ފީފާ އިޖުތިމާއީ ކޮމެޓީ އަށް އެފްއޭއެމްގެ ހިންގާ ކޮމެޓީގެ މެމްބަރު ނަސްރާ އައްޔަން ކޮށްފި
ފީފާގެ އިޖްތިމާއީ ކޮމެޓީގައި ޖުމުލަ 21 މެމްބަރުން ތިބޭ. މި ކޮމެޓީގެ ޗެއާޕާސަން އަކީ މިޔަންމާގެ އޫ ޒޯޒޯ. މީގެ އިތުރުން މި ކޮމެޓީގެ ޑެޕިއުޓީ ޗެއާޕާސަން އަކީ އާޖެންޓީނާގެ ޒަވިއޭ ޒެނެޓީ.


އެފްއޭއެމްގެ ރައީސް އަޙުމަދު ޠާރިޤް (ޓޮމް) އާއި، އެފްއޭއެމްގެ ހިންގާ ކޮމެޓީގެ މެމްބަރު ނަސްރާ | ސޯޝަލް މީޑިއާ
ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާާ)ގެ ސޯޝަލް ރެސްޕޮންސިބިލިޓީ ކޮމެޓީ، ނުވަތަ އިޖުތިމާއީ ކޮމެޓީގެ މެމްބަރުކަން ރާއްޖޭގެ ހައްވާ ނަސްރާ ސައީދު އަށް ލިބިއްޖެ އެވެ.
ނަސްރާ އަކީ، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ހިންގާ ކޮމެޓީގެ މެމްބަރެކެވެ. މިދިޔަ އަހަރު އޮތް އެފްއޭއެމްގެ އިންތިޚާބުގައި، އެ އެސޯސިއޭޝަންގެ ރައީސް ކަމަށް އަޙުމަދދު ޠާރިޤު (ޓޮމް) ވާދަ ކުރެއްވިއިރު، ޓޮމްގެ ޓީމުގެ އަންހެން މެމްބަރެއްގެ ގޮތުގައި ނަސްރާ ހިމެނެ އެވެ.
އެފްއޭއެމް އިން ބުނެފައި ވަނީ ފީފާގެ އިޖުތިމާއީ ކޮމެޓީ އަށް ނަސްރާ އައްޔަން ކޮށްފައި ވަނީ، ހަތަރު އަހަރުގެ މުއްދަތަކަށް ކަމަށެވެ. އެ ކޮމެޓީގައި އޭނާގެ ދައުރު ހަމަވާނީ 2029 ވަަނަ އަހަރު އެވެ. ފީފާގެ ކޮމެޓީ އަކަށް ނަސްރާ އައްޔަން ކުރުމާއި ގުޅިގެން، ޓޮމް ވަނީ އޭނާ އަށް މަރުޙަބާ ވެސް ދަންނަވައިފަ އެވެ.

ފީފާގެ އިޖްތިމާއީ ކޮމެޓީގައި ޖުމުލަ 21 މެމްބަރުން ތިބެ އެވެ. މި ކޮމެޓީގެ ޗެއާޕާސަން އަކީ މިޔަންމާގެ އޫ ޒޯޒޯ އެވެ. މީގެ އިތުރުން މި ކޮމެޓީގެ ޑެޕިއުޓީ ޗެއާޕާސަން އަކީ އާޖެންޓީނާގެ ޒަވިއޭ ޒެނެޓީ އެވެ. އޭނާ އަކީ އާޖެންޓީނާގެ ޤައުމީ ޓީމުގެ އިތުރުން، އިންޓަރ މިލާން އަށް ވެސް ކުޅެފައިވާ ކުޅުންތެރިޔެކެވެ. މި ކޮމެޓީގެ ފީފާ ކައުންސިލް ޑެލިގޭޓް އަކީ ޓާކްސް އެންޑް ކައިކޯސްގެ ސޯނިއާ ފުލްފޯޑް އެވެ.
ރާއްޖޭގެ ނަސްރާ އައްޔަން ކޮށްފައިވާ ފީފާގެ އިޖްތިމާއީ ކޮމެޓީ އަކީ، ފީފާ އިން އެކި އެކި ކަންކޮޅު ތަކުގައި ހިންގާ ފުޓުބޯޅައިގެ އިޖްތިމާއީ ޙަރަކާތްތަކާއި، ތިމާވެށީގެ ކަންކަމުގައި ބަދަލު ތަކެއް ގެންނަން ހިންގާ ޕްރޮގްރާމް ފަދަ މުހިންމު ކަންކަން ބަލަހައްޓަމުން ގެންދާ ކޮމެޓީ އެވެ.
ދާދި ފަހުން ސައުތު އޭޝިއަން ފުޓުބޯޅަ ފެޑެރޭޝަން (ސާފް)ގެ މުހިންމު މަޤާމު ތަކަކަށް ވެސް ދިވެހި ރާއްޖޭގެ ފުޓުބޯޅައިގައި ގިނަ މަސައްކަތް ތަކެއް ކޮށްފައިވާ ޢަބްދުލް ޙަމީދު ޢަބްދުލް ޣަފޫރު (އައްޑޯ) އަދި، އިސްމާއީލް ސިމަން ވެސް އިންތިޚާބު ކޮށްފަ އެވެ.







