ޣައްޒާ އަށް ފަސް ބިލިއަން ޑޮލަރު ދިނުމަށް، ބޯޑު އޮޕް ޕީސްގެ މެމްބަރުން އެއްބަސްވެއްޖެ: ޓްރަމްޕް
އާދީއްތަ ދުވަހު ޓްރުތު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، ފަލަސްޠީނުގެ ޣައްޒާގައި ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި އދ އިން ހުއްދަ ދޭ ފޯސް އަކާއި، އެ ސަަރަހައްދުގެ ލޯކަލް ފުލުހުންގެ ޚިދުމަތަށް އެހީތެރިވުމަށް މެމްބަރު ޤައުމު ތަކުން އެތައް ހާސް މުވައްޒަފުންނެއް ފޮނުވުމަށް މިހާރު އެއްބަސްވެފައިވާ ކަމަށް.


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ގެޓީ އިމޭޖަސް
ޣައްޒާ އަލުން އާރާސްތު ކުރުމާއި، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ފަސް ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ ގިނަ އަދަދެއް ދިނުމަށް ބޯޑު އޮފް ޕީސްގެ މެމްބަރުން އެއްބަސްވެފައިވާ ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
އާދީއްތަ ދުވަހު ޓްރުތު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، ފަލަސްޠީނުގެ ޣައްޒާގައި ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި އދ އިން ހުއްދަ ދޭ ފޯސް އަކާއި، އެ ސަަރަހައްދުގެ ލޯކަލް ފުލުހުންގެ ޚިދުމަތަށް އެހީތެރިވުމަށް މެމްބަރު ޤައުމު ތަކުން އެތައް ހާސް މުވައްޒަފުންނެއް ފޮނުވުމަށް މިހާރު އެއްބަސްވެފައިވާ ކަމަށެވެ. މީގެ އިތުރުން ހަނގުރާމަ އަށް ފަހު، ހަމާސް ޖަމާއަތުގެ ހަތިޔާރު ދޫކޮށްލަން ޖެހޭނެ ކަމަށް ޕްލޭންގައި ހިމަނާފައިވާ ކަމަށާއި، އެކަން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަމުން އަންނަ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕް އުފައްދަވާފައިވާ ބޯޑު އޮފް ޕީސްގެ ފުރަތަމަ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މި ހަފުތާގެ ބުރާސްފަތި ދުވަހު އެމެރިކާގެ ވެރި ރަށް ވޮޝިންޓަންގަ އެވެ. އެ ބައްދަލުވުމުގެ ކުރިން ޓްރަމްޕް ވިދާޅުވެފައި ވަނީ، ހަމާސް އިން ވަގުތުން ހަތިޔާރު ދޫކޮށްލުމަށް ވެފައިވާ އެއްބަސްވުމަށް އަމަލު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. ހަމާސްގެ ހަތިޔާރު ބެހެއްޓުމަކީ، ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމުގެ މުހިންމު ބަޔަކަށްވާއިރު، ހަމާސް އިން ވަނީ އެކަމާ ދެކޮޅު ހަދާ ކަމަށް ބުނެފަ އެވެ.
އެއްބަސްވުމުގެ ދެ ވަނަ މަރުހަލާގައި ބުނެފައިވާ ގޮތުން، ޣައްޒާގައި ތިބި އިޒްރޭލްގެ ސިފައިން މަޑު މަޑުން އެ ސަރަހައްދުން ފައިބަން ޖެހޭނެ އެވެ. އެއާ އެކު ހަމާސް އަށް އޮތީ އެ ޖަމާއަތުގެ ހަތިޔާރުތައް ދޫކޮށްލުމެވެ. އެއަށް ފަހު، އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ކަށަވަރު ކުރުމަށް ބައިނަލްއަޤުވާމީ ފޯސްއެއް ޤާއިމު ކުރަން ޖެހެ އެވެ. ނަމަވެސް، ހަތިޔާރު ދޫކޮށްލުމަކީ ޤަބޫލު ކުރާ ކަމެއް ނޫން ކަމަށް ބުނެ، ހަމާސް އިން އެކަމަށް އިންކާރު ކޮށްފައިވާތީ އެކަން ކުރެވޭ ގޮތް ވަނީ ނުވެފަ އެވެ. ކުރި މަގުގައި އުފެދޭ ފަލަސްޠީނުގެ ސަރުކާރާ އެކު، ހަތިޔާރު ހަވާލު ކުރުމާ މެދު ވިސްނަފާނެ ކަމުގެ އިޝާރާތެއް ހަމާސް އިން ދީފައިވެ އެވެ.
ބޯޑު އޮފް ޕީސް އުފައްދާފައި ވަނީ ޣައްޒާ އަލުން އާރާސްތު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ކަމަށް ވީ ނަމަވެސް، އެ ބޯޑުގެ ދައުރު ހަމައެކަނި ފަލަސްޠީނު މައްސަލަ އަށް ހަނިވެފައި ނުވާ ކަމަށް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. ބޯޑާ ގުޅޭ ގޮތުން ޓްރަމްޕް ވިދާޅުވެފައި ވަނީ، އެ ބޯޑަކީ ތާރީޚުގައި ފެންނާނެ އެންމެ ނުފޫޒު ގަދަ ބައިނަލްއަޤުވާމީ އިދާރާ އަށް ވެގެން ދާނެ ކަމަށެވެ. މިދިޔަ މަހު ޑާވޯސްގައި ކުރިއަށް ގެންދިޔަ ވާރލްޑް އިކޮނޮމިކް ފޯރަމްގައި މި ބޯޑު ރަސްމީކޮށް އިފްތިތާހު ކޮށްފައިވާއިރު، މި ބޯޑުގެ އެންމެ ފުރަތަމަ ރަސްމީ ބައްދަލުވުން ބުރާސްފަތި ދުވަހު އޮންނާނެ އެވެ.
މި ބޯޑުގެ ދާއިމީ މެމްބަރުކަން ހޯދުމަށް ކޮންމެ ޤައުމަކުން އެއް ބިލިއަން އެމެރިކާ ޑޮލަރު ދެއްކުމަށް އެދިފައިވާއިރު، ޔޫކްރެއިންއާ ދެކޮޅަށް ހަނގުރާމަ ހިންގަމުން އަންނަނާތީ ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން އަށް މި ބޯޑުން ދައުވަތު ދިނުމުން އެތައް ބައެއްގެ ނުރުހުން އަމާޒުވެފައިވެ އެވެ. އެގޮތުން އެމެރިކާއާ ގާތް ގުޅުމެއް ބާއްވަމުން އަންނަ ފްރާންސް އާއި، އިނގިރޭސިވިލާތުން ވެސް ވަނީ އެކަމާ ނުރުހުން ފާޅު ކޮށްފަ އެވެ. ނަމަވެސް ޓްރަމްޕް ވިދާޅުވެފައި ވަނީ، އެ ބޯޑުން މަސައްކަތް ކުރާނީ އދ އާއި ގުޅިގެން ކަމަށެވެ.
މަސްދަރު: އެޖެންސީސް





