ދިވެހި ގާނޫނުއަސާސީ މުގުރާލުމަށްފަހު ބައިނަލްއަގުވާމީ ގާނޫނުވެސް ފުނޑާލެވިދާނެ ކަމަށް ހީކުރީތޯ؟
ރާއްޖޭގެ ދެކުނު ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނު ކަމަށް ބުނެ އެ ސަރަހައްދު އަނބުރާ ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ މަސައްކަތްޕުޅަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި މުއާހަދާތަކާ ހިލާފު، ސިޔާސީ މަންފާއެއް ހޯދުމަށް ދައްކަވާ ވާހަކަފުޅުތަކެއް.


ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު | ރައީސް އޮފީސް
ދިވެހި ގާނޫނުއަސާސީ މުގުރާލުމަށްފަހު ބައިނަލްއަގުވާމީ ގާނޫނުވެސް ފުނޑާލެވިދާނެކަމަށް ހީކުރެވިދާނެ އެވެ. ސަބަބެއް ވެސް ނެތި އެއް ނޫނެވެ. ވެރިކަމުގެ އާރާއި ބާރު އޮތުމުން ކޮންމެ ކަމެއްވެސް ކުރެވިދާނޭ ހިތަށް އަރާތީ އެހެން ކުރެވިދާނެ ކަމަށް ހީވެދާނެ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ޕޯޑިއަމެއް ލިބިއްޖެނަމަ ދެއްކޭ ނުދެއްކޭ ވާހަކައެއް އެނގޭ ބޭފުޅެއް ނޫނެވެ. ބަޔަކު ބާރަށް އަތްޖަހާ ވަރަކަށް ދެފައި އޮޅި މުޅި މީހާ ފިނިވެ ދައްކާފަ ނުދައްކާނެ ވާހަކަވެސް ނޭނގެނީ އެވެ. އަޑަށް ބާރުލާފައި ކަރުން ނާރު ފެންނަ ވަރަށް ގަދަ ބަސް ބުނެފައި ފައިބައި ވަޑައިގަތުމުން އެ ހޭވި ހަޑި ސާފުކުރަނީ ޕީއެންސީ ކުދިންކޮޅެވެ.
ރައީސް މުއިއްޒު ދިވެހި ބަހުން ދައްކަވާ ވާހަކައާއި އޭގެ މާނަވެސް ޖެހެނީ ބަޔަކު މީހުން ދިވެހިންނަށް ފަހުމްކޮށްދޭށެވެ. ޅެންވެރިޔާ ބަނޑުގައި ޅެމުގެ މާނަ އޮންނާނެ ބުނާ އުސޫލުން ރައީސް މުއިއްޒު ދައްކަވާ ވާހަކައަށް ވެސް ވަނީ އެހެންނެވެ. ކަނޑުގެ މައްސަލައިގައި ބައިނަލްއަގުވާމީ ގާނޫނާއި ދިވެހިރާއްޖެއިން ބައިވެރި ސޮއިކޮށް އެއަށް އަމަލުކުރަމުންދާ މުއާހަދާތަކަށް ގޮންޖައްސާލާފައި ފައިވާ ވަޑައިގަންނަވަނީ ތިމަންނާ މިއީ ދުނިޔޭގެ އެންމެ ބޮޑު ބާރުގެ ވެރިޔާ ކަމަށް ހީފުޅުވެ ހުރެގެންނެވެ.
ރައީސް ވިދާޅުވިއެވެ. ފޯޅަވައްސަކީ އިސްތިޢުމާރީ އެއްވެސް ބާރެއް މި ސަރަހައްދަށާއި ދިވެހި މާކަނޑަށް ފޭބުމުގެ އެތައް ޤަރުނެއް ކުރިއްސުރެވެސް ދިވެހީން އެ ތަނެއް ދަންނަ ތަނެއް ކަމަށެވެ. ދިވެހި ކާބަފައިން ދިވެހިބަހުން އެ ތަނަށް ނަން ކިޔަމުން އަންނަ ދިވެހިރާއްޖޭގެ ޤުދުރަތީ ސަރަހައްދުގައި އޮތް ތަނެއް ކަމަށެވެ. މިހެން ވިދާޅުވި އިރު ރާއްޖޭގެ ތާރީހު އެނގިވަޑައިގަންނަވާތޯ ސުވާލު އުފެދެއެވެ. އަދި ހެރިޓޭޖް މިނިސްޓްރީއަކާއި ބިޔަބޮޑު މިނިސްޓަރެއް އައްޔަންކުރެއްވި އިރު އެބޭފުޅާއަށްވެސް މިވާހަކަ މަނިކުފާނުގެ އަރިހުގައި ދެންނެވޭނެ ގޮތެއް ހަމަ ނުވީތޯއެވެ. ނުވަތަ ބަދަލު އަރާތީ މަގާމެއް ދީފައި ހުރީތޯއެވެ.
ރައީސް ވިދާޅުވިއެވެ. ދިވެހިރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯންގެ ތެރެއިން ދެކުނު ކަނޑުގެ ސަރަހައްދުން ބޮޑުބައެއް ގެއްލޭގޮތަށް އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ އިން ނިންމި ނިންމުމުގެ މައްސަލަ ދިރާސާކޮށް ކަނޑުން ދޫކޮށްލި ސަރަހައްދު އަނބުރާ ހޯދުމަށްޓަކައި ގާނޫނީގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުމަށް 19 ނޮވެންބަރު 2023 ގައި ބަންޑާރަ ނައިބަށް އަންގާފައިވާ ކަމަށެވެ. އެއާއެކު ވިލަރެސް ކޮމިޓީއެއް އެކުލަވައިލައްވައި 22 ޖަނަވަރީ 2026 ގައި ރިޕޯޓުތައް ހުށަހަޅުއްވާފައިވާ ކަމަށެވެ. މިފަދައިން ވިދާޅުވި އިރު ގާނޫނީ ގޮތުން 2 އަހަރު ތެރޭގައި ކުރެވެނު ކަމެއް ނެތެވެ. އާންމު ކުރަން ބުނި ސޯލިހު ފޮނުއްވި ސިޓީވެސް ނުދެއްކުނެވެ.
ކުރިމަތީގައި ލޯކަލް ކައުންސިލް އިންތިހާބު އޮތުމުން ކޮންމެވެސް ވާހަކައެއް ދައްކާލީ އެވެ. ވެރިކަމުގެ ބާރުގެ އަވައިގައި ޖެހި މީހާގެ ހަމަހޭވެރިކަން ގެއްލޭ ހިސާބަށް ނުދެ އެވެ. ތިކަން ކުރަންޏާ އޮންނަ މަގުންދާށެވެ. ކަނޑުގެ ބައިނަލްއަގުވާމީ މުއާހަދާގައި ބައިވެރިވެ އެއާ އެއްގޮތަށް އަމަލުނުކުރާނެ ކަމަށް ތިޔަ ވިދާޅުވާ އިރު މަނިކުފާނަށް ހީފުޅުވަނީ އެއީ ރާއްޖޭގެ ގާނޫނެއް ކަމަށްތޯ އެވެ. ނުވަތަ ހަމަ ހުރެލާފައި ބަންޑާރަނައިބުގެ ބޮލަށް ކަނޑާލާފައި ކޮންމެވެސް ވާހަކައެއް ދައްކާލީތޯ އެވެ. މަޖިލީހުން 5 މިނެޓުން ކަންކަން ނިންމާލާ ގާނޫނު ފާސްކުރާ އުސޫލުން ހުރިހާކަމެއް ވެސް ކުރެވިދާނެ ކަމަށް ގަބޫލުކުރެވުނީ ހެއްޔެވެ.
ގެއްލުނު ކަމަށް ބުނާ ކަނޑުގެ ބައި ހޯއްދަވަން ފުރަތަމަ ރައީސް މުއިއްޒު ޖެހިވަޑައިގަންނަވާނީ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދި ލޯ އޮފް ދި ސީ އިން ރާއްޖެ ވަކިކުރާށެވެ. ރާއްޖެއާއި މޮރިޝަސްއާއި ދެމެދު ފުށުއަރާ ފޯޅަވަހީގެ ކަނޑުގެ މައްސަލައާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ގޮތުން ދެއްކެވި ވާހަކަފުޅެއްކަން ސާފުވެ އެވެ. ކޮމިޝަނެއް ހައްދަވައިގެން އެކަން ތަހުގީގު ކުރާ ވާހަކައަކީވެސް ކުރިއަށް އޮތް އިންތިހާބަށް ރައްޔިތުންނަށް ދައްކާ ދަޅައެކެވެ.
ރައީސް މުއިއްޒަށް އެ ވިދާޅުވެވެނީ އިޓްލޮސްގެ ނިންމުން ގަބޫލު ނުކުރާނެ ކަމަށެވެ. ނަމަވެސް އދ ގައި ކަނޑުތަކާއި ބެހޭ މުއާހަދާ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދި ލޯ އޮފް ދި ސީ އޮންނަ ކަމަށާއި އެ މުއާހަދާގައި ދިވެހިރާއްޖެއިން އޮތީ ބައިވެރިވެފަ އެވެ. އެ މުއާހަދާގައި ހިމެނޭ އެއްކަމަކީ ދެދޭ ގައުމުތަކުގެ ތެރޭގައި ކަނޑުގެ ސަރަހައްދު ފުށުއަރާކަމުގައިވާ ނަމަ ކަންކުރާނެ ގޮތުގެ ވާހަކަ އެވެ. އެއްބަސް ނުވެވޭކަމުގައިވާނަމަ މިދަނީ އިޓްލޮސް އަށެވެ.
ރައީސް މުއިއްޒު ކަންކުރަން އޮންނަ ގޮތް ކިޔައިދީފާނަމެވެ. މިހެން ހަދާލާށެވެ. އެއިރު ލަދުގަންނަންޖެހޭ މިންވަރު ކުޑަވާނެއެވެ. ދިވެހީންގެ ބިމުން ވެލިފުކެއްގެ މިންވަރުވެސް ދިވެހީންގެ އިމުން ޒައްރެއްގެ މިންވަރުވެސް ދޫކޮށްލެވިގެން ނުވާނެ ކަމަށް ބުނެވިދާނެ އެވެ. ނަމަވެސް ބައިނަލްއަގުވާމީ ގާނޫނާއި މުއާހަދާތަކަށް ގޮންޖައްސާލައިގެން ކަންކުރެވޭނީ ކިހިނެއްތޯ ސުވާލު އުފެދެ އެވެ.
ރައީސް މުއިއްޒެވެ. އެ މުއާހަދާއިން ފުރަތަމަ ވަކިވާށެެވެ. ދެން ކަނޑުގެ ބައެއް ގެއްލިއްޖެ ކަމަށް ދައުވާ ކުރާށެވެ. އަދި ފޯޅަވަހީގެ މައްސަލައިގައި އެތަން ވެސް ހޯދާށެވެ. މިރޭ ނިދަން އަރާ މާދަން ތިމަންނާ އެތަނެއް ހޯދާނަމޭ ކިޔާ ހުވަފެން ދެކުނަސް ނުވާނެެވެ. ތިހެން އުޅުއްވަނިކޮށް ވެއްޓި ޖެހޭނީ އަނގަވަތަށެވެ. އެއިރުން މާ ތަދުވާނެ އެވެ.




