ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ޤައުމު އިނދަ ޖައްސާލައި، ވެރިކަން ހޯދަން އުޅުމަކީ ޤައުމު ދެކެ ލޯބިވާ ވެރިއަކު ކުރާނެ ކަމެއް ނޫން: ފައިސަލް
މި ސަރުކާރުން މިއަދު ހިތު ހުރި ގޮތަކަށް ކަންކަން ކުރަމުންދާ މަންޒަރު ފެންނަމުންދާ ކަމަށާއި، ރައްޔިތުން މިކަމަށް ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމަށް ފައިސަލް ވިދާޅުވި.


ފުވައްމުލައް ސިޓީގައި އެމްޑީޕީ އިން ބޭއްވި ޖަލްސާގައި ކުރީގެ ނައިބު ރައީސް ފައިސަލް | އެމްޑީޕީ
ކުރިއަށް އޮތް 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުގެ ގޮތުން ޤައުމު އިނދަ ޖައްސާލައި، ބައިތުލްމާލު ހުސްކޮށް، ވެރިކަމެއް ދިފާއު ކުރުމަށްޓަކައި ވެރިކަން ހޯދަން މަސައްކަތް ކުރުމަކީ ގައުމު ދެކެ ލޯބިވާ ވެރިއަކު ކުރާނެ ކަމެއް ނޫން ކަމަށް، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ފުވައްމުލަށް ސިޓީގައި ބޭއްވި "މިޅިރަށޮ ތެލަފަތަހަ" ޖަލްސާ ގައި ހުކުރު ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން، ފައިސަލް ވިދާޅުވީ، ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅަކު ވެރިކަން ކުރުމަށް ފަހު ވަޑައިގަންނަވާނެ ކަމަށާއި. ނަމަވެސް ރައްޔިތުން ތިބޭނީ ރަށުގައި، ކޮންމެ ތަކުލީފަކާ ވެސް ކުރިމަތިލައިގެން ކަމަށްވާއިރު، ޤައުމު ހަލާކުކޮށް ނިންމާލައި، ޤައުމުގެ އިޖިތިމާއީ ފޭރާން ރޫޅާލައި އަދި ހިތުހުރި ގޮތަކަށް ކަންކަން ކުރަން އުޅުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.
މި ސަރުކާރުން މިއަދު ހިތު ހުރި ގޮތަކަށް ކަންކަން ކުރަމުންދާ މަންޒަރު ފެންނަމުންދާ ކަމަށާއި، ރައްޔިތުން މިކަމަށް ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމަށް ފައިސަލް ވިދާޅުވި އެވެ.
ކައުންސިލް އިންތިޙާބު ގައި ފުވައްމުލަކުން ފެނިގެން ދާނެ އެންމެ ތަފާތު ކަމަކީ، ގިނަ އަދަދެެެއްގެ އަންހެން ބޭފުޅުން ފުވައްމުލައް ސިޓީ ތަމްސީލް ކުރުމުގެ ގޮތުން އެކި ދާއިރާ ތަކަށް ވާދަ ކޮށްފައިވުން ކަމަށް ފާހަގަ ކުރައްވައި، އެއީ ވަރަށް އުފާ ކުރާ ކަމެއް ފައިސަލް ވިދާޅުވި އެވެ. އަދި ހަގީގީ ތަރައްގީ ގެނެވޭނީ އަންހެނުންގެ ބައިވެރިވުން އިތުރު ކޮށްގެން ކަމަށްވާ އިރު، އެ ނަމޫނާ ފެނިގެން ދާނީ މިއަދު މިކުރެވޭ މަސައްކަތުން ކަމަށް ވެސް ފައިސަލް ވަނީ ވިދާޅުވެފަ އެވެ.
އިތުރަށް ފައިސަލް ވިދާޅުވީ، ޔަގީންކަމާ އެކު ދަންނަވާލަން އިނގެނީ އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ ކައުންސިލް އަކުން އިސްކުރާނީ ރައްޔިތުންގެ މަސްލަހަތާއި، ރަށުގެ ތަރައްޤީ، އަދި ރަށަށް ކުރިއެރުން ލިބޭނެ ގޮތަށް ކަންކަން ވާން ކަމަށެވެ. އަދި އުންމީދަކީ އެކުގައި ކުރެވޭ މަސައްކަތުން ކާމިޔާބު ހާސިލްވެގެން ދިއުން ކަމަށާއި، އެމްޑީޕީ އިން މި އިންތިހާބު ކާމިޔާބު ކުރުން މުހިއްމު ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.
ކުރިއަށް އޮތް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން، އެމްޑީޕީގެ ފަރާތުން ފުވައްމުލައް ސިޓީ ކައުންސިލް އަށް ވާދަ ކުރާ ކެންޑިޑޭޓުންނާ އެކު ފައިސަލް ވަނީ ދޮރުން ދޮރަށް ވެސް ހިންގަވައިފަ އެވެ.







