އިންޑިއާ އޮންނާނީ ސާބިތުކަމާއެކު އިޒްރޭލާއެކު: މޯދީ
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިޒްރޭލަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ތަގުރީރުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ސްޓްރެޓެޖިކް އަދި އިގްތިސާދީ ގުޅުން އިތުރަށް ބަދަހިކުރުމަށް ވަނީ ގޮވާލައްވާފައި. މި ދަތުރުފުޅުގައި ދިފާއީ، ޓެކްނޮލޮޖީ އަދި ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން ދިނުމާ ބެހޭގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައި އޮތް ނަމަވެސް، ފަލަސްތީނުގެ މައްސަލައިގައި އިންޑިއާގެ އެތެރޭގެ ސިޔާސީ މަސްރަހުން މޯދީއަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައި.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ (ކަނާތްފަރާތުގައި)، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ (މެދުގައި) އަށް މަރުހަބާ ވިދާޅުވަނީ، މިއީ 2026 ފެބްރުއަރީ 25 ވީ ބުދަ ދުވަހު ތެލް އަވީވް ކައިރީގައި އޮންނަ ބެން ގޫރިއަން އެއާޕޯޓުގައި ބޭއްވި މަރުހަބާ ކިޔުމުގެ ރަސްމިއްޔާތުގެ ތެރެއިން ނަގާފައިވާ ފޮޓޯ އެއް. | އޭއެފްޕީ
އޮކްޓޯބަރު 7، 2023 ގައި ހަމާސްއިން އިޒްރޭލަށް ދިން ހަމަލާތަކާ ގުޅިގެން، އިންޑިއާ އޮތީ "ސާބިތުކަމާ ފުރިހަމަ އިތުބާރާއެކު" އިޒްރޭލާއެކު ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބުދަ ދުވަހު ގުދުސްގައި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާ މުޚާތަބު ކުރައްވައި ވިދާޅުވެއްޖެއެވެ.
އިޒްރޭލުގެ ގާނޫނު ހަދާ މަޖިލިސް، ކްނެސެޓްގައި ވާހަކަދައްކަވަމުން މޯދީ ވިދާޅުވީ، އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސްއިން ދިން ރަހުމުކުޑަ ޓެރަރިސްޓް ހަމަލާގައި ފުރާނަ ގެއްލުނު ކޮންމެ މީހަކަށާއި، ދިރިއުޅުން ބަރުބާދުވެގެންދިޔަ ކޮންމެ އާއިލާއަކަށް އިންޑިއާގެ ރައްޔިތުންގެ ނަމުގައި ނުހަނު އިޚުލާސްތެރި ތައުޒިޔާ ރައްދުކުރާ ކަމަށެވެ.
"އަޅުގަނޑުމެންނަށް ތިޔަބޭފުޅުންގެ ތަދު އިހުސާސްވޭ، އަދި ތިޔަ ހިތާމައިގައި ބައިވެރިވަން. މި ވަގުތާއި މުސްތަގުބަލުގައި ވެސް އިންޑިއާ އޮންނާނީ ސާބިތުކަމާއެކު ފުރިހަމަ އިތުބާރާއެކު އިޒްރޭލާއެކު،" މޯދީ އިތުރަށް ވިދާޅުވިއެވެ.
ވިޔަފާރިއާއި ދިފާއީ ދާއިރާގެ މުހިންމު ބައިވެރިއަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މޯދީ ބުދަ ދުވަހު އިޒްރޭލަށް ވަޑައިގެންފައިވާއިރު، މި ދަތުރުފުޅާ ގުޅިގެން އިންޑިއާގެ އެތެރޭގެ ސިޔާސީ މަސްރަހުން ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ.
މިއީ ބޮޑުވަޒީރުގެ ހައިސިއްޔަތުން މޯދީ އިޒްރޭލަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ.
މި ދަތުރުފުޅުގައި މޯދީ، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ރައީސް އައިޒަކް ހަރްޒޮގްއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އިންޑިއާގެ ވެރިރަށް ނިއުދިއްލީން ފުރާވަޑައިގަތުމުގެ ކުރިން ދެއްވި ބަޔާނެއްގައި މޯދީ ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި ވަރުގަދަ އަދި ގިނަ ދާއިރާތަކެއް ހިމެނޭ މުހިންމު ގުޅުމެއް އޮތް ކަމަށެވެ.
"ވޭތުވެދިޔަ މަދު އަހަރުތަކެއްގެ ތެރޭގައި ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފައި،" މޯދީ ވިދާޅުވިއެވެ.
މެދުއިރުމަތީގައި އޮންނަ ޑިޕްލޮމެޓިކް މަސްލަހަތުތައް ހަމަހަމަކޮށް ހިފަހައްޓަމުން، ނިއުދިއްލީން ވަނީ ދިފާއީ، ދަނޑުވެރިކަން، ޓެކްނޮލޮޖީ އަދި ސައިބަރ ސެކިއުރިޓީ ދާއިރާތަކުން އިޒްރޭލާ އެކު އޮންނަ ގުޅުން މެދުކެނޑުމެއް ނެތި ފުޅާކޮށްފައެވެ.
އިންޑިއާ އާއި އިޒްރޭލާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް (އެފް.ޓީ.އޭ) ގާއިމުކުރުމުގެ މަޝްވަރާތައް ހޯމަ ދުވަހު ނިއުދިއްލީގައި ފަށާފައިވާ ކަމަށް އިންޑިއާ ސަރުކާރުން ބުނެފައިވެއެވެ. އަދި 2024-2025 ވަނަ އަހަރު ދެ ގައުމުގެ ދެމެދުގައި ކުރެވުނު މުދަލުގެ ވިޔަފާރި 3.62 ބިލިއަން ޑޮލަރަށް އަރާފައިވާކަން ވެސް ސަރުކާރުން ފާހަގަކުރިއެވެ.
މޯދީ ވިދާޅުވީ، ބޮޑުވަޒީރު ނަތަންޔާހޫއާއެކު ބާއްވާ ބައްދަލުވުމުގައި "ދެ ގައުމުގެ އެއްބާރުލުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެ" ކަމަށެވެ.
ދެ ގައުމުގެ ދެމެދުގައި ފުރިހަމަ ސިޔާސީ ގުޅުން ގާއިމުކުރެވުނީ 1992 ވަނަ އަހަރުއެވެ. ނަމަވެސް، ހިންދޫ ނޭޝަނަލިސްޓް ލީޑަރު މޯދީ 2014 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، މި ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފައެވެ.
މޯދީ އެންމެ ފުރަތަމަ ބޮޑުވަޒީރުގެ ހައިސިއްޔަތުން އިޒްރޭލަށް ވަޑައިގަތީ 2017 ވަނަ އަހަރުއެވެ. އޭގެ ފަހުން ޖެހިގެން އައި އަހަރު ނަތަންޔާހޫ ވަނީ އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.
މި ދެ ލީޑަރުން ވެސް ވަނީ އެކަކު އަނެކަކީ "ގާތް އެކުވެރިން" ކަމަށް ސިފަކުރައްވާފައެވެ.
އެތެރޭގެ ފާޑު ކިޔުން
"އޮކްޓޯބަރު 7 ގައި ހިނގި ކަންތައްތައް އިންޑިއާއިން ބަލައިގަތީ ސިހުމާއި ބިރުވެރިކަމާއެކު. އެހެންވެ، އިޒްރޭލަށް ދިން ތާއީދަކީ ވަރަށް އަވަސް، ވަގުތުން ވަގުތަށް ދިން، އަދި ނުހަނު ބޮޑު ތާއީދެއް،" ނިއުދިއްލީގައި ހުންނަ ސްޓްރެޓެޖިކް ލަފާދޭ ކުންފުނި 'ދަ އޭޝިއާ ގްރޫޕް' ގެ ވެރިޔާ އަޝޯކް މާލިކް ވިދާޅުވިއެވެ.
މޯދީ މި ދަތުރުފުޅާއެކު "ކުރިއަށް މި ގެންދަވާ" އިންޑިއާ-އިޒްރޭލުގެ ގުޅުމަކީ ހަމައެކަނި ޓެރަރިޒަމް ފަދަ ކަންކަމުގައި ގެންގުޅޭ ސްޓްރެޓެޖިކް އެއްގޮތްކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫން ކަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ.
"އިޒްރޭލަކީ އީޖާދީ ޓެކްނޮލޮޖީ، އޭގެ ތެރޭގައި ދަނޑުވެރިކަމުގެ ޓެކްނޮލޮޖީއާއި، އިގްތިސާދީ ބައިވެރިވުން އަދި ހަމަޔަގީނުންވެސް ދިފާއީ ދާއިރާއިން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެވޭނެ ގައުމެއް... މިއީ ފަލަސްތީނުގެ މައްސަލައާ މުޅިން ވަކިން އޮތް ކަމެއް،" މާލިކް ވިދާޅުވިއެވެ.
2017 ވަނަ އަހަރު އިޒްރޭލަށް ކުރެއްވި ދަތުރުފުޅަށްފަހު، މަސްތަކެއް ފަހުން މޯދީ ވަނީ ފަލަސްތީނުގެ އޮތޯރިޓީގެ މަރުކަޒު ކަމަށްވާ ރާމަﷲ އަށް ޒިޔާރަތް ކުރައްވާފައެވެ.
ނަމަވެސް، މޯދީ މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ގުޅިގެން އިންޑިއާގެ އެތެރޭގައި ވަނީ ފާޑުކިޔުންތައް އުފެދިފައެވެ.
އިދިކޮޅު ލީޑަރު ރާހުލް ގާނދީގެ ކޮއްކޯފުޅު އަދި ކޮންގްރެސް ޕާޓީގެ އިސް ބޭފުޅެއް ކަމަށްވާ ޕްރިޔަންކާ ގާންދީ ބުދަ ދުވަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މޯދީ އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަދައްކަވާއިރު، "ޣައްޒާގައި މަރާލެވުނު އެތައް ހާސް ކުށެއްނެތް ފިރިހެނުންނާއި، އަންހެނުންނާއި އަދި ކުޑަކުދިންގެ" ވާހަކަ ފާހަގަކުރައްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
1.4 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ، ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމު ކަމަށްވާ އިންޑިއާގެ އަޣުލަބިއްޔަތަކީ ހިންދޫން ކަމަށްވީ ނަމަވެސް، އެ ގައުމުގައި ގާތްގަނޑަކަށް 220 މިލިއަން މުސްލިމުން ދިރިއުޅެއެވެ.
އިންޑިއާގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އަދާނީ ގްރޫޕުން އިޒްރޭލުގެ ހައިފާ ބަނދަރު ހިންގަމުންދާއިރު، 2025 ވަނަ އަހަރުގެ މެއި މަހު އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި އިޒްރޭލުގެ އަސްކަރީ ޑްރޯން ޓެކްނޮލޮޖީ ވަނީ ވަރަށް މުހިންމު ދައުރެއް އަދާކޮށްފައެވެ.
އެއާއެކުވެސް، އިންޑިއާއިން ދަނީ ގަލްފުގެ ގައުމުތަކާއި ތެހެރާނާއެކު ވަރުގަދަ ގުޅުމެއް ބާއްވަމުންނެވެ. މީގެ ތެރޭގައި އަފްޣާނިސްތާނަށް މުދާ އުފުލުމުގެ މުހިންމު ދޮރާށްޓެއް ކަމަށްވާ އީރާނުގެ ޗާބަހާރު ބަނދަރު ތަރައްގީކުރުން ހިމެނެއެވެ. އަފްޣާނިސްތާނުގައި އިންޑިއާއިން ވަނީ ތާލިބާން ސަރުކާރާއެކު ވެސް ގުޅުމެއް ގާއިމުކޮށްފައެވެ.







