އެމެރިކާ އަށް ހަމަލާ ދެވޭ ވަރުގެ މިސައިލް އީރާނުން އުފައްދަން އުޅޭ ކަމަށް ރައީސް ޓްރަމްޕް ކުރެއްވި ތުހުމަތުތައް އެ ގައުމުން ދޮގުކޮށްފި
މި މައްސަލައިގައި ދެ ގައުމުގެ ދެމެދުގައި ބަހުގެ ހަމަލާތަކެއް ބަދަލުކުރަމުންދާއިރު، މަޝްވަރާގެ މަގުން ހައްލެއް ހޯދުމަށް ސްވިޒަލޭންޑްގައި ބައްދަލުވުމެއް ބޭއްވުމަށް ވަނީ ތާވަލުކުރެވިފައި. އީރާނުން ބުނަމުންދަނީ އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމަކީ ސުލްހަވެރި ބޭނުންތަކަށް ކުރިއަށްގެންދާ މަސައްކަތެއް ކަމަށް.

އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއިލް ބަޣާއީ، 2024 އޮކްޓޫބަރު 28 ވީ ހޯމަ ދުވަހު ތެހެރާންގައި ބޭއްވި ނޫސްވެރިންގެ ހަފްތާ ބައްދަލުވުމުގެ ތެރެއިން. | އޭއެފްޕީ
އީރާނުން އެމެރިކާއަށް ހަމަލާދެވޭ ފަދަ މިސައިލްތަކެއް އުފައްދަމުންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ވިދާޅުވުމާ ގުޅިގެން، އެ ގައުމުގެ މިސައިލް ޕްރޮގްރާމާ ބެހޭގޮތުން އެމެރިކާއިން ކުރާ ތުހުމަތުތަކަކީ "ބޮޑެތި ދޮގުތަކެއް" ކަމަށް ބުދަ ދުވަހު އީރާނުން ބުނެފި އެވެ.
އަންގާރަ ދުވަހު ދެއްވި "ސްޓޭޓް އޮފް ދަ ޔޫނިއަން" ތަގުރީރުގައި ރައީސް ޓްރަމްޕް ވަނީ، އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ "ނުރައްކާތެރި މަގްސަދެއް" ގެންގުޅޭ ކަމަށް ތުހުމަތު ކުރައްވާފައެވެ. އެމެރިކާއިން މި ތުހުމަތުތައް ކޮށްފައި މިވަނީ، ގަލްފް ސަރަހައްދަށް ގިނަ އަދަދެއްގެ ސިފައިން ފޮނުވައި، އީރާނަށް ދޭ ފިއްތުންތައް ވަރުގަދަކޮށްފައިވާ ދަނޑިވަޅެއްގައެވެ.
ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ މައްސަލަތަކަށް ހައްލެއް ހޯދުމަށްޓަކައި، ބުރާސްފަތި ދުވަހު ސްވިޒަލޭންޑްގެ ޖެނީވާގައި ތިންވަނަ ބުރުގެ މަޝްވަރާތައް ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ.
ރައީސް ޓްރަމްޕް ތުހުމަތު ކުރެއްވި ގޮތުގައި، ޔޫރަޕަށާއި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ނުރައްކާ ކުރެވޭ ފަދަ މިސައިލްތައް އީރާނުން މިހާރުވެސް ވަނީ އުފައްދާފައެވެ. އަދި ވަރަށް އަވަހަށް އެމެރިކާއާ ހަމައަށް ފޯރާނެ ފަދަ މިސައިލްތައް އުފެއްދުމުގެ މަސައްކަތް އެ ގައުމުން ކުރަމުންދާ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.
އީރާނުން އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމް "އަލުން ފެށުމަށް" ބޭނުންވާ ކަމަށާއި، މި ވަގުތުވެސް އެ ގައުމުން ދަނީ ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ނުރައްކާތެރި މަގްސަދުތައް ހާސިލުކުރުމަށް މަސައްކަތް ކުރަމުން ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ނަމަވެސް، އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ ބުދަ ދުވަހު ވަނީ، ރައީސް ޓްރަމްޕްގެ ނަން ސީދާ ގޮތެއްގައި ވިދާޅުނުވެ، އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބަޣާއީ ވިދާޅުވީ، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި، ބެލިސްޓިކް މިސައިލްތަކާއި، އަދި ޖެނުއަރީ މަހުގެ ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އަދަދާ ގުޅޭގޮތުން އެމެރިކާއިން ކުރާ ތުހުމަތުތަކަކީ ތަކުރާރުކޮށް ފަތުރަމުން ގެންދާ "ބޮޑެތި ދޮގުތަކެއް" ކަމަށެވެ.
މީގެ އިތުރުން، ޑިސެމްބަރު މަހު ފެށި މުޒާހަރާތައް ޖެނުއަރީ 8 އަދި 9 ގައި އެންމެ ވަރުގަދަވި ދުވަސްވަރު، އީރާނުގެ ކަމާބެހޭ ފަރާތްތަކުން 32,000 މީހުން މަރާލާފައިވާ ކަމަށްވެސް އެމެރިކާގެ ރައީސް ވަނީ ތުހުމަތު ކުރައްވާފައެވެ.
ހުޅަނގުގެ ގައުމުތަކުން ގަބޫލުކުރާ ގޮތުގައި އީރާނުން ދަނީ ނިއުކްލިއާ ބޮމެއް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް އީރާނުން ބުނަމުންދަނީ އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމަކީ ސުލްހަވެރި ބޭނުންތަކަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ. މީގެ އިތުރުން، އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ އީރާނަށް ހަމަލާދޭނެ ކަމުގެ އިންޒާރުވެސް ޓްރަމްޕް ވަނީ ދެއްވާފައެވެ.
އީރާނަށް ދޭ ކޮންމެ ހަމަލާއަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށް އެ ގައުމުން ތަކުރާރުކޮށް ބުނަމުންދާއިރު، ކިތަންމެ ކުޑަ ހަމަލާއެއް ދިން ނަމަވެސް އެއީ "އުދުވާނީ އަމަލެއް" ކަމުގައި ބަލާނެ ކަމުގެ އިންޒާރު އީރާނުން ވަނީ ދީފައެވެ.
ރައީސް ޓްރަމްޕް ވިދާޅުވީ، މި މައްސަލަ ހައްލުކުރުމަށް އޭނާ އިސްކަންދެއްވަނީ ޑިޕްލޮމެސީ ނުވަތަ ވާހަކަދައްކައިގެން ކަމަށެވެ. ނަމަވެސް އީރާނަށް، ނިއުކްލިއާ ހަތިޔާރު ހޯދުމުގެ ފުރުސަތު ދުވަހަކުވެސް ނުދެއްވާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕްގެ ތަގުރީރުގެ އެތައް ގަޑިއިރެއް ކުރިން، އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވަނީ، އަސްކަރީ ކުރިމަތިލުމަކުން ސަލާމަތްވުމަށްޓަކައި އެއްބަސްވުމަކަށް އާދެވޭ ހިސާބުގައި ތިބި ކަމަށް ވިދާޅުވެފައެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އަރާގްޗީ ވިދާޅުވީ، ދެ ގައުމުގެ ކަންބޮޑުވުންތަކަށް ހައްލު ލިބޭނެ ފަދަ ތާރީޚީ އެއްބަސްވުމަކަށް އައުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި ޑިޕްލޮމެސީއަށް އިސްކަންދީފި ނަމަ، އެއްބަސްވުމަކަށް އާދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އީރާނުން އެއްވެސް ހާލަތެއްގައި ނިއުކްލިއާ ހަތިޔާރު އުފައްދާނެ ކަމަށް ބުނާ ވާހަކަ އަރާގްޗީ ދޮގުކުރެއްވިއެވެ. ނަމަވެސް، ސުލްހަވެރި ބޭނުންތަކަށް ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުންކުރުމުގެ ހައްގު އީރާނަށް އޮންނަންވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އީރާނާއި އެމެރިކާއާ ދެމެދު މިދިޔަ އަހަރު ނިއުކްލިއާ މައްސަލައިގައި ފަސް ބުރެއްގެ މަތިން މަޝްވަރާ ކުރެވުނެވެ. ނަމަވެސް، އިޒްރޭލުން އީރާނަށް ދިން ވަރުގަދަ ހަމަލާއާ ގުޅިގެން 12 ދުވަހަށް ދެމިގެންދިޔަ ހަނގުރާމައަށްފަހު އެ މަޝްވަރާތައް ވަނީ މެދުކެނޑިފައެވެ.







