އެފްއޭއެމް އޮތީ ބާރު ގަދަ ބައެއްގެ އަތް ދަށުގައި ކަމަށް ބުނެ، ވެލެންސިއާ އިން ފީފާ އާއި އޭއެފްސީ އަށް މައްސަލަ ހުށަހަޅައިފި
އެ ބަޔާނުގައި ވެލެންސިއާ އިން ބުނެފައި ވަނީ، އެއީ މެޗު ފިކްސްގައި ދޭ ފަދަ އަބަދުތައް ކަމަށްވާ ޕޮއިންޓު އުނިކުރުން، ނުވަތަ ރެލިގޭޓު ކުރުން ފަދަ ފިޔަވަޅެއް ގްރީން އަށް ނޭޅުމުގެ މަގްސަދުގައި ކޮށްފައިވާ ކަމެއް ކަމަށް. އަދި ގަސްތުގައި ފުޓުބޯޅަ އަށް ވުރެ އެހެން ކަންކަން އިސްކޮށް، ބާރު ގަދަ އަތް ތަކަކަށް ދީލާލުމުގެ ގޮތުން ނިންމާފައިވާ ނިންމުމެއް ކަމަށް ވެލެންސިއާ އިން ޤަބޫލު ކުރާ ކަމަށް ބުނެފައިވޭ.


2025 ވަނަ އަހަރު އޮތް އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ވެލެންސިއާގެ ޗެއާމަން ޢަބްދުالله އަޒްމީން | އިމޭޖަސް.އެމްވީ
ބާރުގަދަ އަތް ތަކަކަށް ދީލާލުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް ބުނެ، ވެލެންސިއާ އިން ފީފާ އާއި އޭއެފްސީ އަށް މައްސަލަ ހުށަހަޅައިފި
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ނިއު ރޭޑިންޓް ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗަށް ހާޒިރު ނުވި މައްސަލައިގައި، ކުލަބު ގްރީން ސްޓްރީޓްސްއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅަކީ އެކަށީގެންވާ ފިޔަވަޅު ތަކެއް ނޫން ކަމަށް ބުނެ، ކުލަބު ވެލެންސިއާ އިން އެ ނިންމުން ބަލައި ނުގަންނަ ކަމަށް ބުނެފި އެވެ.
އެގޮތުން ވެލެންސިއާ އިން ނެރުނު ބަޔާނެއްގައި ވަނީ، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޑިސިޕްލިނަރީ ކޮމެޓީގެ ނިންމުން ބަލައި ނުގަންނަން އެ ކުލަބުން ނިންމާފައިވާ ސަބަބުތައް ވެސް ބަޔާން ކޮށްފަ އެވެ. ނިންމުން ބަލައި ނުގަންނަން ވެލެންސިއާ އިން ނިންމާފައި ވަނީީ ހަތަރު ކަމެއްގެ މައްޗަށް ބިނާކޮށެވެ.
ވެލެންސިއާ އިން ބުނެފައި ވަނީ މެޗެއް ނުކުޅެ ނަތީޖާ ކަނޑަ އެޅުމާއި، މެޗެއް ނުކުޅެ ނަތީޖާ ކަނޑަ އެޅުމަކީ މުޅިން ތަފާތު ދެ ހާލަތެއް ކަމަށެވެ. ނަމަވެސް ނިއު އާއި ގްރީން ބައްދަލު ކުރަން އޮތް މެޗު ގަސްތުގައި ދޫކޮށްލި މައްސަލަ ނިންމުމުގެ ގޮތުން، ގްރީން ޖޫރިމަނާ ކުރުމުގެ އިތުރުން އެ ކުލަބަށް ޓްރާންސްފަރ ބޭންއެއް ދިނުމުން އެނގެނީ، ގަސްތުގައި މެޗެއް ދޫކޮށްލައިގެން މެޗު ފިކްސިންގ ފަދަ ފުޓުބޯޅައިގައި ބޮޑެތި އަދަބުތައް ލިބޭ ފަދަ ބޮޑު ކުށެއް ގްރީން އިން ކޮށްފައިވާކަން އެފްއޭއެމް އިން ޤަބޫލު ކުރާކަން ކަމަށް ވެލެންސިއާ އިން ބުންޏެވެ.
އެކަން ފާހަގަކޮށް ވެލެންސިއާ އިން ބުނީ، މިފަދަ ބޮޑު މައްސަލައެއްގައި ޓްރާންސްފަރ ބޭން އެއް ދީފައި ވަނީ ހަމަޖެހޭ އުސޫލަކުން ނޫން ކަމަށެވެ. ސަބަބަކީ ކުރިއަށް އޮތް ޓްރާންސްފަރ މާކެޓު އޮތީ މެއި ނުވަތަ ޖޫން މަހު ކަމަށް ވެފައި، މިހާރު ތިބި ހުރިހާ ކުޅުންތެރިންގެ އެއްބަސްވުން އައުކޮށް، ރަޖިސްޓަރީ ކުރުމުގެ ފުރުސަތު އެ ކުލަބަށް މި ނިންމުމުން ލިބި ދީފައި އޮތުން ކަމަށް އެ ކުލަބުން ފާހަގަ ކޮށްފައިވެ އެވެ.
ތިން ވަނަ ކަމެއްގެ ގޮތުގައި ވެލެންސިއާ އިން ފާހަގަ ކޮށްފައި ވަނީ ޖޫރިމަނާ ކުރުމާއި، ޓްރާންސްފަރ ބޭން އަކީ ފުޓުބޯޅައިގެ ކޮންމެ ދުވަހަކު އާންމުކޮށް ހިނގާ ކަންކަމުގައި ދެމުން ގެންދާ ފަދަ، ދަރަޖަ ދަށް އަދަބު ތަކެއް ކަމަށެވެ. އެގޮތުން ރީނދޫ ކާޑު، ނުވަތަ ރަތް ކާޑު ހޯދުމުން ދެނީ ޖޫރިމަނާއެއް ކަމަށް ވެލެންސިއާ އިން ފާހަގަ ކުރި އެވެ. އެކަން ދިވެހި ލީގު ގަވާއިދުގައި ވެސް ބުނެފައިވާ ކަމަށާއި، ކުޅުންތެރިއަކަށް މުސާރަ ނުދީފި ނަމަ، ނުވަތަ ދިނުން ލަސްވެއްޖެ ނަމަ، ފީފާ އިން ވެސް އެ ކުލަބަކާ މެދު އަޅަނީ ޓްރާންސްފަރ ބޭން ކުރުން ފަދަ އަދަބެއް ކަމަށް ވެލެންސިއާ އިން ބުންޏެވެ.
ފަހު ކަމެއްގެ ގޮތުގައި ވެލެންސިއާ އިން ބުނެފައި ވަނީ އެ މައްސަލަ ހުށަހެޅީ ވެލެންސިއާގެ ހައްގު ތަކެއް ގެއްލިގެން ކަމަށް ވީ ހިނދު، މައްސަލަ ނިންމުމުގައި ވެލެންސިއާ އިން ހުށަހެޅި އެއްވެސް ކަމަކަށް ރިއާޔަތް ކޮށްފައި ނުވާ ކަމަށެވެ. އަދި އެ މައްސަލަ ހުށަހެޅީ ވެލެންސިއާ އިން ކަމަށް ވީ ހިނދު، އެ މައްސަލަ އިސްތިއުނާފު ކުރަން ވެސް ވެލެންސިއާ އަށް ފުރުސަތު ދީފައި ނުވާ ކަމަށް ބުނެފައިވެ އެވެ.
އެ ބަޔާނުގައި ވެލެންސިއާ އިން ބުނެފައި ވަނީ، އެއީ މެޗު ފިކްސްގައި ދޭ ފަދަ އަބަދުތައް ކަމަށްވާ ޕޮއިންޓު އުނިކުރުން، ނުވަތަ ރެލިގޭޓު ކުރުން ފަދަ ފިޔަވަޅެއް ގްރީން އަށް ނޭޅުމުގެ މަގްސަދުގައި ކޮށްފައިވާ ކަމެއް ކަމަށެވެ. އަދި ގަސްތުގައި ފުޓުބޯޅަ އަށް ވުރެ އެހެން ކަންކަން އިސްކޮށް، ބާރު ގަދަ އަތް ތަކަކަށް ދީލާލުމުގެ ގޮތުން ނިންމާފައިވާ ނިންމުމެއް ކަމަށް ވެލެންސިއާ އިން ޤަބޫލު ކުރާ ކަމަށް ބުނެފައިވެ އެވެ. އެއާ އެކު އެ މައްސަލަ ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އާއި، އޭއެފްސީއާ ވެސް ހިއްސާ ކޮށްފައިވާ ކަމަށް ވެލެންސިއާ އިން ބުނެފައިވެ އެވެ.







