އެއްބަސްވުމަކަށް އައުމަކީ ބުއްދިވެރި ގޮތް ކަމަށް ވިދާޅުވެ، އަނެއްކާ ވެސް ޓްރަމްޕް އީރާން އަށް އިންޒާރު ދެއްވައިފި
ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލިން ލެވިޓް ވިދާޅުވީ، ރައީސް ޓްރަމްޕް އާއި އޭނާގެ ސަރުކާރާ އެކު އެއްބަސްވުމަކަށް އައުމަކީ އީރާން އަށް އޮތް އެންމެ ބުއްދިވެރި ގޮތް ކަމަށް. ބުދަ ދުވަހު ޓްރަމްޕް އޭނާގެ ޓުރުތު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މެދު އިރުމަތީގައި އެމެރިކާގެ އަސްކަރީ ބާރު ގަދަ ކުރަމުންދާ ކަމަށް ފާހަގަ ކުރައްވައި، އަނެއްކާ ވެސް އީރާން އަށް ހަމަލާ ދީފާނެ ކަމުގެ އިޝާރާތެއް ދެއްވާފައި.


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ގެޓީ އިމޭޖަސް
އީރާން އާއި އެމެރިކާއާ އެކު ކުރިއަށް ގެންދަމުން އަންނަ ނިއުކްލިއާ މަޝްވަރާ ތަކުން އެއްބަސްވުމަކަށް އައުމަކީ ބުއްދިވެރި ގޮތް ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާ ވެސް އީރާން އަށް އިންޒާރު ދެއްވައިފި އެވެ.
އެކަން ހާމަ ކޮށްފައި ވަނީ އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސް އިންނެވެ. ޓްރަމްޕްގެ މި އިންޒާރުތައް ތަކުރާރުކޮށް ދެއްވަމުން މި އަންނަނީ، އީރާން އާއި އެމެރިކާއާ ދެމެދު އަލުން މަޝްވަރާތައް ފެށިފައިވާ ވަގުތެއްގަ އެވެ. އޮމާން މެދުވެރިވެގެން ކުރިއަށް ގެންދަމުން އަންނަ މަޝްވަރާ ތަކުގައި މިހާތަނަށް ވަނީ ދެ ބައްދަލުވުމެއް ބާއްވައިފަ އެވެ.
ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލިން ލެވިޓް ވިދާޅުވީ، ރައީސް ޓްރަމްޕް އާއި އޭނާގެ ސަރުކާރާ އެކު އެއްބަސްވުމަކަށް އައުމަކީ އީރާން އަށް އޮތް އެންމެ ބުއްދިވެރި ގޮތް ކަމަށެެވެ. ލެވިޓް މިހެން ވިދާޅުވެފައިވާއިރު، މިދިޔަ އަހަރު ވެސް އީރާން އާއި އެމެރިކާއާ ދެމެދު ވަނީ މަޝްވަރާތައް ކުރިއަށް ގެންގޮސްފަ އެވެ. އެ ފަހަރުގެ މަޝްވަރާތައް ހުއްޓުނީ އިޒްރޭލް އާއި، އެމެރިކާ އިން އީރާން އަށް އަމާޒުކޮށް ހަމަލާ ދިނުމުގެ ސަބަބުންނެވެ.
ބުދަ ދުވަހު ޓްރަމްޕް އޭނާގެ ޓުރުތު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މެދު އިރުމަތީގައި އެމެރިކާގެ އަސްކަރީ ބާރު ގަދަ ކުރަމުންދާ ކަމަށް ފާހަގަ ކުރައްވައި، އަނެއްކާ ވެސް އީރާން އަށް ހަމަލާ ދީފާނެ ކަމުގެ އިޝާރާތެއް ދެއްވައިފަ އެވެ. އަދި އިންޑިއާ ކަނޑުގެ ޗާގޯސް ޖަޒީރާގެ ސިޔާދަތީ ބާރު ދޫނުކުރުމަށް އިނގިރޭސިވިލާތަށް އިންޒާރު ދެއްވަމުން ޓްރަމްޕް ވިދާޅުވީ، އީރާން އިން އެއްބަސްވުމަކަށް ނުގޮސްފި ނަމަ، ނުރައްކާތެރި އަދި ހަމަ ޖެހުމެއް ނެތް ސަރުކާރަކުން ދީފާނެ ހަމަލާއެއް ނައްތާލުމަށްޓަކައި ޑިއޭގޯ ގާސިއާ އެއާބޭސްގެ ބޭނުން ހިފަން ޖެހިދާނެ ކަމަށެވެ.
މި ދަނޑިވަޅުގައި އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވިދާޅުވެފައި ވަނީ، އެމެރިކާ އާއެކު ކުރިއަށް އޮތް މަޝްވަރާ ތަކަށް ބޭނުންވާ އޮނިގަނޑެއް އެ ޤައުމުން އެކުލަވާލަމުންދާ ކަމަށެވެ. އީރާން އާއި އެމެރިކާއާ ދެމެދު ކުރިއަށް ގެންދާ މަޝްވަރާ ތަކުގެ ދެ ވަނަ ބައްދަލުވުން އަންގާރަ ދުވަހު ޖެނީވާގައި ކުރިއަށް ގެންގޮސްފައިވާއިރު، އަރާގްޗީ ވިދާޅުވީ ދެ ޤައުމުން ވެސް ބައެއް އަސާސީ އުސޫލު ތަކަށް އެއްބަސްވެފައިވާ ކަމަށެވެ. ނަމަވެސް، އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވިދާޅުވީ، އެމެރިކާ އިން ކަނޑައަޅާފައިވާ ރަން ރޮނގު ތަކަށް އީރާން އިން އަދިވެސް އެއްބަސް ނުވާ ކަމަށެވެ.
އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ބުދަ ދުވަހު ވިދާޅުވީ، އީރާން އިން ހަނގުރާމައެއް ބޭނުން ނުވާ ކަމަށެވެ. ނަމަވެސް، އެމެރިކާގެ ހުރިހާ ޝަރުތު ތަަކަށް ބޯނުލަނބާނެ ކަމުގެ އިޝާރާތެއް ދެއްވަމުން އޭނާ ވިދާޅުވީ، އީރާންގެ މައްޗަށް ބާރު ފޯރުވައި، އިހާނެތިކޮށް ހިތައި، އަދި ކޮންމެފަދަ އަގަކަށް ނަމަވެސް ބޯލެނބުމަށް މަޖުބޫރު ކުރާ ނަމަ، އެކަން ޤަބޫލު ކުރަންވީތޯ އައްސަވައި ޕެޒެޝްކިއާން ސުވާލެއް އުފެއްދެވި އެވެ. ހަމަ އެއާއެކު، އަރާގްޗީ ވަނީ އދ ގެ ނިއުކްލިއާ އެޖެންސީ (އައިއޭއީއޭ) ވެރިޔާ ރަފައެލް ގްރޮސީއާ ފޮނުން ގުޅުއްވައި، މަޝްވަރާ ޔަކުގެ އޮނިގަނޑާ ގުޅޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ.
އީރާން އިން ވަނީ އައިއޭއީއޭ އަށް ދެމުން ދިޔަ ބައެއް އެއްބާރުލުންތައް މެދު ކަނޑާލައި، އިޒްރޭލް އާއި އެމެރިކާ އިން ބޮން އެޅި ނިއުކްލިއާ މަރުކަޒު ތަކަށް އިންސްޕެކްޓަރުން ވަނުން މަނާ ކޮށްފަ އެވެ. އީރާން އިން ތުހުމަތު ކުރާ ގޮތުގައި އދ.ގެ އެ އިދާރާ އަކީ ވަކި ފަރާތަކަށް ޖެހިފައިވާ އިދާރާ އެކެވެ.
މަސްދަރު: އޭއެފްޕީ







