ވެނެޒުއެލާ އިން 80 މިލިއަން ތެޔު ފީފާ ލިބިއްޖެ: ޓްރަމްޕް
އެމެރިކާ އަށް 80 މިލިއަނަށް ވުރެ ގިނަ ތެޔޮ ފީފާ ލިބިފައިވާކަން އިއުލާން ކުރައްވައި ޓްރަމްޕް ވިދާޅުވީ، އެމެރިކާގެ އަމިއްލަ ތެލުގެ އުފެއްދުންތެރިކަން ވެސް ދުވާލަކު 600،000 ފީފާ އަށް އިތުރުވެފައިވާ ކަމަށް.


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އޭނާ ވިދާޅުވީ ވެނެޒުއެލާ އިން 80 މިލިއަނަށް ވުރެ ގިނަ ތެޔޮ ފީފާ ލިބިފައިވަ ކަމަށް | ގެޓީ އިމޭޖަސް
ވެނެޒުއެލާ އިން 80 މިލިއަނަށް ވުރެ ގިނަ ތެޔޮ ފީފާ އެމެރިކާ އަށް ލިބިފައިވާ ކަމަށް، އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި ޓްރަމްޕްގެ އަމުރަކަށް އެމެރިކާގެ އަސްކަރިއްޔާ އިން ވަނީ ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސް، ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރު ކޮށްފަ އެވެ. އެއަށް ފަހު، ވެނެޒުއެލާގެ ތެލުގެ ކަންކަން ކުރިއަށް ގެންދާނީ އެމެރިކާ އިން ކަމަށް ޓްރަމްޕް އިއުލާން ކުރައްވާފައިވެ އެވެ.
އެމެރިކާ އިން މަދޫރޯ ހައްޔަރު ކުރިތާ ދެ މަސް ދުވަސް ވާން ކައިރިވެފައި ވަނިކޮށް، ޓްރަމްޕް ދެއްވި ސްޓޭޓް އޮފް ޔޫނިއަންގައި އޭނާ ވިދާޅުވެފައި ވަނީ މަދޫރޯ ވެރިކަމުން ދުރު ކުރި ފަހުން މިހާތަނަށް، އެމެރިކާ އަށް 80 މިލިއަނަށް ވުރެ ގިނަ ތެޔޮ ފީފާ ލިބިފައިވާ ކަމަށެވެ. ރިޔާސީ ދެ ވަނަ ދައުރުގެ ފުރަތަމަ ސްޓޭޓް އޮފް ޔޫނިއަންގައި ޓްރަމްޕް ވަނީ، ވެނެޒުއެލާ އަކީ މިހާާރު އެމެރިކާގެ ގާތް ރަޙުމްތެރިޔެއް ކަމަށް ވިދާޅުވެފަ އެވެ،
މަދޫރޯ ވެރިކަމުން ދުރު ކުރި ފަހުން، އޭނާގެ ނައިބު ރައީސާގެ ގޮތުގައި ހުންނެވި ޑެލްސީ ރޮޑްރިގޭޒް ވަނީ އެ ޤައުމުގެ ވަގުތީ ރައީސާގެ މަޤާމާ ހަަވާލުވެ ވަޑައިގެންފަ އެވެ. އެއަށް ފަހު، ވެނެޒުއެލާގެ ވަގުތީ ސަރުކާާރުން އަންނަނީ އެމެރިކާއާ އެކު މަޝްވަރާތައް ކުރިއަށް ގެންދަމުންނެވެ. އެމެރިކާ އަށް 80 މިލިއަނަށް ވުރެ ގިނަ ތެޔޮ ފީފާ ލިބިފައިވާކަން އިއުލާން ކުރައްވައި ޓްރަމްޕް ވިދާޅުވީ، އެމެރިކާގެ އަމިއްލަ ތެލުގެ އުފެއްދުންތެރިކަން ވެސް ދުވާލަކު 600،000 (ހަ ލައްކަ) ފީފާ އަށް އިތުރުވެފައިވާ ކަމަށެވެ.
ޓްރަމްޕްގެ އަމުރަށް އެމެރިކާގެ އަސްކަރިއްޔާ އިން މަދޫރޯ ހައްޔަރު ކޮށްފައިވާއިރު، އެމެރިކާ އިން ވަނީ މަދޫރޯގެ މައްޗަށް ގިނަ ތުހުމަތު ތަކެއް ކޮށްފަ އެވެ. އެގޮތުން މަދޫރޯ އަކީ މަސްތުވާ ތަކެތީގެ ވިޔަފާރި ކުރާ މީހެއް ކަމަށާއި، އެ ނޫން ވެސް ޖިނާއީ ކުށްތަކުގައި އޭނާ ބައިވެރިވާ ކަމަށް އެމެރިކާ އިން ތުހުމަތު ކޮށްފައިވެ އެވެ.
މަދޫރޯ ހައްޔަރު ކުރުމަށް ފަހު ޓްރަމްޕް ވަނީ، ވެނެޒުއެލާގެ ތެލުގެ ސިނާއަތަށް ކުރިން ކުރިމަތި ކޮށްފައިވާ ދަތި ކުރުމުގެ ފިޔަވަޅު ތަކަށް ލުއި ދެއްވައިފަ އެވެ. އެ ފިޔަވަޅު ތަކަށް ލުއި ދިނުމުގެ މައިގަނޑު ބޭނުމަކީ، ވެނެޒުއެލާގެ ތެޔޮ އުފައްދާ މިންވަރު އިތުރުކޮށް، ބައިނަލްއަޤުވާމީ ބާޒާރަށް އެ ޤައުމުގެ ތެޔޮ ނެރުމަށް މަގުފަހި ކުރުމެވެ. ޓްރަމްޕްގެ ސަރުކާރުން ދެކޭ ގޮތުގައި މިއީ އެމެރިކާގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި، ދެ ޤައުމުގެ ދެ މެދުގައި އޮތް ގުޅުން އައު މިސްރާބަކަށް ގެންދިޔުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ސްޓޭޓް އޮފް ޔޫނިއަންގައި ޓްރަމްޕް ދެއްކެވި ވާހަކަ އިން ދޭހަވަނީ، ވެނެޒުއެލާގެ ސިޔާސީ މަސްރަހަށް އައި ބަދަލާ އެކު، އެމެރިކާގެ ޚާރިޖީ ސިޔާސަތާއި، އިޤްތިޞާދީ މަސްލަހަތު ތަކަށް ބޮޑެތި ކުރިއެރުން ތަކެއް ލިބެމުން އަންނަކަން ކަމަށް މާހިރުން ފާހަގަ ކޮށްފައިވެ އެވެ. ޚާއްސަކޮށް ތެލުގެ ބާޒާރުގައި އެމެރިކާގެ ނުފޫޒު ގަދަވަމުންދާ ކަަމަށް ޓްރަމްޕުގެ ތަޤުރީރުގައި ވަނީ ވަރަށް ބޮޑަށް ވިދާޅުވެފަ އެވެ.
މަސްދަރު: އޭއެފްޕީ






