މުއިއްޒުގެ ބަހުން ނަމަ ޕީއެންސީ މީހުން ކައުންސިލަށް ހޮވުމަކީ ބިރުވެރިކަމެއް!
މުއިއްޒާއި ޕީއެންސީގެ ޕީޖީ ލީޑަރ ފަލާހް އެވިދާޅުވާ ކައުންސިލަކީ ވުޖޫދުގައި އޮތް ނަމަ އެތަނަކީ މުއިއްޒުގެ ފުލް މެޖޯރިޓީ އޮތް މާލޭ ސިޓީ ކައުންސިލް.


މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުމެއްގެ ރިޔާސަތު މޭޔަރު އާޒިމް ބަލަހައްޓަވަނީ. | މާލެ ސިޓީ ކައުންސިލް
މުއިއްޒު އަބަދުވެސް ދައްކާ ހުއްޖަތަކީ ކުރީގެ ސަރުކާރެވެ. ކަންކަން ނުވެގެން އުޅެނީ ކުރީގެ ސަރުކާރާ ހެދިއެވެ. ވެރިކަމަށް ވަޑައިގެންނެވުމާއެކު އެއަޑު ބާރުކުރައްވާ މަޖިލީސް ކޮންޓްރޯލް ބޮޑުތަނުން ނެންގެވިއެވެ. ދެއްކި ދަޅައަކީ ކަންކަން ވާނީ ސަރުކާރުގެ މެޖޯރިޓީ އޮންނަ މަޖިލީހެއް އޮވެގެން ކަމަށެވެ.
ކުރިއަށްވުރެ ރަނގަޅު ގޮތެއް ހޯދަން މުއިއްޒު ހޮވި ރައްޔިތުންނަށް ވެސް ފެނުނީ އެއީ ރަނގަޅު ވާހަކައެއް ކަމަށެވެ. ކަންކަން ވާނީ އަދި ހެޔޮ ބަދަލު ގެނެވޭނީ މުއިއްޒަށް މަޖިލިސް ދީގެން ކަމަށެވެ. މަޖިލީހުގެ މެޖޯރިޓީ ރައްޔިތުން ދިނީ އެހެން ވެގެން ކަމަށް ވެދާނެ އެވެ.
ސަރުކާރާ މަޖިލީސް ލިބި ދައުރު ދެބަޔަށް އެޅެންދާއިރު ރައްޔިތުންނަށް ލިބުނު ހެވެއް، ވީ މަންފާއެއް ނެތެވެ. ކުރެވޭ ކަމެއް ފެންނާކަށް ނެތެވެ. ޑޮލަރުގެ އަގު މީން ދުވަހަކު ބޮޑު ނުވާވަރަށް ބޮޑުވެ ތަކެތީގެ އަގު އިންތިހާ އަށް އުފުލުނީ އެވެ. ރައްޔިތު މީހާ އަނަގަޔާ އަތާ ދިމާ ނުވާ ހިސާބަށް ދިޔައީ އެވެ. މުއިއްޒާއި މުއިއްޒުގެ އައުވާނުން މަޖަލާ ކުޅި ސަމާގައި ދެއަހަރު ދުއްވާލިއިރު ހުރިހާ ދިމާލަކުން ވެސް ރައްޔިތު މީހާގެ ފަރާތުން ފެންނަނީ މާޔޫސް ކަމެވެ. ވަޒީފާގެ ބިރުވެރިކަމާއި އަދުލު އިންސާފު ނެތުމެވެ. އުޅެންޖެހިފަވާ ހާލު ބޮޑުތަނުން ދަށަށް ދިއުމެވެ. ސަރުކާރުގެ ކޮރަޕްޝަންތައް އިންތިހާ އަށް ބޮޑުވެ އެއިން ކަމަކާ އަޅާލާނެ މުއައްސަސާއެއް ނެތެވެ. ޖުޑިޝަރީ އަތްދަށަށް ލީ ލީނުން ކޯޓުތަކާއި މައި ކޯޓު ސުޕްރީމް ކޯޓުވެސް ފަހަތު ފަޔަށް ބުރަވެފައެވެ.
މިހާލަތަށް އައިރު ބޯމަތިވެފައި މިވަނީ ކައުންސިލް އިންތިޚާބެވެ. އަނެއްކާ ވެސް މުއިއްޒާއި މުއިއްޒުގެ އައުވާނުން މޮޅު ޗައްކަރެއް ޖެހުމައިގެން އެދަނީ ކުރިއަށެވެ. މިފަހަރު ގޯސްވީ ކައުންސިލްތަކެވެ. އެވެރިންގެ ބޮލުގައި އެއަޅުވާލީ ބޮޑު އިލްޒާމެކެވެ. މުއިއްޒު ވިދާޅުވާ ގޮތުންނަމަ ރަށްރަށުގެ މަޝްރޫއުތައް ކުރިއަށް ނުދަނީ އެމީހުންގެ ސަބަބުންނެވެ. މަޝްރޫއު އެއް ނުފެށި އޮތިއްޔާ އޮތީ އެކައުންސިލްތަކުން އެއްބާރުލުން ނުދީގެންނެވެ. ކަންކުރާން ބޭނުން ތަނުގެ ބިން ނުދީގެންނެވެ. ކުރުކޮށް ފޮނިކޮށް ހުލާސާ ކޮށްލާފައި ބުނާނަމަ މުއިއްޒު ގެންނަން ބުނި ތަރައްގީވއަށް ހުރަސްއަޅާ ބަޔަކީ މުއިއްޒު ގެ ބަހުން ނަމަ ކައުންސިލްތަކެވެ.
އެއީ މުއިއްޒާއި މުއިއްޒުގެ ޕާޓީގެ އިސްމީހުންގެ ބަހެވެ. އެކަމަކު މުއިއްޒަށް ވެސް ނުވިސްނުނު ކަމެއް އެބައޮތެވެ. އެވާހަކަ ހަމައެކަނި އެހެން ބުނެލުމަކުން ފަރު ޖެއްސެން ނެތްކަމެވެ. އެބުނާ ގޮތަށް މުއިއްޒު ހިންގާން އުޅުނު މަޝްރޫއެއް ހުއްޓުވަން އުޅުނު ކައުންސިލެއް މި އުޑުބަޅުކުރި ހިސާބު ފެންނާން ނެތްކަމެވެ. މުއިއްޒު ރަށްރަށަށް ވަޑައިގެން ކަޑަ ޖައްސަވާނެ ތާކު ކަޑަ ޖެއްސެވިއިރު އެކަމާ ދެކޮޅަށް ބަހެއް ބުނެލި ކައުންސިލެއް ނެތެވެ. އެއިން ކަޑައެއް ޖެހިޔަ ނުދީ ހުރަސްއެޅި ކައުންސިލެއް، ކައުންސިލަރަކު ފެންނާކަށް ނެތެވެ. ކުރީ ސަރުކާރުން ކުރަމުން އައި ކަންކަން އިތުރަށް ކުރިއަށް ގެންދިއުމަށް އެއްބާރުލުން ނުދިން ކައުންސިލެއްވެސް އަމުދަކުން ނެތެވެ. ޚުދު މުއިއްޒަށާއި މުއިއްޒުގެ ޕާޓީގެ މީހަކަށްވެސް ދެއްކިފައެއް ނެތެވެ. ނުވިތާކަށް އެއިން ކައުންސިލަކުން ހުރަސްއެޅިއަސް އެއީ ވިސްނަން ޖެހޭވަރު ކަމެއް ނޫންކަމަށް މުއިއްޒުގެ މަޖިލީހުން ވަނީ ގާނޫނަށް ގެނައި ބަދަލަކާއެކު އެބާރުވެސް މުއިއްޒުގެ އަތްޕުޅަށް ނަންގަވާފަ އެވެ. އަނެއްކޮޅުން ބިންގާ އަޅިހާ މަޝްރޫއުތައް ހުއްޓިފައި ހުރި އިރު ގައިމު އެތަންތަން ހުއްޓިފައި އެ ހުރީ ކައުންސިލުގެ ސަބަބުން ކަމަށް ހޭ ބުއްދި ހުރި އެކަކު ވެސް ގަބޫލެއް ނުކުރާނެ އެވެ.
އެހެނެއް ނޫނެވެ. މުއިއްޒު އެވިދާޅުވާ ބަހާ ގުޅުން ހުރި ކައުންސިލަރުންތަކެއް ފެނެ އެވެ. އެކަމަކު އެއީ ސީދާ މުއިއްޒުގެ ކައުންސިލަރުންނެވެ. މުއިއްޒުގެ ބާރު އޮތް މުއިއްޒު މެޖޯރިޓީ އޮތް މާލޭ ސިޓީ ކައުންސިލެވެ. މާލޭ ސިޓީ ކައުންސިލް އެވަނީ މުއިއްޒު އެ ބުނާ ފަދަ ކައުންސިލަކަށް ބަދަލު ކޮށްފަ އެވެ. އެކަން ކުރަނީ މުއިއްޒުގެ ބާރު ހިންގާ މުއިއްޒު ޕާޓީގެ މެންބަރުންނެވެ. ޕީއެންސީގެ ކައުންސިލަރުންނެވެ. ކައުންސިލުން ކަމެއް ކުރިޔަ ނުދީ އެ ހިފަހައްޓަނީ ސިޓީ ކައުންސިލްގައި ތިބި ޕީއެންސީ މެންބަރުންނެވެ. ޖަލްސާތައް ބޭއްވިޔަ ނުދީ ހުއްޓުވަމުން އެދަނީ ޕީއެންސީ ކައުންސިލަރުންނެވެ. އެވެރިންގެ މެޖޯރިޓީ ބޭނުންކޮށްގެން ޖަލްސާތައް ފެށުމުގެ ކުރިންނާއި ޖަލްސާތަކުގެ މެދުތެރެއިން ވެސް އެދަނީ ކޯރަމް ގެއްލުވާލާ ކައުންސިލްގެ ނިންމުންތައް ނިންމިޔަނުދީ ހިފަހައްޓަމުންނެވެ. ހަމަ ހިލާ ކަމެއް ވިޔަކަ ނުދޭނަމޭ ބުނާ ކަހަލަ އެވެ.
އެހެންކަމަށްވާ ނަމަ މުއިއްޒާއި ޕީއެންސީގެ ޕީޖީ ލީޑަރ ފަލާހް އެވިދާޅުވާ ކައުންސިލަކީ ޕީއެންސީގެ މެޖޯރިޓީ އޮތް މާލޭ ސިޓީ ކައުންސިލެވެ. މުއިއްޒު އެވިދާޅުވާ ގޮތަށް އަމަލު އެކުރާ ބަޔަކީ އެކައުންސިލްގައި ތިބި ޕީއެންސީގެ މެންބަރުންނެވެ.
ކޮންމެއަކަސް މިއީ ރައްޔިތުން ވިސްނަން ޖެހޭ ކަމެކެވެ. ޚާއްޞަކޮށް މާލޭ ރައްޔިތުންނެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީއެންސީގެ މެންބަރުން ހޮވައިފިނަމަ މުއިއްޒު އެވިދާޅުވާ ގޮތަށް ތަރައްގީ އަށް ހުރަސްއަޅާފާނެތީ އެވެ. ޖަލްސާތައް ހުއްޓުވައި ބޮއިކޮޓް ކޮށްފާނެތީ އެވެ. ޖަލްސާތަކުން ކަމެއް ނުނިންމި ކަމެއް ނުކުރެވިދާނެތީ އެވެ. އެކަމަށްޓަކައި މުއިއްޒު އެވިދާޅުވާ ގޮތަށް ޕީއެންސީ ކައުންސިލަރުން މާލޭ ސިޓީއަށް ހޮވުމަކީ ބިރުހުރި ކަމެކެވެ.






