ރިޔާސީ ރޭހުގައި ވާދަ ކުރާނެ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، ނިއުސަމްއާ ގުޅޭ ފޮތެއް ނެރުއްވައިފި
ނިއުސަމްގެ ފޮތް ނެރުމަށް ބޭއްވި ޙަރަކާތުގައި ބައިވެރިވި ބައެއް އާންމުން ވަނީ، ނިއުސަމް އަކީ ޓްރަމްޕްއާ ދެކޮޅަށް ނިކުމެ ވާދަ ކުރެވޭނެ ވަރުގެ ކެންޑިޑޭޓެެއްގެ ގޮތުގައި ސިފަ ކުރައްވާފައި.


ކެލިފޯނިއާގެ ގަވަރުނަރު ގެވިން ނިއުސަމް | ގެޓީ އިމޭޖަސް
އެމެރިކާގައި 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމުގެ ޝައުޤުވެރިކަން ކެލިފޯނިއާގެ ގަވަރުނަރު ގެވިން ނިއުސަމް ގެންގުޅުއްވާ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، އޭނާއާ ގުޅޭ ފޮތެއް ނެރުއްވައިފި އެވެ.
ނިއުސަމްއާ ގުޅޭ މި ފޮތް އަންގާރަ ދުވަހު ނެރުއްވާފައިވާއިރު، ސިޔާސީ މާހިރުން ފާހަގަ ކޮށްފައިވާ ގޮތުގައި މިއީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ނިއުސަމް އެޅުއްވި މުހިންމު ފިޔަވަޅެކެވެ.
ސިޓީ ޔުނިވާސިޓީ އޮފް ނިއުޔޯކްގެ ޕޮލިޓިކަލް ސައިންސް ޕްރޮފެސަރު ބްރަޔަން އާބާ ވިދާޅުވި ގޮތުގައި، މިފަދަ ފޮތް ތަކަކީ ކެންޑިޑޭޓަކު ޤައުމާ މެދު ދެކޭ ގޮތް އާންމުންނަށް ހާމަ ކޮށްދީ، ޚަބަރު ފަތުރާ ވަސީލަތްތަކުގެ ބޭރުން އަމިއްލަ ސިޔާސަތުތައް ކޮންޓްރޯލް ކުރުމަށް ލިބޭ ފުރުސަތެކެވެ.
ވޮޝިންޓަން ސްޓޭޓް ޔުނިވާސިޓީގެ ޕްރޮފެސަރު ޓްރެވިސް ރިޑައުޓް ފާހަގަ ކުރައްވާފައިވާ ގޮތުގައި، ފޮތް ނެރުމަށް ބާއްވާ ޙަރަކާތަކީ ރަސްމީކޮށް ކެމްޕެއިން ކުރާ ކަމަށް އެއްބަސް ނުވެ، ކެމްޕެއިން ކުރުމަށް ސިޔާސީ ބޭފުޅުން ބޭނުން ކުރާ އުސޫލެކެވެ. އޭނާ ވިދާޅުވީ މިއީ ވަރަށް ގިނައިން މިއަދާ ހަމައަށް ފެންނަން އޮތް ކަމެއް ކަމަށެވެ.
"ޔަންގް މޭން އިން އަ ހަރީ"ގެ ނަމުގައި ނެރުނު ފޮތަކީ ސިޔާސީ މަޤުސަދެއްގައި ނެރުނު ފޮތެއް ނޫން ކަމަށް ނިއުސަމް ވިދާޅުވި އެވެ. ނިއުޔޯކްގައި ބޭއްވި ޙަރަކާތެއްގައި ވާހަކަ ދައްކަވަމުން، އުމުރުން 58 އަހަރުގެ ނިއުސަމް ވިދާޅުވީ، މިއީ އޭނާގެ ޝަޚުސިއްޔަތު ބައްޓަންވުމަށް މެދުވެރިވި ކަންތައްތަކާއި، ކުރިމަތިވި ގޮންޖެހުންތަކާއި، އަމިއްލަ ނުތަނަވަސްކަމާއި، ހިތާމަ ތަކުގެ މައްޗަށް ލިޔެފައިވާ ފޮތެއް ކަމަށެވެ. މި ފޮތުގައި އޭނާގެ ކުޑައިރުގެ ދިރިއުޅުމާއި، ކިޔެވުމަށް ހުންނަ ދަތިކަން، ނުވަތަ ޑިސްލެކްސިއާއާ ކުރިމަތިލި ގޮތުގެ ތަފްސީލްތައް ހިމަނާފައިވެ އެވެ.
ނިއުސަމްގެ އިތުރުން ޕެންސިލްވޭނިއާގެ ގަވަރުނަރު ޖޯޝް ޝަޕީރޯ ވެސް ވަނީ މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި ފޮތެއް ނެރުއްވައިފަ އެވެ، އަދި ނިއު ޖާޒީގެ ސެނެޓަރު ކޯރީ ބުކާ އާއި، ކެންޓަކީގެ ގަވަރުނަރު އެންޑީ ބެޝިއާ، މިއަހަރުގެ ފަހު ކޮޅު ފޮތެއް ނެރުމަށް ނިންމާފައިވެ އެވެ. މިއީ މިވަގުތު އިދިކޮޅުގައި އޮތް ޑިމޮކްރަޓިކް ޕާޓީގެ ތެރެއިން ރިޔާސީ ޓިކެޓަށް ވާދަ ކުރައްވާނެ ކަމަށް ބެލެވޭ ބޭފުޅުންނެވެ.
މީގެ އިތުރުން ނިއުސަމް ވިދާޅުވެފައި ވަނީ، ރިޕަބްލިކަން ޕާޓީއާ ދެކޮޅަށް ޑިމޮކްރަޓިކް ޕާޓީ މިހާރަށް ވުރެ ވަރުގަދަޔަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. ޚާއްސަކޮށް، އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓަރަމްޕްއާ ދެކޮޅަށް މަސައްކަތް ކުރާއިރު، ހަމައެކަނި ހަގީގަތެއް ހާމަކޮށްގެން ނުފުދޭނެ ކަމަށާއި، އޭނާއާ ދެކޮޅަށް "ގަދަޔަށް ހިފާލަން" ޖެހޭނެ ކަމަށް ނިއުސަމް ވިދާޅުވެފައިވެ އެވެ.
ނިއުސަމްގެ ފޮތް ނެރުމަށް ބޭއްވި ޙަރަކާތުގައި ބައިވެރިވި ބައެއް އާންމުން ވަނީ، ނިއުސަމް އަކީ ޓްރަމްޕްއާ ދެކޮޅަށް ނިކުމެ ވާދަ ކުރެވޭނެ ވަރުގެ ކެންޑިޑޭޓެެއްގެ ގޮތުގައި ސިފަ ކޮށްފައެވެ.
މިވަގުތު ޑިމޮކްރަޓިކް ޕާޓީގެ ކަންކަމުގައި އިސްކޮށް ވެސް އުޅުއްވާ ނިއުސަމް ފޮތް ނެރުއްވާފައިވާއިރު، މި ފޮތް އިޝްތިހާރު ކުރުމަށް ޖޯޖިއާ، ސައުތު ކެރޮލައިނާ އަދި ނިއު ހެމްޕްޝަޔާ ފަދަ ސްޓޭޓް ތަކަށް ދަތުރު ކުރެެއްވުމަށް ނިއުސަމް ނިންމަވާފައިވާތީ، އެކަމަށް ގިނަ ބައެއްގެ ސަމާލުކަން ލިބިގެން ދާނެ އެވެ. މިއީ ރިޔާސީ ޕްރައިމަރީ ތަކުގައި ވެސް ވަރަށް މުހިންމު ސްޓޭޓް ތަކެއް ކަމަށް ފާހަގަވެފައިވާ ސްޓޭޓް ތަކެވެ. މާހިރުން ދެކޭ ގޮތުގައި މިއީ ޑިމޮކްރަޓިކް ޕާޓީގެ މުހިންމު ބައެއް ކަމަށްވާއިރު، އެފްރިކަން އެމެރިކަންގެ ތާއީދު ހޯއްދެވުމަށް ނިއުސަމް މަސައްކަތް ކުރައްވާނެ އެވެ.
މިދަތުރުތަކާ ގުޅޭ ގޮތުން ނިއުސަމްގެ ޓީމުން ބުނެފައި ވަނީ، ދަތުރު ތަކުގެ ބޭނުމަކީ ރިޕަބްލިކަން ޕާޓީގެ ބާރު އޮންނަ ސަރަހައްދު ތަކުގައި ޑިމޮކްރަޓިކް ޕާޓީގެ މެމްބަރުންނަށް ހިތްވަރު ދިނުމެވެ. ނިއުސަމް ގެންދަވަނީ 2019 ވަނަ އަހަރުން ފެށިގެން ކެލިފޯނިއާގެ ގަވަރުނަރުކަން ކުރައްވަމުންނެވެ. 2028 ގެ ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން މީގެ ކުރިން ނިއުސަމް ވިދާޅުވީ، އެކަމާ މެދު ވަކި ގޮތެއް ނުނިންމަވާ ކަމަށެވެ.
މަސްދަރު: އޭއެފްޕީ






