އަމިއްލަ ގޮތް ގަނޑެއް ވެސް ނެތީ އެވެ!
ވޯޓު ދޭނީ ދޫންޏަށް ކަމަށް ބުނެ، ޕީއެންސީގެ ކެމްޕެއިންގައި އެހެން ކިޔާ އަޑު އިވޭތީ ހިތަށް އެރި. މިވެރިންގެ ހަމަ އަމިއްލަ ގޮތް ގަނޑެއް ވެސް ނެތީ. ކެމްޕެއިންގައި ވައުދެއް ވިޔަސް، ވާހަކައެއް ދެއްކިޔަސް، ނުވިތާކަށް ޝިއާރެއް ހެދިޔަސް، ކޮންމެ ވެސް ބައެއް ކޮޕީ ކޮށްލަން ޖެހޭ. އެވެރިން އެ ކިޔާ ވޯޓު ދޭންވީ ދޫންޏަކީ، އެމްޑީޕީ އިން މިއޮށްހާ ޒަމާނުގައި ކިޔަމުން އައި ވޯޓު ދޭނީ ތިލަފަތަށް ކޮޕީ ކޮށްގެން ކިޔައިގެން އުޅޭ އެއްޗެއް.


މީގެ ކުރިން ޕީއެންސީ އިން ބޭއްވި ޖަލްސާއެއްގައި ރައީސް މުޢިއްޒު ބައިވެރިވެ ވަޑައިގަންނަވަނީ | ޕީއެންސީ
ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ އިސްވެރިންނާއި ބައެއް އެކްޓިވިސްޓުން ސޯޝަލް މީޑިއާގައި ޖަހާފައިވާ ޕޯސްޓުތައް ވަރަށް ގިނައިން ފެންނަ ދުވަސް ކޮޅެކެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިންގައި އެވެރިން މާގިނަ ވާހަކަ ތަކެއް ވެސް ދައްކާތީ އިވޭ ދުވަސް ކޮޅެކެވެ. ޕީއެންސީ އަށް ތާއީދު ކުރާ ފަރާތްތަކުން މި ދުވަސް ކޮޅު އެންމެ ގަދައަށް ދައްކާ ވާހަކަ އަކީ، ވޯޓު ދޭންވީ ދޫންޏަށެވެ. އެވެރިން އެެހެން އެ ކިޔަނީ ޕީއެންސީގެ ލޯގޯގައި ރަމްޒު ކޮށްދޭ ދޫނީގެ ވާހަކަ އެވެ. އެއާ އެކު، ވޯޓު ދޭންވީ ޕީއެންސީ އަށޭ ބުނަނީ އެވެ.
ހިތަށް އެރި އެވެ. ގިނަ ޕާޓީ ތަކެއް އެކުލެވޭ ސިޔާސީ ނިޒާމެއް ރާއްޖެ އަށް ތައާރަފުވެގެން އައި ފަހުން ވަރަށް ގިނަ ޕާޓީ ތަކެއް އުފެދިއްޖެ އެވެ. ވަރަށް ގިނަ ފިކުރު ތަކެއް އުފަން ކުރުވަން މަސައްކަތް ކުރި އެވެ. ނަމަވެސް، އޭގެ ތެރެއިން ގިނަ ޕާޓީތައް މާޒީގެ ތެރެއަށް ދޫވެގެން ގޮސް، ލޯ މަތިން ވެސް ގެއްލިއްޖެ އެވެ. އެއް ގޮތެއްގައި، އެއް ފިކުރެއްގައި އަދި އެއް ބައެއްގެ ގޮތުގައި އޮތް ހަމައެކަނި ޕާޓީ އަކީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އެވެ.
ވޯޓު ދޭނީ ދޫންޏަށް ކަމަށް ބުނެ، ޕީއެންސީގެ ކެމްޕެއިންގައި އެހެން ކިޔާ އަޑު އިވޭތީ ހިތަށް އެރި އެވެ. މިވެރިންގެ ހަމަ އަމިއްލަ ގޮތް ގަނޑެއް ވެސް ނެތީ އެވެ. ކެމްޕެއިންގައި ވައުދެއް ވިޔަސް، ވާހަކައެއް ދެއްކިޔަސް، ނުވިތާކަށް ޝިއާރެއް ހެދިޔަސް، ކޮންމެ ވެސް ބައެއް ކޮޕީ ކޮށްލަން ޖެހެ އެވެ. އެވެރިން އެ ކިޔާ ވޯޓު ދޭންވީ ދޫންޏަކީ، އެމްޑީޕީ އިން މިއޮށްހާ ޒަމާނުގައި ކިޔަމުން އައި ވޯޓު ދޭނީ ތިލަފަތަށް ކޮޕީ ކޮށްގެން ކިޔައިގެން އުޅޭ އެއްޗެކެވެ. އެމްޑީޕީ އުފެދުނީއްސުރެ، އެ ޕާޓީގެ ލޯގޯގައި ހިމެނޭ ތިލަފަތަށް އަމާޒުކޮށް އެމްޑީޕީ އިން ކިޔަމުން އަންނަނީ، ވޯޓު ދޭންވީ ތިލަފަތަށެވެ.
މި އެކަންޏެއް ނޫނެވެ. ވައުދެއް ވިޔަސް، ކަމެއް ކުރާ ވާހަކަ ދެއްކިޔަސް، ނުވަތަ އެހެން ކަމެއް ކުރިޔަސް ކޮޕީ ކުރުން ނޫން އެހެން ގޮތެއް ޕީއެންސީ އާއި، އެ ފިކުރުގެ މީހުންގެ ހުންނާނީ ކޮޕީ ކުރުމެވެ. އެންމެ ފަހުން 2023 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި ވައުދު ވަމުން ގެންދިޔަ ގޮތަށް ބެލިޔަސް، ފެންނަނީ މިކަމެވެ. އެމްޑީޕީ އިން ރައްޔިތުންގެ ގާތު އަހައިގެން، މަޝްވަރާ ކޮށްގެން ހަދާފައިވާ އޮންނަ މެނިފެސްޓޯގައި ހުންނަ ކަންކަން ކޮޕީ ކޮށްލުމަކީ އާދައަކަށް ހެދި އެވެ. އޭރު ވެސް މި ވާހަކަތައް ގިނަ ބަޔަކު ދެއްކި އެވެ.
މިހާރު ގޮވަނީ ދޫންޏަށް ވޯޓު ދޭށެވެ. މީގެ އަހަރު ތަކެއް ކުރިން ގޮވީ ރުކަށް ވޯޓު ދޭށެވެ. އެއީ ޕީއެންސީގެ ކުރިން، އެވެރިން ޕީޕީއެމް ހަދައިގެން އުޅުނު ދުވަސްވަރު އެވެ. އޭގެ މާ ކުރިން އަދި ގޮވީ، ވޯޓު ދޭންވީ ރިޔަލު ދޯންޏަކަށެވެ. އެއީ އެވެރިން އެންމެ ފުރަތަމަ ހެދި ޑީއާރުޕީ އެވެ. ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ކަހަލަ ގޮތަކަށް މިވެސް ބަދަލުވެ އެވެ. އެކަމަކު، އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އެމްޑީޕީ އިން ކިޔަމުން ދަނީ ވޯޓު ދޭންވީ ތިލަފަތަށެވެ.
ޕީއެންސީ އަކީ ފިކުރެއް ނޫނެވެ. އެއީ ވަގުތީ ކަމެކެވެ. މާދަމާ ވެސް ވެރިކަން ބަދަލުވާއިރަށް އެ ފިކުރު ފޮތި ފޮތި ވެގެން ދާނެ އެވެ. މިއީ ރާއްޖޭގެ ސިޔާސީ ތާރީޚުގައި ފެންނަން އޮތް ހަގީގަތެވެ. ޑީއާރުޕީ އުފައްދައިގެން އުޅެނިކޮށް ވެރިކަން ގެއްލުމާ އެކު، އެ ޕާޓީގެ ބާބު ނިމިއްޖެ އެވެ. ދެން އުފެދުނީ ޕީޕީއެމް އެވެ. ވެރިކަން ލިބި، ވެރިކަން ނިމުމާ އެކު ޕީޕީއެމްގެ ބާބު ވެސް ނިމުނީ އެވެ. މިހާރު ޕީއެންސީ އެވެ. ގޮތް އިނގޭނީ ވެރިކަން ބަދަލުވީމަ އެވެ.
އެކަމަކު، އެމްޑީޕީ އަށް ދެ ފަހަރު ވެރިކަން ލިބި، ވެރިކަން ބަދަލުވެއްޖެ އެވެ. ފުރަތަމަ ވެރިކަން ބަޣާވާތުން ވައްޓާލީ އެވެ. ދެން އުފެދުނު ވެރިކަން ފަސް އަހަރު ހަމަވެ، އިންތިޚާބުން ބަލިވީ އެވެ. އެކަމަކު، އެމްޑީޕީ އަށް ބަދަލެއް ނާދެ އެވެ. އެމްޑީޕީގެ ފިކުރަށް ބަދަލެއް ނާދެ އެވެ. އިއްޔެ ވެސް، އަދި މިއަދު ވެސް އެއް ފިކުރެއްގެ ގޮަތުގައި އަހަރު ތަކަކަށް ދެމި އޮތީ އެމްޑީޕީ އެވެ.





