މެޗަށް ހާޒިރު ނުވި މައްސަލައިގައި ގްރީން ޖޫރިމަނާ ކުރުމާ އެކު، ބޮޑު އަދަބެއް ދީފި
އެފްއޭއެމްގެ ޑިސިޕްލިނަރީ ކޯޑުގެ 09 ވަނަ މާއްދާގެ (އ)ގެ ދަށުން އެންމެ އަވަހަށް އަންނަ ޓްރާންސްފަރ މާކެޓުގައި ގްރީން އަށް އެއްވެސް ގޮތަކަށް ޙަރަކާތްތެރި ނުވެވޭ ގޮތަށް، ކުޅުންތެރިން ގަތުމާއި ވިއްކުން އަދި އެއްވެސް ޓްރާންސްފަރ އެއް ކުރިއަށް ގެންދިޔުމަށް ހުއްޓުވުމަށް ވެސް ޑިސިޕްލިނަރީ ކޮމެޓީ އިން ވަނީ ނިންމާފައި.


ދިވެހި ޕްރިމިއާ ލީގުގައި ކުލަބު ވެލެންސިއާ އާއި، ގްރީން ސްޓްރީޓްސް ބައްދަލު ކުރި މެޗުގެ ތެރެއިން | އެފްއޭއެމް
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅެން އޮތް މެޗަށް، ކުލަބު ގްރީން ސްޓްރީޓްސް ހާޒިރު ނުވި މައްސަލައިގައި އެ ކުލަބު ޖޫރިމަނާ ކުރުމާާ އެކު، ބޮޑު އަދަބެއް ދިނުމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފި އެވެ.
ނިއުއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ގްރީންގެ ކުޅުންތެރިން ހަމަނުވުމުގެ ސަބަބުން، އެ ޓީމު ހާޒިރުވެފައި ނުވެ އެވެ. އެއާ އެކު، 2-0 ގެ ނަތީޖާ އަކުން ނިއު އަށް ވަނީ އެ މެޗު ލިބިފަ އެވެ. އެ މެޗުގެ ނަތީޖާ އެހެން އައުމާ އެކު، ކުލަބު ވެލެންސިއާ ވަނީ ފުރަތަމަ ޑިވިޝަން އިން ރެލިގޭޓުވެފަ އެވެ.
ވެލެންސިއާ އަށް ރެލިގޭޝަން އިން ސަލާމަތް ވުމުގެ ފުރުސަތު އޮތީ، އެ މެޗުގައި ނިއު އިން ފަސް ލަނޑުގެ ތަފާތުން ގްރީން ބަލިކޮށްގެންނެވެ. ނަމަވެސް، ގްރީން ހާޒިރު ނުވެ ނިއު އަށް މެޗު ލިބުނުއިރު، ވެލެންސިއާ އިން ވަނީ އެއީ ގްރީން އިން ގަސްތުގައި އެ ޓީމު ރެލިގޭޓު ކޮށްލުމަށް ކުރި ކަމެއް ކަމަށް ތުހުމަތު ކޮށްފަ އެވެ.
އެ މައްސަލަ ބެލުމަށް ފަހު އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމެޓީ އިން ނިންމާފައި ވަނީ، މުބާރާތުގެ ޤަވާއިދުގެ 12 ވަނަ މާއްދާގެ ދަށުން 50،000 (ފަންސާސް ހާސް) ރުފިޔާ އިން ގްރީން ޖޫރިމަނާ ކުރުމަށެވެ. އަދި އެ ފައިސާ ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ދެއްކުމަށް ވެސް ގްރީން އަށް ވަނީ އަންގައިފަ އެވެ.
މީގެ އިތުރުން އެފްއޭއެމްގެ ޑިސިޕްލިނަރީ ކޯޑުގެ 09 ވަނަ މާއްދާގެ (އ)ގެ ދަށުން އެންމެ އަވަހަށް އަންނަ ޓްރާންސްފަރ މާކެޓުގައި ގްރީން އަށް އެއްވެސް ގޮތަކަށް ޙަރަކާތްތެރި ނުވެވޭ ގޮތަށް، ކުޅުންތެރިން ގަތުމާއި ވިއްކުން އަދި އެއްވެސް ޓްރާންސްފަރ އެއް ކުރިއަށް ގެންދިޔުމަށް ހުއްޓުވުމަށް ވެސް ޑިސިޕްލިނަރީ ކޮމެޓީ އިން ވަނީ ނިންމައިފަ އެވެ. ހަމަ އެއާ އެކު، ކުރިއަށް އޮތް ތަނުގައި މިފަދަ ކަމެއް އެ ކުލަބުގެ ފަރާތުން ތަކުރާރު ވެއްޖެ ނަމަ، އިތުރު ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ.
އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމެޓީގެ ނިންމުމާ މެދު ގްރީން އިން ހިތްހަމަ ނުޖެހޭ ނަމަ، ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި އެ މައްސަލަ އިސްތިއުނާފު ކުރުމުގެ ފުރުސަތު ވެސް އެ ކުލަބަށް އޮންނާނެ އެވެ.
ގްރީން އިން މެޗަށް ހާޒިރު ނުވެ ނިއު އަށް މެޗު ލިބުމުގެ ސަބަބުން ވެލެންސިއާ ރެލިގޭޓު ވެފައިވާއިރު،ވެލެންސިއާ އިން ވަނީ އެ މައްސަލަ ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އާއި، އޭއެފްސީ އަށް ހުށަހަޅަން ވެސް ނިންމައިފަ އެވެ. ގްރީން އިން ބުނެފައި ވަނީ އެ ކުލަބުން ގަސްތުގައި މެޗަށް ހާޒިރު ނުވާ ކަމަށް ބުނާ ވާހަކަ އަކީ ހަގީގަތެއް ނެތް ވާހަކައެއް ކަމަށާއި، އެ ކުލަބުން އެފަދަ ކަމެއް ނުކުރާނެ ކަމަށެވެ.







