ރާއްޖޭގެ އައްޑޯ އާއި ސިމަން، ސާފްގެ މަޤާމު ތަކަކަށް އިންތިޚާބު ވެއްޖެ
މިދިޔަ ޖަނަވަރީ މަހުގެ 26 ވަނަ ދުވަހު ވޭއްވި ސާފްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ވަނީ އައްޑޯ އާއި ސިމަން، އެ ފެޑެރޭޝަންގެ މުހިންމު ކޮމެޓީ ތަކަކަށް އިންތިޚާބު ކޮށްފައި.


ތަޖުރިބާކާރު މެޗު ކޮމިޝަނަރު ޢަބްދުލް ޙަމީދު ޢަބްދުލް ޣަފޫރު (އައްޑޯ) | ސޯޝަލް މީޑިއާ
ސައުތު އޭޝިއަން ފުޓުބޯޅަ ފެޑެރޭޝަން (ސާފް)ގެ މުހިންމު މަޤާމު ތަކަކަށް، ދިވެހި ރާއްޖޭގެ ފުޓުބޯޅައިގައި ގިނަ މަސައްކަތް ތަކެއް ކޮށްފައިވާ ޢަބްދުލް ޙަމީދު ޢަބްދުލް ޣަފޫރު (އައްޑޯ) އަދި، އިސްމާއީލް ސިމަން އިންތިޚާބު ވެއްޖެ އެވެ.
އެގޮތުން މިދިޔަ ޖަނަވަރީ މަހުގެ 26 ވަނަ ދުވަހު ތައިލެންޑުގެ ވެރި ރަށް ބެންކޮކްގައި ބޭއްވި ސާފްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ވަނީ އައްޑޯ އާއި ސިމަން، އެ ފެޑެރޭޝަންގެ މުހިންމު ކޮމެޓީ ތަކަކަށް އިންތިޚާބު ކޮށްފަ އެވެ. އެގޮތުން އައްޑޯ އިންތިޚާބު ވެފައި ވަނީ ސާފްގެ އެޕީލްސް ކޮމެޓީ އަށެވެ.
މީގެ އިތުރުން ސިމަން އިންތިޚާބުވެފައި ވަނީ ސާފްގެ ޑިސިޕްލިނަރީ އެންޑް އެތިކްސް ކޮމެޓީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަޤާމަށެވެ. ހަމަ އެހެންމެ، ސާފްގެ އިލެކްޓޯރަލް ކޮމެޓީގެ މެމްބަރު ކަމަށް ވެސް ސިމަން ވަނީ އިންތިޚާބުވެފަ އެވެ. އައްޑޯ އާއި ސިމަން އިންތިޚާބު ވެފައިވާ މި ކޮމެޓީ ތަކުގެ ދައުރު ހަމަވާނީ 2030 ވަނަ އަހަރު އެވެ.

އައްޑޯ އަކީ ރާއްޖޭގެ އިތުރުން، ބައިނަލްއަޤުވާމީ އެކި އެކި މެޗުތަކުގައި މެޗު ކޮމިޝަނަރުކަން ކޮށްފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. ފުޓުބޯޅައިގެ ގިނަ މަސައްކަތްތަކުގައި އުޅުއްވި އައްޑޯ އަކީ، މަތީ ފެންވަރުގެ ގިނަ މަސައްކަތް ތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ސިމަން އަކީ ޤާނޫނީ ދާއިރާ އިން ތައުލީމު ޙާސިލު ކުރައްވާފައިވާ ބޭފުޅަކަށްވާއިރު، އޭނާ ވަނީ 2024 ވަނަ އަހަރު ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ނޯމަލައިޒިން ކޮމެޓީގައި މަސައްކަތް ކުރައްވައިފަ އެވެ.
ސާފްގެ މުހިންމު ކޮމެޓީ ތަކަކަށް އައްޑޯ އާއި ސިމަން އިންތިޚާބުވުމާ ގުޅިގެން، އެފްއޭއެމްގެ ރައީސް އަޙުމަދު ޠާރިޤު (ޓޮމް) ވަނީ މި ދެ ބޭފުޅުންނަށް މަރުޙަބާ ދަންނަވައި ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރައްވައިފަ އެވެ.







