ރަން މެޑަލް ހޯދި ފުޓްސަލް ޓީމާ އަދިވެސް ރައީސް ބައްދަލު ނުކުރައްވާ، ސަރުކާރުގެ އިސްވެރިޔަކު ވެސް ބައްދަލެއް ނުކުރޭ
ތާރީޚީ ކާމިޔާބެއް ހޯދި ފުޓްސަލް ޤައުމީ ޓީމުގެ ކުޅުންތެރިންނާ، ރައީސް މުޢިއްޒު، ނުވަތަ ނައިބު ރައީސް، ނުވަތަ ސަރުކާރުގެ އެއްވެސް އިސް ފަރާތަކުން ބައްދަލު ކޮށްފައި ނުވާތީ، ކުޅުންތެރިން ވަނީ އެއީ ކަންބޮޑުވާ ކަމެއް ކަމަށް ބުނެފައި.


ރިޔާސީ ބަޔާން އިއްވި ޖަލްސާ އަށް ރައީސް މުޢިއްޒު ވަޑައިގަންނަވަނީ | ރައީސް އޮފީސް
ތައިލެންޑުގައި ކުރިއަށް ދިޔަ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިންނާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އަދިވެސް ބައްދަލު ކުރައްވާފައި ނުވާތީ ބައެއް ކުޅުންތެރިން ކަންބޮޑުވުން ފާޅު ކޮށްފި އެވެ.
ފުރަތަމަ ފަހަރަށް ބޭއްވި ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ރާއްޖެ އިން ކާމިޔާބު ކުރީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. ތާރީޚީ ކާމިޔާބާ އެކު ފުޓްސަލް ޓީމު ރާއްޖެ އައިސްފައި ވަނީ ޖަނަވަރީ މަހުގެ 27 ވީ އަންގާރަ ދުވަހުގެ ރޭ އެވެ. އެ ރޭ ފުޓްސަލް ޓީމަށް މަރުޙަބާ ވިދާޅުވުމަށް ރައީސް މުޢިއްޒު ވަޑައިގަންނަވާނެ ކަމަށް ކުޅިވަރު ވުޒާރާ އިން ބުނެފައި ވީ ނަމަވެސް، އެ އިވެންޓަށް ރައީސް ވަޑައިގެންފައި ނުވެ އެވެ.
އެކަމާ ގުޅިގެން ފާޑު ކިޔުން އަމާޒުވުމުން ރައީސް އޮފީހުން ބުނެފައި ވަނީ އެ ރޭގެ އިވެންޓަށް ރައީސް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި ނެތް ކަމަށެވެ. އެކަމަކު، ރައީސް ވަޑައިގަންނަވާނެ ކަމަށް ކުޅިވަރު ވުޒާރާ އިން އިއުލާން ކޮށްފައި އޮތީ ކީއްވެ ކަމެއް ރައީސް އޮފީހުން ބުނެފައި ނުވެ އެވެ. އޭގެ ފަހުން މިހާތަނަށް ގިނަ ދުވަސް ތަކެއް ވީއިރު، މިއަދާ ހަމައަށް ވެސް ފުޓްސަލް ޓީމާ ރައީސް ބައްދަލު ކުރައްވާފައި ނުވެ އެވެ. ނަމަވެސް، ފުޓްސަލް ޓީމާ ރައީސް ބައްދަލު ކުރައްވާނެ ކަމަށް ޓީމުގެ ކުޅުންތެރިންނަށް އޮތީ އަންގައިފަ އެވެ.
ރައީސްގެ އިތުރުން، ނައިބު ރައީސް ނުވަތަ ސަރުކާރުގެ އެހެން އިސްވެރިޔަކު ވެސް ފުޓްސަލް ޓީމާ ބައްދަލު ކުރައްވާފައި ނުވެ އެވެ. ފުޓްސަލް ޓީމަށް މަރުޙަބާ ކިޔުމަށް ބޭއްވި އިވެންޓުގައި ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު ބައިވެރިވެ ވަޑައިގެންނެވި އެވެ. އޭގެ ފަހުން ވަޒީރު ޓީމާ ވަކިން ބައްދަލު ކުރާނެ ކަމަށް ބުނެފައިވީ ނަމަވެސް، އެ ބައްދަލުވުން ވެސް ބާއްވާފައިވާ ނުވާ ކަމަށް ކުޅުންތެރިން ބުންޏެވެ. ނަމަވެސް، މީގެ ދެ ތިން ދުވަސް ކުރިން، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އަޙުމަދު ޠާރިޤު (ޓޮމް)، ފުޓްސަލް ޓީމުގެ ބައެއް ސީނިއާ ކުޅުންތެރިންނާ ބައްދަލު ކުރި ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ.
މީގެ އިތުރުން މުބާރާތަށް ތައްޔާރުވުމުގެ ގޮތުން، 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހު ފުޓްސަލް ޓީމުން ފަރިތަކުރުންތައް ފެށި ދުވަހު، ޓީމަށް މުސާރަ ދިނުމުގެ ކަންކަން ހަމަޖެހިފައިވާ ކަމަށް ކުޅުންތެރިންނަށް ވަނީ އަންގައިފަ އެވެ. އަދި ވަރަށް އަވަހަށް މުސާރަ ދޭން ފަށާނެ ކަމަށް އަންގާފައި ވީ ނަމަވެސް، ދެ މަސް ދުވަސްވީއިރު ވެސް އެކަން ކުރެވިފައި ނުވެ އެވެ. މުބާރާތުގެ ތެރެއިން ވަޒީރު ރާފިޢު ތައިލެންޑަށް ވަޑައިގެން ޓީމާ ބައްދަލު ކުރެއްވި ދުވަހު ވެސް ވަނީ މުސާރައިގެ ކަންކަން ވަރަށް އަވަހަށް ފެށިގެން ދާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް، ކުޅުންތެރިންގެ މުސާރައިގެ ކަންތަކުގެ ވާނުވާއެއް ވެސް މިހާތަނަށް އެނގިފައި ނުވާ ކަމަށް ބައެއް ކުޅުންތެރިން ބުންޏެވެ.
ކުޅިވަރުގެ މައިދާނުން ރާއްޖެ އަށް ރަން ވަނަ، ނުވަތަ ރަން މެޑަލް ހޯދާ ކުޅުންތެރިންނަށް ފައިސާގެ އިނާމެއް ދެމުން ގެންދެ އެވެ. ކުރީ ސަރުކާރުގައި ވެސް ވަނީ ރަން މެޑަލް ހޯދާ ކުޅުންތެރިންގެ އަގު ވަޒަން ކުރުމުގެ ގޮތުން ފައިސާގެ އިނާމު ދީފަ އެވެ. ނަމަވެސް، ޤައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިންނަށް އެ ފައިސާ މިހާތަނަށް ލިބިފައިވާއިރު، ލިބޭނެ ކަމެއް ވެސް ކުޅުންތެރިންނަށް އެނގިފައި ނުވެ އެވެ. އެކަމުގެ އެއްވެސް މައުލޫމާތެއް މިއަދާ ހަމައަށް ހިއްސާ ކޮށްފައި ނުވާ ކަމަށް ކުޅުންތެރިން ބުންޏެވެ.
މިހާތަނަށް ކުޅުންތެރިންނަށް ލިބިފައި ވަނީ ޤައުމީ ޓީމު ތަކަށް ރައީސް މުޢިއްޒު ދެއްވި އެއް މިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން ފުޓްސަލް ޓީމުގެ ކޮންމެ ކުޅުންތެރިޔަކަށް ވަނީ 20،000 ރުފިޔާ ދީފަ އެވެ. ނަމަވެސް، ބައެއް ކުޅުންތެރިން ބުނީ، މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އެއް މިލިއަން ރުފިޔާ އަކީ ހަމައެކަނި ފުޓްސަލް ޓީމަށް ރައީސް ދެއްވި ފައިސާގެ އިނާމެކެވެ. ނަމަވެސް، ސައުތު އޭޝިއަން ސުޕަ ކަޕް ކާމިޔާބު ކުރި ޤައުމީ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިންނާ އެކު އެ ފައިސާ ބަހަން ހަމަޖެއްސީ ކުޅިވަރު ވުޒާރާ އިން ކަމަށް ކުޅުންތެރިންނަށް މައުލޫމާތު ލިބިފަައިވާ ކަމަށް ބުނެފައިވެ އެވެ.
ތާރީޚީ ކާމިޔާބެއް ހޯދި ފުޓްސަލް ޤައުމީ ޓީމުގެ ކުޅުންތެރިންނާ، ރައީސް މުޢިއްޒު، ނުވަތަ ނައިބު ރައީސް، ނުވަތަ ސަރުކާރުގެ އެއްވެސް އިސް ފަރާތަކުން ބައްދަލު ކޮށްފައި ނުވާތީ، ކުޅުންތެރިން ވަނީ އެއީ ކަންބޮޑުވާ ކަމެއް ކަމަށް ބުނެފަ އެވެ.







