ކުރިމަތިވެދާނެ ކޮންމެ ނުރައްކަލަކަށް ތައްޔާރު ވުމަށް އީރާނުން އަސްކަރީ ތަމްރީންތައް ފަށައިފި
އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން އެމެރިކާއާއެކު އައު މަޝްވަރާތަކެއް ބޭއްވުމަށް ތައްޔާރުވަމުންދަނިކޮށް، އައި.އާރު.ޖީ.ސީ އިން ވަނީ ޒަމާނީ ހަތިޔާރުތަކާއެކު ގަލްފް ސަރަހައްދުގައި ވަރުގަދަ އަސްކަރީ ތަމްރީނުތަކެއް ފަށާފައި. ކުރިމަތިވެދާނެ ނުރައްކާތަކަށް އަމާޒުކޮށް ކުރިއަށްގެންދާ މި ތަމްރީނުތައް ފަށާފައިވަނީ، އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އީރާނަށް އަސްކަރީ ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވާފައިވާ ދަނޑިވަޅެއްގައި.

އީރާނުގެ އެލީޓް ރިވޮލިއުޝަނަރީ ގާޑްގެ ޚާއްޞަ ފައުޖުތަކުން، ގަލްފް ސަރަޙައްދުގެ ކައިރީގައިވާ ސިއްރު ތަނެއްގައި އަސްކަރީ ތަމްރީނުތަކެއް ފުރިހަމަކުރަނީ - އޭޕްރިލް 03 2006. | ގެޓީ އިމޭޖަސް
އީރާނުގެ އަސްކަރިއްޔާ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން އެ ގައުމުގެ ދެކުނު ގަލްފް އައްސޭރިފަށުގައި އަސްކަރީ ތަމްރީނުތަކެއް ފަށާފައިވާ ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން އަންގާރަ ދުވަހު ރިޕޯޓްކޮށްފިއެވެ.
އީރާނުގެ ކަލަންޑަރާއި މީލާދީ ކަލަންޑަރަށް ރިއާޔަތްކޮށް، "ކޮމްބައިންޑް 1404 (2026) އެކްސަސައިޒް އޮފް ދަ އައި.އާރު.ޖީ.ސީ ގްރައުންޑް ފޯސަސް" ގެ ނަމުގައި މި ތަމްރީނުތައް މިހާރު ފަށާފައިވާ ކަމަށް ދައުލަތުގެ ޓީވީން ވަނީ ބުނެފައެވެ.
މި ހަނގުރާމަވެރި ތަމްރީނުތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ދެކުނު އައްސޭރިފަށަށް ކަމަށްވީ ނަމަވެސް، އީރާނުގެ އެހެން ސަރަހައްދުތަކުގައި ވެސް މިފަދަ ތަމްރީނުތައް ކުރިއަށްދާ ކަމަށް އެ ރިޕޯޓުގައިވެއެވެ.
މި ތަމްރީނުތަކުގައި ޑްރޯން، ކަނޑުގެ އުޅަނދުފަހަރު، އެއްގަމާއި ކަނޑުގައި ދުއްވޭ އުޅަނދުތައް، އެއްގަމުން ކަނޑަށް ފޮނުވާލާ މިސައިލާއި ރޮކެޓްގެ އިތުރުން އާޓިލަރީ ބޭނުންކުރަމުންދާ ކަމަށް ދައުލަތުގެ ޓީވީން މައުލޫމާތުދެއެވެ.
އައި.އާރު.ޖީ.ސީގެ އެއްގަމު ސިފައިންގެ ކޮމާންޑަރު މުހައްމަދު ކަރާމީ ދައުލަތުގެ ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، މިސައިލް، އާޓިލަރީ، ޑްރޯން، ހާއްސަ ފައުޖުތައް އަދި ބަހާދަރު އުޅަނދުތައް ހިމެނޭހެން ތަފާތު ދާއިރާތަކުން ވަރަށް ވަރުގަދަ ފިޔަވަޅުތަކެއް މި ތަމްރީނުތަކުގައި ފަރުމާކޮށްފައިވާ ކަމަށެވެ.
އިތުރު ތަފްސީލެއް ދެއްވުމެއް ނެތި އޭނާ ވިދާޅުވީ، މި ތަމްރީނުތައް ކުރިއަށް ގެންދަނީ "ކުރިމަތިވެދާނެ ނުރައްކާތަކަށް ބިނާކޮށް" ކަމަށެވެ.
މި ތަމްރީނުތައް ފަށާފައި މިވަނީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ އެއްބަސްވުމަކަށް އައުމަށްޓަކައި އޮމާން މެދުވެރިވެގެން ވޮޝިންޓަނާއި ތެހެރާނާ ދެމެދު ބޭއްވި ދެ ބުރުގެ މަޝްވަރާތައް ނިމި، އަންނަ ބުރާސްފަތި ދުވަހު އިތުރު މަޝްވަރާތަކެއް ބޭއްވުމަށް ހަމަޖެހިފައި ވަނިކޮށެވެ.
އީރާނުން ޔުރޭނިއަމް މުއްސަނދިކުރުން މުޅިން ހުއްޓާލުމަށް ވޮޝިންޓަނުން ތަކުރާރުކޮށް ގޮވާލަމުންދާއިރު، އީރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމާއި އެ ސަރަހައްދުގެ ހަނގުރާމަވެރި ޖަމާއަތްތަކަށް އެ ގައުމުން ދޭ އެހީތެރިކަމުގެ މައްސަލަ ހައްލުކުރުމަށް ވެސް އެމެރިކާއިން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އީރާނުން ވަނީ މި ހުށަހެޅުންތަކަށް އިންކާރުކޮށްފައެވެ.
ހުޅަނގުގެ ގައުމުތަކުން ތުހުމަތުކުރާ ގޮތުގައި އީރާނުން ދަނީ ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ.
އަސްކަރީ ބޭނުމަށް ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް ބުނެ ތެހެރާނުން އެ ތުހުމަތުތައް ދޮގުކުރެއެވެ. ނަމަވެސް މަދަނީ ބޭނުންތަކަށް ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުންކުރުމުގެ ހައްގު އެ ގައުމަށް އޮންނަންޖެހޭނެ ކަމަށް އީރާނުން ތަކުރާރުކޮށް ބުނެ އެވެ.
އެއްބަސްވުމަކަށް އައުމަށް އީރާނަށް ކުރިމަތިކުރާ ފިއްތުންތައް އިތުރުކުރައްވާފައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މެދުއިރުމައްޗަށް އެމެރިކާގެ ވަރުގަދަ ކަނޑުގެ ސިފައިންގެ ފައުޖެއް ފޮނުއްވާފައެވެ. އަދި އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ އީރާނަށް އަސްކަރީ ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރު ހޯމަ ދުވަހު ވެސް ޓްރަމްޕް ވަނީ އަލުން ދެއްވާފައެވެ.
މިދިޔަ ހަފުތާގައި ވެސް އީރާނުގެ ކަނޑުގެ ސިފައިން ވަނީ ގަލްފް ސަރަހައްދާއި ސްޓްރެޓީޖިކް ގޮތުން މުހިންމު ހޯރްމޫޒް ކަނޑުއޮޅި ހިމެނޭ ސަރަހައްދުގައި އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފައެވެ.







