ހަނގުރާމައިގައި ހިޒްބުﷲ އިން އީރާނާ ބައިވެރިވެއްޖެ ނަމަ ލުބުނާނުގެ އާންމު ތަންތަނަށް ހަމަލާދޭނެ ކަމަށް އިޒްރޭލުން އިންޒާރު ދީފި
އެމެރިކާއާއި އީރާނުގެ މަޝްވަރާތައް ބާއްވަން ތައްޔާރުވަމުންދާއިރު، ހިޒްބުالله އިން އިތުރު ނުރައްކާތެރި ކަމެއްގެ ތެރެއަށް ގައުމު ނުވެއްދުމަށް ލުބުނާނުގެ ބޮޑުވަޒީރު ވަނީ ގޮވާލައްވާފައި. ހިޒްބުاللهގެ އާ ލީޑަރު ނައީމް ގާސިމް ވަނީ އެ ޖަމާއަތުން އަމިއްލަ ނަފްސު ދިފާއުކުރާނެ ކަމަށް ބުނެފައި. މި ނުތަނަވަސްކަމާ ގުޅިގެން އެމެރިކާއިން ލުބުނާނުގައި ތިބި އެ ގައުމުގެ ބައެއް މުވައްޒަފުން ބާލަމުންދާއިރު، އިޒްރޭލުން ދަނީ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފަށް ހިޒްބުالله ގެ އަމާޒުތަކަށް ކަމަށް ބުނެ ލުބުނާނަށް ހަމަލާ ދެމުން.

އީރާނުން އިޒްރޭލަށް އަމާޒުކޮށް ގިނަ އަދަދެއްގެ މިސައިލް ހަމަލާތަކެއް ފޮނުވާލިތާ 24 ގަޑިއިރު ވެސް ނުވަނީސް، 2024 އޮކްޓޫބަރު 2 ވީ ބުދަ ދުވަހު ތެހެރާންގައި ބޭއްވި މުޒާހަރާގެ ބައިވެރިން ދިދަތަކާއި އަވަހާރަކޮށްލާފައިވާ ލީޑަރުންގެ ފޮޓޯތައް އުފުލާފައިވާއިރު، މީގެ ތެރޭގައި އިޒްރޭލުން އަވަހާރަކޮށްލާފައިވާ ލުބުނާނުގެ ހިޒްބުالله ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް ހަސަން ނަސްރުاللهގެ ފޮޓޯތައް ވެސް ހިމެނޭ (ފައިލް). | އޭއެފްޕީ
އެމެރިކާއާއި އީރާނާ ދެމެދު ހަނގުރާމައެއް ފެށިއްޖެ ހާލަތެއްގައި، ހިޒްބުالله އިން އެ ހަނގުރާމައިގެ ތެރެއަށް ވަދެފިނަމަ، ލުބުނާނުގެ އެއާޕޯޓު ހިމެނޭހެން އާންމު އިންފްރާސްޓްރަކްޗާތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު އިޒްރޭލުން ދީފި ކަމަށް ލުބުނާނުގެ އިސް ދެ އޮފިޝަލަކު އަންގާރަ ދުވަހު ވިދާޅުވެއްޖެއެވެ.
ނަން ހާމަނުކުރުމަށް އެދި ލުބުނާނުގެ އޮފިޝަލުން ވިދާޅުވި ގޮތުގައި، އިޒްރޭލުގެ މި އިންޒާރު ލިބިފައިވަނީ ނުސީދާ މަގަކުންނެވެ. މިކަމާ ގުޅޭގޮތުން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުންނާއި ލުބުނާނުގެ އިސް ވެރިންނަށް ވަކި އެއްޗެއް ބުނުމަށް މިހާތަނަށް ވަނީ އިންކާރުކޮށްފައެވެ.
އީރާނާއި އެމެރިކާއާ ދެމެދު އަސްކަރީ ކުރިމަތިލުމެއް ހިނގައިފާނެ ކަމުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގައި، ދެ ގައުމުގެ މެދުގައި ބާއްވާ ނިއުކްލިއާ މަޝްވަރާތަކުގެ ތިންވަނަ ބުރު އަންނަ ބުރާސްފަތި ދުވަހު ޖެނީވާގައި އޮންނާނެ ކަމަށް އޮމާންގެ ފޮރިން މިނިސްޓަރު ބަދުރު އަލްބުސައިދީ އާދީއްތަ ދުވަހު ވަނީ ވިދާޅުވެފައެވެ.
މީގެ އަހަރެއްހާ ދުވަސް ކުރިން މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، އީރާނުގެ މަދަދުލިބޭ ހިޒްބުاللهގެ ހަތިޔާރު އަތުލުމަށް މަސައްކަތް ކުރައްވަމުންދާ ލުބުނާނުގެ ބޮޑުވަޒީރު ނަވާފް ސަލާމް، އަންގާރަ ދުވަހު ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ވަނީ ލުބުނާނު "އިތުރު ނުރައްކާތެރި ކަމެއްގެ" ތެރެއަށް ނުވެއްދުމަށް އެ ޖަމާއަތަށް ގޮވާލައްވާފައެވެ.
2024 ވަނަ އަހަރު ކުރި ހަނގުރާމައިގައި އިޒްރޭލުން ވަނީ ހިޒްބުالله އަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އެގޮތުން އެ ޖަމާއަތުގެ ލީޑަރު ހަސަން ނަސްރުالله އާއި އެތައް ހާސް ހަނގުރާމަވެރިންނެއް މަރާލައި، އެ ޖަމާއަތުގެ ހަތިޔާރު ގުދަންތަކުގެ ބޮޑު ބައެއް ވަނީ ސުންނާފަތިކޮށްލާފައެވެ.
ހިޒްބުالله އަކީ 1982 ވަނަ އަހަރު އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން އުފެއްދި ޖަމާއަތެކެވެ.
ހިޒްބުاللهގެ އާ ލީޑަރު ނައީމް ގާސިމް މިދިޔަ މަހު ޓީވީ މެދުވެރިކޮށް ދެއްވި ތަގުރީރެއްގައި ވިދާޅުވީ، ވޮޝިންޓަނާއި ތެހެރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގައި އެ ޖަމާއަތުން އޮތީ "ވަކި ފަރާތަކަށް ނުޖެހި" ނޫން ކަމަށާއި، އެ ޖަމާއަތް ވެސް ހަމަލާގެ އަމާޒެއް ކަމަށް ވެދާނެ ކަމަށެވެ.
"އަހަރެމެން މިތިބީ އަމިއްލަ ނަފްސު ދިފާއުކުރުމުގެ އަޒުމުގައި. ހަނގުރާމައިގެ ތެރެއަށް ވަންނާނީތޯ ނުވަތަ ނޫންތޯ ނިންމައި، އަމަލުކުރާނެ ގޮތެއް އަހަރެމެން ކަނޑައަޅާނީ އެންމެ އެކަށީގެންވާ ވަގުތު ޖެހުމުން،" ގާސިމް ވިދާޅުވިއެވެ.
ހިޒްބުالله އާއި އިޒްރޭލާ ދެމެދު އެންމެ ފަހުން ހިނގި ހަނގުރާމަ ފެށުނީ، 2023 ވަނަ އަހަރު ޣައްޒާގައި ހަނގުރާމަ ފެށުމާއެކު ފަލަސްތީނުގެ ހަމާސް ޖަމާއަތަށް ތާއީދުކޮށް ހިޒްބުالله އިން ހަމަލާދޭން ފެށުމުންނެވެ. މީގެ ސަބަބުން މަސްތަކެއް ވަންދެން ބޯޑަރު ސަރަހައްދުގައި ހަމަލާތައް ބަދަލުކުރުމަށްފަހު، އިޒްރޭލުން ވަނީ ލުބުނާނަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ.
ހިޒްބުالله އިން "އިތުރު ނުރައްކާތެރި ކަމެއް" ނުކުރުމަށް ބޮޑުވަޒީރު ސަލާމް އިންޒާރު ދެއްވުން
"ޣައްޒާގެ ކަންކަމުގެ ތެރެއަށް ވަނުމުން ލުބުނާނަށް ބޮޑު އަގަކުން ބަދަލުދޭން ޖެހުނު. އަޅުގަނޑުމެން އުންމީދު ކުރަނީ އިތުރު ނުރައްކާތެރި ކަމެއްގެ ތެރެއަށް ގައުމު ދަމައިނުގަންނާނެ ކަމަށް،" އަންގާރަ ދުވަހު ޝާއިއުކުރި އިންޓަވިއުއެއްގައި ސަލާމް 'ނިދާ އަލް-ވަތަން' ނޫހަށް ވިދާޅުވިއެވެ.
ބެއިރޫތުގައި ހުންނަ އެމެރިކާ އެމްބަސީގެ މުހިންމު ނޫން މުވައްޒަފުންނާއި އެމީހުންގެ އާއިލާތައް އެ ގައުމުން ބާލަމުންދާ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ އިސް އޮފިޝަލަކު ހޯމަ ދުވަހު ވަނީ ވިދާޅުވެފައެވެ.
2024 ވަނަ އަހަރު އެމެރިކާގެ މެދުވެރިވެގެން އިޒްރޭލާއި ލުބުނާނާ ދެމެދު ހަމަލާބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވި ފަހުންވެސް، ހިޒްބުالله އިން އަލުން ހަތިޔާރު އެއްކުރަމުންދާ ކަމަށް ތުހުމަތުކޮށް، އިޒްރޭލުން ދަނީ ލުބުނާނުގައި ހުންނަ އެ ޖަމާއަތުގެ އަމާޒުތަކަށް ހުއްޓުމެއް ނެތި ހަމަލާދެމުންނެވެ.
ލުބުނާނުގެ ހިސާބުތަކުން ދައްކާގޮތުގައި، ހަމަލާބަދަލުކުރުން ހުއްޓާލި ފަހުން އިޒްރޭލުން ދިން ހަމަލާތަކުގައި މިހާތަނަށް 400 އެއްހާ މީހުން ވަނީ މަރުވެފައެވެ.
ހިޒްބުالله އިން ބުނަމުންދަނީ ލުބުނާނުގެ ދެކުނުގައި ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށް އެ ޖަމާއަތުން އިހުތިރާމް ކުރާ ކަމަށެވެ. ޖެނުއަރީ މަހު، އެމެރިކާގެ އެހީތެރިކަން ލިބޭ ލުބުނާނުގެ އަސްކަރިއްޔާއިން ބުނީ، ހަތިޔާރު ގެންގުޅުމުގެ ފުރިހަމަ ބާރު ސަރުކާރަށް ހޯދުމުގެ މަގްސަދުގައި، ދެކުނުގެ ސަރަހައްދުތަކުގެ ފުރިހަމަ ކޮންޓްރޯލް މިހާރު ހޯދާފައިވާ ކަމަށެވެ.
އިޒްރޭލުން ބުނެފައިވަނީ މިއީ އުންމީދީ ފެށުމެއް ނަމަވެސް، މިއީ އަދި އެންމެ އެކަށީގެންވާ މިންވަރެއް ނޫން ކަމަށެވެ.
މަސްދަރު: ރޮއިޓާސް







