މެދުއިރުމަތީގެ މަސްރަހާ މެދު ޓްރަމްޕްގެ "ސްޓޭޓް އޮފް ދަ ޔޫނިއަން" ތަގުރީރުގައި ސާފު މެސެޖެއް ނުދެއްވި
އިރާނުގެ ނިއުކްލިއާ މައްސަލައިގައި ޖެނީވާގައި ބާއްވާ މަޝްވަރާތަކުން އެދެވޭ ނަތީޖާއެއް ނުލިބިއްޖެ ނަމަ، އެމެރިކާއިން އަސްކަރީ ފިޔަވަޅެއް އެޅުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވޭ. އިރާނުގެ އިގްތިސާދީ ހާލަތު ގޯސްވެ، އެތެރޭގެ ހަމަނުޖެހުންތައް އިތުރުވެފައިވާއިރު، ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ހޯދުމަށްޓަކައި އެ ގައުމުން ދޫދިނުންތަކެއް ދޭން ތައްޔާރަށް އޮތްކަން ވަނީ ހާމަކޮށްފައި. ނަމަވެސް، އިރާނުގެ މިސައިލް ޕްރޮގްރާމާއި ނިއުކްލިއާ ހަތިޔާރު އުފެއްދުމާ މެދު ރައީސް ޓްރަމްޕް ކުރައްވާ ތުހުމަތުތަކާ ގުޅިގެން، ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ވަނީ އިންތިހާއަށް ބޮޑުވެފައި.

ވޮޝިންގޓަން ޑީސީގެ ކެޕިޓޮލްގައި ހުންނަ ހައުސް ޗޭމްބަރުގައި، 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ބޭއްވި ކޮންގްރެސްގެ ގުޅިފައިވާ ޖަލްސާއެއްގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް "ސްޓޭޓް އޮފް ދަ ޔޫނިއަން" އިއްވަވަނީ. | ގެޓީ އިމޭޖަސް
މެދުއިރުމަތީގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެން އަޅުއްވާނެ ފިޔަވަޅަކާ މެދު މުޅި ދުނިޔެ ނުތަނަވަސްކަމާއެކު އިންތިޒާރު ކުރަމުންދަނިކޮށް، އެމަނިކުފާނު ދެއްވި އެންމެ ދިގު "ސްޓޭޓް އޮފް ދަ ޔޫނިއަން" ތަގުރީރުގައި އެކަމާ ގުޅޭ ސާފު މެސެޖެއް ނުދެއްވައެވެ.
ދުނިޔޭގެ އެންމެ ބާރުގަދަ ކޮމާންޑަރ-އިން-ޗީފްގެ ގޮތުގައި ހުންނަވައި، 2003 ވަނަ އަހަރު އެމެރިކާ އިސްވެ އިރާގަށް އެރި ފަހުން މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ ބާރު އެންމެ ބޮޑަށް ވަރުގަދަކޮށްފައިވާ މި ދަނޑިވަޅުގައި ވެސް، އިރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅެއް އެޅުމާ ބެހޭ ގޮތުން ޓްރަމްޕް އެއްވެސް ވާހަކަފުޅެއް ނުދައްކަވައެވެ.
މީގެ ދިހަވަރަކަށް އަހަރު ކުރިން، ރައީސް ޖޯޖް ޑަބްލިއު ބުޝް ވަނީ އެމެރިކާގެ އެކި ސަރަހައްދުތަކަށާއި ގައުމުން ބޭރަށް ދަތުރުކުރައްވައި، ނުބައި މައުލޫމާތުތަކެއްގެ މައްޗަށް ބިނާވެފައި އޮތް ނަމަވެސް، ބޮޑު އަސްކަރީ ހަމަލާއަކަށް ބޭނުންވާ ތާއީދު ހޯއްދަވަން މަސައްކަތް ކުރައްވާފައެވެ.
ނަމަވެސް، ޓްރަމްޕް މި މައުލޫއުގައި ވާހަކަ ނުދެއްކެވީ، ނިމުމެއް ނެތް ހަނގުރާމަތަކުން ދުރުގައި ތިބުމަށް އެމަނިކުފާނު އިންތިޚާބުކުރި ސިޔާސީ ސަޕޯޓަރުން، ކުރިއަށް އޮތް މިޑްޓާމް އިންތިޚާބާ ދިމާކޮށް އިގްތިސާދީ ހާލަތާއި އިމިގްރޭޝަން މައްސަލައަށް ބޮޑު ސަމާލުކަމެއް ދޭތީ ކަމަށް ބެލެވެއެވެ.
ޓްރަމްޕް އަދިވެސް ވިދާޅުވަމުން ގެންދަވަނީ ނުރައްކާތެރި ހަނގުރާމައެއް ފެށުމުގެ ބަދަލުގައި އެއްބަސްވުމަކަށް އައުމަށް އިސްކަންދެއްވާ ކަމަށެވެ.
މި މަހުގެ ތެރޭގައި ބާއްވާ ތިންވަނަ ބުރު ކަމަށްވާ، އަންނަ ބުރާސްފަތި ދުވަހު ޖެނީވާގައި ބާއްވާ މަޝްވަރާތަކަކީ ޓްރަމްޕްގެ ނިންމެވުންތަކަށް ވަރަށް މުހިންމު ބުރަކަށް ވާނެ ކަމަށް ބެލެވެއެވެ.
މި މަރުހަލާގެ މައުލޫމާތު ލިބިފައިވާ ޑިޕްލޮމެޓަކު ވިދާޅުވި ގޮތުގައި، ޓްރަމްޕްގެ މަންދޫބުން މެދުވެރިކޮށް ތެހެރާނުން ގަބޫލުކުރެވޭ ފަދަ ލިޔުމެއް ނުލިބިއްޖެ ނަމަ، އޭގެ ކުޑަދުވަސްކޮޅެއް ފަހުން ކޮންމެވެސް ސިފައެއްގެ އަސްކަރީ ފިޔަވަޅެއް އެޅުމަށް ޓްރަމްޕް އަމުރުކުރެއްވުން ގާތެވެ.
އިރާނާ މެދު ގެންގުޅޭ ސިޔާސަތު ނިއުކްލިއާ މައްސަލައިން ފެށިގެން ވެރިކަން ބަދަލުކުރުމާ ހަމައަށް ތަފާތު ގޮތްގޮތަށް ބަދަލުކުރައްވަމުން ގެންދަވާ ޓްރަމްޕް، އެމަނިކުފާނުގެ ތަގުރީރުގައި އެއް ކަމަކަށް ބާރުއެޅުއްވިއެވެ. އެއީ "އަޅުގަނޑުމެން ދުވަހަކުވެސް ނިއުކްލިއާ ހަތިޔާރު ބޭނުމެއް ނޫން" ކަމަށް އިރާނުގެ ފަރާތުން އަދިވެސް އިވިފައި ނުވާ ކަމަށެވެ.
އެހެންނަމަވެސް، އެ ތަގުރީރުގެ އެތައް ގަޑިއިރެއް ކުރިން އިރާނުގެ ފޮރިން މިނިސްޓަރު އަދި ނިއުކްލިއާ މަޝްވަރާތަކުގެ އިސްވެރިޔާ އައްބާސް އަރާގްޗީ ވަނީ އެކްސްގައި އެފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ އެއްވެސް ހާލަތެއްގައި އިރާނުން ނިއުކްލިއާ ހަތިޔާރު އުފައްދައި ތަރައްގީ ނުކުރާނެ ކަމަށެވެ.
އޮމާން މެދުވެރިވެގެން ކުރިއަށްދާ މަޝްވަރާތަކުގެ މައިގަނޑު ބޭނުމަކީ، ތެހެރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުމާ ދިމާލަށް މިސްރާބު ޖަހާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކުން ސަލާމަތްވުމަށްޓަކައި އިތުބާރު ހުރި ހެކިތަކެއް ދެއްކުމެވެ.
އިރާނުގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައިފި ނަމަ، އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމާ މެދު ދޫދިނުންތަކެއް ދޭން ތައްޔާރަށް އޮތް ކަމަށް އެ ގައުމުން ވަނީ ބުނެފައެވެ.
އިރާނުގެ ތަކެތީގެ އަގު އިންތިހާއަށް އުފުލި، ފައިސާގެ އަގު ވެއްޓުމާ ގުޅިގެން ޖެނުއަރީ މަހު އެ ގައުމުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާފައިވާއިރު، އެކަން ހުއްޓުވުމަށް ސަރުކާރުން ވަނީ ބާރުގެ ބޭނުން ވަރަށް ބޮޑަށް ކޮށްފައެވެ.
ޓްރަމްޕްގެ ތަގުރީރުގައި ވިދާޅުވީ، އިރާނުގެ ކަމާބެހޭ ފަރާތްތަކުން މަދުވެގެން 32،000 މުޒާހަރާގެ ބައިވެރިން މަރާލާފައިވާ ކަމަށް ބެލެވޭ ކަމަށެވެ.
މަރުވި މީހުންގެ އަދަދާ ގުޅޭ ގޮތުން ރައީސް ޓްރަމްޕް ދެއްކެވި ވާހަކަފުޅުތަކަކީ "ބޮޑު ދޮގެއް" ކަމަށް ބުނެ އިރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއިލް ބަޣާއީ ވަނީ ވަގުތުން އެކަން ކުށްވެރިކުރައްވާފައެވެ.
މީގެ އިތުރުން، އިރާނުން އެމެރިކާއާ ހަމައަށް ފޯރާނެ ފަދަ މިސައިލްތައް އުފެއްދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެ، ޓްރަމްޕް ވަނީ ފުރަތަމަ ފަހަރަށް އެފަދަ ތުހުމަތެއް ކުރައްވާފައެވެ. އެމަނިކުފާނު އިޝާރާތް ކުރެއްވި ގޮތުގައި މިއީ އެމެރިކާއިން ބަލައިގަންނާނެ ކަމެއް ނޫނެވެ.
އިރާނުން ވަނީ އެ ގައުމުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމް މަޝްވަރާތަކުގެ ތެރޭގައި ހިމެނުމަށް ތަކުރާރުކޮށް ދެކޮޅު ހަދާފައެވެ.
މި މަހު ތެހެރާނުގައި ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި އިރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު މަޖީދު ތަޚްތު-ރަވަންޗީ ވިދާޅުވީ، އިޒްރޭލާއި އެމެރިކާއިން ހަމަލާދިން ވަގުތު އެ ގައުމުގެ ދިފާއުގައި އޮތީ މިސައިލްތައް ކަމަށާއި، އެހެންކަމުން ދިފާއީ ގާބިލުކަން ދޫކޮށްލުމަށް އެއްބަސްވާނީ ކިހިނެއްތޯ ވިދާޅުވެ އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.
ޓްރަމްޕްގެ މަންދޫބު ސްޓީވް ވިޓްކޮފް އާއި ދަނބިދަރިފުޅު ޖެރެޑް ކުޝްނާ ބައިވެރިވެވަޑައިގަންނަވާ ކުރިއަށް އޮތް މަޝްވަރާގެ ބުރުގައި، ދެ ގައުމުގެ ދެމެދުގައި ހުރި ފަރަގުތަކާއި އެކަންކަން ހައްލުކުރެވޭނެ ގޮތްތަކާ މެދު އިތުރު ސާފުކަމެއް ލިބޭނެ ކަމަށް ބެލެވެއެވެ. ދެ ފަރާތަށް ވެސް އެނގޭ ކަމަކީ ވަގުތު ކުޑަތަންވަމުންދާ ކަމެވެ.
ޔޫރަޕިއަން ކައުންސިލް އޮން ފޮރިން ރިލޭޝަންސްގެ ސީނިއާ ފެލޯ އެލީ ގެރަންމަޔޭ ވިދާޅުވި ގޮތުގައި، ވޮޝިންޓަނާއި ތެހެރާނުން ފާއިތުވި އެތައް އަހަރެއް ވަންދެން ޑިޕްލޮމެޓިކް ގޮތުން މައްސަލަ ހައްލުކުރަން މަސައްކަތް ކުރި ނަމަވެސް، މިފަހަރުގެ ހާލަތު ތަފާތެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި މިހާރު ތަފާތީ، އިރާނާ ދެކޮޅަށް އެމެރިކާގެ އަސްކަރީ ބާރު އެންމެ ބޮޑަށް ވަރުގަދަކޮށްފައި އޮތުމާއި، ދެ ގައުމުން ވެސް ކުރިމަތިލުމަކަށް ދާން ތައްޔާރަށް ތިބުމާއި، އަދި އިރާނުގެ ވެރިކަން ބަދަލުކުރުމުގެ ބިރު އޮތުމެވެ.
މިދިޔަ އަހަރު ބޭއްވި ފަސް ބުރުގެ މަޝްވަރާތަކާ އަޅާބަލާއިރު މިފަހަރުގެ މަޝްވަރާތަކުގައި ބޮޑެތި ތަފާތުތަކެއް އެބަހުއްޓެވެ. މިދިޔަ އަހަރުގެ މަޝްވަރާތައް ހުއްޓުނީ އިޒްރޭލުން އިރާނަށް ދިން ހަމަލާއާ ގުޅިގެންނެވެ. އެ ހަމަލާ 12 ދުވަހުގެ ހަނގުރާމައަކަށް ބަދަލުވެ، އެމެރިކާއިން ވަނީ އިރާނުގެ ނިއުކްލިއާ ތިން ސަރަހައްދަކަށް ހަމަލާދީފައެވެ.
މިފަހަރު، އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައި.އޭ.އީ.އޭ) ގެ ވެރިޔާ ރަފައެލް ގްރޮސީ ވަނީ ނިއުކްލިއާ އެއްބަސްވުމަކަށް ބޭނުންވާ ފަންނީ މަޝްވަރާތަކާއި، ހަރުދަނާ ފާސްކުރުންތަކާ ގުޅޭ ކަންކަމުގައި ވަރަށް ބޮޑަށް ބައިވެރިވެވަޑައިގެންފައެވެ.
އަދި އިރާނުން މިހާރު ދަނީ އައު ހުށަހެޅުންތަކެއް ހުށަހަޅަމުންނެވެ. އޭގެ ތެރޭގައި ހަތިޔާރު އުފެއްދުމާ ވަރަށް ގާތް މިންވަރަކަށް، ނުވަތަ 60 އިންސައްތައަށް މުއްސަނދިކޮށްފައިވާ ޔުރޭނިއަމްގެ މިންވަރު ދަށްކުރުން ހިމެނެއެވެ.
އިރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ އަދި އެ ގައުމުގެ އެންމެ މަތީ ވެރިޔާ އަޔާތުﷲ އަލީ ޚާމަނާއީގެ އިސް މުޝީރު އަލީ ލަރިޖާނީ ވެސް ގެންދަވަނީ މި މަޝްވަރާތަކުގައި ގާތުން މަސައްކަތް ކުރައްވަމުންނެވެ.
މަސްދަރަކުން މައުލޫމާތު ދިން ގޮތުގައި، ދެ ފަރާތުގެ މަޝްވަރާވެރިން ވެސް ބޭނުންވަނީ އެއްބަސްވުމަކަށް އައުމަށެވެ. ނަމަވެސް ސާފުނުވާ ކަމަކީ ދެ ގައުމުގެ އިސް ވެރިން ގަބޫލުކުރައްވާނީ ކޮން ކަންތައްތަކެއް ކަމެވެ.
މަޝްވަރާގެ މޭޒަށް ދިއުމަށް މަދު ގަޑިއިރުތަކެއް ބާކީ އޮތްއިރު، ބޮޑެތި ސުވާލުތަކެއް އަދިވެސް އެބަހުއްޓެވެ.
އިރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުން، އުނދަގޫ ނަމަވެސް ކުރެވިދާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ހަނި އެއްބަސްވުމެއް ޓްރަމްޕް ގަބޫލުކުރައްވާނެ ހެއްޔެވެ؟
އަދި އިރާނަށް އެތެރެއިންނާއި ބޭރުން ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، ޚާމަނާއީ މުހިންމު ކަންކަމުގައި ދޫދެއްވަން ތައްޔާރުވާނީ ކިހާ މިންވަރަކަށް ހެއްޔެވެ؟







