތަކުން ދައްކާފައިވާ ކަމަށް ވޮޝިންޓަން ޕޯސްޓުން އަންގާރަ ދުވަހު ރިޕޯޓުކޮށްފިއެވެ.
ފްލައިޓް ޓްރެކިންގް ޑޭޓާ އާއި ސެޓެލައިޓް ފޮޓޯތަކާ ހަވާލާދީ އެ ނޫހުން ބުނެފައިވަނީ، ފެބްރުއަރީ 17 ވަނަ ދުވަހު އެމެރިކާ އާއި އީރާނާ ދެމެދު ކުރިއަށްދިޔަ ނިއުކްލިއާ މަޝްވަރާތަކުގެ ދެވަނަ ބުރު އެއްވެސް ނަތީޖާއެއް ނުނިކުމެ ނިމުމާ ގުޅިގެން، އެމެރިކާގެ އަސްކަރިއްޔާއިން އީރާނު ކައިރީގައިވާ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ މިންވަރު އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން ވިލާތާއި މެދުއިރުމަތީގެ އަސްކަރީ މަރުކަޒުތަކަށް 150 އަށްވުރެ ގިނަ މަތިންދާބޯޓު މިހާރު ވަނީ ބަދަލުކޮށްފައެވެ.
އެ ރިޕޯޓުގައިވާ ގޮތުން، މިހާރު އެ ސަރަހައްދުގައި އެމެރިކާގެ އަސްކަރީ ބާރުތައް ރުކުރުވާލާފައިވާ މިންވަރަކީ، މީގެ ވިހި އަހަރަށްވުރެ ގިނަ ދުވަސް ކުރިން ކުރި އިރާގު ހަނގުރާމައިގެ ފަހުން އެ ސަރަހައްދުގައި އެމެރިކާގެ އަސްކަރީ ބާރު މިހާ ވަރުގަދަކުރި ފުރަތަމަ ފަހަރެވެ.
އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، އެ ގައުމަށް ހަމަލާދޭނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެކި ފަހަރު މަތިން ދެއްވާފައެވެ. އީރާނުގެ އޮފިޝަލުން ވިދާޅުވަމުން ގެންދަވަނީ އެއްބަސްވުމަކަށް އާދެވިދާނެ ކަމަށާއި، ނަމަވެސް އެކަމަށް ވަގުތު ބޭނުންވާނެ ކަމަށެވެ.
އަސްކަރީ ތަޖުރިބާކާރުންނާ ހަވާލާދީ އެ ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ، މިފަހަރުގެ އަސްކަރީ ތައްޔާރީތަކަކީ މިދިޔަ އަހަރުގެ ޖޫން މަހު އެމެރިކާއިން އީރާނަށް ހަމަލާދިނުމުގެ ކުރިން ފެނުނު އަސްކަރީ ރުކުރުވާލުންތަކަށްވުރެ ވެސް މާ ވަރުގަދަ ތައްޔާރީތަކެއް ކަމަށެވެ.
ވޮޝިންޓަން ޕޯސްޓުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިހާރު އެއްކުރަމުންދާ އަސްކަރީ ވަސީލަތްތަކަށް ބަލާއިރު، މިއީ އެއްގަމު މަގުން އަރައިގަތުމުގެ ބަދަލުގައި، ގިނަ ދުވަސްތަކަކަށް ދެމިގެންދާ ވައިގެ ހަމަލާތަކުގެ ކެމްޕޭނަކަށް ވެދާނެ ކަމަށް ބެލެވެއެވެ.
މެދުއިރުމަތީގެ ކަންކަމާ ބެހޭ އެމެރިކާގެ ޑެޕިއުޓީ އެސިސްޓަންޓް ސެކްރެޓަރީ އޮފް ޑިފެންސްގެ މަގާމު ކުރިން ފުރުއްވި ޑޭނާ ސްޓްރޯލްއާ ހަވާލާދީ އެ ނޫހުން ބުނެފައިވަނީ، މިހާ ގިނަ އަދަދެއްގެ އަސްކަރީ ބާރުތައް އެއްކުރުމުގެ މާނައަކީ، ރައީސް ޓްރަމްޕް ނިންމަވާ ކޮންމެ ނިންމެވުމެއް ތަންފީޒުކުރުމުގެ ގާބިލުކަން އެމެރިކާގެ އަސްކަރިއްޔާއަށް ލިބޭނެ މަގު ތަނަވަސް ކުރުން ކަމުގަ އެވެ. އޭގެ ތެރޭގައި މެދުކެނޑުމެއްނެތި ވަރުގަދަ ހަމަލާތަކެއް ދިނުން ނުވަތަ ވަކި ހާއްސަ އަމާޒުތަކަކަށް އަމާޒުކޮށްގެން ދޭ ހަމަލާތައް ހިމެނެއެވެ.
ނަމަވެސް، ސެންޓަރ ފޯ ސްޓްރެޓީޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީޒްގެ ސީނިއާ އެޑްވައިޒަރު މާކް ކެންސިއަން ވިދާޅުވީ، ސަރުކާރުން ރާވަމުންދަނީ ހަފުތާތަކަކަށް ދެމިގެންދާ ވައިގެ ހަމަލާތަކުގެ ކެމްޕޭނެއް ކުރިއަށް ގެންދަން ކަމުގައިވާނަމަ، މިހާރު ހުރި ވަސީލަތްތަކަށްވުރެ ވެސް ގިނަ އަސްކަރީ ވަސީލަތްތައް ބޭނުންވާނެ ކަމަށެވެ.
މިވަގުތު މެދުއިރުމަތީގައި އެމެރިކާގެ 12 އަށްވުރެ ގިނަ ހަނގުރާމަމަތީ މަނަވަރު އެބައޮތެވެ. އޭގެ ތެރޭގައި ޔޫއެސްއެސް އަބްރަހަމް ލިންކަން ނަމަކަށް ކިޔާ އެއާކްރާފްޓް ކެރިއަރަކާއި، ނުވަ ޑިސްޓްރޯޔަރ އަދި އައްސޭރިފަށުގެ ހަނގުރާމަތަކަށް ހާއްސަ ތިން މަނަވަރު ހިމެނެއެވެ.
މެދުއިރުމަތީގެ ސަރަހައްދުގައި އެމެރިކާގެ ދެ އެއާކްރާފްޓް ކެރިއަރު އެއްފަހަރާ އޮތުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ. މިފަދަ ކޮންމެ މަނަވަރެއްގައި އެތައް ބައިވަރު ހަނގުރާމަމަތީ ބޯޓުތަކެއް އުފުލާއިރު، އެތައް ހާސް ފަޅުވެރިންނެއް ހަރަކާތްތެރިވެއެވެ.
މިދިޔަ އަހަރުގެ ޖޫން މަހު، އިޒްރޭލުން އީރާނާއެކު 12 ދުވަހުގެ ހަނގުރާމައެއް ކުރިއަށް ގެންދިޔަ ދަނޑިވަޅުގައި، އެމެރިކާއިން އީރާނުގެ ނިއުކްލިއާ ތިން މަރުކަޒަކަށް ބޮން އެޅިއިރު، އެމެރިކާގެ މިފަދަ ދެ ބޮޑު މަނަވަރު އެ ސަރަހައްދުގައި އޮތެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއާކްރާފްޓް ކެރިއަރު ކަމަށްވާ ޔޫއެސްއެސް ޖެރަލްޑް އާރް ފޯޑް، އަންގާރަ ދުވަހު ވަނީ ކްރީޓްގައި އޮންނަ ސޫދާ ބޭގެ އެމެރިކާގެ ކަނޑުގެ ސިފައިންގެ މަރުކަޒަށް ގޮސްފައެވެ. މިއީ މެދުއިރުމަތީގައި ވަރުގަދަކުރަމުންދާ އަސްކަރީ ބާރުތަކާ ގުޅުމަށް އެ މަނަވަރު ކުރަމުންދާ ދަތުރުގެ ތެރެއިން ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މަސްދަރު: ވޮޝިންގޓަން ޕޯސްޓް







